އަމިއްލަ ހިޔާލު: ދިވެހިންގެ ބޭންކްގެ އިތުބާރާމެދު ބޮޑެތި ސުވާލުތަކެއް!

2 ސެޕްޓެމްބަރ 2024 - 15:49

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ މެދު އާންމު ޝަކުވާތައް ވަރަށް ގިނަ އެވެ. އަދި ގިނަ ޝަކުވާތަކަކީ އެތައް ޒަމާނެއްވެ ބޭންކުން ވެސް ހައްލެއް ހޯދައިދީފައި ނެތް ޝަކުވާތަކެވެ. މީގެ ތެރެއިން ގިނަ ކަންކަން ގުޅިފައި ހުރީ ބޭންކްގެ ވެސް ގިނަ އިހްމާލުތަކަކާ އެވެ. އަދި އާންމުންގެ އިތުބާރާއެވެ.

އާންމު ފަރުދުންގެ އެކައުންޓްތަކުން ވައްކަން ކުރުން ހުއްޓުވުމުގައި ބޭންކްގެ އެއްބާރުލުން ނުލިބޭ މައްސަލައަކީ މީގެ ތެރެއިން އެއް މައްސަލައެވެ. ތަފާތު އެކި ސްކޭމްތައް ހިންގުމުގައި ބޭންކްގެ ސިޔާސަތުތަކާއި ސިސްޓަމް ދޯހަޅިވުން ހިމެނެއެވެ. މީހެއްގެ އެކައުންޓުން އެ މީހަކަށް ނޭނގި ފައިސާތަކެއް ގެއްލުނަސް އެ ފައިސާ ހޯދުމުގައި ބޭންކުން އެއްބާރުލުމެއް ނުލިބެއެވެ. އަބަދު ވެސް ލިބޭ ޖަވާބަކީ އެކަމުގައި ބޭންކަށް ކުރެވޭނެ ކަމެއް ނެތް ކަމެވެ. ގެއްލުނު ފައިސާ ލޮކޭޓް ކޮށްދިނުމުގައި ވެސް ބޭންކުން އެއްބާރުލުމެއް ނުލިބެއެވެ.

advertisement

އެތައް ކަމެއްގައި ދިވެހި ބޭންކްގެ އަގު ވަނީ ވެއްޓިފައި

ސްކޭމްތައް އެކަންޏެއް ނޫނެވެ. އޮޅިގެން މީހަކަށް ފައިސާގެ މުއާމަލާތެއް ހިންގުނަސް އެ މުއާމަލާތް އިޔާދަކުރުމުގައި ބޭންކުން އެއްބާރުލުމެއް ނުދެއެވެ. އެކަން ބިނާވެފައި އޮންނަނީ ފައިސާ ލިބުނު މީހާ ދޭ އެއްބާރުލުމެއް މައްޗަށެވެ. އޮޅިގެން ފައިސާ ފޮނުވުނުކަން އެނގޭ ހާލަތްތަކުގައި ވެސް އެ ފައިސާ ލިބުނު މީހާ އެ ފައިސާ އަނބުރާ ނުދޭން ހުރިހާ ހިނދަކު ބޭންކަކުން ކޮށްދޭ ކަމެއް ނޯވެއެވެ. ބުނަނީ އެ މީހަކާ ނުގުޅިގެން ކަމަށެވެ. ނުވަތަ އެ މީހެއްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ވާހަކައެވެ. އެކަމުގައި އުސޫލްތަކެއް ހެދިފައިވާ ކަމަށާއި އެ އުސޫލްތަކުގެ ބޭރުން ބޭންކަށް ކޮށްދެވޭނެ ކަމެއް ނޯންނަ ކަމަށެވެ.

އެހެން ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ފެނިގެން ދިޔައީ ބޭންކަށް އޮޅިގެން ބައެއްގެ އެކައުންޓްތަކަށް ބޭންކްގެ ރައުސުލް މާލަށް ވުރެ ވެސް ބޮޑު އަދަދަކުން ޖަމާކުރެވުނު ތަނެވެ. އެކަން ހިނގިތާ ދެ ގަޑިއިރު ނުވަނީސް ޖަމާކުރެވުނު ފައިސާތައް ބޭންކުން އަނބުރާ ގެންދިޔައެވެ. ބޭންކަށް ވީމާ ފައިސާ ލިބުނު މީހާގެ އެއްބާރުލުން ހޯދާކަށް ވެސް ނުޖެހުނެވެ. އުސޫލްތައް އޮތީ އޮތްތަނުގައެވެ. 77 ބިލިއަން ޑޮލަރު މީހެއްގެ އެކައުންޓަށް ޖަމާވުމުގައި އޮތީ ސީދާ ބޭންކްގެ އިހްމާލެވެ.

މީގެ އިތުރުން ވެސް އެތައް ކަމެއްގައި ދިވެހި ބޭންކްގެ އަގު ވަނީ ވެއްޓިފައެވެ. މީގެ ކުރިން ބޭންކްގެ ތެރެއިން ވެސް މީހުންގެ އެކައުންޓްތަކުން ފައިސާ ގެއްލިފައި އެބަ ހުއްޓެވެ. އެ މައްސަލަތައް ތަހުގީގުކޮށްފައި ވެސް އެބަ ހުއްޓެވެ. އަދި މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތައް ހިނގުމުގައި ވެސް ބޭންކުން އެކި މީހުންނާ މެދު އަމަލުކުރަނީ އެކި ގޮތަށެވެ. މިސާލަކަށް އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލަ އަށް ބަލައިލިޔަސް ބޭންކްގެ އިހްމާލު ބޮޑެވެ. އެ ވަރުގެ ބޮޑު ކަމެއް ވެގެން ދިޔައީ ބޭންކަށް ނޭނގިއެއް ނޫނެވެ. 

އަދި އޭރުގެ ވެރިންގެ ބައިވެރިވުން ވެސް އެ މުއާމަލާތްތަކުގައި އޮތް  ކަމަށް ތުހުމަތުކުރެވިފައި ވެއެވެ. އެހެން ނަމަވެސް ބޭންކްގެ އޭރުގެ ސީއީއޯއަކަށް ހުންނެވީ ބޭރުގެ ރައްޔިތެއް ކަމަށްވާ އެންޑްރޫ ހީލީއެވެ. އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ފުރައިގެން ދިޔައީއެވެ. ފަހަކަށް އައިސް ބޭންކްގެ ބޮޑެތި މަގާމުތައް ފުރުއްވަނީ ބިދޭސީންނެވެ. އެހެން ކަމުން މިފަދަ މައްސަލަތައް ފެންމަތިވުމުން ފުރަގެން ދިޔައީމާ އެކަން އެ ނިމުނީއެވެ. ކުރެވޭނެ ކަމެއް ވެސް ނެތެވެ.

ދިވެހި ބޭންކުން އަބަދު ވެސް އިސްކަންދޭންޖެހެނީ ދިވެހިންގެ މަސްލަހަތަށް

އާ ސީއީއޯ މަގާމާ ހަވާލުވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ބީއެމްއެލް އިން މާލީ ބަޣާވާތެއް ގެނައުމަށް ރޭވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވެރިން ވިދާޅުވުމާ އެކު ސީއީއޯގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާލާފައެވެ. އެ ގޮތުން ސީއީއޯ އިސްތިއުފާ ދޭންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވެސް ވަނީ ވިދާޅުވެފައެވެ.

”މިއަދު ބޭންކް އޮފް މޯލްޑިވްސް މި ޑިޒިޝަން ނެގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނަކީ ސީދާ މި މާލީ ބަޣާވާތް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންނާ އެކީގައި އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން. މިއަދު އެ ބޭފުޅުން ބޯޑުތަކުގައި ތިއްބަވާނެ ކަމެއް ނެތް“ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޖަލްސާއެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގެއް ވަނީ ފަށާފައެވެ. އެހެން ނަމަވެސް ސީއީއޯގެ މައްސަލައެއް ވަކިން ބަލާ ކަމެއް އެނގިފައެއް ނެތެވެ. ނަމަވެސް ސަރުކާރުގެ އެންމެ އިސްވެރިންގެ އިތުބާރު ވެސް ސީއީއޯއާ މެދު ނެތެވެ. ދެން އާންމު މީހާ ކުރާނެ އިތުބާރެއް އޮންނާނެ ހެއްޔެވެ؟  އެހެން ނަމަވެސް މިކަން ވެސް ވެގެންދާނީ ކުރިން ވެސް ކަންވާ ގޮތަށް ކަމަށް ބެލެވެއެވެ. މައްސަލަ ކޮޅެއްގައި ނުޖެހި އުޅެނިކޮށް ސީއީއޯ ފުރައިގެން ދާންވީއެވެ. އެކަން އެހިސާބުން އެ ނިމުނީއެވެ.

އެއްބަޔަކު ދެކޭ ގޮތުގައި ބީއެމްއެލްއަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭ ތަނެކެވެ. އޭގެ އެއް މިސާލަކީ އާދައިގެ އާންމު މީހާގެ އެކައުންޓަށް ކިރިޔާ ވެސް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފި ނަމަ އެތައް ސުވާލެއް އާދެއެވެ. ފޮނުވާ މެއިލްތަކަށް ޖަވާބު ނުދެވި ހުރި ނަމަ އެކައުންޓް ވެސް ބްލޮކް ކޮށްލައެވެ. 

އެހެން ނަމަވެސް ބޮޑެތި ވިޔަފާރިވެރިން ބޮޑެތި ޖަރީމަތައް ހިންގަނީ ވެސް ބޭންކިންގ ނިޒާމުގެ ތެރެއިންނެވެ. ވުޖޫދުގައި ނެތް އެއްޗެހި ރަހުނުކޮށްގެން އެތައް މިލިއަން ރުފިޔާ ބޭންކް ލޯނުގެ ގޮތުގައި ނަގައި އަދި އެ އަނބުރާ ނުދައްކައިގެން ދައުވާތައް ކުރަންޖެހިފައި ވެއެވެ. ވިޔަފާރިވެރިންނަށް ވުމުން ބަލަންވާ ވަރަށް ނުބަލައި ލޯނު ވެސް ދޭންވީއެވެ. އާންމު މީހާ ޖެހެނީ ގަނަތެޅޭށެވެ.

ފެންނަނީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ބޭންކުން މަސައްކަތްކުރާތަން

ދިވެހި ބޭންކަށް ޑޮލަރުގެ ތާށިކަން ކުޑަވެ ޑޮލަރު މާރުކުރުމުގައި ފިޔަވަޅުތަކެއް އެޅުމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. މި އަހަރުގެ ޖޫން މަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކެ ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ވެސް ބޭންކް ޑޮލަރު ލިބުނު އަދަދަށް ވުރެ 333 މިލިއަން ޑޮލަރު އިތުރަށް އެ ބޭންކުން ވިއްކި ކަމަށެވެ. 

ބޭންކަށް ޑޮލަރު ލިބޭ އޮންނަނީ ދެ ގޮތެކެވެ. އެއް ގޮތަކީ އެ ބޭންކްގެ ކަސްޓަމަރުން ރައްކާކުރާ ޑޮލަރެވެ. އެއަށް ބޭންކަށް އަތް ބޭނެނީ ވަކި މިންވަރަކަށެވެ. އަނެއް ގޮތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާރުކުރާ ނުވަތަ ދޭ ޑޮލަރެވެ. ބޭންކުން އެދެމުން ދިޔައީ އެ ބޭންކަށް އެމްއެމްއޭ އިން ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްދިނުމަށެވެ.

ޑޮލަރު ނެތިގެން ކަމަށް ބުނެ އެންމެ އާދައިގެ މީހާ އަށް ދަތިވާ ގޮތަށް ދިވެހި ބޭންކުން އަމަލުކުރަން ނިންމި އިރު އެންމެ ކުޑަ މިނުން ކުރިޔާލާ އަންގާފައެއް ނުވެއެވެ. މީގެ ކުރިން ވެސް މިފަދަ ނިންމުންތައް ހަމަ ކުއްލިއަކަށް ނިންމާފައި އެބަ ހުއްޓެވެ. ދުރާލާ އަންގާ ނުލައި މި ވަރުގެ ބޮޑެތި ކަންކަން ބޭންކްތަކުން، ހާއްސަކޮށް ސަރުކާރާއި ދިވެހިންގެ ހިއްސާ އޮތް ބޭންކަކުން ކޮށްގެން ނުވާނެއެވެ. ދިވެހި ބޭންކުން އަބަދު ވެސް އިސްކަންދޭންޖެހެނީ ދިވެހިންގެ މަސްލަހަތަވެ. 

އެހެން ނަމަވެސް ގިނަ ފަހަރަށް ފެނިގެން ގޮސްފައި ވަނީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ބޭންކުން އަބަދު ވެސް މަސައްކަތްކުރާތަނެވެ. އާންމު މީހާ އަށް ދޭނެ ޑޮލަރު ނެތަސް އެ ބޭންކްގެ ހިއްސާ އޮތް ބޮޑެތި ވިޔަފާރިތަކަށް ދޭނެ ޑޮލަރާއި ލޯނު ދޭނެ ފައިސާ ބޭންކްގައި ހުރެއެވެ. ބޯޑުގައި ތިބީ ބޮޑެތި ވިޔަފާރިތައް ތަމްސީލްކުރާ ފަރާތްތަކެވެ. އެހެންކަމުން ކަންކަން ނިންމުމުގައި ވެސް ބޭންކަށް އިސްވަނީ މަދުބަޔެއްގެ މަސްލަހަތެވެ. އާންމު މީހާ އަށް ލިބޭ ގެއްލުމަކަށް ބެލުމެއް ނެތެވެ.

ކާޑުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ބަދަލު ގެނައުމުން އޭގެ އަސަރު އެތައް ބަޔަކަށް ކުރާނެއެވެ. ބޭރުގައި ކިޔަވަން ތިބި ދަރިވަރުން މަގުމަތި ވާނެއެވެ. ޝެއިން އާއި އަލީ އެކްސްޕްރެސް ފަދަ ތަންތަނުން މުދާ ގެންނަ މީހުންނާއި ކުދި ވިޔަފާރިވެރިންގެ ވިޔަފާރިތައް ހުއްޓުމަކަށް އަންނާނެއެވެ. ބޭރަށް ދަތުކުރާ ފަރާތްތަކަށް ޓިކެޓް ނެގުމުގައި ދަތިތައް ކުރިމަތިވާނެއެވެ. ބޭންކިން ނިޒާމުގެ ތެރެއިން މިހާރު ވެސް ޑޮލަރު ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައި ހުރިހާ ފަރާތްތަކުން ޑޮލަރުގެ ފަހަތުން ދުއްވައިގަތުމާ އެކު ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓު ހީނުކުރާ ވަރަށް މައްޗަށް ދާނެއެވެ.

މި ހުރިހާ ކަމަކާ އެކު ޖުމްލަ ގޮތެއްގައި ކޮންމެ ފަރުދަކަށް ވެސް މި ނިންމުން ވެގެން ދިޔައީ އެތައް ހިތްހަމަނުޖެހުމެއް ގެނެސްދިން ކަމަކަށެވެ. އެތައް ބަޔަކު ރުޅި އައެވެ. ސޯޝަލް މީޑިއާ ފުރާލީ ނިންމުމާ ދެކޮޅު ޝުއޫރުތަކުންނެވެ. އެކަން ދިފާއުކުރަން ސަރުކާރުގެ ޕީއާރު ސެލްތަކަށް ވެސް ކުރެވޭނެ ކަމެއް ނެތެވެ. ބޭރުގައި ތިބި ދަރިވަރުން ތިބީ މުޒާހަރާކުރަން ތައްޔާރަށެވެ. އާންމު ރައްޔިތުން ވެސް ތިބީ ގޮވާލާނެ ބަޔަކު ނެތިފައެވެ. 

އެހެންކަމުން ހަގީގަތުގައި ވެސް ބޭންކުގެ ނިންމުން އެ ގޮތުގައި ދެމި އޮތް ނަމަ ސަރުކާރަށް އިންތިހާ އަށް ޕްރެޝަރު ބޮޑުވީހެވެ. ގިނަ ވަގުތުތަކެއް ހޭދަވި ނަމަ މަގުތަކަށް މީހުން ޖަމާވުމުގެ ފުރުސަތު ވެސް އޮތެވެ. މި ފަހަކަށް އައިސް އަވަށްޓެރި ގައުމުތަކުން ފެނުނު ފަދަ މަންޒަރުތަކެއް ފެނުން ވެސް އެކަށީގެންވެއެވެ. ހަގީގަތުގައި ވެސް ބޭންކްގެ ނިންމުމަކީ “ބަޣާވާތެއް” ގެނައުމަށް ބަޔަކަށް މަގުފަހިވި ކަމެކޭ ނުބުނެވޭނެ ހެއްޔެވެ؟

އެންމެ އާދައިގެ ރައްޔިތު މީހާ އަށް އަސަރުކުރާ ނިންމުމެއް ނިންމާ އިރު ސީދާ ދިވެހި ސަރުކާރުގެ ބަހެއް ނެތި ނިންމުމަކީ ބީއެމްއެލް އިން ހެދި ބޮޑު ގޯހެކެވެ. މުޅި މާލީ މާކެޓަށް ލޮޅުން އަރާވަރުގެ ކަމެއް ސަރުކާރުގެ ރުހުމެއް ނެތި ނުވަތަ ކުރެވުނު މަޝްވަރާތަކާ ހިލާފަށް ނިންމުމަކީ ބޭންކްގެ ބޯޑުން ނުވަތަ ބޭންކްގެ އިސްވެރިން ޒިންމާވާންޖެހޭ ކަމެކެވެ.

އުސޫލްތައް ހަމަޖެހިފައި އޮތް ގޮތުން ބޭންކް ހިންގުމުގައި ބޭންކްގެ ބޯޑަށް ފުރިހަމަ މިނިވަންކަން އެބަ އޮތެވެ. އެހެން ނަމަވެސް ބޭންކްގެ އެންމެ ބޮޑު ހިއްސާދާރަކީ ވެސް ސަރުކާރެވެ. އެހެން ކަމުން ބޭންކްގެ ނިންމުތައް ސަރުކާރުން ބޭނުން ނުވާ ގޮތަށް ނިންމުމުގެ ފުރުސަތެއް އޮވެގެން ވެސް ނުވާނެއެވެ. އަދި ނިންމުން ބަދަލުކުރުމުގެ ފުރުސަތު ވެސް ސަރުކާރަށް އޮންނަންޖެހެއެވެ. އެ ނޫން ގޮތަކަށް އުސޫލްތައް ހެދި ތަންފީޒުކުރެވޭ ނަމަ އެއީ ގޯހެކެވެ.

ދިވެހި ގައުމީ ބޭންކްގެ ކާޑުތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް ބަދަލު ގެނައުމަށް އެ ބޭންކުން ނިންމި ނިންމުމަކީ “ބަޣާވާތެއް” ކަމަށް ދައުލަތުގެ އެންމެ މަތީވެރިޔާ، ތުހުމަތުކުރެއްވުމަކީ އާދައިގެ ކަމެއް ނޫނެވެ. ފަހަކަށް އައިސް ބީއެމްއެލްއާ މެދު އާންމުންގެ އިތުބާރު ވެސް ކުޑަވެފައިވާ ދަނޑިވަޅެއްގައި މިފަދަ ތުހުމަތެއް ގައުމުގެ ވަލީއްޔުލް އަމުރު ކުރެއްވުމަކީ ބޭންކްގައި ބޮޑު ތަޅު އަޅުވަންޖެހޭ ސަބަބެއް ނޫން ހެއްޔެވެ؟

ދިވެހި ބޭންކަށް ސަރުކާރުގެ ވެރިންގެ އިތުބާރެއް ވެސް ނެތެވެ. އާންމު މީހާގެ އިތުބާރު ގެއްލުނުތާ ވެސް އެތައް ދުވަހެކެވެ.

ރިއެކްޝަންސް
0
1
0
5
0
0
0