އަމިއްލަ ހިޔާލު: ދިވެހި ދައުލަތުގެ ދަރަނިން މިނިވަންކަން ގެއްލޭ ހިސާބަށް އައީ ކިހިނެއް؟

20 އޮކްޓޯބަރ 2024 - 17:21

އާބާދީގައި 500 މީހުން ވެސް ހަމަ ނުވެއެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 100 ކިރިޔާ ހަމަވަނީއެވެ. އެހެން ނަމަވެސް އެ ރަށު މީހުން ވެސް ސިއްހީ މަރުކަޒެއް ބޭނުން ވެއެވެ. ސްކޫލަށްދާ އުމުރުގެ ވިއްސަކަށް ކުދިން ނެތަސް ސްކޫލެއް ވެސް ބޭނުން ވެއެވެ. މާ ގިނަ އުޅަނދުފަހަރެއް ނެތަސް ރަށުގައި ކުރިން އޮތް ޖެޓީގެ ބަދަލުގައި ބޭނުން ވަނީ ބިޔަ ބޮޑު ބަނދަރެކެވެ. ރަށު އޮފީސް ބާވެފައި ހުރުމުން އޮފީސް އިމާރާތެއް ވެސް އެ ލިސްޓްގައި އެބައޮތެވެ. ރަށު މެދުގައި ކުރިން ހުރި އިންޖީނުގެ މިހާރު ހުރީ ޒަމާނީ ފެންވަރަށް ހަދާފައެވެ. ފެނާއި ނަރުދަމާ ވެސް ބޭނުން ވެއެވެ .

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ބޭނުންވާ ކަންކަމެވެ. ކުޑައެއް ބޮޑެއް ނެތެވެ. ތަންކޮޅެއް އާބާދީ ބޮޑު ނަމަ މިއަށް ވުރެ ވެސް ގިނަ ކަންކަން ހިމެނެއެވެ. މަގުގައި ފެން ހެދޭތީ މަގުތަކުގައި ތާރު އަޅަން ބޭނުން ވެއެވެ. ފުޓުބޯޅަ ކުޅެން ދަނޑުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމާއި ސިއްހީ މަރުކަޒުގެ ބަދަލުގައި ބޮޑު ހޮސްޕިޓަލަކާއި 10 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތަސް ސީދާ ރަށު ފަސްގަނޑާ ގުޅޭ ހިސާބުގައި އެއާޕޯޓެއް ހަދަން ވެސް ބޭނުން ވެއެވެ.

advertisement

މިއީ ދެމެހެއްޓޭނެ ތަރައްޤީއެއްތަ؟

މި ހުރިހާ ކަމަކީ ވެސް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ކަންކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި ދައުލަތުގެ ނަމުގައި ނަގާ ބޮޑެތި ދަރަނިތަކުން ހިންގަންޖެހޭ މަޝްރޫއުތަކެވެ. އަދި މިހާތަނަށް އެކަން ކުރަމުން އައީ ވެސް ބޮޑެތި ލޯނުތައް ނަގައިގެންނެވެ. މި ކަންކަމަކީ ރައްޔިތުންގެ ތާއީދު ހޯދުމަށް ސަރުކާރުތަކަށް ވެސް ކުރަން މަޖުބޫރުވެފައި އޮތް ކަމެކެވެ. ރަށުގެ އާބާދީ ކުޑަ ނަމަވެސް އެކަންކަން ކޮށްދޭންޖެހެއެވެ. މިކަން ކަމުން ސީދާ ދައުލަތަށް ލިބޭނެ އާމްދަނީއެއް ނެތަސް މިއީ ކުރަންޖެހޭ ކަންކަމެވެ.

އާބާދީ މަދު ރަށްތަކުގެ މީހުން އާބާދީ ބޮޑު އަދި ވަސީލަތްތައް ގިނަ ރަށަކަށް ބަދަލުކުރެވެނީ މަދު ފަހަރަކުއެވެ. އެ ވެސް އެ ބަޔަކު އަމިއްލަ އަށް ބޭނުން ވެގެން ނޫނީ ގުދުރަތީ އެކި ސަބަބުތަކާ ހުރެ ރަށުގައި އުޅެވެން ނެތިގެންނެވެ. ތަރައްގީ އެއްފަސްކުރުމުގެ ނަމުގައި މިހާތަނަށް އާބާދީ އެއްފަސްކޮށްފައެއް ނުވެއެވެ. ތަރައްގީ އަށް ވިސްނައިގެން މިއިން ކަމެއް ކުރާކަށް ސަރުކާރުތަކުން ވެސް ނޫޅެއެވެ.

ފާއިތުވި ވެރިކަންތަކުގައި ތަރައްގީގެ އެތައް މަޝްރޫއުތަކެއް ހިންގާފައި އެބަހުއްޓެވެ. ގައުމަށް ލިބޭ އާމްދަނީ އަށް ބެލުމެއް ނެތިއެވެ. ބޭރުގެ ގައުމުތަކަށް ދަރާ ވިކިގެން ވިޔަސް މިކަންކަން އެބަ ކުރެއެވެ. މިއަދު ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިވާއިރު މި މަޝްރޫއުތަކާ މެދު ދެ ވަނަ ވިސްނުމަކުން ވިސްނާލަންޖެހެއެވެ. މިހެން މިވީ ކީއްވެ ހެއްޔެވެ؟

ތަރައްގީއާ މެދު ފުންކޮށް ވިސްނާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ނޭނގި ތިއްބާ ކުރިމަތިވި ކަމެއް ނޫނެވެ. މިއީ އެތަށް ވެރިކަމެއްގައި ދައުލަތުގެ ސިޔާސަތުގެ ނާގާބިލްކަމުގެ ނަތީޖާއެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ލިބޭ މިންވަރަށް ވުރެ އިތުރަށް ހޭދަކުރުމުގެ ސަބަބުން ކުރިމަތިވި ހާލަތެކެވެ. އަދި ހާއްސަކޮށް އާމްދަނީއެއް ލިބެން ނެތް މާއްދީ އަދި އުމްރާނީ ތަރައްގީގެ ސަބަބުން ކުރިމަތިވި ކަންކަމެވެ.

އާމްދަނީ އިތުރުކުރުމަށް އިންވެސްޓް ނުކުރެވޭ

ރަނގަޅެވެ. އުމްރާނީ އަދި މާއްދީ ތަރައްގީ ވެސް ބޭނުން ވެއެވެ. އެހެން ނަމަވެސް އެއީ ލިބޭ އާމްދަނީ ވެސް އިތުރުކުރެވޭނެ މަޝްރޫއުތައް ވެސް ހިންގައިގެން ކުރަންޖެހޭ ކަމެކެވެ. ގައުމަށް ވަންނަ އާމްދަނީ އިތުރުކުރަން ސަރުކާރުތަކުން ހިންގީ ކޮން މަޝްރޫއުތަކެއް ހެއްޔެވެ؟ މާޒީ އަށް ބަލައިލުމުން ފެންނަން ހުރީ އަތުގެ އިނގިލިތަކުން ވެސް ގުނާލެވޭހާ މަދު ކަންކަމެވެ. ކުރެވިފައި އޮތް ކަމެއް ނަމަ ކުރެވިފައި އޮތީ ޓުއަރިޒަމް ދާއިރާގައެވެ. އެހެން ނަމަވެސް އެ ދާއިރާގައި ހުރި އިންވެސްޓްމަންޓްތަކަކީ ސަރުކާރާއި ނުވަތަ ސަރުކާރުތަކުން ނެގިހާ ލޯނުތަކާ ގުޅުން ހުރި އިންވެސްޓްމަންޓްތަކެއް ނޫނެވެ. އެއީ އަމިއްލަ ވިޔަފާރިވެރިން އެކި ގޮތްގޮތުން ކޮށްފައި ހުރި އިންވެސްޓްމަންޓްތަކެވެ.

މަސްވެރިކަން ތަރައްގީކުރުމަށް ކޮށްފައި ހުރީ ކޮން އިންވެސްޓްމަންޓެއް ހެއްޔެވެ؟ މުޅި ދާއިރާ ސަރުކާރުގެ އަންބޮޑީގައި ތާށިކޮށްފައި އޮތް އިރު ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑެވެ. ފެލިވަރު މަސްފެކްޓަރީ އަށް ތަރައްގީއެއް ނައިސް ބާވެ، މަރާމާތަށް ދާ ހަރަދު އިންތިހާ އަށް ބޮޑެވެ. ކެޕޭސިޓީއެއް އިތުރެއް ނުކުރެވުނެވެ. ދަރަނީގައި މިފްކޯ ހިންގަންޖެހި، ކިރާ މަސްކޮޅަށް ވެސް ލާރި ނުދެވެއެވެ.

ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަމުގެ ވާހަކަ ދައްކާތާ ގަރުނެއްވީއެވެ. އެކަމުން ހޯދިދާނެ މަންފާތަކުގެ ވާހަކަ ނުދައްކާ ވެރިކަމެއް ނެތެވެ. އެހެން ނަމަވެސް ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ވާހަކަ ދައްކަ ދައްކާ ތިއްބައި އަވަށްޓެރި އިންޑިއާ އާއި ލަންކާ އިން އެ ވިޔަފާރީގައި އެވަނީ ފައިގަދަކޮށްފައެވެ. މިހާރު ދެން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެއާއި ގުޅުން ހުރި ވިޔަފާރިތައް މި ސަރުކާރުން މިހާރު ފެށި ނަމަވެސް ކުރިން އަންދާޒާކުރި މަންފާތަކެއް ހޯދޭނެ ގޮތެއް ނެތެވެ. އެ ވަގުތު ފާއިތުވެއްޖެއެވެ.

ވައިގެ ދަތުރު ފަތުރާއި ޝިޕިންގެ ދާއިރާއިން ވެސް ރާއްޖެއަށް މަންފާތައް ލިބެމުން ދިޔައެވެ. ނަމަވެސް ކޮރަޕްޝަނާއި އިހްމާލުތަކުގައި އެ ދެ އިންޑަސްޓްރީ ވެސް ނެތި ދިޔައީއެވެ. އޭގެ ފަހުން އަލުން އެކަން ފެށި ނަމަވެސް ކުރިން ލިބެމުން އައި ފައިދާތަކެއް މިހާރަކު ނުލިބެއެވެ. ގައުމީ އެއާ ލައިން ހިންގަނީ ދަރަނީގައެވެ. ޝިޕިން އޮތީ ޅަފަތުގައެވެ. ރައްޔިތުންގެ ހިތްރުއްސަން ހިންގަންޖެހޭ މަޝްރޫއުތަކަށް ހަރަދު ކޮށްފައި މި އިންޑަސްޓްރީތަކަށް ހޭދަކުރާނެ ފައިސާއެއް ދައުލަތަކު ނުހުރެއެވެ.

ދައުލަތަށް އާމްދަނީ އިތުރުވާނެ މަގުތައް ތަނަވަސްނުކޮށް ހިންގާ އުމްރާނީ ތަރައްގީގެ މާ ބޮޑު ބޭނުމެއް ނެތެވެ. ބްރިޖްތަކާއި އުސް އިމާރާތްތަކުން ދައުލަތަށް ލިބޭނެ އާމްދަނީއެއް ނެތެވެ. ރަށުގެ ބަނދަރުން ދިރިއުޅުމުގެ ހާލަތު ބަދަލެއް ނުވެއެވެ. މަގުގައި ތާރު އަޅައިގެން ރަށަށް އިތުރަށް ވަންނާނެ އާމްދަނީއެއް ނެތެވެ. ބިޔަ ބޮޑު ސްކޫލެއް އަޅައިގެން އެ ތަނުގައި ކިޔަވާނެ ދަރިވަރުންނެއް ނުތިބެއެވެ. ކިތަންމެ ބޮޑެތި މަޝްރޫއުތަކެއް ހިންގިޔަސް ވަޒީފާ އިތުރުވާނެ މަޝްރޫއުތަކެއް ނުހިންގޭތީ ރަށުގައި އާބާދީ ހަރުލާ ގޮތެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް ރަށްތައް ދަނީ ފަޅުވަމުންނެވެ. އެހެން ނަމަވެސް އެކަންކަން ވެސް ކުރަންވީއެވެ.

ދެމެހެއްޓެނިވި ތަރައްގީއެއް ބޭނުންނަމަ އާމްދަނީ ލިބޭނެ މަގުތައް ވެސް ތަނަވަސްކުރަންޖެހެއެވެ. އިގްތިސާދަށް ފައިސާ ވަންނަ އިންވެސްޓްމަންޓްތައް އިތުރު ކުރަންޖެހެއެވެ. އާމްދަނީ ލިބޭނެ ކަންކަމަށް އިންވެސްޓްކުރާ މިންވަރު އިތުރުކޮށްގެން ނޫނީ ތަރައްގީ ދެމެހެއްޓޭނެ ގޮތެއް ނޯންނާނެއެވެ. އުފެއްދުންތެރިކަން އިތުރުކޮށްގެން ނޫނީ ގައުމަށް ފާގަތި ދުވަސްތަކެއް ނުލިބޭނެއެވެ. ނޫނީ އަބަދުވެސް އުޅެން ޖެހޭނީ ބަޔަކަށް ސަލާންޖަހައިގެން، ލޯނު ނަގައިގެން ދަރަނި ނުދެއްކިގެން ގައުމުގެ މިނިވަންކަން ގެއްލޭ ހިއްސާބުގައެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0