ރިޕޯޓު: ބިން ހިއްކުމަށް އެތައް ބިލިއަން ރުފިޔާއެއް, ވީ ފައިދާއެއް ނެތް!

17 އޯގަސްޓް 2024 - 17:27

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުން ފެށިގެން ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައި އެބަ ހުއްޓެވެ. އަދި އެ ސަރުކާރަށް ފަހު ދެން އައި ސަރުކާރުތަކުން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުން ހިމެނެއެވެ. ތަފާތު ކެމްޕެއިންތަކުގައި ކެންޑިޑޭޓުންނަށް ވެސް އެންމެ ގިނައިން ހުށަހެޅޭ ކަންކަމުގެ ތެރޭގައި ބިން ހިއްކުން ހިމެނެއެވެ. އެހެން ނަމަވެސް ސުވާލަކީ މިއަދާ ހަމައަށް އެކި ސަރުކާރުތަކުން ހިއްކި ބިމުން ސަރުކާރަށާއި ރައްޔިތުންނަށް ވީ ކޮން ފައިދާއެއް ހެއްޔެވެ؟


އިނގިލިން ގުނައިލެވޭހާ މަދު ރަށެއްގައި ނޫނީ ހިއްކި ބިންތަކުގެ ބޭނުން ކުރެވިފައެއް ނުވެއެވެ. ކިރިޔާ ވެސް ފައިދާއެއް ނުވަތަ ބޭނުމެއް ކުރެވިފައިވަނީ އިގްތިސާދީ ގޮތުން ފައިދާއެއް އޮތް މަޝްރޫއުތަކުގައެވެ. އޭގެ އެއް މިސާލަކީ ހުޅުމާލެ އެވެ. އެއީ އިގްތިސާދީ ގޮތުން ސަރުކާރަށް ވެސް ބޮޑު ފައިދާއެއް ލިބުނު މަޝްރޫއަކަށް ވާތީ އެ ބިމުގައި އަދި އޭގެ ފަހުން އެތަނަށް އިތުރުކުރި ބިންތަކުގެ ބޭނުން އެބަ ކުރެއެވެ. ރަށްރަށަށް ބަލައިފި ނަމަ ދެތިން ރަށެއްގައި ނޫނީ ހިއްކާފައި އޮތް ބިންތަކުގެ ބޭނުމެއް ނުކުރެވެއެވެ.

advertisement

ހިއްކާފައިވާ ގިނަ ބިންތައް އަދިވެސް ފަޅު


“190 ހެކްޓަރުގެ ބިން ހިއްކިފަ އޮތް އިރުގައި އެތަން ރައްޔިތުންނަށް ބޭނުންކުރެވޭނީ ފެނާއި ނަރުދަމާ، ކަރަންޓާއި އަދި މަގުތައް ހެދިގެން ކަމަށް. މި ވަގުތު ސިޓީ ކައުންސިލުން މަސައްކަތްކުރަމުން ގެންދަނީ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް. ލޭންޑް ޔޫސް ޕްލޭން ހެދިގެން ނިމުމާ އެއްކޮށް އަޅުގަނޑުމެންނަށް އެނގޭނީ އެތަނުގެ ފެނާއި ނަރުދަމާ، ކަރަންޓާއި އަދި މަގު ހެދުމުގެ މަޝްރޫއުތައް ގެންދާނެ ގޮތް،” އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ހިއްކި ބިންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވިއެވެ.


މިނިސްޓަރުގެ ވާހަކަތަކުން ވެސް އެނގިގެން ދަނީ ބިން ހިއްކުމުގެ މަޝްރޫއުތައް މިހާތަނަށް ވެސް ހިއްކާފައި ވަނީ އެއްވެސް ޕްލޭނެއް ނެތިކަމެވެ. އެ ބިމާ މެދު އަމަލުކުރާނެ ގޮތެއް ނުވަތަ އެ ތަނުގައި ކުރާނެ ކަމެއް ކަނޑައަޅަނީ ވެސް އެ ބިން ހިއްކުމަށް ފަހުގައެވެ. އެހެން ނަމަވެސް ހަމައެކަނި ވެލިގަނޑެއް ލިބިގެން ރައްޔިތުންނަށް ވެސް ސަރުކާރަށް ވެސް ކުރާނެ ފައިދާއެއް ނެތެވެ. އެ ތަނުގެ ބޭނުމެއް ހިފެން އޮތީ އެ ތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެންނެވެ. ފެނާއި ނަރުދަމާ އެޅިގެންނެވެ. ކަރަންޓާއި ފެން ލިބިގެންނެވެ. މަގުތައް ހެދިގެންނެވެ. އެހެން ނަމަވެސް ރައީސް މައުމޫނުގެ ވެރިކަމުގެ ހިއްކި ބައެއް ބިންތައް އަދިވެސް ބޭނުން ނުކުރެވި ހުރީ އެ ބިންތައް ހިއްކުން ފިޔަވައި އެ ތަންތަނުގައި އެހެން ކަމެއް ކޮށްފައި ނެތުމުންނެވެ.


ސަރުކާރުތަކުން މި ގޮތް ހިއްކާފައި ދޫކޮށްލާފައި ހުރި ބިންތަކުގައި ހުރީ ވިނަ ފަޅައި ޖަންގަލި ހެދިފައެވެ. އަނެއް ބައި ތަންތަކުގައި ހުރީ ރަށުގައި އެކި މަޝްރޫއުތައް ހިންގަން ގެންގުޅޭ ހެވީ ވެހިކަލްތަކާއި އެ ނޫން ވެސް އުކާލަން ދޫކޮށްލާފައި ހުރި ތަކެއްޗެވެ. އިގްތިސާދީ މަސައްކަތްތަކަށް ބައެއް ބިންތައް ދީފައި ހުރި ނަމަވެސް އެކަށީގެންވާ މަސައްކަތްތަކެއް އެ ތަންތާކު ކުރެވޭނެ ގޮތެއް ނެތެވެ. މައިގަނޑު މައްސަލައަކަށް ވެފައި ވަނީ ދާއިމީ ކަރަންޓެއް އަދި ފެން ވެސް އެ ތަންތަނަށް ފޯރުކޮށްދެވިފައި ނުވާތީއެވެ.


ރައީސުންނާއި ސަރުކާރުތަކުގައި ރައްޔިތުން ސަލާން ޖަހައިގެން ބިން ހިއްކަނީ ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާތީ އެވެ. ސިޔާސީ ބޭނުމަށްޓަކައި އެކަންކަން ސަރުކާރުތަކުން ކުރަނީއެވެ. އެހެން ނަމަވެސް އެއިން މަދު ބިމަކުން ނޫނީ ގޯތި ވެސް ދޫކޮށްފައެއް ނުވެއެވެ. ގޯތި ދޫކޮށްފައިވީ ނަމަވެސް އިމާރާތް ކުރެވޭނެ ގޮތެއް ވެސް ނެތެވެ. އިމާރާތް ކުރެވޭނެ މަގެއް ސަރުކާރުން ވެސް ނުދައްކައެވެ. ލޭންޑް ޔޫސް ޕްލޭނެއް ހެދިފައި ނެތުމުން މަގުތަކަކީ ކޮބައިކަން ވެސް ނޭނގެއެވެ. އެހެންކަމުން މިހާތަނާ ޖެހެންދެން އިމާރާތްކުރުމުގެ ހުއްދަ ވެސް އޮތީ ނުލިބިއެވެ.


ބިން ހިއްކުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. އެހެން ނަމަވެސް ބިން ހިއްކަނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ނުވަތަ ސިޔާސީ ވައުދެއް ފުއްދަން ނޫނީ އެ މަޝްރޫއުތަކުން ބަޔަކު މަންފާ ނަގަންށެވެ. ބިމެއް އެކަނި ހިއްކުމަކުން ސަރުކާރަކަށް އަދި ރައްޔިތަކަށް ވާނެ ފައިދާއެއް ވެސް ނޯންނާނެއެވެ.

ބިން ހިއްކުމުގައިވެސް ކޮރަޕްޝަން


މިނިސްޓަރުގެ ވާހަކަތަކުން އެނގި ހާމަވީ ބިން ހިއްކުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމެކެވެ. ބިން ހިއްކުމުގެ ކުރިން އެ ބިމެއް ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދަންޖެހެއެވެ. އަދި ފަންޑް ހޯދާ އިރު ނުވަތަ ބެޖެޓް ކަނޑައަޅާއިރު ހަމައެކަނި ބިން ހިއްކުމަށް އެކަން ކޮށްގެން އެ ބިންތަކުގެ ބޭނުމެއް ހިފޭކަށް ނެތް ކަމެވެ. ބިން ހިއްކުމާ އެކު މަގުތައް ހަދާނެ ފައިސާ އާއި ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކުރެވޭނެ ގޮތްތައް ވެސް އެއީ އެއް މަޝްރޫއެއްގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދައިގެން ނޫނީ ބިންތަކުގެ ފައިދާ ރައްޔިތަކަށް ހިފޭނެ ގޮތެއް ނެތެވެ.


“އަޅުގަނޑުމެންގެ ރަށްރަށުގެ ބިން ހިއްކިގެންދާއިރު ހިއްކާ ބިމުގެ އެއްވެސް ބޭނުމެއް ނުކުރެވި ދިހަ ބާރަ އަހަރު، ފަނަރަ، ވިހި އަހަރު ވަންދެން އެ ބިން އޮންނަނީ ހުސްކޮށް. ދައުލަތުގެ ބަޖެޓުން މިފަދަ ބިންތައް ހިއްކިގެން ދާއިރު ބިނާވެށީގެ ޕްލޭނެއް ހެދި އެ ބިމަކީ އެ ސަރަހައްދަކަށް ނޫނީ އެ ރަށަކަށް، ނޫނީ އެ ސިޓީއަކަށް ހަގީގަތުގައި ވެސް ބޭނުން އެއްޗެއްތޯ ބެލުމަށް ފަހުގައި ނޫނީ މިފަދަ ބޮޑު މަޝްރޫއެއް ހިންގާ ދައުލަތުގެ ހަރަދުގައި މި ވަރުގެ ބޮޑު ހަރަދެއް ކުރުމަކީ އެއްވެސް ގޮތަކަށް ދެކޮޅު ޖެހޭ ކަމެއް ނޫން،” ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ “ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް”ގެ ބަހުސްގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ބިމެއް ހިއްކައި އެއްވެސް ވަސީލަތެއް ގާއިމުނުކުރުމުގެ ނަތީޖާއަކަށް ވަނީ ރަށްރަށުގެ މީހުން މާލެ އަށް މިސްރާބު ޖެހުން ކަމަށެވެ. ބިންތައް އެކަށީގެންވާ ގޮތެއްގައި ތަރައްގީކުރެވުނު ނަމަ މާލެ އަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


“ރަށްތައް ދަނީ ފަޅުވަމުން. އޭގެ ސަބަބެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރަށްރަށުގައި ހުރި ވަސީލަތްތައް މަދުވެ، ކުރިއަށް ދެވޭނެ ގޮތްތައް ހުސްވެ، ރަށްރަށުގެ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތިވާން އެ ބޭފުޅުން ވެސް ބޭނުން ނުވަނީ،” ހުސައިން ހަމީދު ވިދާޅުވިއެވެ.


މި ބިލަށް ވާހަކަ ދެއްކެވި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ބިން ހިއްކުމަކީ ވެސް ސަރުކާރުތަކުން ކޮށްފައިވާ ބޮޑު ވައްކަމެކެވެ. އެފަދަ މަޝްރޫއުތަކުން ބޮޑެތި ބަޔަކަށް މާލީ އެތައް މަންފާތަކެއް ލިބިފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ހިއްކާފައިވާ ބިންތަކުން ވަކި މަންފާ ހޯދާކަން ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން އެއް ބަޔަކަށް ބޮޑު އަގުގައި ބިން ވިއްކާފައި އަނެއް ބަޔަށް މިދިޔަ ސަރުކާރުން ހިލޭ ބިން ދިނުމަކީ ހިންގާފައިބާ ބޮޑު ޖަރީމާއެއް ކަމަށް އެ މެންބަރުން ފާހަގަކުރެއްވިއެވެ.


“ރައްޔިތުންގެ ޓެކްސް ފައިސާ އިން އެޅޭ ބިނާތަކަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އެޅޭ ބިނާތަކަކަށް ނުވާ ނަމަ އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ވެސް ބޮޑު ހިޔާނާތެއް،” ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހީމް ވިދާޅުވިއެވެ.


ހަމައެކަނި ރަށްރަށެއް ނޫނެވެ. މާލޭ ދެކުނު ފަރާތު ފަޅު ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޮޑު ބިމެއް ހިއްކިއެވެ. މައިގަނޑު މަގުސަދަކަށްވީ މާލޭގެ އެތެރޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕް ފަދަ ތަންތަން އެ ތަނަށް ބަދަލުކޮށް މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމެވެ. ނަމަވެސް އެ ސަރަހައްދުގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފި މިދިޔަ ސަރުކާރުގައި އެ ބިން އޮތީ ގޮނޑަކަށް ވެފައެވެ. ފަހުން އެ ބިމުގެ ބޮޑު ބައެއް ދިނީ ވެމްކޯ އާއި ތިލަމާލެ ބްރިޖް އަޅާ ފަރާތްތައް ބޭނުންކުރުމަށެވެ. މިއީ މައި ސަރުކާރު އޮތް މާލޭގައި ކަން ހިނގާ ގޮތެވެ. ރަށްރަށުގެ ހާލަތު މާ ބޮޑެވެ.


މާލެއާ ކައިރި ރަށްރަށުގެ ބިންތައް ވެސް ފަހަކަށް އައިސް ހިއްކާފައި އެބަ ހުއްޓެވެ. ނަމަވެސް މާފުއްޓާއި ތުލުސްދޫ ފަދަ ތަންތަނުން ވެސް ފެންނަނީ އެ ބިންތައް ހިއްކި މައި މަގުސަދު ގެއްލިފައިވާ ތަނެވެ. ބިންތައް ހިއްކީ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. ނަވެސް މި ރަށްތަކަށް ބަލައިލުމުން ވެސް ފެންނަނީ އެ ބިންތައް އެ ނޫން އެހެން ކަންކަމަށް ބޭނުންކުރާ ތަނެވެ. އިގްތިސާދީ މަސައްކަތްތަކަށާއި ގެސްޓްހައުސް ފަދަ ތަންތަން އެޅުމަށް އެ ބިންތައް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. ބޯހިޔާވަހިކަމަށް ދަތިވެގެން ހިއްކި ބިން އެހެން ކަމަކަށް ބޭނުންކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.
ފާއިތުވި ވެރިކަންތަކުގައި އެތައް ސަތޭކަ އޭކަރުގެ ބިން ހިއްކައިފި އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ބިންތަކަކީ ރިޔާސީ ވައުދުތަކާއި ސިޔާސީ ބޭނުންތަކަށް އެއްވެސް ޕްލޭނެއް ނެތި ހިއްކާފައިވާ ބިންތަކެވެ. ނަތީޖާއަކަށްވެފައި ވަނީ ފަނަރަ ވިއްސަކަށް އަހަރު ވީ އިރު ވެސް ބިންތައް ފަޅަށް އޮތުމެވެ. ސަރުކާރަށް ވެސް އަދި އާންމު ރައްޔިތަކަށް ވެސް އެ ބިންތަކުން ލިބުނު ފައިދާއެއް ނެތެވެ. ގެއްލިގެން ދިޔައީ ރައްޔިތުންގެ ޓެކްސް ފައިސާ އިން އެތައް ބިލިއަން ރުފިޔާއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0