މިދިޔަ އަހަރު މީރާއަށް ލިބުނު އާމްދަނީ އުޅެނީ 10.5 ބިލިއަނުގައި
11 ޖެނުއަރީ 2021 - 12:32
2020 ވަނަ އަހަރުގެ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާ އަށް 10.5 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މިއީ މިދިޔަ އަހަރު ލިބުނު އާމްދަނީއާއި އަޅާބަލާއިރު %37.7 ދަށްވުމެކެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 41.1% ނުވަތަ 4.31 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް އެވެ. އެއީ %18.0 ނުވަތަ 1.89 ބިލިއަން ރުފިޔާއެވެ. ބީ.ޕީ.ޓީގެ ގޮތުގައި 1.77 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 702.78 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. 2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރެއިން 1.04 ބިލިއަން ރުފިޔާއަކީ ޑިސެމްބަރ މަހު ލިބުނު އާމްދަނީއެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ލިބުނު އާމްދަނީއަށްވުރެ %34.1 ދަށް އަދަދެވެ. 2019 ވަނަ އަހަރުގެ ޑިސެންބަރު މަހާއި އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މީރާއަށް ބަލައިގަތް އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބެއްކަމަށް އެ އިދާރާއިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.
ޑިސެންބަރު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 404.66 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިން އެވެ. 311.80 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 138.75 މިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި 50.19 މިލިއަން ރުފިޔާ ރެސިޑެންޓް ޕަރމިޓް ގޮތުގައި 26.19 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 105.69 މިލިއަން ރުފިޔާ ހިމެނެއެވެ.