އަމިއްލަ ހިޔާލު: ތިޔަ ކެވެނީ ކޮން އެއްޗެއްކަން އެނގޭތަ؟
24 އޯގަސްޓް 2024 - 13:58
ބުޅާ މަހުގައި ބާގަރ އާއި ސަބްމެރިން ފަދަ ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ ފެންމަތިވުމާ އެކު އާންމުން ވަނީ ރަތަށް އަރާފައެވެ. މިހާރު ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސާ ވެސް ކޮށްލެވޭ ސުވާލަކީ އަނެއްކާ އަހަންނަށް މި ކެވެނީ ކޮން އެއްޗެއްބާ އެވެ؟
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވުމުގެ ކުރިން ވެސް މިފަދަ އެތައް ކަމެއް މި ފާއިތުވި ދުވަސްތަކުގައި ފެންމަތިވެފައި ވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެފަދަ މީހުން ދިރިއުޅޭ އަދި މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯތައް ފެނިފައި ހޮޑުލެވޭ ވަރުވެއެވެ. ދިވެހިން އާންމުކޮށް ކައި އުޅޭ ތެލުލި ފަތާއި، ކުދި ގުޅަ އާއި، ފޯއް ފަދަތަކެއްތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ކުޑަކަން ދައްކުވައިދޭ އެތައް ފޮޓޯތަކެއް ކަމާ ބެހޭ ފަރާތްތަކުން ވަނީ އާންމުކޮށްފައެވެ.
ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ތަންތަން ހުރީ ނަޖިސްވެ މުޑުދާރުވެފައި
އެ ފޮޓޯތަކުން ފެންނަނީ ފާހަނާ ކުރިމަތީގައި ކޮށި ފޯއް ހިއްކަން ބަހައްޓަފައި ހުރިތަނެވެ. މުޑުދާރު ކުޑަ ކޮޓަރިގަނޑުގެ ޓައިލްސްތައް މަތީގައި އެ ތަކެތި ބަހައްޓާފައި ހުރި މަންޒަރުތައް ވެސް ހިމެނެއެވެ. އެ މީހުން ނިދައި ކައިބޮއި ހަދަނީ ވެސް އެ ޓައިލްސްތައް މަތީގައެވެ. ފުރާޅުމަތީގައި ހާމައަށް އަވީލާފައި ދޫކޮށްލާފައި ހުރި އިރު ބުޅަލާއި މީދަލާއި ކާޅު ފަދަ ތަކެތި އެތަނަށް ދެ ކަމު ހާއްޖަތައް ދިޔައީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ތަންތަން ހުރީ ނަޖިސްވެ މުޑުދާރުވެފައެވެ.
Findings from the raid operation at Ma. Three Moons on August 19, 2024, in response to a "Immigration Watch" report. The location had expats running large-scale illegal businesses, including the preparation of popular Maldivian snacks and delicacies. 10 illegal expatriates were… pic.twitter.com/nOijuckcUJ— Maldives Immigration (@ImmigrationMV) August 22, 2024
އެހެން ނަމަވެސް މިއީ ނޭނގޭ ވާހަކަތެކެއް، ނޫނީ އާ ވާހަކަތެއް ވެސް ނޫނެވެ. މިފަދަ ތަންތަން މި ގޮތަށް ހުރިކަން ކަމާ ބެހޭ ފަރާތްތަކަށް ވެސް ނޭނގެނީއަކީ ނޫނެވެ. މީގެ ކުރިން ވެސް އެކި ދުވަސްވަރު އެކި ފަހަރު މަތިން މިކަން ކަން އާންމުންގެ ސަމާލުކަމަށް އާދެއެވެ. އެހެން ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. އެކަން ކުރާ ބިދޭސީން އިންތިހާ އަށް ދިޔައީ އިތުރުވަމުންނެވެ. އާ ސަރުކާރުން މި ފެށި މަސައްކަތާ އެކު މިކަންކަން އާންމުންނަށް ކުރިއަށް ވުރެ ބޮޑަށް ތިލަވާން ފެށީއެވެ.
ބުޅާ މަހުގައި ކާބޯތަކެތި ތައްޔާރުކޮށް ފިހާރަތަކުގައި ވިއްކާ މައްސަލަ ފެންމަތިވެފައިވާ އިރު ބުޅާ މަސް ނޫނަސް ގޮނޑަށް އުކާލެވޭ ތަކެއްޗާއި ރިސޯޓްތަކުން ކައްކާފައި އުކާލާ ތެޔޮ ފަދަ ތަކެތި ނަގައިގެން ކެއިން ބުއިން ތައްޔާރުކުރުމަށް ބޭނުންކުރުން ފަދަ ކަންކަން މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމާ ގުޅޭ ގޮތުން އޮތީ ފިޔަވަޅެއް ނޭޅިއެވެ.
ފިހާރަތަކުގައި ރަބަރު ފަށަކުން ބަންދުކޮށްފައި ހުންނަ ބާގަރ އާއި ސަބްމެރިން ފަދަ ތަކެތި އާންމު ގޮތެއްގައި ގަނެ އުޅެނީ ސްކޫލްތަކަށް ދާ ދަރިވަރުންގެ އިންޓަވަލްއަށެވެ. ކޮންމެ މީހަކު ވެސް ފަސޭހައަކަށް ކައިރި ކަންމަތީ ފިހާރައިން އެ ތަކެތި ގަނެލާފައި ދަރިންގެ އިންޓަވަލް އަށް ދޭއިރު އެ ތަކެތި ތައްޔާރުކޮށްފައި ހުންނަނީ ކިހިނެއްތޯ ވެސް ވިސްނާނުލައެވެ.
“ކޮންމެ ދުވަހަކު ހެނދުނު ކާ އެއްޗެއް ހަދާފައި ދަރިފުޅަށް ދިނުމަކީ އުނދަގޫ ކަމަކަށް ވާތީ އޮފީހަށް ވެސް ދާންޖެހޭތީއާ އެކު އަވަހަށް ފަސޭހައަކަށް ޓަވަރު ތިރީގައި ހުންނަ ފިހާރައިން ބައެއް ދުވަސް ދުވަހު އިންޓަވަލްއެއް ގަނެދެން. އެކަމަކު އެއް ދުވަހު އެ ތަކެތި ބަހައްޓާފައި ހުރި އެތި ތެރެއިން ކުރައްޕާއި މެހި ފަދަ ތަކެތި ފެނުނު ފަހުން މިހާރު ނުގަންނަން،” ހިޔާ ޓަވަރެއްގައި ދިރިއުޅޭ ބެލެނިވެރިއަކު ބުންޏެވެ.
މާލެ އާއި ހުޅުމާލޭގައި ހެދިކާ ވިއްކާ ކުދިކުދި ތަންތަން ކޮންޓްރޯލްކުރަނީ ބިދޭސީން
ހަމައެކަނި ކަންމަތީ ފިހާރަތައް އެކަންޏެއް ނޫނެވެ. މާލެ އާއި ހުޅުމާލޭގައި ކޮފީ އާއި މިފަދަ ހެދިކާ ވިއްކާ ކުދިކުދި ތަންތަން ވަރަށް ގިނައެވެ. އެ ތަންތަން ކޮންޓްރޯލްކުރަނީ ބިދޭސީންނެވެ. އެ ތަންތަނުގައި ގިނައިން ހުންނަނީ ވެސް އެ މީހުންނާ ގުޅުން ހުރި މީހުން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ.
އެތައް ދިވެހިންނެއް މިފަދަ ތަންތަނުން އެއްޗެހި ގަނެއެވެ. އެ ތަކެތި ތައްޔާރުކޮށްފައި ހުރީ ކިހިނެއް ކަމެއް އެ މީހުން ނުވިސްނައެވެ. ހެނދުނު ތައްޔާރުކުރާ އެއްޗެހި ނުވިކި ހުރެއްޖެ ނަމަ ދަންވަންދެން ވެސް ނުވަތަ އަނެއް ދުވަހަށް ވެސް ބަހައްޓާފައި ހުރެއެވެ. ހަރަދު ކުޑަކުރަން ފިހާރަ އާއި ކެފޭ ބަންދުކޮށްފައި ދަނީ ފްރިޖް ކަނޑާލާފައެވެ. އޭގައި ހުރި މަހުގެ ބާވަތްކާއި އެ ނޫން ވެސް ތަކެއްޗަށް ކޮންމެ ގޮތެއް ވިޔަސް އެ މީހުންނަށް ފަރުވާލެއް ނެތެވެ.
ކަންމަތީ ފިހާރަތަކުގައި ވެސް ގިނައިން ތިބެނީ ބިދޭސީންނެވެ. އެ ތަންތަނުގައި ހުންނަ ކާބޯތަކެތި ތައްޔާރުކުރަނީ ވެސް ކޮންމެ ވެސް ބިދޭސީއެކެވެ. މިފަދަ ވިޔަފާރިތަކުގައި ގިނައީ ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. އެ މީހުންނަށް ދިވެހިންގެ ސިއްހަތެއް ކޮންމެހެން މުހިއްމެއް ނޫނެވެ. އެ މީހުންނަށް މުހިއްމީ ކުޑަ ހޭދައަކުން ބޮޑު ފައިދާއެއް ހޯދުމެވެ. އެހެން ކަމުން މާލޭގައި ހަރަދެއް ނުކޮށް އެންމެ ފަސޭހައިން ލިބެން އޮތީ ބުޅާ މަހަށް ވީމައި ކާބޯތަކެތި ތައްޔާރުކުރުމުގައި އޭގެ މަސް ބޭނުންކުރުމަކީ ވެސް ކޮށްފާނެ ކަމެކެވެ.
ކޮންމެ މީހަކީ ގޭގައި ކައްކައިގެން ކެވޭނެ މީހެއް ނޫނެވެ. އަދި ކޮންމެ ބެލެނިވެރިއަކީ ވެސް ކޮންމެ ފަހަރަކު ގޭގައި ދަރިފުޅަށް އިންޓަވަލް ތައްޔާރުކޮށްދެވޭނެ ބެލެނިވެރިންނެއް ނޫނެވެ. އެހެންކަމުން ކަންމަތީ ފިހާރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޭނުން ހިފަންޖެހެއެވެ. އެހެން ނަމަވެސް މިހާރު މި ފެންމަތިވި ކަންކަމާ އެކު އެފަދަ ތަންތަނުން ހިދުމަތް ހޯދުމުގެ ކުރިން ވިސާނާލަންޖެހެއެވެ. ތިމާ އަށް އަދި ތިމާގެ ދަރިންނަށް ކާން މިދެވެނީ ކޮން އެއްޗެއްކަމާ މެދު ވަރަށް ފުންކޮށް ވިސްނާލަންޖެހެއެވެ.
މިކަން ގޯހުން ގޯހަށް މިދިޔައީ މިއަދަކު އިއްޔެއަކު ނޫނެވެ. މިއީ އެތައް އަހަރެއްގެ އިހްމާލެވެ. ކަމާ ބެހޭ ފަރާތްތައް ފެއިލްވުމުގެ ނަތީޖާއެވެ. ބިސޭސީންގެ މައްސަލަ ހައްލުކުރަން އޮތް މުއައްސަސާތައް ވަނީ ފެއިލްވެފައެވެ. މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓަންޖެހޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފަދަ އިދާރާތައް ފެއިލްވުމުގެ ނަތިޖާއެވެ. ހަމައެކަނި އިދާރާތަކެއް ނޫނެވެ. މިކަމުން ހާމަވަނީ ދިވެހިންގެ ކަންނެތްކަމާއި އާންމުން ވެސް ފެއިލްވެފައިވާ ކަމެވެ.