ރިޕޯޓް: ޑޮލަރު ގަވާއިދު، އުނދަގޫ އެހެނަސް މުހިއްމު ނިންމުމެއް

3 އޮކްޓޯބަރ 2024 - 23:12

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އިޤްތިސަދީ ދަތިތަކެއްގެ ވާހަކަ ސަރުކާރުން ދެއްކި ނަމަވެސް އެކަމާއި މެދު އާންމު މީހާ ސުވާލު އުފައްދަނީ ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު މަދު ނުވާތީއެވެ. ހުރިހާ އެންމެންގެ ވެސް ސުވާލަކީ ވަންނަހާ ޑޮލަރެއް ދަނީ ކޮންތާކަށް ހެއްޔެވެ؟ ރާއްޖޭގެ ބޭންކުތަކުގައި އެ ޑޮލަރުތައް ނުހިފެހެއްޓެނީ ކީއްވެ ހެއްޔެވެ؟

ފަތުރުވެރިކަމުން ލިބޭ ޑޮލަރު ރާއްޖޭގައި ހަރެއްނުލާ!

ރާއްޖެ އަށް ކިތަންމެ ގިނައިން ޓުއަރިސްޓުން އައިސް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވި ނަމަވެސް އެ ފައިސާ ރާއްޖޭގައި ހަރުލާ ގޮތެއް ނުވެއެވެ. އެކި ގާނޫނީ ބާގަނޑުތަކުގެ ތެރެއިން ދެމިގަނެގެން އެ ފައިސާތައް އެ ހުރި ގޮތަށް ގައުމުން ބޭރަށް ދެއެވެ. ރިސޯޓްތަކަށް ޑޮލަރުން އާމްދަނީ ލިބުނަސް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން ނިސްބަތުން ވަރަށް މަދު އަދަދެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ތެރޭގައި ރިސޯޓްތަކަށް އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު ލިބުނެވެ. އެހެން ނަމަވެސް ބޭންކްތަކަށް ވަދެފައި ވަނީ 2.3 ބިލިއަން ޑޮލަރެވެ. އަދި އޭގެ ތެރެއިން ވެސް މާރުކުރީ 68 މިލިއަން ޑޮލަރެވެ. ބާކީ ބައި ވީ ކޮންތާކު ހެއްޔެވެ؟

advertisement

ޓެކްސް އަށް މަކަރު ހެދުމާއި އަދިވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ ރިސޯޓްތަކަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް ރާއްޖޭގެ ބޭންކްތަކަށް ވެއްދުމުގެ ބަދަލުގައި ޕީއޯއެސް މެޝިން ފަދަ ނިޒާމުތައް ބޭނުންކޮށްގެން ބޭރުގެ ބޭންކްތަކަށް ފައިސާ ޖަމާކުރުމަކީ ރިސޯޓްތަކުން ކުރާ ކަމެކެވެ. ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ވެސް ނެރެނީ ބްލެކް މާކެޓަށެވެ. އެ ގޮތުން ރިސޯޓްތަކާއި ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ދިވެހި ފައިސާއިން މުސާރަ ދޭންޖެހޭ ފަރާތްތަކަށް މުސާރަ ދިނުމަށާއި ތަފާތު ހިދުމަތްތައް ހޯދުމަށް ބޭނުންވާ ދިވެހި ރުފިޔާ ހޯދަނީ ބްލެކް މާކެޓްގައި ބޮޑު އަގުގައި ޑޮލަރު ވިއްކައިގެންނެވެ.

މިކަން ހުއްޓުވަން މަރުކަޒީ ބޭންކާއި ކަމާ ބެހޭ އިދާރާތަކުން އެތައް މަންތިރިއެއް ހަދައިފިއެވެ. އެކަމަކު އެތައް އަހަރެއްވީ މިކަމަށް ކުޑަވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ތަފާތު ސަރުކާރުތަކުން ވަނީ މަހުޖަނުންގެ މި “ވަގު” ވިޔަފާރި ހުއްޓުވުމަށް ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައެވެ. ގަވާއިދު އިސްލާހުކުރަން މަސައްކަތްކުރާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ހަމަ ހިލާ އެކަން ވިޔަކަ ނުދެއެވެ. ކޮންމެ ވެސް ބައެއްގެ ނުފޫޒުން އެ ގަވާއިދު އެހެން އޮންނަތާ 37 އަހަރުވީއެވެ.

އާދަޔާހިލާފު އާ ގަވައިދެއް, ހިޔާލުތައް ބައިބައިވެފައި

އާ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިވަނީ ބޭރު ފައިސާއާއި ބެހޭ ގަވާއިދު އިސްލާހުކޮށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައެވެ. މި ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓްތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކްތަކަށް ޖަމާކުރަން ވަނީ ލާޒިމްކޮށްފައެވެ. އަދި ވަކި މިންވަރެއް މާރުކުރަންޖެހޭ ގޮތަށް ވަނީ ލާޒިމްކޮށްފައެވެ.

އާ ގަވާއިދުގައިވާ ގޮތުން ރިސޯޓްތަކުން ކޮންމެ ޓުއަރިސްޓެއްގެ ބޮލަށް 500 ޑޮލަރު ބޭންކްތަކުން މާރުކުރަން ޖެހެއެވެ. އަދި 50 އެނދުން ފެށިގެން މަދު ގެސްޓްހައުސްތަކުން ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަންޖެހެއެވެ. ހަމަ މިއާ އެކު ބޭންކްތަކަށް މާރުކުރާ ބޭރު ފައިސާގެ 60 ޕަސެންޓް ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުގެ ކުރިން އެމްއެމްއޭ އަށް ވިއްކަންޖެހެއެވެ.

ގިނަ ބަޔަކު އަންނަނީ މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށް އެމްއެމްއޭގެ މި ފިޔަވަޅަށް މަރުހަބާ ކިޔަމުންނެވެ. ނަމަވެސް އާ ގަވާއިދުގައި ހުރި ބައެއް ކަންކަމާ މެދު ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަ ހުއްޓެވެ. ޓުއަރިޒަމް ދާއިރާގެ އެންމެ ނުފޫޒު ގަދަ ޖަމިއްޔާ ކަމަށްވާ މަޓީން ބުނެފައި ވަނީ މި ގަވާއިދު އިސްލާހު ގެނައީ ދާއިރާގެ ފަރާތްތަކުން ދިން ލަފަޔަށް ބެލުމެއް ނެތި، އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރުމެއް ނެތި ކަމަށެވެ. ނަމަވެސް އެމްއެމްއޭ އިން ބުނަނީ މި ގަވާއިދު އިސްލާހުކޮށްފައި ވަނީ ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އެ ގޮތުން މި ފާއިތުވި ދުވަސްތަކުގައި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު އެމްއެމްއޭ އިން ބައްދަލުކޮށްފައި ވެއެވެ. ނަމަވެސް މަޓީން ދެކޭ ގޮތުގައި މިފަދަ ބޮޑު ބަދަލެއް ގެންނަ އިރު ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށް ދޭ ލަފާތަކަށް ރިއާޔަތް ވެސް ކުރަންޖެހެއެވެ. ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސް އާއި ސަފާރީތައް ހިންގާ ފަރާތްތަކުން ވެސް ގެންދަނީ އާ ގަވާއިދުގައި ހުރި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަނިޓަރީ ގަވާއިދަށް އިސްލާހުތައް ގެނެސް ތަންފީޒުކުރަންޖެހޭ ކަމަށް ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ވެސް ގަބޫލުކުރެއެވެ. އެހެން ނަމަވެސް މައިގަނޑު ކަންބޮޑުވުމަކަށް އޮތީ މާރުކުރަންޖެހޭ އަދަދު ކަނޑައެޅުމުގައެވެ. އެ ގޮތުން 51 އެނދުގެ ޓުއަރިސްޓް ހޮޓަލަކުން ކޮންމެ ޓުއަރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުމާއި ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ކަނޑައެޅި މިންގަނޑު ސާފު ނުވާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ރާއްޖޭގައި ލޯކަލް ޓުއަރިޒަމް އެންމެ ފުޅާދާއިރާގައި ހިންގަވާ އަބްދުﷲ ނަޝީދު (ކާނި) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އާންމު ގޮތެއްގައި ދެ ތިން ދުވަހަށް އަންނަ ޓުއަރިސްޓް މީހާގެ މުޅި ބިލަށް 500 ޑޮލަރު ނާރާ ކަމަށެވެ. އެހެން ކަމަށްވާ ނަމަ ބޭންކަށް މާރުކުރަންޖެހޭ ބާކީ ޑޮލަރު ހޯދާނީ ކިހިނެއްތޯ އޭނާ ސުވާލުކުރައްވާފައި ވެއެވެ.

“ދެ މީހަކަށް ރޫމަކަށް މި ޗާޖްކުރަނީ ރެއަކަށް 100 ޑޮލަރު. އާންމު ގޮތެއްގައި މި އަންނަނީ ތިން ހަތަރު ރެއަށް. ކޮޓަރިއަކަށް އަހަރެމެންނަށް ލިބޭނީ 300-400 ޑޮލަރު، ނަމަވެސް ދެ ގެސްޓުންނަށް އެބަޖެހޭ 1،000 ޑޮލަރު މާރުކުރަން. ބޭންކަށް މާރުކުރަންޖެހޭ ބާކީވާ ޑޮލަރު އަހަރެމެން ގަންނަންޖެހޭނީ ބްލެކް މާކެޓުންތަ؟،” އަބްދުﷲގެ ޕޯސްޓްގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

ބަލައިގަންނަން އުނދަގޫ ނަމަވެސް ކުރަންޖެހިފައިވާ ކަމެއް

އާ ގަވާއިދާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ކުރަންޖެހިފައި އޮތް ކަމެކެވެ. ދަނޑި މާރުއަޅައި ގަދަކަމުން ވެސް މިކަން ކޮށްފި ނަމަ ބޭރު ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. އަދި ބްލެކް މާކެޓަށް މިހާރު ވަންނަ ފައިސާގެ ބޮޑު ބައެއް މަދުވާނެއެވެ. ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވުމުން ބޭންކްތަކުން އާންމު މީހާ އަށް ވިއްކާ ޑޮލަރުގެ އަދަދު ވެސް އިތުކުރުމަށް މަގުފަހިވާނެއެވެ. އެ ގޮތުން ކާޑުތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓް އިތުކުރުމާއި އާންމު މީހާއަށް އެކި ބޭނުންތަކުގައި ވިއްކާ ޑޮލަރުގެ އަދަދު ވެސް އިތުކުރުމަށް މަގުފަހިވާނެއެވެ.

މީގެ އިތުރުން އެމްއެމްއޭ މެދުވެރިކޮށް ދައުލަތަށް ވަންނަ ޑޮލަރުގެ އަދަދު ވެސް އިތުރުވެގެންދާނެއެވެ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ދައުލަތަށް ފައިސާ ދައްކާއިރު ޑޮލަރުން ދައްކާ ގޮތަށް ހެދުމުން ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ވެސް ބޮޑުތަނުން އިތުރުވާނެއެވެ. މީގެ ސަބަބުން މިހާރު ކުރިމަތިވެފައި ހުރި އެތައް މައްސަލަތަކަކަށް ހައްލު ލިބިގެންދާނެއެވެ،

އެހެން ނަމަވެސް މިއީ އަދި ފެށުމެކެވެ. މުޅި މައްސަލައަށް ހައްލު ގެނައުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ބްލެކް މާކެޓް ހުއްޓުވުމާއި އެތެރޭގައި ކުރެވޭ މުއާމަލާތްތަކުގައި ބޭރުގެ ފައިސާ ބޭނުންކުރުން ހުއްޓުވުން ވެސް ހިމެނެއެވެ. ރިސޯޓްތަކާއި އެ ނޫން ވެސް ތަންތަނުން މިހާރު ހޯދާ ހިދުމަތްތަކަށް ފައިސާ ދައްކަންޖެހެނީ ޑޮލަރުންނެވެ. މުސާރަ ވެސް ދެނީ ޑޮލަރުންނެވެ. ނަމަވެސް ބޭރުގެ ގިނަ ގައުމުތަކުގައި އެ ގައުމެއްގެ އެތެރޭގައި ކުރެވޭ ވިޔަފާރިތަކާއި ހިދުމަތްތަކަށް ފައިސާ ދައްކަންޖެހެނީ އެ ގައުމެއްގައި ބޭނުންކުރާ ފައިސާ އިންނެވެ. ރާއްޖޭގައި ވެސް އެކަން އޮތީ އެހެންނެވެ. ނަމަވެސް މިއީ މިހާތަނަށް ވެސް ތަންފީޒުނުކުރެވި އޮތް ކަމެކެވެ. އާ ގަވާއިދާ އެކު ޑޮލަރުގެ މައްސަލަ މުޅީން ހައްލު ނުވިޔަސް މިއީ ރަނގަޅު ވިޔަވަޅެކެވެ.

2009 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި އިގްތިސާދީ ކާރިސާގައި ދިވެހި ސަރުކާރުގެ ވަރަ ބިނދި، ދައުލަތުގެ އާމްދަނީ ގެއްލި ދައުލަތް ނިކަމެތިވެގެން ދިޔައެވެ. އެއާއެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގެންނެވި ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ އިގްތިސާދީ ބަދަލުތައް ވެގެން ދިޔައީ ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް ބަލައިގަންނަން ދެކޮޅު ބަދަލުތަކަށެވެ. މިކަމާ ދެކޮޅަށް ސަލަފު ފަދަ ދީނީ ޖަމިއްޔާތަކުންވެސް ދެކޮޅުހަދައި ޓެކްސް ނެގުން ހަރާމްވާނެކަމަށް ފަތުވާ ނެރިފައިވާކަން ފާހަގަ ކުރެވެއެވެ. ފުރަތަމަ ފަހަރަށް ދައުލަތަށް ސީދާ ޑޮލަރުން އާމްދަނީ ހޯދުމަށް ޓީޖީއެސްޓީ ތައާރަފުކޮށް ޖީއެސްޓީ ނަގައި ސަރުކާރުގެ އިގްތިސާދީ ހާލަތު ބަދަލުކޮށްލި ސިޔާސަތުތަކަކަށް މިސްރާބުޖެހިއެވެ. ދިގުމުއްދަތުން އެނގިގެން ދިޔައީ މިކަމުން ޓޫރިޒަމަށް ނޭދެވޭ އަސަރެއް ނުކުރާކަމާއި އިންވެސްޓުމަންޓުތައް ގިނަވެ ފަތުރުވެރިންވެސް އައުން އިތުރުވެގެން ދިޔަކަމެވެ. ހަމައެއާއެކު އެތައް ގުނަޔަކަށް އިތުރުވެގެން ދިޔަ ދައުލަތުގެ އާމްދަނީ އާއެކު ދައުލަތުން ވައްކަން ކުރުންވެސް ހައްދުން ނެއްޓިކަން ފާހަގަ ކުރެވެއެވެ. ޑޮލަރުގެ މިބަދަލީ ހެޔޮ ބަދަލަކަށް ވިޔަސް، ދާއިމީ ތަސައްލީއެއް ރައްޔިތުންގެ މާލިއްޔަތަށް ހޯދުމަށް ދައުލަތުގެ އިސްރާފާއި ވައްކަންކުރުން ހުއްޓުވޭނެ އުސޫލުތަކެއް ގާއިމުކުރުން މުހިންމެވެ.

ރިއެކްޝަންސް
4
1
0
0
0
0
2