ކުވައިތުގެ 2.5 މިލިއަނަށްވުރެ ގިނަ އުރީދޫ ކަސްޓަމަރުންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރަނީ
2 ފެބުރުއަރީ 2021 - 13:47
އުރީދޫގެ ‘ވިޒިޓް މޯލްޑިވްސް ނައު’ ކެމްޕޭނުގެ ދަށުން ކުވައިތުގެ 2.5 މިލިއަނަށްވުރެ ގިނަ އުރީދޫ ކަސްޓަމަރުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރަން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ހަރަކާތުގައި ބައިވެރިވާން ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ އުރީދޫ ކުވައިތުން ތައާރަފުކުރި އެގައުމުގެ ފުރަތަމަ ޑިޖިޓަލް މޮބައިލް ޕްލޭން “އޭއެންއޭ”ގައި ބައިވެރިވުމެވެ. މި ހަރަކާތުގެ ދަށުން ރާއްޖޭގައި ދެ މީހަކަށް އޯލް-އިންކްލޫސިވް ސްޓޭއެއް ހޯދުމުގެ ފުރުސަތު އެގައުމުގެ އުރީދޫ ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓުކުރަން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ނައު ކެމްޕޭންގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އުރީދޫ ކުވައިތުގެ ކަސްޓަމަރުންގެ އަދަދު 2.5 މިލިއަނަށްވުރެ ގިނައިރު މި ހަރަކާތަކުން ކުވައިތުގެ އާބާދީގެ ބޮޑު ބަޔަކަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުރީދޫ މޯލްޑިވްސްއިން ފެށި ވިޒިޓް މޯލްޑިވްސް ނައު ކެމްޕޭންގެ ދަށުން ދުނިޔޭގެ 10 ގައުމެއްގައި 117 މިލިއަނަށްވުރެ ގިނަ އުރީދޫ ކަސްޓަމަރުންގެ މެދުގައި ރާއްޖެ ޕްރޮމޯޓުކުރަން މަސައްކަތް ކުރާނެކަމަށް އުރީދޫ މޯލްޑިވްސްއިން ވަނީ މީގެކުރިން ބުނެފައެވެ.