ޑިސެމްބަރ މަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުމަށް ހުޅުވާލައިފި

11 ޖެނުއަރީ 2021 - 12:19

ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖޮބް ސެންޓަރުން ހުޅުވާލައިފި އެވެ. ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31ގެ ނިޔަލަށް އޮންނާނެ ކަމަށް ޖޮބް ސެންޓަރުން ވަނީ ބުނެފައެވެ.
އިންކަމް ސަޕޯޓް އެލަވެންސް ދެނީ ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.
އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.
ދެ ވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އެލަވެންސްގެ ތިންވަނަ ބުރު ތައާރަފުކޮށް 2020 އޮކްޓޯބަރުން ފެށިގެން ޑިސެމްބަރާއި ހަމައަށް އެލަވެންސް ދޭން ޖޮބް ސެންޓަރުން ނިންމިއެވެ. މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އިންކަމް ސަޕޯޓުގެ ގޮތުގައި 221.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0