އަމިއްލަ ހިޔާލު: އަމިއްލަ އެދުމާއި އެމީހަކާއި އެމީހެއް ވަރިހަމަވެ ރާއްޖެ ބަނަކަމެއްގެ ތެރެެއަށް

20 ޖޫން 2024 - 15:08

އެންމެ ފުރިހަމަ ނުވި ނަމަވެސް ރާއްޖެއަކީ ގާނޫނާއި ގަވާއިދުތައް ގިނަ ގައުމެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކޮންމެ ކަމަކަށް ގާނޫނެއް ނުވަތަ ގަވާއިދެއް އޮވެއެވެ. މަގު މައްޗަށް ކުޅުޖެހުމަކީ މަނާ ކަމެކެވެ. މީހުން އެއްވެ އުޅޭ ތަންތަނާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކަނޑައެޅޭ ވަކި ތަނެއްގައި ނޫނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. މަގު މައްޗަށް ކުނި އެޅުމަކީ ކުށެކެވެ. މިހެން ގޮސް ކުދި ކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމަށް ގާނޫނުތައް ހަދާފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް މީގެ ތެރެއިން ގާނޫނު ތަންފީޒުކުރެވެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟


ގާނޫނާއި ގަވާއިދުތައް ހެދުމުގެ މައިގަނޑު ބޭނުމަކީ ކަންކަން ހަމައަކަށް އެޅުވުމެވެ. އެހެން ނަމަވެސް މުޖުތަމައުއިން ފެނިގެންދަނީ ގާނޫނާއި ގަވާއިދުތައް ތަންފީޒުނުކުރެވި ރާއްޖެ ފެއިލްޑް ސްޓޭޓަކަށް ބަދަލުވަމުންދާ މަންޒަރެވެ. ކުދިކުދި ކުށްތަކުން ފެށިގެން ބޮޑެތި ކުށްތައް ހުއްޓުވުމުގައި ވެސް ގާނޫނު ތަންފީޒުކުރާ ފަރާތްތައް ދަނީ ފެއިލްވަމުންނެވެ. ބޮޑެތި ކުށްވެރިން ގާނޫނީ އޮނިގަނޑުގެ ތެރެއިން މިނިވަން ވަނީ މަދެއްކޮށެއް ނޫނެވެ. ރިހާކުރު ފުޅި ވަގަށް ނަގާ މީހާ ޖަލަށް ދާންޖެހޭ އިރު ގާނޫނީ މަޅިތަކުގެ ތެރެއިން ގާތިލުން މިނިވަންވުން ވެސް އާންމު ވެއްޖެއެވެ.

advertisement


މަގުމައްޗަށް ބަލައިލި ނަމަވެސް ފެންނަނީ އެ މަންޒަރެވެ. ގަވާއިދާ ހިލާފަށް ޕާކްކުރުމާއި ބާރު ސްޕީޑްގައި ދުއްވުމާއި މިހެން ގޮސް އެތައް ކަމެކެވެ. ޓްރެފިކް ވައިލޭޝަން ވެސް ވެފައި ވަނީ ބޮޑު ޖޯކަކަށެވެ. ސްޓިކާ ޖެހުން ފިޔަވައި ކުރެވޭ ކަމެއް ނެތެވެ. މަގުމަތި ވަނީ ބޮއްސުންލާފައެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގަރާޖެއް ނެތި ރެޖިސްޓްރީނުކުރެވޭ ގޮތަށް އޮންނަ އިރު ރެޖިސްޓްރީކޮށްފައިވާ އެތައް އުޅަނދެއްގެ ގަރާޖަކީ މާލޭގެ މަގުތަކެވެ. މިކަމަކަށް ވެސް ހައްލެއް ނެތެވެ.
ބިދޭސީންގެ މައްސަލަތަކުގައި ވެސް ފެންނަނީ މި ގާނޫނު ތަންފީޒުނުކުރެވެމުން ކަންކަން އިންތިހާ އަށް ގޯސްވެ ބޮއްސުންލާފައިވާ ތަނެވެ. ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމާއި ވިސާ ނެތި އުޅުން މިހާރު އެއީ އާންމު ކަމެކެވެ. ވިސާ ނެތް އެތައް ބަޔަކު މާލޭގެ މަގުތަކުގައި މަސައްކަތް ހޯދުމަށް އެބަ ތިބެއެވެ. ވެހިކަލް ސާފުކުރަން އެބަ އުޅެއެވެ. ނަމަވެސް ގާނޫނޫ ތަންފީޒުކުރެވޭ ތަނެއް ނުފެނެއެވެ.


މަގު ފޭރުމާއި ވައްކަންކުރުން ވެސް މަދެއް ނޫނެވެ. ހާއްސަކޮށް މި ފަހަކަށް އައިސް އެފަދަ ކުށްތައް ވަނީ އިތުރުވެފައެވެ. މާލޭގެ މަގުތަކުގެ ރައްކާތެރިކަން ދަނީ ކުޑަވަމުންނެވެ. ފޭރުމާއި ރަހީނުކުރުމާއި މީހުން ބްލެކްމެއިލްކުރުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެސަރުކާރުން ފޫޅު ކަނޑަނީ މިސަރުކާރަށެވެ. މިސަރުކާރުން އެސަރުކާރަށެވެ.

ފޭރުމާއި ވައްކަންތައް ގިނަވެފައި ވަނީ ކުރީ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާތީ ކަމަށް މި ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި ކުރީގެ ސަރުކާރުންވަނީ މިސަރުކާރުން މަޖިލިސް އިންތިހާބާއި ދިމާކޮށް ދޫކޮށްލި ކުށްވެރިންގެ ލިސްޓް ހާމަކުރުމަށް ގޮވާލާފައެވެ. ނަމަވެސް މިއީ ވަކި ބައެއްގެ ބޮލަށް ކަނޑާލައިގެން ހައްލުވާން އޮތް މައްސަލަތަކެއް ނޫނެވެ.


މިއީ ގާނޫނު ތަންފީޒުކޮށްގެން ހައްލުކުރެވޭނެ ކަންކަމެވެ. އެހެން ނަމަވެސް ފެނިގެންދަނީ ބޮޑު މުސާރަ ދީފައި ގާނޫނު ތަންފީޒުކުރުމަށް ކަނޑައަޅާފައި ތިބި ފަރާތްތައް ވެސް ފެއިލްވެފައިވާ ތަނެވެ. ފެންނަމުންދަނީ ރައްޔިތުންވެސް ޤާނޫނުތަކުގެ މަތިން ކުށްވެރިން ދޫކޮށްލުމަށްގޮވާލައި, ނާޖާއިޒު ގޮތެއްގައި މަންފާހޯދައި, ދައުލަތް ބޮއްސުންލުމަށް ޑިމާންޑުކުރާ މަންޒަރެވެ. ވަކި ބައެއްގެ މައްޗަށް ގާނޫނު ނުހިންގޭ ތަނެވެ. އެމީހަކާ އެމީހަކު ވަރިހަމަވެ, ކޮންމެ ކަމެއްވެސް އަމިއްލަ އެދުމާ ހިސާބުން ނިމޭ މަންޒަރެވެ. މިއީ މިއަހަރު މިދިޔައަހަރު ވީކަމެއް ނޫނެވެ. އެތަށް އަހަރުތަކެއްގެ ނަތީޖާއެވެ. ފެންނަމުން މިދަނީ މަޑުމަޑުން ރާއްޖެ “ލޯލެސް ފެއިލްޑް ސްޓޭޓް” އަކަށް ބަދަލުވާ ތަނެވެ.

ރިއެކްޝަންސް
1
0
1
5
1
1
3