ދިހަ މިލިއަން ރުފިޔާ ދެއްކުން ފަސްކުރެވުނު: ފިނޭންސް

16 ޑިސެމްބަރ 2020 - 10:01

ސަރުކާރުން ކުރި މަސައްކަތުން މިދިޔަ ދުވަސްތަކުގައި ދައްކަންޖެހޭ 10 މިލިއަން ރުފިޔާ ދެއްކުން ފަސްކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖެއިން އެކި ގައުމުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 10 މިލިއަން ރުފިޔާގެ ދަރަނި ޑިސެމްބަރުގެ ނިޔަލަށް ފަސްކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ފައިސާ ދައްކަންޖެހޭނެއެވެ.

advertisement

ޖީ20ގެ ގައުމަތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުން ފަސްކުރުމުގެ ޕްރޮގްރާމް “ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް” (ޑީއެސްއެސްއާއި)ގައި ރާއްޖެ ބައިވެރިވެފައިވާ އިރު ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ 10 މިލިއަން ރުފިޔާ ދެއްކުން ފަސްކުރެވުން ކަމަށް ފިނޭންސް މިނިސްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ބައެއް އެހެން ގައުމުތަކަށް ދައްކަންޖެހޭ ދަރަނި ދެކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުން ރާއްޖެ އަށް ދޫކޮށްފައިވާ ދަރަނި ދެއްކުން ފަސްކޮށްދީފައިވުން ހިމެނެއެވެ. ނަމަވެސް ރާއްޖޭގެ ބައެއް ކުންފުނިތަކުން ނަގާފައިވާ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހިފައިނުވާ މައްސަލަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެންމަތިކުރައްވާފައި ވެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހި ޓުއަރިޒަމް ހުއްޓުމަކަށް އައުމާ ގުޅިގެން އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި ވެއެވެ. އޭގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސް ދަރަނިތައް ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާ އިރު ކުރީގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯންތަކަށް އަންނަ އަހަރު ބޮޑު އަދަދަކުން ފައިސާ ދައްކަންޖެހޭތީ އެކަން ބޮޑުވުން ވެސް އެބަ އޮތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0