މިވަގުތަކީ މަސްވެރިކަން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްލަން އެންމެ ރަނގަޅު ވަގުތެއް ނޫން – ރައީސް
27 ޑިސެމްބަރ 2020 - 13:11
މި ވަގުތަކީ މަސްވެރިކަމުގެ ސިނާއަތު އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައިސް މިހެން ވިދާޅުވީ، ދިވެހި ދަޢުލަތުން ދެއްވާ ޤައުމީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި
ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ޞިނާޢަތަށް އެންމެ ފައިދާ
ހުރި ގޮތަކީ އެވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ
އަތްމައްޗަށް ދޫކޮށްލުންކަމަށެވެ. ނަމަވެސް މީ އެކަން ކުރަން އެންމެ ރަނގަޅު
ވަގުތު ނޫންކަމަށެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން
ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ވިދާޅުވީ ސަރުކާރުން މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުންދާކަމަށާއި
އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި
ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މިޞިނާޢަތު
ބައްޓަންކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ
ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެވިޔަފާރިން ސަރުކާރު ނުކުމެ،
އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުންކަން ފާހަގަކުރައްވަމުން ރައީސް
ވިދާޅުވީ މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ޤަބޫލެއް
ނުކުރައްވާކަމަށެވެ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް
ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ
ބިރު އެބައޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
“އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް
މިޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން
މަސައްކަތްތަކެއް ކުރި. ވަރަށް ގިނަ ލުއިތަކެއް ވެސް ދިން. ނަމަވެސް، މަސްވެރިންގެ
ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަޅުގަނޑުމެން
މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ޙައްލެއް
ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ،
މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މިޞިނާޢަތު ބައްޓަންކުރުން.
އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތު. ބޮޑު
ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ.” ރައީސް އިބްރާހީމް
މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
މިފްކޯއަށް ދިމާވެފައިވާ މައްސަލަތއް
ހައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވަމުން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދެ އަހަރު ތެރޭގައިވެސް ސަރުކާރާއި
އެސްޓީއޯއިން މިފްކޯއަށް 571 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި އެކަން
އެގޮތަށް ކުރެއްވީ މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމުކަށް އަޔަނުދެއްވުމަކަށްވެސް
މި ރަސްމިއްޔާތުގައި ރައީސް ވަނީ ވިދާޅުވެފައެވެ.