އަމިއްލަ ހިޔާލު : ކުޑަކުދިންނާ ބެހުމުގެ މުޑުދާރު ސަގާފާތެއް ރާއްޖޭގައި

19 ސެޕްޓެމްބަރ 2024 - 15:41

އެންމެ މީހެއް ދެ މީހެއް ނޫނެވެ. އެތައް ހާސް ބައެކެވެ. ބޮޑެތި މީހުން އެކަންޏެއް ވެސް ނޫނެވެ. ހުރިހާ އުމުރު ފުރައެއްގެ މީހުން ހިމެނެއެވެ. މި ދައްކަނީ ސިނަމާއަކަށް ގޮސް ފިލްމު ބަލާ ވާހަކައެއް ނޫނެވެ. ކުޑަކުދިންގެ އޮރިޔާން މަންޒަރުތަކާއި ފޮޓޯތައް ބަލަން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދެވި ހިފާފައިވާ ވާހަކައެވެ. ޕޮނޮގްރަފީ ވެބްސައިޓްތަކަށް ވަންނަ މީހުންގެ އަދަދަށް ބެލިޔަސް އެކަން އެނގެއެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓްތަކުގެ ތެރޭގައި އެ ވެބްސައިޓްތައް ހިމެނޭ ކަމީ އޭގެ ހެއްކެކެވެ. ބްލޮކް ކުރީމާ ޕްރޮކްސީ މެދުވެރިކޮށް ވަގަށް ވެސް ވަންނަނީއެވެ. އެ ކަމަށް ފައިސާ ވެސް ހަރަދު ކުރަނީއެވެ. އެހާ ވެސް ނުރައްކާތެރި މުޑުދާރު ސިކުނޑިތަކަކުން މުޖުތަމައު ވަނީ ނަޖިސް ވެފައެވެ.

ޓެލެގްރާމް ގްރޫޕްތަކުގައި ކުރަމުންދާ “ވިޔަފާރި”

ފުލުހުން ދާދި ފަހުން ހާމަކުރި މައުލޫމާތުތަކަކުން އެނގިގެން ދިޔައީ ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވެސް ޓެލެގްރާމް ޗެނަލްތަކުގައި ވިޔަފާރި އުސޫލުން ވިއްކާކަމެވެ. ތިން މީހެއްގެ ވަނަވަރު ހާމަކޮށްފައިވާއިރު ފުލުހުން ބުނީ އެ ޗެނަލްތަކުގައި 300،000 އަށް ވުރެ ގިނަ ފޮޓޯ ހުރިކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކާއި އެ ކުދިންނާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގާ މަންޒަރުތައް ވެސް ހިމެނޭ ކަމަށެވެ. އެ ގޮތުން 571 ޗެނަލެއް ފުލުހުން ހޯދާފައި ވެއެވެ. އަދި އެތަކެތި ގަތުމަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާކަން ވެސް ފުލުހުންގެ ތަހުގީގުން މިވަނީ ހާމަވެފައެވެ.

advertisement

ފުލުހުން ބުނި ގޮތުން ކުޑަ ފައިސާކޮޅަކަށްޓަކައި އެފަދަ ފޮޓޯތައް އެ މީހުންނަށް ވިޔަފާރި އުސޫލުން ވިއްކާ މީހުންނާއި ކުދިން އެބަ ތިއްބެވެ. އެ ގޮތުން ލޯބިވެރިން ހިއްސާކުރާ އެފަދަ ފޮޓޯތައް އެ ޗެނަލްތަކަށް ފޯރުކޮށްދޭ މީހުން ވެސް އެބައުޅެއެވެ. ކުޑަ ކުދިން ގްރޫމް ކޮށްގެން އެ މަންޒަރުތައް ހޯދައި ޗެނަލްތަކުން ވިޔަފާރި ކުރާ މީހުންވެސް އެބަ އުޅެއެވެ. އެހެންކަމުން ސްނެޕް ޗެޓް ފަދަ އެޕްލިކޭޝަންތަކަކީ ވަރަށް ރައްކާތެރި އެޕްތަކެއްގެ ގޮތުގައި ބަލައި އެފަދަ މަންޒަރުތައް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮށްފައި ނުކުރާނީ ކޮން ކަމެއް ހެއްޔެވެ. ދިވެހިންގެ ގިނަ ބައެއްގެ ސިކުނޑިތައް ނަޖިސްވެފައިވާ މިންވަރަކީ ހަމައެކަނި ފޮޓޯގަނޑެއް ބަލާލަން 100 އިން 200ރ. އިން ހަރަދު ކުރަން ވެސް ޖެހިލުން ނުވުމެވެ. އަމިއްލަ ދަރިންނާއެކު ޖިންސީ ގުޅުން ހިންގުމާއި އާއިލީ ގޮތުން ގުޅުން ހުރި ފަރާތްތަކަށް އެފަދަ ގޯނާ ކުރާ މަންޒަރުތަކާއި ވަގަށް ނަގާފައިވާ މަންޒަރުތައް ވެސް މި ޗެނަލްތަކުގައި ވަނީ ސޭލް އަޅުވާފައެވެ. އެވަރުން ނިމުނީކީ ނޫނެވެ.

އަސްލު އަދި ފޭކް މަންޒަރުތަކުން ބައެއްގެ ދިރިއުޅުން ހަލާކު

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ވެސް “އޮރިޔާން” މަންޒަރުތައް ހަދައިގެން މި ޗެނަލްތަކުގައި ވިއްކަމުން އެބަދެއެވެ. އެ ގޮތުން އިންޓަނެޓްގައި ހުންނަ އެފަދަ ފޮޓޯތައް ނަގައި ދިވެހިންނަށް ބަދަލުކޮށްގެން ވެސް ޗެނަލްތަކަށް އަޅާފައި އެބަ ހުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު މީހުންގެ ޑީޕް ފޭކް ނުވަތަ އަސްލާއި ދާދި އެއްގޮތަށް ހަދާފައިވާ މަންޒަރުތައް ވެސް ހިމެނެއެވެ. އަދި ދިވެހި ކުޑަކުދިންގެ މިފަދަ “ފޭކް” ފޮޓޯތައް ވެސް ހިމެނެއެވެ.

މިފަދަ ޗެނަލްތަކަށް ޝައުގުވެރިކަން އޮތީ ހަމައެކަނި ދިވެހިންގެ އެކަންޏެއް ނޫނެވެ. މި ޗެނަލްތަކާއި އެކި އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދިވެހި ކުދިންގެ ފޮޓޯތައް ބޭރުގެ މިފަދަ “ސިކް” މީހުންނަށް ވެސް ވިއްކަމުން އެބަގެންދެއެވެ. ހާއްސަކޮށް ކުޑަކުދިންގެ މިފަދަ މަންޒަރުތަކަށް ޝައުގުވެރިކަން ބޮޑުކަން ވެސް ވަނީ ހާމަވެފައެވެ.

މިފަދަ މަންޒަރުތައް އާންމުވުމުން ނުވަތަ ޗެނަލްތަކަށް ލުމުން ހަމަ އެކަނި ބަލާލައިގެން ވެސް ފަރުޖައްސަނީކީ ނޫނެވެ. އެފަދަ މަންޒަރުތައް ބޭނުންކޮށްގެން އެ ކުދިން ބްލެކްމެއިލްކޮށް ޖިންސީ ފައިދާ ހޯދުމާއި މާލީ މަންފާ ހޯދާކަން ވެސް ވަނީ ހާމަވެފައެވެ. ލޯބިވެރިޔާގެ ހިތްހަމަޖެހުމަށް ކަމަށް ހީކޮށް ދޫކޮށްލެވޭ މިފަދަ މަންޒަރެއްގެ ސަބަބުން މުޅި އުމުރު ދުވަހު މި ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ހުންނާށެވެ. ލޯބިވެރިޔާގެ އިތުރުން އެހެން ބަޔަކު ވެސް އެ މަންޒަރުތަކުގެ ނާޖާއިޒު ފައިދާ އެ ދަނީ ނަގަމުންނެވެ. ކޮށްލެވުނު ކުޑަކުޑަ ކަމަކުން ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ނުދޭށެވެ.

ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ފަސް ލައްކަ ހަމަނުވާ އާބާދީއަކުން 10 ވަރަކަށް ޕަސެންޓް މީހުން މިފަދަ މަންޒަރުތައް ބަލާކަން ހާމަވުމަކީ ލަދުވެތި ކަމެކެވެ. މިއީ ހަމައެކަނި ގާނޫނީ ކުށެއް ނޫނެވެ. މިއީ މުޑުދާރު ނުރައްކާތެރި ބަލިމަޑު ކަމެކެވެ. ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކާއި އެފަދަ ވީޑިއޯތައް ބެލުމަށް ޝައުގުވެރިކަން ހުރުމަކީ ޖާހިލުކަމާއި ޖީލެއް ހަލާކުވުމުގެ އަސްލެވެ. އެކަން ހުއްޓުވަންޖެހޭނީ އެފަދަ މީހުން ބޭޒާރުކޮށް އެންމެ ހަރުކަށި އަދަބު ދީގެންނެވެ. އެފަދަ މީހުންގެ ކިބައިން ވެސް ޅަދަރިން ސަލާމަތް ކުރަން އެބަޖެހެއެވެ. ހަމައެކަނި ތިން މީހެއްގެ ވަނަވަރު އާންމު ކުރުމަކީ މައްސަލައަށް އޮތް ހައްލެއް ނޫނެވެ. އެކަމަށް ފައިސާ ދައްކައި އެ ޗެނަލްތަކުގައި ހަރަކާތްތެރިވާ މީހުންގެ ވަނަވަރު ވެސް ހާމަކުރަންވީއެވެ. ނަޖިސްވެ މުޑުދާރުވެރިފައިވާ ސކުނޑިތައް ދޮވެ ސާފުކޮށް ނައްތާލުމަކީ މުޖުތަމައުއަށާއި ޅަ ދަރީންގެ މުސްތަގުބަލަށް އޮތް ހަމައެކަނި ހައްލެވެ.]

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0