އަމިއްލަ ހިޔާލު: ހިލޭ ގޯއްޗަށް ކާރު ރަޖިސްޓްރީކުރެވޭނަމަ ގަންނަ ފުލެޓަށްވެސް ކުރެވެންވާނެ

10 ސެޕްޓެމްބަރ 2024 - 13:08

ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި މަދުބަޔަކަށް ގޯތި ދިނުމުގެ ނަމުގައި ހިންގި ސްކީމަކީ މިހާތަނަށް ސަރުކާރަކުން އިސްނަގައިގެން ހިންގުނު އެންމެ ނާއިންސާފުވެރި އެއް ސިޔާސަތެވެ. ރައްޔިތުން ދަރަޖަކޮށް ދާއިމީ އެޑްރެސްއަށް ބަލައިގެން ވެރިކަން ކުރާ މައި ސަރަހައްދު އަދި އިގްތިސާދީ މައި ހަބު މަދުބަޔަކަށް ބަހާލުމަކީ ދިވެހި ރައްޔިތުންނަށް ކުރެވެނު ބޮޑު ފުރައްސާރައެކެވެ. 

އަދި އެއީ ގޯހުން ހިންގާފައިވާ ކަމެއް ކަން އެނގި ހުރެ މި ސަރުކާރުން އެކަން ދެމެހެއްޓުމަކީ ވެސް ހެދި ބޮޑު ގޯހެކެވެ. އެ ގޯހުގެ މައްޗަށް ދެން ހަދަމުން ދަނީ ވެސް އިތުރު ގޯސްތަކެވެ.ކުރީ ސަރުކާރުން ހިލޭ ގޯތިތައް ބަހާފައި ވަނިކޮށް މި ސަރުކާރުން އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ބައެއް ފަރާތްތަކުން ހުއްދަ ނުދެނީސް ކެފޭތައް ހަދައި ގުދަން ހަދައި އަދި ވިއްކަން މިހާރު އިއުލާންކޮށްފައި ހުންނަ މަންޒަރު ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ފެނެއެވެ. މިހާރު އަނެއްކާ އާ ކަމެއް ވަނީ އިއުލާނުކޮށްފައެވެ. އެއީ ހިލޭ ގޯއްޗާއެކު ހިލޭ ޕާކިން ޖާގަ ދިނުމެވެ.

advertisement

އެއްބަޔަކު އެއް ވަގުތެއްގައި ކުރި ދެ ކަމެއް ތަފާތުވާންވީ ކީއްވެ؟

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުން ވެއެވެ. އެހެން ނަމަވެސް ބަޔަކު އިސްތިސްނާ ވާ ގޮތަށް ހަމަ އެކަނި މަދުބަޔަކަށް ހުޅުމާލެއިން ގޯތި ދިނުމަކީ ވަރަށްބޮޑު ނާއިންސާފެކެވެ. އަދި އެ ގޯސް އެ ގޮތުގައި ދެމެހެއްޓުމަށް މި ސަރުކާރުން ނިންމި އިރު ހަމަ އެއާ އެކު އެކީގައި، އެއް ބައެއްގެ ބެލުމުގެ ދަށުން ހިންގި ފްލެޓްގެ މަޝްރޫއުގައި ބޮޑެތި ގޯސްތަކެއް ހުރި ކަމަށް ބުނެ މި ސަރުކާރުން ވަނީ އެކަން ހުއްޓުވާފައެވެ. އަދި އަލުން ކޮމިޓީއެއް އެކުލަވާލައި ލިސްޓްތައް މުރާޖައާކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސުވާލަކީ އެއްބަޔަކު އެއް ވަގުތެއްގައި ކުރި ދެ ކަމެއް ތަފާތުވާންވީ ކީއްވެ ހެއްޔެވެ؟

މި ތަންތަނުގައި ކޮންމެ އިމާރާތަކަށް ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ވެސް އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހިލޭ ދިން ގޯތި ތަކަށް ކާރު ރެޖިސްޓަރކުރުމަށް ފުރުސަތު ދޭ ނަމަ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކުން ގަންނަ ފްލެޓްތަކަށް ވެސް ކާރު ރެޖިސްޓަރކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

އެކަން ކުރިން ކޮށްފައި ވެސް އެބަ ހުއްޓެވެ. އެ ގޮތުން މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ހަދާފައިވާ ސޯޝަލް ހައުސިންގެ ފްލެޓްތަކަށް ވެސް އުޅަނދުފަހަރު ރެޖިސްޓްރީކޮށްދީފައި އެބަ ހުއްޓެވެ. އެއީ ވެސް ޕާކިން ގަރާޖެއް ހުންނަ ތަންތަނެއް ވެސް ނޫނެވެ. ނަމަވެސް އެޗްޑީސީން އެކަން ވެސް ކޮށްފައި އެބަ ހުއްޓެވެ. އަދި އެ ފްލެޓްތަކުން ގަރާޖް ސިޓީ ވެސް ވިއްކާފައި އެބަ ހުއްޓެވެ.

“މި ބިން ތަކަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް. މި ތަންތަން ގަރާޖް ހަދައި ކާރު ރެޖިސްޓްރީކުރަން ހުއްދަ ދޭ އިރު އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ގަންނަ ލަގްޒަރީ ފްލެޓްގެ ނަމުގައި އުޅަނދުފަހަރު ރެޖިސްޓްރީ ނުކުރެވެންވީ ކީއްވެ؟ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަންކަން މި ނިންމަނީ،” އާންމުންގެ މީހަކު ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ގަންނަ ފްލެޓްގެ ނަމުގައި އުޅަނދުފަހަރު ރެޖިސްޓްރީ ނުކުރެވެންވީ ކީއްވެ؟ 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މީގެ ސަބަބުން އަނެއްކާ ވެސް ހިތްވަރު ލިބެނީ ގަރާޖް ސިޓީއަށެވެ. މި ތަންތަނުގެ ނަމުގައި ބޮޑު އަގުގައި ގަރާޖް ސިޓީ ވިއްކުމަށް ބަޔަކަށް ފުރުސަތު ހުޅުވިގެންދާނެއެވެ. އެ ތަނުގެ ވެރިން ނުވަތަ ވެރިންގެ އާއިލާ ފިޔަވައި އެހެން ފަރާތްތަކުގެ ނަމުގައި ގަރާޖް ރެޖިސްޓްރީކުރެވޭ ނަމަ މި ކަމަށް ހުއްޓުމެއް ނާންނާނެއެވެ. އަނެއްކާ ވެސް ބަޔަކަށް ގަރާޖް ވިއްކައިގެން ފައިސާ ހޯދުމަށް ފުރުސަތުތަކެއް ދެވެނީއެވެ.

އަނެއްކޮޅުން ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުން އެޗްޑީސީގެ މި ނިންމުމަކީ އުޅަނދުފަހަރު ރެޖިސްޓްރީކުރުމުގައި ޓްރާންސްޕޯޓުން ގެންގުޅޭ އުސޫލާ ވެސް މުޅިން ހިލާފު ކަމެކެވެ. ޓްރާންސްޕޯޓުން އުޅަނދުފަހަރު ރެޖިސްޓްރީކުރަނީ އެ ތަނެއްގެ ޖާގަ އޮންނަ މިންވަރަކަށް ބަލައިގެންނެވެ. ހުޅުމާލެ އިން ދޫކޮށްފައި ހުރި އެންމެ ކުދި ގޯތިތަކުގައި ވެސް 1،250 އަކަފޫޓު ހުރެއެވެ. ސުވާލަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު ބުނާ ގޮތުން އެ ވަރުގެ ޖާގައެއްގައި ރެޖިސްޓަރކުރެވޭނީ އެންމެ ވެހިކަލެއް ހެއްޔެވެ؟ ހުއްދަ ދޭ ނަމަ ވަކި ބަޔަކަށް ވަކި އުސޫލެއް އޮންނަންޖެހެނީ ކީއްވެ ހެއްޔެވެ؟

“ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށޭ” ބުނާ އުސޫލުން ބިންވެރިޔާ ސްކީމުގެ ކަންކަން ވެސް ހިނގަމުން ދަނީ މުޅިން ގޯހަށެވެ. އެ ބިންތަކާ މެދު ކުރީ ސަރުކާރުން ވެސް އަދި އާ ސަރުކާރުން ވެސް އަމަލުކުރަމުން އަންނަނީ އުސޫލްތަކާ ހިލާފަށެވެ. ވަކި ބަޔަކަށް މަންފާތަކެއް ލިބޭ ގޮތަށް އަމަލުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ބިންވެރިޔާ ސްކީމުން ހިލޭ ބެހި ބިންތަކަށް އުޅަނދުފަހަރު ރެޖިސްޓްރީކޮށްދޭ ނަމަ ބޮޑު އަގުގައި އެއްމެދު އިމާރާތުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ވެސް އެ ހުއްދަ ދޭންޖެހޭނެއެވެ. ދެން ހުރި ކަންކަން ވެސް ކުރެވެންޖެހޭނީ އެހެން މީހުންނަށް ވެސް ކުރެވޭ އުސޫލުންނެވެ.

ދިވެހިރާއްޖެގައި ވެރިކަންކުރާ ސަރަހައްދަކީ މަދުބަޔަކަށް ހާއްސަކުރެވިފައި އޮންނަ ސަރައްހަދަކަށް ވެފައި އޮންނައޮތުން ނިމުމަކަށް ގެންނާންޖެހެއެވެ. މާލެ ސަރަހައްދު ރާއްޖޭގެ މަދުބަޔަކަށް ހާއްސަކުރާނަމަ, ވެރިކަން ކުރާ ސަރަހައްދު އެންމެނަށް ހުޅުވިފައި އޮންނަ ސަރަހައްދަކަށް ބަދަލުކުރުމުކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ އިންސާފެކެވެ. 

އިގްތިސާދާއި ދައުލަތުގެ ހުރިހާ ވަޒީފާއަދި ސުކޫލުތަށް މާލެ ސަރަހައްދަށް ހާއްސަކޮށްފައި, ގެދޮރު ދިނުމުގައި މަދު ބަޔަކަށް އިސްކަންދިނުމަކީ އެޕަތައިޑް ހިމެނޭ ޖާހިލިއްޔަ އުސޫލުގެ ސިޔާސަތެކެވެ. މިފަދަ ޒަމާނެއްގައި މިފަދަކަންކަމަށް އިންސާފަށް އެދި ގޮވަންޖެހުމަކީވެސް ލަދުންހަލާކުވާވަރުގެ ކަމެކެވެ. އެދެނީ ދިވެހިންނަށް ދިވެހިރާއްޖޭގައި ހަމަހަމަ އުސޫލަކުން ކަންކުރެވޭނެ ފަހި ޒަމާނަކަށް އަލިވިލޭނެ ރަންޒަމާނެކެވެ.

ރިއެކްޝަންސް
1
2
0
1
0
0
0