އެމްއެމްސީގެ ރައީސަކަށް ޝަހްބާން އިންތިހާބުކޮށްފި

16 ޑިސެމްބަރ 2020 - 9:58

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރިއަށް އޮތް ދައުރުގެ ރައީސްގެ މަގާމަށް ސަންގް ޓީވީގެ ނިއުސް ހެޑް ޝަހްބާން ފަހްމީ އިންތިހާބުކޮށްފިއެވެ.

އެމްއެމްސީގެ އާ ދައުރުގެ ރައީސް ކަމަށް ޝަހްބާން އިންތިހާބުކުރި އިރު ނައިބު ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ތިލަދުންގެ އެޑިޓަރު ހުސައިން ސަގީފްއެވެ.

advertisement

އެމްއެމްސީގެ އާ ދައުރުގެ އިންތިހާބު ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ބާއްވާފައި ވަނީ މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރައީސް އާއި ނައިބު ރައީސް ހޮވުމަށް ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް ދައުރު ހަމަނުވަނީސް ރައީސާއި ނައިބު ރައީސް ހޮވުމާއި އެ ފަރާތްތައް ހޮވުމަށް ބާއްބާ ބައްދަލުވުން ހޯމް މިނިސްޓްރީން އިންތިޒާމްކުރުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެކަން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެމްއެމްސީގެ ރައީސް އާއި ނައިބު ރައީސް ހޮވަނީ ސެކްރެޓޭރިއޭޓުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުމެއްގައެވެ.

އެމްއެމްސީގައި ތިބެނީ މީޑިއާތައް ތަމްސީލްކުރާ ހަތް މެންބަރުންނާއި އާންމުންގެ ތެރެއިން ހަތް މެންބަރުންނެވެ. އެމްއެމްސީގައި ހިމެނޭ 15 މެންބަރުން އައްޔަންކުރަނީ އެކަމަށް ބާއްވާ އިންތިހާބެއްގައި މީޑިއާތަކުން ވޯޓު ދީގެންނެވެ.

ނޫސް މަޖައްލާތަކާއި އޮންލައިން މީޑިއާތައް މޮނީޓާކޮށް ކުރިއެރުމުގެ މަގުސަދުގައި ގާނޫނަކުން އުފައްދާފައިވާ އެމްއެމްސީގެ ރައީސް އާއި ނައިބު ރައީސް ކަނޑައަޅަނީ އެ ކައުންސިލަށް ހޮވޭ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ ގޮތުން މި ދައުރުގެ ރައީސްއަކަށް ޝަހްބާގެ އިތުރުން ވާދަކުރީ ޕީއެސްއެމްގެ އަލީ ހުސައިން އާއި އާންމު މެންބަރެއްގެ ގޮތުގައި ކައުންސިލަށް ހޮވުނު އަހްމަދު ޝަފާއުއެވެ. ނައިބު ރައީސް ކަމަށް ވާދަކުރީ ސަގީފް އެކަންޏެވެ.

ނިމިދިޔަ ދައުރުގައި އެމްއެމްސީގެ ރައީސަކަށް ހުންނެވީ ހަފްތާ އޮންލައިންގެ ހިދާޔަތުﷲ އެވެ. ނައިބު ރައީސަކަށް ހުންނެވީ ސަން އޮންލައިންގެ އަހްމަދު އާޒިފްއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0