ހިޔާ ފްލެޓްތަކުން ވިޔަފާރި އަށް ދޫކުރާ ތަންތަނުގެ އަގުތައް އިއުލާންކޮށްފި
23 ޑިސެމްބަރ 2020 - 10:48
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގެ ތިރީ ބައި ތަފާތު އެކި ވިޔަފާރީގެ ބޭނުމަށާއި ހިދުމަތްތަކަށް ދޫކުރާ ތަންތަނުގެ އެންމެ ކުޑަ އަގު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފިއެވެ.
އެޗްޑީސީން ވަނީ މިހާރު ތަރައްގީކޮށް އާންމުންނަށް ދޫކުރުމަށް ތައްޔާރުވަމުން އަންނަ 16 ޓަވަރުގެ ތިރީބައި ފަސް ކަމަކަށް ހާއްސަ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކްލިނިކާއި ފާމަސީގެ ހިދުމަތާއި ސުޕަމާޓާއި ކާބޯތަކެތި ވިއްކާ ކުދި ފިހާރަތަކާއި ކެފެޓީރިއާ އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކްލިނިކް ހިންގުމަށް 2،196.91 އަކަފޫޓުގެ ޖާގައިގެ ކުލީގެ ގޮތުގައި އެންމެ ކުޑަ އަގަކަށް ހުށަހެޅޭނީ އަކަފޫޓަކަށް 15ރ. ކަމަށެވެ. ފާމަސީ އަށް ކަނޑައަޅާފައިވާ 542.39 އަކަފޫޓުގެ ޖާގައިގެ ކުލީގެ ގޮތުގައި އެންމެ ކުޑަ އަގަކަށް ފުރަތަމަ ދެ އަހަރަށް ހުށަހެޅޭނީ އަކަފޫޓަކަށް 15ރ. ކަމަށާއި ތިން ވަނަ އަހަރުން ފެށިގެން ފަސް އަހަރާ ހަމައަށް ހުށަހެޅޭނީ ބިޑްކުރެވޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 30ރ. ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. މި ތަންތަނާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގައި ބޭއްވުމަށް އެޗްޑީސީން ތާވަލްކޮށްފައިވާ އިރު ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ 21 ވަނަ ދުވަހެވެ.
މީގެ އިތުރުން ސުޕަމާޓް ހިންގުމަށް ދޫކުރާ 3106.89 ޖާގައިގެ ފުރަތަމަ ދެ އަހަރުގެ ކުލީގެ ގޮތުގައި އެންމެ ކުޑަ އަގަކަށް ބިޑްކުރެވެނީ އަކަފޫޓަކަށް 15ރ. އެވެ. އަދި ފަސް އަހަރުން ކޮންޓްރެކްޓް އާކުރާއިރު ތިން އަހަރާއި ފަސް އަހަރު ދުވަހާ ދެމެދު އެންމެ ކުޑަ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ވެސް އަކަފޫޓަކަށް 30ރ. އެވެ. މި ތަންތަނާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން ތާވަލްކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު މެންދުރު ފަހު 2:00ގައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ 16 ފްލެޓުން 7،000 ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް މި ސަރުކާރުން ވަނީ އެ ޓަވަރުތަކުގެ ތިރީބައި ތަފާތު އެކި ހިދުމަތްތަކަށް ހާއްސަކޮށްފައެވެ. އެހެންކަމުން ފްލެޓްގެ އަދަދު ކުރިއަށް ވުރެ މިހާރު މަދުވާނެއެވެ.
ހިޔާ ފްލެޓްތަކަށް ކުރިމަތުލީ ލިސްޓްތައް ތަރުތީބުކޮށް ވަގުތީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ. އަދި މި މަސް ނިމުމުގެ ކުރިން ފްލެޓްތައް ލިބޭ ފައިނަލް ލިސްޓް އާންމުކުރުމަށް ފްލެޓް ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން އެ ތަންތަނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ކަންކަން ހަމަޖެއްސުމަށް ހިންގަމުން އަންނަ މަޝްރޫއު މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައިގައި ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ކުރިން ބުނެފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފްލެޓްތަކުގެ ހައްގުވެރިންނަށް އެ ތަންތަން ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ. ނަމަވެސް ތަށިމުށި ޖެހުމާއި ބައެއް ދޮރުތައް ހަރުކުރުމަކީ ފްލެޓް ލިބޭ ފަރާތްތަކުން ކުރަންޖެހޭ ކަމަކަށް ވާތީ އެ ކަމަށް ވަގުތު ދޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.