އަމިއްލަ ހިޔާލު: ބެލެނިވެރިންނާއި ޓީޗަރުން ވެސް ޓިކްޓޮކްގައި!
30 އޮކްޓޯބަރ 2024 - 11:26
ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ދަށްވާ ކަމުގެ ޝަކުވާތައް އަބަދު ވެސް އޮވެއެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް ޕްރީ ސްކޫލުން ފެށިގެން ސެކަންޑަރީ ނިމުމާ ހަމައަށް ދާއިރު ވެސް ދަރިވަރުންނަށް އެއްޗެއް ނޭނގޭ ކަމުގެ ޝަކުވާތައް ބޮޑެވެ. ކިޔެވުން ދަށްވުން އެކަންޏެއް ނޫނެވެ. އަހްލާގީ މައްސަލަތައް ވެސް އެހާ ބޮޑެވެ. ސްކޫލްތަކުން ދަރުވަރުންނަށް އެކަށީގެންވާ ތައުލީމު ނުލިބެނީ ހެއްޔެވެ؟ ނުވަތަ ދަރިވަރުންނަށް އެކަށީގެންވާ ތަރުބިއްޔަތު ގޭތެރެއިން ވެސް ނުލިބެނީ ހެއްޔެވެ؟
ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް ދޭ ވަގުތު ވަނީ އިތުރުވެފައި
ޒަމާނީ ވަސީލަތްތަކާ އެކު ކިޔެވުމުގެ ފެންވަރު ރަނގަޅުވާންޖެހޭ ޒަމާނެއްގައި އެ ތަކެތީގެ ސަބަބުން ކުދިންގެ ކިޔުވުން ހަލާކުވަމުން ދާކަމީ ފެންނަން އޮތް ހަގީގަތެވެ. ފޯންތަކާއި ޓީވީ އަދި ޓެބްލެޓް ފަދަ ގެޖެޓްތަކުގެ ސްކްރީންތަކުގެ ތެރެއަށް ދަރިވަރުން އަބަދު ތިބެނީ ގެއްލިފައެވެ. ހަމައެކަނި ދަރިވަރުންނެއް ނޫނެވެ. އެ ކުދިންނަށް އެކަން މަނާކުރަން ތިބި ބެލެނިވެރިންގެ ހާލަކީ ވެސް މިއީއެވެ.
ގިނަ ބެލެނިވެރިން ހުރިހާ ވަގުތެއްގެ ވެސް ބައިވެރިއަކަށް މިއަދު ވެފައި ވަނީ ފޯނެވެ. ކައްކާ އިރު ވެސް ފޯނުގެ ސްކްރީނެވެ. ދަރިވަރަށް ފިލާވަޅު ބުނެދޭ އިރު ވެސް އެއް އަތުގައި ފޯނެވެ. ކާންދޭ އިރު އަދި ކާން އަރާ އިރު ވެސް ފޯނެވެ. އާއިލާއާ އެކު ހޭދަކުރާ ވަގުތުތަކުގައި ވެސް ދަރިންނާއި ބެލެނިވެރިން ވެސް ތިބެނީ ފޯނުގައެވެ. ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް ދޭ ވަގުތު ވަނީ އިތުރުވެފައެވެ.
ފޯނުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އޭގެ ތެރޭގައި ރަނގަޅު ބަދަލާއި ގޯސް ބަދަލުތައް ހިމެނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވުމުގެ ނަތީޖާއަކަށް ވެފައި ވަނީ ހުސްވަގުތުތަކުގައި ވެސް މީގެ ކުރިން ކުރަމުން އައި ކަންކަމުގެ ބަދަލުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ދެވޭ އަހައްމިއްޔަތުކަން ބޮޑުވުމެވެ. ހަމައެކަނި ހުސްވަގުތުތަކެއް ނޫނެވެ. މަސައްކަތުގެ މާހައުލުގައި ވެސް މިކަންކަން މިހާރު ވަނީ އާދައަކަށް ވެފައެވެ. މީގެ އަސަރު މުޅި މުޖުތަމައު އަށް އެބަ ކުރެއެވެ.
ބައެއް “އާންޓީން” ޓިކްޓޮކް ބަލާ މައްސަލަ ފެންމަތިވެފައި
ބެލެނިވެރިން އެކަންޏެއް ނޫނެވެ. ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތުތަކުގައި ބައެއް ޓީޗަރުންގެ ފަރާތުން ވެސް މިކަންކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތަކުގައި ކްލާސްރޫމްގައި ބައެއް “އާންޓީން” ޓިކްޓޮކް ބަލާ މައްސަލަ ފެންމަތިވެފައި ވެއެވެ. ކުދިންނަށް ދޭންޖެހޭ ސަމާލުކަން ނުދޭ މައްސަލަ ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. ހަމައެކަނި ޓިކްޓޮކް ބެލުމެއް ނޫނެވެ. ސޯޝަލް މީޑިއާގައި ފެތުރޭ ތަފާތު ވާހަކަތަކުގައި ސާމިލްވުން ވަނީ އިތުރުވެފައެވެ. ކުދިންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ފެތުރޭ ތަފާތު ޒާތީ ވާހަކަތައް ދެއްކުމުގައި ޓީޗަރުން ވަގުތު ހޭދަކުރެއެވެ.
ޕްރީ ސްކޫލްތަކުގެ ތެރެއިން މާލޭގައި އެންމެ މަޝްހޫރު އެއް ސްކޫލެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދިނުމުގައެވެ. އެ ސްކޫލްގެ ޓީޗަރަކު ބުނީ އޭނާއާ އެކު ކްލާހުގައި އެހީތެރިއެއްގެ ގޮތުގައި ހުންނަ އަނެއް ޓީޗަރުގެ ކަމަކީ ކްލާހުގައި ޓިކްޓޮކް ބެލުން ކަމަށެވެ.
“ކުދިންނާ އަޅާނުލައި އެބަ އިނދޭ ޓިކްޓިކް ބަލަން. ބުނެފާނެ ސަމާ ލައިވް ފެށިއްޖެއޭ. ނޫނީ ދިރިއުޅުމުގެ ކޮންމެ ވެސް ޒާތީ ކަމެއްގެ ވާހަކަ. ބައެއް އާންޓީން އެބަ އާދޭ އެއް ކްލާހުން އަނެއް ކްލާހަށް މި ކަހަލަ ވާހަކަ ދައްކާލަން. ކުޑަ ކުދިންތަކެއްވީމާ ދެން އެއްޗެއް ބުނާނެ މީހަކު ވެސް ނުހުރޭ. ކްލާސް ތެރެއަށް ކުދިން ދޫކޮށްލާފައި ނުވަތަ ދެން ހުންނަ ޓީޗަރުގެ ބޮލަށް ކުދިން ޖަހާފައި މި އިންނަނީ ޓިކްޓޮކް ބަލަން. ބައެއް ކްލާސްތަކުގައި ދެ ޓީޗަރުން ޑިއުޓީ ބަހާލައިގެން ވެސް އެބަ ޓިކްޓޮކް ބަލާ،” އެ ސްކޫލްގައި ކިޔަވައިދޭ ޓީޗޗަރަކު ބުންޏެވެ.
އޭނާ ބުނީ ކުދިންނަށް ކިޔަވައިދޭ ވަގުތުތަކުގައި ފޯނު ބޭނުންނުކުރަން މޭނޭޖްމަންޓުން އަނގާފައި އޮތް ނަމަވެސް އެކަން އެ ގޮތަށް ނުހިނގާ ކަމަށެވެ. އަދި އެކަން މެނޭޖްމަންޓަށް އެނގުނު ނަމަވެސް ފިޔަވަޅު ނާޅާ ކަމަށް ވެސް އޭނާ ބުންޏެވެ.
“ހާއްސަކޮށް ޔަންގް ޓީޗަރުންގެ މިކަންތައް ބޮޑުކަން ފާހަގަކުރެވޭ. ކުދިންނަށް ސަމާލުކަން ނުދީ ފޯނަށް ގެއްލިފައި އެބަ ތިބޭ. އެނގެންވާނެ މިއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ކަން. އެންމެ ޓީޗަރަކަށް ކުދިން ނުބެލެހެއްޓޭނެކަން. އެހެނަސް ކުރިއާ އަޅާބަލާއިރު މިހާރު ކަންކަން ބަދަލުވެއްޖެ. ފޯނު މާ މުހިއްމު ކުދިންނަށް ވުރެ،” އޭނާ ބުންޏެވެ.
ކިޔަވައިދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އެ ޓީޗަރު ބުނީ ކުދިން ސްކޫލަށް ގެންނަނީ ވަކި ވަގުތަކަށް ނަމަވަސް ބައެއް ދަރިވަރުން ގަޑި ނުޖެހެނީސް ފޮނުވާލާ ކަމަށެވެ. އެ ގޮތަށް ކަންކަންކުރަނީ ކްލާހުގައި ޓީޗަރަށް މާބުރަވާތީ ކަމަށް ބުނި ކަމުގައި ވިޔަސް ހަގީގަތުގައި އެކަން އެ ގޮތަށް ކުރަނީ “ފޯނާކުޅެން” ކަމަށް އޭނާ ތުހުމަތު ކުރިއެވެ.
“ވަކި ވަގުތަކަށް ކުދިން ސްކޫލަށް މި ގެންނަނީ. އެކަމަކު ކުދިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވި، ދެން އެ ކުދިން ބޮޑާހާކަނީއޭ މި ވެނި ކަމެއް ވަނިއްޔޭ ކިޔާފައި ގަޑި ނުޖެހެނީސް ބެލެނިވެރިންނަށް ގުޅައިގެން ގެނެސް ކުދިން އެބަ ފޮނުވާލާ. ބެލެނިވެރިން ވެސް ކުދިން މި ގެންނަނީ ވަކި ވަގުތެއްގައި އެ ކުދިން ކްލާހުގައި ބައިތިއްބާނެ ކަމަށް ބަލައިގެން. އެ މީހުން ގެއަށް ނުދެވި އުޅެނިކޮށް ގުޅައިގެން އެބަ ގެނުވާ ދަރިވަރުބަލާ،” ކުރިން ވާހަކަ ދެއްކި ޓީޗަރު ބުންޏެވެ.
ދަރިވަރުންގެ އަހްލާގަށް އަންނަ ބަދަލު ގުޅިފައި ވަނީ ހަމައެކަނި ގޭތެރެއިން ލިބޭ ތަރުބިއްޔަތުގެ މައްޗަށް އެކަންޏެއް ނޫން
ޕްރީ ސްކޫލްތައް އެކަންޏެއް ނޫނެވެ. މިއީ ޕްރައިމަރީން ފެށިގެން ސެކަންޑަރީ ސްކޫލްތަކުގައި ވެސް މަދުން ނަމަވެސް ކަން ހިނގާ ގޮތެވެ. ބައެއް ޓީޗަރުން ކްލާހުގައި ފޯނަށް ގެއްލިފައި ތިބޭކުގެ ޝަކުވާ ކުދިން ގެއަށް އައިސް ބެލެނިވެރިންނާ ހިއްސާކޮށްފައި އެބަ ހުއްޓެވެ.
“ޓީޗަރުން އިންނަނީ ސަމް ދީފައި ފޯނު ބަލަން. ދެން ކުދިން ކޮންމެ ކަމެއް ކުރިޔަސް ޓީޗަރަކަށް ނޭނގޭ ވާނުވާއެއް،” ގްރޭޑް ހަތެއްގައި އުޅޭ ދަރިވަރަކު ބުންޏެވެ.
ދަރިވަރުންނަށް ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަކީ އެޑިއުކޭޝަނުން ބާރު އަޅާ ކަމެކެވެ. އެހެން ނަމަވެސް އެ ދަރިވަރުންނަށް ދޭންޖެހޭ ސަމާލުކަން ނުދީ ކިޔަވައިދޭ ގަޑީގައި ފޯނު ބޭނުންކުރުމަކީ އެޑިއުކޭޝަނުން މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި އެކަން އެ ގޮތަށް ނުކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުން ބައެއް ޓީޗަރުންނަށް އަންގައި ނަސޭހަތްތެރިވެފައި ވެސް އެބަ ހުއްޓެވެ.
ދަރިވަރުންގެ އަހްލާގަށް އަންނަ ބަދަލު ގުޅިފައި ވަނީ ހަމައެކަނި ގޭތެރެއިން ލިބޭ ތަރުބިއްޔަތުގެ މައްޗަށް އެކަންޏެއް ނޫނެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލަކީ ވެސް މިއާ ގުޅީފައި ހުރި ކަންކަމެވެ. ފޯނުތަކާއި އެ ނޫން ވެސް ސްރީންތަކަށް ދޭ ވަގުތު އިތުރުވުމަކީ މީގެ މައިގަނޑު ސަބަބެވެ. ހަމައެކަނި ދަރިވަރުންނެއް ނޫނެވެ. ބެލެނިވެރިންނާއި ޓީޗަރުން ވެސް މިއަދު ވަނީ މި ސްކްރީންތަކުގެ “އަޅުންނަށް” ވެފައެވެ.