އަމިއްލަ ހިޔާލު: ސިޔާސީ ބޭނުމަށް ކުށްވެރިން ދިފާއުކުރުން — ދުރުވާންޖެހޭ ކަމެއް!
7 ސެޕްޓެމްބަރ 2024 - 10:16
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޝޯޝަލް މީޑިއާ ބަލާލުމުން އެކި ކަންކަމަށް އެކިއެކި ފަރުދުން އިންސާފަށް އެދި އާދޭސްކުރާ މަންޒަރު ނުފެންނަ ދުވަހެއް މަދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދަރިންނަށް ހަރަދު ނުދޭ ފިރިންނާއި, ސްކޫލްތަކުގައި ބުލީކުރަމުންދާ ވާހަކަ ތަކާއި, ގެވެށި އަނިޔާއާއި އަދި އަނިޔާވެރިގޮތަކަށް ގޭންގު ހަމަލާތަކަށް މަރާލެވިފައިވާ ފަރާތްތަކުގެ އާއިލާތަކާއި, ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތައް ރޮއިހޭރި އިންސާފަށް އާދޭސް ކުރަމުންދާ މަންޒަރު މިއީ އާންމު މަންޒަރެކެވެ.
ސިޔާސީ ފަރާތްތަކުގެ ހަމްދަރުދީއާއި ކުލުނު ލިބުން އޮންނަނީ ނާދިރުކަމަކަށް ވެފައި
ނަމަވެސް މިފަދަ ފަރާތްތަކަށް ސިޔާސީ ފަރާތްތަކުގެ ހަމްދަރުދީއާއި ކުލުނު ލިބުން އޮންނަނީ ނާދިރުކަމަކަށް ވެފައެވެ. އެހެން ނަމަވެސް ސިޔާސީގޮތުން ފައިދާކުރާނެ ކަމެއްނަމަ, ބޮޑެތި މުޖުރިމުން ދިފާއުކޮށް ބަޔާންނެރެ މުޒާހަރާކުރަންވެސް ސިޔާސީ ފަރާތްތަކުން ފޫގަޅައިގެންތިބޭކަމީ ލަދުން ބޯހަލާކުވާވަރުގެ ކަމެކެވެ.
ހުކުރު ދުވަހު އިރުނާރަނީސް ނުރައްކާތެރި އެކްސިޑެންޓެއްގައި މަރާލެވުނު ޒުަވާނާގެ ހައްގުގައި ވަކާލާތުކޮށް ބަޔާންނެރެ ޓުވީޓް ކުރާނެ ސިޔާސީފަރާތެއް ވެއްޖެނަމަ އެއީ އަޖައިބެއްފަދަކަމެކެވެ.
މިދިޔަ ހަފުތާގައި މާލޭގައި ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ރަހީނުކޮށްގެން އުޅެނިކޮށް ފުލުހުން ހަމަލާދީ ހައްޔަރުކުރި އާދަމް އަތުހަރު މަރުވުމާ އެކު އޭނާގެ އާއިލާ އިން ވެސް ވަނީ ފުލުހުންނަށް ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ދަންޖެހުމާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އާއިލާ އިން ވާހަކަ ދެއްކި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ތަސްމީން ބުނެފައި ވަނީ މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޭނާ އޮތްތަނަށް ވަނުމުގެ ފުރުސަތު ލިބުނު ކަމަށާއި އަދި މަރުވުމުން ވެސް ހަށިގަނޑު ދެއްކި ކަމަށެވެ. ނަމަވެސް އޭނާގެ ކަރުގައި ދަންޖެހުމުގެ ނިޝާނެއް ފާހަގަ ނުކުރެވޭ ކަމަށް ބޭބެ ބުނެފައި ވެއެވެ.
އާއިލާ އިން މިފަދަ ގޮތަކަށް ތުހުމަތުކުރުމާ އެކު އާންމުންގެ ބައެއް މީހުން ވެސް ފުލުހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރަން ފެށިއެވެ. އަންހެން ކުއްޖާ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އަތުހަރުގެ ބޮލިގައި މުގުރުން ޖެހުމުން އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެގެން ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށާއި އައިސީޔޫގައި ވެސް ފަރުވާ ދޭންޖެހުނު ކަމަށް ބައެއް މީޑިއާތަކުން ވެސް ރިޕޯޓްކުރިއެވެ.
އެހެން ނަމަވެސް ފުލުހުން ވަނީ އެކަން ވެސް ދޮގުކޮށްފައެވެ. ފުލުހުން ބުނީ އޭނާގެ އެއްވެސް މައްސަލައެއް ހުރި ކަމަށް ޓެސްޓްތަކުން ނުދައްކާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު މަރުވުމަކީ ކަމާ ގުޅުން ހުރި ފަރާތްތަކުން ތަހުގީގުކުރަންޖެހޭ ކަމެކެއް
އަތުހަރު ބަންދުކޮށްފައި ހުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ބަންދުގައި ހުއްޓައި އޭނާ ދަންޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވުމާއި އާއިލާ އިން ކުރި ތުހުމަތުތަކާ އެކު ފުލުހުން ވަނީ އޭނާ ހުރި ގޮޅީގެ ވީޑިއޯ ފޫޓޭޖް ނޫސްވެރިންނަށް ދައްކާލާފައެވެ. އެ މަންޒަރުތައް ބެލި ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ ދަންޖެހުނީ ސޯޓުގެ ނާޑުވާ ބޭނުންކޮށްގެންނެވެ. އަދި ފުލުހުންނަށް އެކަން ރޭކައިލީ އެ ގޮތުގައި މަރުވުމަށް މަސައްކަތްކުރިތާ ބައިގަޑިއިރެއްހާ އިރު ފަހުން ކަމަށް ޓައިމްލައިން އިން ހާމަވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު މަރުވުމަކީ ކަމާ ގުޅުން ހުރި ފަރާތްތަކުން ތަހުގީގުކުރަންޖެހޭ ކަމެކެވެ. އެކަމުގައި ބައެއްގެ އިހްމާލު އޮތް ނަމަ އެކަން ވެސް ބަލަންޖެހެއެވެ. މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހުން މަރުވި މައްސަލަތައް ބަލައި ކަމާ ބެހޭ ފަރާތްތަކުން ރިޕޯޓް ތައްޔާރުކޮށް އަދި ފިޔަވަޅުތައް ވެސް އަޅާފައި އެބަ ހުއްޓެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރައިލި މައްސަލާގައި އެތައް ބަޔަކު މަގުތަކަށް ނުކުމެ ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް އީވާން ނަސީމް ފަދަ ބޮޑު ކުށްވެރިއަކު މަރައިލިމުން އެ ކަމާ ދެކޮޅަށް މީހުން ނުކުތީ ކީއްވެ ހެއްޔެވެ؟
އޭރު މީހުން މަގުތަކަށް ނުކުމެ އަޑު އުފުލީ އީވާން ނަސީމްގެ ހައްގުގައެއް ނޫނެވެ. ޖަލުތަކުގައި އޭރު ކުރަމުން ދިޔަ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް މިކަން އޮތީ މުޅިން ތަފާތުކޮށެވެ. ބޮޑެތި ކުށްވެރިންގެ ދިފާއުގައި އާއިލާތަކުން އަޑު އުފުލައެވެ. ހަމައެއާ އެކު އެފަދަ ކަންކަން އޮންނަނީ ސިޔާސީ ވެފައެވެ. ހާއްސަކޮށް މަރުގެ މައްސަލަތަކުގައެވެ.
އަތުހަރުގެ މައްސަލާގައި ވެސް ކަންވީ އެހެންނެވެ. އަންހެން ކުއްޖާ ސަލާމަތްކުރުމުގައި ފުލުހުން އަމަލުކުރި ގޮތާއި އަތުހަރުގެ ބޮލުގައި ފުލުހުންގެ މީހާ ޖެހުން އެއްބަޔަކަށް ގޯހެވެ. އަދި އެފަދަ ނުރައްކާތެރި ހާލަތެއްގައި ވަނިކޮށް ފުލުހުން އަމަލުކުރި ގޮތުން އަންހެން މީހާގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެއްބަޔަކު ދެކެއެވެ. އަނެއް ބައެއްގެ ނަޒަރުގައި ފުލުހުން އަމަލުކުރި ގޮތް ވެސް ރަނގަޅެވެ. އަދި އަތުހަރުގެ ބޮލުގައި ޖެހި ފުލުހުންގެ މީހާއަކީ ހީރޯއެކެވެ.
މަރުތައް ސިޔާސީ ކޮށް ކުށްވެރިންގެ ދިފާއުގައި އާއިލާތަކުންނާއި ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކާ އިރު މިފަދަ ކޮންމެ ކުށްވެރިއެއްގެ ވެސް ކުށުގެ ދިގު މާޒީއެއް އެބަ އޮތެވެ. އެތައް ކުށެއްގެ ތުހުމަތުގައި އެފަދަ މީހުން ހައްޔަރުކޮށްފައި ވެއެވެ. އަތުހަރުގެ ވެސް ކުށުގެ ރެކޯޑް ދިގެވެ. އޭނާ މުޖުތަމައު އަށް ދޫވެފައި ހުރީ ވެސް މިދިޔަ ސަރުކާރުން އަދަބު ލުއި ކޮށްދީގެންނެވެ. މުޖުތަމައު އަށް ނުރައްކާވާ ފަދަ ބޮޑު ކުށްވެރިއަކަށް އޭނާ ވީ ހަމަ ކުއްލިއަކަށް ނޫނެވެ.
ސުވާލަކީ މުޖުތަމައު އޭނާ އިސްލާހުކުރަން އާއިލާ އިން ވެސް އަދި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ކުރީ ކޮށް ކަމެއް ހެއްޔެވެ؟ މަރުވުމުން އޭނާގެ ދިފާއުގައި ނުކުންނަ ފަދައިން އޭނަ ދިރިހުއްޓައި، ކުށްވެރިއަކަށް ވުމުގެ ކުރިން މި ހުރިހާ ފަރާތްތައް ކޮބައި ހެއްޔެވެ؟ އެ މީހުންގެ ޒިންމާ ކޮބައި ހެއްޔެވެ؟
ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުން އުމުރުން އެންމެ 11 އަހަރުގައި މަސްތުވާތަކެތީގެ ވަބާގައި ކުދިން އެބަ ޖެހެއެވެ. ތަކުރާރުކޮށް ކުށްކުރާ އެތައް ކުޑަކުދިންނެއް އެބަ ތިއްބެވެ. އެތައް ފަހަރަކު ހައްޔަރުކޮށް ދޫކޮށްލާފައިވާ ކުދިން ތަކުރާރުކޮށް ބޮޑެތި ކުށްތަކަށް އެބަ އަރައިގަނެއެވެ. ގޭންގްތަކުގައި ގިނަ އަދަދަކަށް ކުޑަކުދިން ހަރަކާތްތެރިވެއެވެ.
އެންމެ ކުދި ކުށްތަކުން ފެށިގެން މީހުން މެރުން ފަދަ ބޮޑެތި މައްސަލަތަގައި ކުޑަކުދިން ހިމެނެއެވެ. ސުވާލަކީ މި ކުދިންގެ އާއިލާ ކޮބައި ހެއްޔެވެ؟ އެ ކުދިންގެ އާއިލާ ނެތް ހާލަތުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތައް ކޮބައި ހެއްޔެވެ؟
ކުދިން ކުށުގެ ތެރެއަށް ވަންނަނީ ކޮންމެ ވެސް ބައެއްގެ އިހްމާލުން
ބޮޑެތި ކުށްވެރިންނަށް ވުމުގެ ކުރިން މުޖުތަމައުގައި އިސްލާހުކުރަންޖެހޭ އެތައް ކަމެއް އެބަ ހުއްޓެވެ. އާއިލީ ލެވެލް އިން ފެށިގެން ސިޔާސަތު ކަނޑައެޅުމާއި ސިޔާސީ ޕާޓީތަކާ ހަމައަށް ވެސް މި ޒިންމާތައް އެބަ އޮތެވެ. ކުށްކުރާ ގިނަ ކުދިން ކުށުގެ ތެރެއަށް ވަންނަނީ ކޮންމެ ވެސް ބައެއްގެ އިހްމާލުންނެވެ. ފުރަތަމަ އާއިލާއެވެ. އެ އަށް ފަހު އެ ކުދިން ދިރިއުޅޭ މާހައުލެވެ. ތަރުބިއްޔަތު ކުރާ ސްކޫލް މަދަރުސާ ފަދަ ތަންތަނެވެ. ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ.
“މިކަން ފެށިފައި މި އޮތީ ވަރަށް ކުރީގައި. އެ ދުވަސްވަރު އަޅުގަނޑުމެންނަށް މި ކަމުގެ ހުރި ބޮޑުކަމާއި މި ކަމުން ނުކުމެދާނެ ކަންތައްތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ހުރިހާ ރިސޯސްތަކެއް ބޭނުންކޮށްގެން ރަނގަޅު ހަރުދަނާ ޕްރޮގްރާމްތަކެއް ގެންދެވުނު ނަމަ، މި ލެވެލަށް އަޅުގަނޑު ގަބޫލެއް ނުކުރަން އޮންނާނެ ކަމަކަށް،” ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް މިއީ ހަމައެކަނި ފުލުހުންނަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމައު އެކަމަށް ސަމާލުވެ ބައިވެރިވެގެން ނޫނީ އިސްލާހުކުރެވެން އޮތް ކަމެއް ވެސް ނޫނެވެ. ކުށްވެރިއަކު މަރުވުމުން ނޫނީ ބޮޑު ހުކުމެއް ކުރުމުން އޭނާގެ ދިފާއުގައި އާއިލާ އާއި ސިޔާސީ ފަރާތްތައް ވާހަކަ ދައްކާ ނަމަ މިކަން އިސްލާހުވާ ތަނެއް ނުފެނެއެވެ.
އާއިލާގެ ޒިންމާއޮންނަންވާނީ ހަމައެކަނި ކުށްވެރިން މަރުވުމަކުން ނޫނެވެ.އެފަދަ ފަރާތްތަށް ދިރިތިއްބައި, ހަމަމަގަށް ރުޖޫއަކޮށް މުޖުތަމައުއަށް ގެނައުމަށް މަސައްކަތްކުރުމަކީވެސް އާއިލާގެ ޒިންމާއެވެ. އަދި މިފަދަ ކަންކަމުގެ ނާޖާއިޒު ފައިދާނަގާ ސިޔާސީ ފަރާތްތަކުން ލަދުގަންނާންޖެހެއެވެ.