އަމިއްލަ ހިޔާލު: ވޭޕް މަނާކުރުން މާބޮޑަށްވެސް ލަސްވެއްޖެ

17 އޮކްޓޯބަރ 2024 - 18:15

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ނިމުމަކަށް އައުމުގެ ސަބަބެއްގެ ގޮތުގައި ސިޔާސީ ތާރީހު ދިރާސާކުރައްވާ ފަރާތްތަކުން ދެކިލައްވާ އެއްކަމަކީ ރާއްޖޭގައި ދުންފަތް މަނާކުރުމެވެ. ގިނަ ބަޔަކު ދެވި ހިފާފައި ތިބި އެ އާދައާއި އޭގެ އަޑީގައި ތިބި ނުފޫޒު ގަދަ ވިޔަފާރިވެރިންނާއި ދެކޮޅަށް ރައީސް މުހައްމަދު އަމީން ނިންމެވި ހިތްވަރުގަދަ ނިންމެވުމެވެ. އެއީ އެ ދުވަހެވެ. މިއަދު ހަމަ އެފަދަ ނިންމެވުމެއް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ ނިންމަވާފައެވެ. ޒުވާނުންނާއި އާންމުންގެ އެތައް ބަޔަކު ދެވިހިފާފައިވާ ވޭޕް އާއި އެއާއި ގުޅުންހުރި ތަކެތި ރާއްޖޭގައި މަނާކުރަން އެ މަނިކުފާނު ވަނީ ނިންމަވާފައެވެ. މި ނިންމެވުމާއި އެކު ގިނަ ބައެއްގެ ސުވާލަކަށްވީ ހަމަ އެކަނި ވޭޕް ކީއްވެ ހެއްޔެވެ؟ ސިނގިރޭޓް ނުވަތަ ދުންފަތް މަނާނުކުރަނީ ކީއްވެ ހެއްޔެވެ؟

ސިނގިރޭޓް މަނާ ނުކޮށް, ވޭޕް މަނާކުރުމުން ސުވާލުތަކެއް

ވޭޕް މަނާކުރުމަށް ރައީސް ނިންމެވުމާއި އެކު ގިނަ ބަޔަކު އަންނަނީ އެކަމަށް ތައުރީފް ކުރަމުންނެވެ. އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން ސުވާލަކަށް ވެފައި އޮތީ ދުންފަތުގެ ބާވަތްތައް މަނާނުކޮށް ވޭޕް މަނާކުރަނީ ކީއްވެ ހެއްޔެވެ؟ މިއީ ސިނގިރޭޓް ނުވަތަ ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ނުފޫޒުން ސަރުކާރުން ނިންމި ނިންމުމެއް ހެއްޔެވެ؟

advertisement

އެއްބަޔަކު ދެކޭ ގޮތުގައި ވޭޕް އަށް ވުރެ ސިނގިރޭޓްގެ ގެއްލުން ބޮޑެވެ. އެއީ ސިއްހީ ގޮތުން ހާމަވާން އޮތް ކަމެކެވެ. އަދި ވޭޕް ބޭނުންކުރާ މީހުންނަށް ވުރެ ރާއްޖޭގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ގިނައެވެ. އަދި އޭގެ ސަބަބުން ޖެހޭ ބަލިތައް ވެސް ގިނައެވެ. ސައިންޓިފިކް ހެކިތައް ފެންނަން ހުރިއިރު ދުންފަތް މަނާ ނުކޮށް ވޭޕް މަނާކުރުމުން ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ވޭޕްގެ ނުރައްކާ ބޮޑެވެ. އަދި އޭގެ ވަބާ ހަލުވިކަމާއި އެކު މުޖުތަމައުގެ ތެރެއަށް ދަނީ ފެތުރެމުންނެވެ. ހާއްސަކޮށް އެކަމުގެ ތެރެއަށް ޒުވާނުން ވަންނަ މިންވަރު އިންތިހާ އަށް އިތުރެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ސްކޫލް ދަރިވަރުން ވެސް ހިމެނެއެވެ. އަދި ދުންފަތާއި ހިލާފަށް ވޭޕް އާއި އީ-ސިނގިރޭޓް ފޮރުވައިގެން ގެންގުޅެން ފަސޭހަވުމުން ސްކޫލް ދަބަހުގެ ތެރޭގައި ނުވަތަ ޖީބުގައި ވެސް ގެންގުޅެއެވެ.

އަނެއްކޮޅުން ބަންދު ތަންތަނުގައި ވެސް ވޭޕް ބުއިން ވަނީ އާދައަކަށް ހަދާފައެވެ. ބައެއް އޮފީސްތަކުގެ އެތެރޭގައި ވެސް ވޭޕް ބޭނުންކުރާ ކަމަށްވެއެވެ. ދުއްވާ އުޅަނދުފަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަމަކީ މަނާ ކަމެކެވެ. އެހެން ނަމަވެސް އުޅަނދުފަހަރު ދުއްވަމުން އަދި އޭގެ ފަހަތުގައި ތިބެ ވޭޕްކުރާ މަންޒަރުވެސް އެބަ ފެނެއެވެ. ފިޔަވަޅު އަޅާނެ ބަޔަކު ނެތެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިކަން ވަނީ ހަޔާތްކެނޑި ހައްދުން ނެއްޓިފައެވެ.

ވޭޕް މަނާކުރަން ގޮވާލައި އެކި ފަރާތްތަކުން އަޑުއުފުލާތާ އެތައް ދުވަހެއް ވެއްޖެއެވެ. ސިއްހީ މާހިރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެ ކަމަށް ގޮވާލާލައި ބަޔާންތައް ނެރެފައި ވެއެވެ. ރައީސްގެ ނިންމެވުން ވެސް މި އައީ އެފަދަ ބަޔާންތަކާއި ޑޮކްޓަރުންގެ ކަންބޮޑުވުންތަކަށް ފަހު އެކި ފަންތީގައި މަޝްވަރާކުރެވެމުން ދަނިކޮށެވެ. ކެބިނެޓުގައި ވެސް އެކަމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ.

ދުންފަތް މަނާނުކުރެވެނީ ކީއްވެ?

ހަމަ މިއާ އެކު ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ގޮވާލަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. އޭގެ ސަބަބުން ޖެހޭ ބަލިތަކާއި ބެހޭ ގޮތުން ޑޮކްޓަރުން އިންޒާރު ދޭތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. އަމީން ދީދީގެ ވެރިކަމުން ފެށިގެން ވެސް އެ ވާހަކަ އެބަ ދައްކައެވެ. އެހެން ނަމަވެސް އޭގެ ފަހުން އެއްވެސް ވެރިއަކަށް އެކަން މަނާކުރައްވާކަށް ކެރިވަޑައެއް ނުގަންނަވައެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ވޭޕް މަނާކުރަން ނިންމުމާ އެކު މި ބަހުސް ވަރަށް ފުޅާދާއިރާއެއްގައި މި ވަނީ ކުރެވެން ފަށައިފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި ވޭޕް މަނާކުރީ ދުންފަތް އެތެރެކުރާ ވިޔަފާރިވެރިންގެ ނުފޫޒުންނެވެ. އެ މީހުން އެކަން ކުރަން މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެ ކަމަ ބައެއް މީހުން ތުހުމަތުކުރެއެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ވޭޕް މަނާކުރި ފަދައިން ދުންފަތް މަނާކުރަން ސަރުކާރަށް ނުކެރެނީ ދުންފަތުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުވުމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދުންފަތް މަނާކޮށްފިނަމަ ދައުލަތަށް ލިބޭ ގެއްލުން ބޮޑުވާނެއެވެ. އޭގެ ބަދަލުގައި ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ އޭގެ ހެއްކެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް މަނާކުރަން ސަރުކާރުން ނިންމާފައިވާ އިރު ދުންފަތުން ނަގާ ޓެކްސް ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގޮތުން މިހާރު ކޮންމެ ސިނގިރޭޓަކުން ނަގާ 3ރ. ގެ ބަދަލުގައި 8ރ. ނެގުމަށް ވަނީ ނިންމާފައެވެ. މިއާ އެކު ސިނގިރޭޓް ފޮއްޓެއްގެ އަގު 100ރ. އިން 200ރ. އަށް ވުރެ މައްޗަށް އުފުލިގެންދާނެއެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރުވާނެއެވެ. އެހެންކަމުން ދައުލަތަށް ލިބޭ މިހާ ބޮޑު އާމްދަނީއެއް ހުއްޓޭނެ ފަދަ ނިންމުމެއް ނިންމަން ސަރުކާރަށް ނުކެރޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މައްސަލަ ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް

ވޭޕް މަނާކުރަން ނިންމެވުމާއި އެކު ދުންފަތުގެ އެހެން ބާވަތްތައް މަނާކުރަން ސަރުކާރަށް ގޮވާލާ ފަރާތްތައް ވެސް ގިނައެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހިމެނިވަޑައިގަންނަވައެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މިސާލު ދެއްކެވީ ބޭރުގެ ބައެއް ގައުމުތަކުން އެކަން ކުރަމުން އަންނަ ގޮތެވެ. އެ ގޮތުން އަލަށް އުފަންވާ އެއްވެސް ކުއްޖަކަށް ދުންފަތް ނުވިއްކޭ ގޮތަށް ނިއު ޒީލޭންޑްގައި 2022 ވަނަ އަހަރު ފާސްކުރި ގާނޫނު އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެ ގާނޫނުގައިވާ ގޮތުން 2026 ވަނަ އަހަރަށް 18 އަހަރު ނުފުރޭ އެއްވެސް މީހަކަށް އޭގެ ފަހުން އެ އުމުރު ހަމަވިޔަސް ދުންފަތެއް ނުވިއްކޭނެއެވެ.

ނިއު ޒީލޭންޑްގެ އިތުރުން އިނގިރޭސި ވިލާތުގައި ވެސް ދުންފަތް ކޮންޓްރޯލްކުރުމަށް މިފަދަ ނިޒާމެއް ވަނީ ގާއިމުކުރެވިފައެވެ. އެ ގޮތުން ދުންފަތް ވިއްކާ އުމުރު 18 އަހަރުން ފެށިގެން 20 އަހަރަށް ބަދަލުކުރުމަށް އަދި އޭގެ ފަހުން އެ އުމުރު މަތިކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ވެސް ދުންފަތް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅާފައި އެބަ ހުއްޓެވެ. އެ ގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތް ނުވިއްކުމާއި ވަކިން ސިނގިރޭޓް ނުވިއްކުމާއި އާންމު ތަންތާގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި ކެފޭ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރަން ވަކި ސަރަހައްދުތަކެއް ކަނޑައެޅުން ފަދަ ކަންކަން ކޮށްފައި އެބަހުއްޓެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި ކަރުދާހުގައި ލިޔެފައި ހުރި ގަވާއިދުތަކެކެވެ. ތަންފީޒުކުރެވޭ ތަނެއް ނުފެނެއެވެ. އެހެން ކަމުން ދުންފަތް ކޮންޓްރޯލްކުރުމަށް މިހާތަނަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުން ލިބުނު ކުރިއެރުމެއްނެތް އިރު، ވޭޕް ފުރިހަމަ މާނައިގައި މަނާކުރެވިދާނެތޯ ސުވާލު އުފެދެއެވެ. ވޭޕްގެ ނަމުގައި މަސްތުވާ ތަކެތި ގަރަގުކޮށްގެން އެތަކެތި އެތެރެކޮށް ވިއްކައި ޅަދަރިންގެ ޖީލެއް ހަލާކުވެ ދިޔައީއެވެ. ސިއްހީގޮތުންނާއި އިޖުތިމާއީ ގޮތުން ބެލިއަސް، ސަރުކާރުގެ މި ނިންމުމަށް އައްސަރިބަހާއި ތާއީދު ހައްގެވެ. ނަމަވެސް ދައުލަތުގެ ތަންފީޒީ ވުޒާރާތަކުގައި ތިބޭ މުވައްޒަފުންގެ ކޮރަޕްޓްކަމުންނާއި، ގައްދާރީ ސަގާފަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް މިތަކެތި އެތެރެކޮށް ވިއްކުން ހުއްޓުވޭނެކަމަކަށް ނުބެލެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0