ސިންގަލް-ޔޫޒް ޕްލާސްޓިކް މަނާކުރުމާ ބެހޭ ބިލް ރައީސް ތަރައްގީކުރައްވައިފި

23 ޑިސެމްބަރ 2020 - 10:44

ސިންގަލް-ޔޫޒް ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

advertisement

މިއީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ހަތް ވަނަ މާއްދާ އަށް ގެނައި އިސްލާހެކެވެ. އެ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާ ކުރެވޭނެއެވެ.

މި ބިލުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުޙަލާ ތަކަކަށް ބަހާލައިގެން ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންޖެހެއެވެ. އެގޮތުން ލިސްޓް ޝާއިޢުކުރާއިރު، ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީޚެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ އުވުނީކަމުގައި ވެސް މި ބިލުގައި ކަނޑައަޅާފައި ވެއެވެ. މި ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0