ރިޕޯޓް: ސަރުކާރުގެ ވަޒީފާތަށް ލާމަރުކަޒީކުރަންޖެހޭ

30 ސެޕްޓެމްބަރ 2024 - 17:58

ގާނޫނުތަކަށް ބަދަލު ގެނެސް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރާއްޖެ ހިނގަން ފެށިތާ އަހަރުތަކެއް ވަނީއެވެ. އެހެން ނަމަވެސް އަދިވެސް އެ ނިޒާމްގެ ބޮޑުބައި އޮތީ ހަމައެކަނި ގާނޫނުގައެވެ. ތަންފީޒުކުރެވެނީ މަދު ކަމެކެވެ. ރަށްރަށުގެ ހިންގުން ރަށު ކައުންސިލްތާއި ހަވާލުކުރެވިފައިވީ ނަމަވެސް އަދިވެސް މާލޭގައި ހުންނަ މަރުކަޒީ އިދާރާތަކުން ހޯދަންޖެހޭ ގިނަ ހިދުމަތްތައް ރަށުގައި ހުރެގެން ލިބޭނެ މަގު ތަނަވަސްވެފައެއް ނުވެއެވެ. ނުވަތަ ރަށުގައި ހުރެގެން ވަޒީފާތައް އަދާކުރެވޭނެ ގޮތްތަކެއް ހޯދިފައެއް ނުވެއެވެ.

ލާމަރުކަޒީ ނިޒާމު ނަމަވެސް ހިންގުމުގައި މަރުކަޒީ ސަގާފަތް

ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ބެހިގެންވާ ގައުމަކަށް ވުމުން އެ ރަށަކުން ނުލިބޭ ހިދުމަތެއް ހޯދާ ނަމަ ޖެހެނީ ކަނޑު ހުރަސްކޮށްފައި ކައިރީގައި އޮންނަ ރަށަށް ނުވަތަ މާލެ އަށް ދަތުރުކުރާށެވެ. މިއީ އެތައް ޒަމާނެއް ކުރިއްސުރެ އެކަން އޮތް ގޮތެވެ. ފަހަކާއި ޖެހެންދެން ދައުލަތުގެ ހުރިހާ ކަމެއް ބައްޓަންވެފައި ހުރީ ވެސް ކޮންމެ ކަމެއްގައި މާލެ އަންނަންޖެހޭ ގޮތަށެވެ. ރަށު އޮފީހުން ކުރަމުން އައިހާވެސް ކަމަކީ އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމެވެ. ގޯތި ގެދޮރުގެ ކަންކަން ވެސް ބަލަހައްޓަމުން އައި މާލޭގައި ހުންނަ ކޮންމެ ވެސް އިދާރާއަކުންނެވެ. އެހެންކަމުން ރަށްރަށުން ގޯތި ވެސް ލިބެނީ ސަރުކާރުގެ އިސްވެރިއަކު އެ ރަށަކަށް ވަޑައިގަންނަވާ ފަހަރަކު ރޯނު ދަމައި ކަޑަޖެހިއްޔާއެވެ.

advertisement

ކަތީބުންގެ މި ނިޒާމަށް ނިމުން އައިސްފިއެވެ. ރަށްރަށުގައި ހުރި ރަށު އޮފީސްތައް ކައުންސިލް އިދާރާތަކަށް ބަދަލުވެ ކުރިން ނުދޭ ކިތަންމެ ހިދުމަތެއް އަލަށް ތައާރަފްވި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދޭން ފަށައިފިއެވެ. ގޯތިގެދޮރުގެ ރެޖިސްޓްރީ ހަދައިދިނުމާއި ރަށްރަށުގެ ބިންތަކާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު ކައުންސިލްތަކަށް މިވަނީ ލިބިފައެވެ. މި ނޫނަސް އެތައް ބާރުތަކެއް ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައި ވެއެވެ. އެހެން ނަމަވެސް މީގެ ތެރެއިން އާންމު ރައްޔިތު މީހާ ހޯދަންޖެހޭ ގިނަ ހިދުމަތްތަކެއް އަދިވެސް ހޯދަންޖެހެނީ މާލޭގައި ހުންނަ ކޮންމެ ވެސް އޮފީހަކުންނެވެ. ނިންމުންތައް ނިންމުމުގެ ބާރު ކައުންސިލްތަކަށް ދީފައިވީ ނަމަވެސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައެއް ނުވެއެވެ. އޮންލައިންކޮށް ދެވޭނެ ބައެއް ހިދުމަތްތައް ވެސް ރަށްރަށުގައި ގާއިމުނުކުރެވޭތީ އެކަންކަން އަދިވެސް ކުރަންޖެހެނީ މާލެ އައިސްގެން ނުވަތަ މާލޭގައި ހުންނަ ކޮންމެ ވެސް އިދާރާއަކުންނެވެ.

އަބަދު ވެސް ދެކެވެނީ ރަށްތައް ފަޅުކޮށް މީހުން މާލެ ބަދަލުވާ ވާހަކައެވެ. އެހެން ނަމަވެސް ރަށްތައް ދޫކޮށް މާލެ އަށް ހިޖުރަކުރަންޖެހޭ ސަބަބުތައް މިހާތަނަށް ވެސް ނައްތާލެވިފައެއް ނުވެއެވެ. މައިގަނޑު ސަބަބަކީ ރަށްރަށުގައި ވަޒީފާތައް ނެތުމެވެ. އެހެން ނަމަވެސް މިހާރު އެއީ ވެސް ކުރެވިދާނެ ކަމެކެވެ. ވަޒީފާތައް ވެސް ލާމަރުކަޒު ކުރެވިދާނެއެވެ. އަދި ކުރަން ވެސް ޖެހެއެވެ. މާލޭގައި ހުރި ދައުލަތުގެ އިދާރާތަކުގައި ކުރާ މަސައްކަތްތައް ރަށްރަށުގައި ނުކުރެވެންވީ ސަބަބެއް ވެސް ނެތެވެ. ގިނަ އޮފީސްތަކުގައި ހުރި މަސައްކަތްތަކަކީ ވިއުގައެއްގެ ތެރެއިން ކުރާ މަސައްކަތްތަކެވެ. އެފަދަ މަސައްކަތްތައް ބޮޑު ކުލީގައި އިމާރާތްތައް ކުއްޔަށް ހިފައިގެން މާލޭގައި ދިނުމަށް ވުރެ ރަށްރަށުގައި ކުޑަކުލީގައި ކުޑަ ހަރަދަކުން ކުރެވިދާނެއެވެ. އޭގެ ސަބަބުން އެތައް ވަޒީފާތަކެއް ވެސް އުފެދިގެންދާނެއެވެ.

ސަރުކާރު ބައެއް ވަޒީފާތައް ރަށްރަށުން ނުކުރެވެންވީ ސަބަބެއް ނެތް!

މާލޭގައި ހުރި އޮފީސްތަކުގެ މަސައްކަތްތައް ނުވަތަ ހިދުމަތްތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބައެއް ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ސަރުކާރުން މިހާރު ވެސް ހަދާފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް ރަށްރަށުގެ މީހުންގެ ކިބައިގައި މިކަމުގެ ހޭލުންތެރިކަން ވެސް ކުޑައެވެ. އެ ހިދުމަތްތައް ރަށުގައި ހުރެގެން ލިބޭކަން ވެސް ގިނަ މީހުންނަށް އޮންނަނީ ނޭނގިފައެވެ. އެހެންކަމުން ކަމެއް ދިމާވާ ކޮންމެ ފަހަރަކު ދަތުރު ހަދާފައި އަންނަނީ މާލެއަށެވެ. މިކަން ހުއްޓުވުމަށްޓަކައި އެފަދަ އޮފީސްތަކުގެ މަސައްކަތްތައް ރަށްރަށަށް ވެސް ބަދަލުކުރެވިދާނެއެވެ.

މާލޭގެ އޮފީހެއްގައި ވަޒީފާ އަދާކުރާ މީހަކު ދިރިއުޅުން ރަށަކަށް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އޭނާގެ ވަޒީފާ ވެސް އެ ރަށަކުން އަދާކުރެވޭނެ ގޮތްވެއްޖެ ނަމަ މާލޭގެ މި ތޮއްޖެހުން ބޮޑު މާހައުލުން ދުރުވެ ރަށްރަށުގެ ހިތްގައިމު ދިރިއުޅުމަށް ބަދަލުވާނެ މީހުން މަދެއް ނުވާނެއެވެ. އޮފީސްތަކުގައި ހުރި ގިނަ މަސައްކަތްތަކަކީ ކޮންމެހެން އޮފީހަކަށް ހާޒިރު ނުވި ނަމަވެސް ވިއުގައެއްގެ ތެރެއިން ކުރާ މަސައްކަތްތަކެވެ. ގިނަ އޮފީސްތަކުގައި މި ނިޒާމު ގާއިމުކޮށްފައި ވެސް އެބަ ހުއްޓެވެ. އަދި ބައެއް އޮފީސްތަކުގައި މިހާރު ވެސް ދިމާވާ އެކި ހާލަތްތަކާއި ގުޅިގެން “ވާރކިންގ ފްރޮމް ހޯމް” ނުވަތަ ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ އުސޫލުތައް އެކުލަވާލައި ގާއިމުކޮށް ތަންފީޒުކުރަމުން އެބަ ގެންދެއެވެ. އެހެން ކަމަށްވާ ނަމަ ދިރިއުޅުމުގެ ހާލަތަށް ބަލައި އެ ހުއްދަ ރަށުގައި މަސައްކަތްކުރެވޭނެ ގޮތްތަކަށް ބަދަލުނުކުރެވޭނެ ސަބަބެއް ނެތެވެ. މިއީ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ނިޒާމަކަށް ވެގެންދާނެއެވެ.

ސިއްހީ ފަރުވާ ހޯދުމަށާއި މި ނޫން ވެސް އެކި ކަންކަމުގައި މާލެ އަންނަންޖެހޭ ގޮތަށް މުޅި ނިޒާމު އޮތީ ބައްޓަންވެފައެވެ. އެކަންކަން ބަދަލުވާން އަދިވެސް އަހަރުތަކެއް ނަގާނެއެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ހިދުމަތްތަކަކީ މާބޮޑު ހަރަދެއް ނުކޮށް މިހާރު ވެސް ރަށްރަށުގައި ގާއިމުކުރެވޭނެ ކަންކަމެކެވެ. މިހާރުން މިހާރަށްވެސް ސަރުކާރުގެ ވަޒީފާތައް ލާމަރުކަޒީކޮށް ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އުސޫލަކަށް ބަދަލުނުކުރެވެންވީ ސަބަބެއް ނެތެވެ. މިގޮތުން ސަރުކާރުގެ ބައެއް ވުޒާރާތައް ހިންގުމާއި ވަޒީފާތަށް ރަށްރަށަށް ބަދަލުކޮށް އަބަދުމެ ރާއްޖެތެރެއިން މާލެ ހިޖުރަކޮށް އުމުރަށް ކުލިދައްކާ ގަނަތެޅުން ނިމުމަކަށް ގެންނާން ޖެހެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0