އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުނި ނެރެންޖެހޭނީ ރޭގަނޑު -ވެމްކޯ
27 ޑިސެމްބަރ 2020 - 14:05
އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ގޭގެއިން އުކާލާ ކުނި ވެމްކޯއިން ރޭގަނޑު ނަގާގޮތައް ހަމަޖައްސައިފިއެވެ.
ކޮވިޑް19 ގެ ހާލަތާ ގުޅިގެން ވެމްކޯއިން ވަނީ ކުނިނަގާ ވަގުތުތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން އެ ކޯޕަރޭޝަނުން އެއިރު ހަމަޖައްސާފައިއޮތީ ކޮންމެ ދުވަހެއްގެ މެންދުރު 12:00-2:00 އާ ދެމެދު ކުނި ގޭގެ ތިރިއަށް ނެރުމަށް އަންގާފައެވެ. ނަމަވެސް ކުނި ނުނެގި ގިނަ އިރުތަކެއް ވަންދެން މަގުތަކުގައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަންނަ މަހުން ފެށިގެން ރޭގަނޑުގެ ވަގުތުތަކުގައި ކުނި އުކާލަން ވެމްކޯއިން ހަމަޖައްސާފައިވަނީ އަންނަ މަހު ސްކޫލްތައް ހުޅުވަން ނިންމައި މާލެގެ މަގުތަކުގެ ބާރު ކުޑަކުރުމުގެ ގޮތުންނެވެ. ވެމްކޯއިން ރޭގަނޑު ކުނި ނަގަންފެށުމުން ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު 10:00 އާއި މެންދަމު 12:00 އާ ދެމެދު ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯއިން ކުނި ކަލެކްޓުކުރަން ފަށާނީ މެންދަމު 12:00ގެ ފަހުންނެވެ. ވެމްކޯއިން ބުނީ ދަންވަރު ކުނި ނެގުމާއި މަގުތައް ކުނި ކެހުމުގެ ސަބަބުން ފަތިސް ނަމާދަށް ހޭލަން ވާއިރަށް މަގުތައް ސާފުކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު ވެމްކޯގެ ސްޓާފުންނަށް ވަރަށް ބޮޑަށް ބުރަ ވާނެކަން ފާހަގަކޮށް ވެމްކޯއިން ވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދިފައެވެ.