ކްރިޕްޓޯ އަށް ނޫނެކޭ ބުނެގެން ތިބެވިދާނެތަ؟

2 ނޮވެމްބަރ 2024 - 15:05

ކްރިޕްޓޯ ކަރަންސީ ނުވަތަ ވާޗުއަލް ކަރަންސީ އަށް އޮތް ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ. އެހެން ނަމަވެސް މިއީ މަރުކަޒީ ބޭންކެއްގެ ކޮންޓްރޯލް ނެތް އަދި އެއްވެސް ސަރަހައްދީ އިމެއް ވެސް ކަނޑައެޅިފައި ނުވާ ފައިސާއަކަށް ވުމުން ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. ނަމަވެސް ސުވާލަކީ ޒަމާނަށް އަންނަމުންދާ ބަދަލާއި ކްރިޕްޓޯގެ މަގުބޫލުކަމަށް ލޯމަރާލައިގެން ތިބެވިދާނެ ހެއްޔެވެ؟

ރާއްޖޭގެ މަރުކަޒީ ބޭންކުން ކްރިޕްޓޯ ބަލައެއް ނުގަނޭ!

ރާއްޖޭގައި ކްރިޕްޓޯއަކީ ލީގަލް ޓެންޑައެއް ނޫން ކަމާއި އެ ފައިސާ އިން އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 2018 ވަނަ އަހަރު އިއުލާނުކޮށްފައި ވެއެވެ. އެމްއެމްއޭ އިން އިންޒާރު ދީފައިވީ ނަމަވެސް ކްރިޕްޓޯ އިން ފައިސާ ބަލައިގަންނަކަން ރާއްޖޭގެ ދެ ރިސޯޓަކުން އިއުލާނުކޮށްފައި ވެއެވެ. އަދި އިއުލާނު ނުކުރި ނަމަވެސް ބައެއް އެހެން ވިޔަފާރިތަކުގައި ވެސް ކްރިޕްޓޯ ފައިސާ ބޭނުން އެބަ ކުރެއެވެ. ޒުވާން އުމުރުފުރައިގެ މީހުންގެ މެދުގައި ކްރިޕްޓޯ އާށް އޮންނަ ޝައުގުވެރިކަން ވެސް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ފަހަކަށް އައި ޓެލެގްރާމް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ކްރިޕްޓޯ ކުންފުނިތަކުން އެއާޑްރޮޕްސްތައް ނުވަތަ ހެމްސްޓާ ކޮމްބެޓް ފަދަ ހިލޭ ކޮއިން ބަހާ ގޭމްތައް ކުޅޭ ޒުވާނުން ވެސް ވަރަށް ގިނައެވެ. ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އެލަން މަސްކްގެ “އެކްސް” އައި ބައިނޭންސް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ވެސް އެ ވިޔަފާރީގެ ތެރެއަށް ވަނީ ވަދެފައެވެ.

advertisement

މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ކާޑްތައް ބޭނުންކޮށްގެން ކްރިޕްޓޯގެ ވިޔަފާރި ވެސް ކުރެވުނެވެ. ނަމަވެސް އެމްއެމްއޭގެ އިންޒާރާއި އެ ނޫން ވެސް ތަފާތު ސަބަބުތަކާ ގުޅިގެން ކްރިޕްޓޯ ވިޔަފާރީގައި ކާޑްތައް ބޭނުން ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ވަނީ ހަދާފައެވެ. އެހެން ނަމަވެސް ޑިޖިޓަލް ވޮލެޓްތައް އިތުވެ މަގުބޫލުކަން ބޮޑުވަމުންދާ އިރު ބޭންކްތަކަށް ވެސް މި ކަމާ ދެކޮޅު ހަދައިގެން ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ވިސާ ފަދަ ކުންފުނިތަކުގެ ހިމާޔަތް ލިބި ކްރިޕްޓޯ ކުންފުނިތަކުން އެ ފައިސާ ލިސްޓްކޮށް އެ ފައިސާގެ މުއާމަލާތްކުރާނެ ކާޑްތައް ވެސް އަންނަނީ ތައާރަފްކުރަމުންނެވެ. މި ފަދަ ބައެއް ކާޑްތައް ރާއްޖޭގައި ޕީއޯއެސްތަކަކާއި ބޭންކްތަކުގެ އޭޓީއެމްތަކުގައި ބޭނުން އެބަ ކުރެވެއެވެ.

ކްރިޕްޓޯ ޤަބޫލުކުރަން މަޖުބޫރުވާނެ!

ބިޓްކޮއިންއާ އެކު ކްރިޕްޓޯގެ މުޅިން އާ ޖީލެއް އުފަންވުމާ އެކު އެންމެ ފުރަތަމަ ގައުމުތަކުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. އަދި އެކަމުގައި ހުރި ކަންބޮޑުވުންތައް އަދިވެސް ކުޑައެއް ނޫނެވެ. އެހެން ނަމަވެސް ކްރިޕްޓޯ އަށް ގާނޫނީ ބާރު ދޭ ގައުމުތަކުގެ ލިސްޓް މަޑުމަޑުން އަންނަނީ ދިގުވަމުންނެވެ. މިހާތަނަށް ގާނޫނީ ބާރު ދީފައި ވަނީ ހަތް ގައުމަކުންނެވެ. އެއީ އެމެރިކާ އާއި ސިންގަޕޫރު، ޖަރުމަނީ، ޔޫއޭއީ، ވެނަޒުއޭލާ، އަދި ނައިޖީރިއާ އެވެ. ޗައިނާ އިން ކްރިޕްޓޯއާ ދެކޮޅު ސިޔާސަތެއް ގެންގުޅުނު ނަމަވެސް ޗައިނާގެ ބާރުގެ ދަށުގައި އޮތް ހޮން ކޮންގް އިން ވަނީ ކްރިޕްޓޯ އަށް ގާނޫނީ ބާރުވެރިކަން ދީފައެވެ. އިންޑިއާ ފަދަ ބައެއް ބޮޑެތި ގައުމުތަކުން ވެސް ޑިޖިޓަލް ފައިސާއާ ބެހޭ ގަނޫނޫތައް އަންނަނީ ހަރުދަނާ ކުރަމުންނެވެ. އެ ގޮތުން އެ ގައުމުގެ މަރުކަޒީ ބޭންކްގެ ޑިޖިޓަލް ކަރަންސީތަކަށް 2012 ވަނަ އަހަރު ހުއްދަ ދީ ޓެކްސް ނަގާނެ ގޮތްތައް ގާނޫނޫތަކުގައި ހިމަނާފައި ވެއެވެ. އަމިއްލަ ކުންފުނިތަކުގެ ކްރިޕްޓޯ ފައިސާ އަށް މިހާތަނަށް ހުއްދަ ދީފައި ނުވި ނަމަވެސް ބައިނޭންސް ފަދަ ޑިޖިޓަލް ވޮލެޓްތައް ބޭނުންކުރެވޭތީ ކްރިޕްޓޯ އިން މުއާމަލާތްކުރުމަށް ވެސް ހުރަސްތަކެއް ނެތެވެ. އަދި ރުޕޭ އާއި ޕޭޓީއެމް ފަދަ ޑިޖިޓަލް ޕޭމަންޓް ގޭޓްވޭތަކާ އެކު ޑިޖިޓަލް ކަރަންސީގެ މަގުބޫލުކަން އިންޑިއާގައި ވެސް ވަނީ އިންތިހާ އަށް ބޮޑުވެފައެވެ.

ރާއްޖޭގެ ކްރިޕްޓޯ އިން ވިޔަފާރިކުރުން މި ވަގުތަށް މަނާކޮށްފައި އޮތް ނަމަވެސް މުސްތަގުބަލުގައި އެއީ ލީގަލް ޓެންޑާއަކަށް ހަދަން މަޖުބޫރުވާނެ ކަމަށް ލަފާކުރެވެއެވެ. ހާއްސަކޮށް ޓުއަރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން ފައިސާގެ މުއާމަލާތްތަކުގައި ކްރިޕްޓޯގެ މަގުބޫލުކަން އިތުރުވާ ނަމަ އެއީ ފައިސާއެއްގެ ގޮތުގައި ބަލައިނުގަނެ ތިބުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ޕޭޕަލް ފަދަ ގޭޓްވޭތައް ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާ އިރު އެ ގޭޓްވޭތަކުން ކްރިޕްޓޯގެ މުއާމަލާތްތައް ކުރުމުގެ މަގު މަގުވަނީ ހުޅުވާލާފައެވެ. އެހެން ކަމުން އެކަމަށް ރާއްޖެއިން ވެސް ތައްޔާރު ވާންޖެހެއެވެ. ގާނޫނުތައް ހަދައި ދިރާސާތައް ކުރަންޖެހެއެވެ.

ކްރިޕްޓޯ ކަރަންސީ ބޭނުންކުރުމުގެ ނިޒާމްތައް ދިރާސާކުރާ ކަމަށް މީގެ ކުރިން އެމްއެމްއޭ އިން ހާމަކޮށްފައި ވެސް ވެއެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވި މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފިނޭންސް އިންޑަސްޓްރީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭރުގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވެފައި ވަނީ މުސްތަގުބަލުގައި ފައިސާގެ މުއާމަލާތްތަކުގައި ކްރިޕްޓޯގެ މުހިންމުކަން ވެސް ބޮޑުވާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި އެކަން ކުރުމުގެ ކުރިން މާލީ ޓެކްނޮލޮޖީ ރެގިއުލޭޓްކުރާނެ ހަރުދަނާ އުސޫލްތަކެއް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނީ ނިޒާމު ކްރިޕްޓޯ އާއި އަރާ ހަމަކުރަންޖެހޭ

ކްރިޕްޓޯ ފައިސާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ އެއީ އެއްވެސް މަރުކަޒީ ބޭންކެއްގެ ތެރެއިން ނުކުންނަ ފައިސާއަކަށް ނުވުމާއި އެއްވެސް ބައެއްގެ ކޮންޓްރޯލް ނުވަތަ މިލްކުވެރިކަން އޭގެ މައްޗަށް ނެތުމެވެ. އަދި އެއްވެސް ސަރަހައްދީ ރޮނގެއް ނުވަތަ އިމެއް ކަނޑައެޅިފައި ނުވުމެވެ. އެހެން ކަމުން ގާނޫނާ ހިލާފު ކަންކަމުގައި ކްރިޕްޓޯ ބޭނުންކުރާ މިންވަރު ވެސް ވަކި ކުޑައެއް ނޫނެވެ. އެ ގޮތުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން 2022 ވަނަ އަހަރު އެކަނި ވެސް ޣައިރު ގާނޫނީ ކަންކަމަށް ހޭދަކޮށްފައިވާ ކްރިޕްޓޯގެ އަގު 20 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރޭގައި ޓެރަރިޒަމަށް ފަންޑްކުރުމާއި މަނީ ލޯންޑަރިން ފަދަ ކުށްތަކަށް ހޭދަކުރުން ހިމެނެއެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޮންމެ އާ ކަމަކާ އެކު ގޮންޖެހުންތަކެއް ހުންނާނެއެވެ. އަދި ޓެރަރިޒަމް ފަދަ ޣައިރު ގާނޫނީ ކަންކަމަށް ބޭނުންކުރަނީ ހަމައެކަނި ކްރިޕްޓޯ ފައިސާ ނޫން ކަމަށާއި އެފަދަ ކަންކަމަށް އެތައް ބިލިއަން ޑޮލަރެއް މީގެ ކުރިން ވެސް ބޭނުންކުރަމުން ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ޑޮލަރަށް ނޫނެކޭ ބުގެން ތިބުން ނޫން ކަމަށާއި އޮތް މަގަކީ ޑިޖިޓަލް ކަރަންސީއާ ގުޅޭ ގާނޫނުތައް ވަރުގަދަކޮށް، ތަންފީޒީ އިދާރާތަކުން ސަމާލުކަން ދޭ މިންވަރު އިތުރުކުރުން ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

ކްރިޕްޓޯ ކަރަންސީ އަށް ނޫނެކޭ ބުނެގެން ނުތިބެވޭނެކަން އެމްއެމްއޭ އާއި ބޭންކްތަކަށް ވެސް އެނގެއެވެ. ރުޕޭ ފަދަ ބޭރުގެ ޑިޖިޓަލް ވޮލެޓްތަކަށް ރާއްޖޭގައި ވެސް މިހާރު އެ ވަނީ ހުއްދަ ދޭން ފަށާފައެވެ. ޕޭޕަލްގެ ހިދުމަތް ހޯދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ކްރިޕްޓޯ އަށް ހުއްދަ ދިނުމުގެ ކުރިން ނުވަތަ މަގުތައް ހުޅުވާލުމުގެ ކުރިން ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއަށް “ކްރިޕްޓޯ” ލަފްޒު ވައްދަން ޖެހެއެވެ. އެ ފައިސާ ބޭނުންކުރާނެ ގޮތާއި ޓެކްސްގެ ނިޒާމުގެ ތެރެއަށް އެ ފައިސާގެ މުއާމަލާތްތައް ވެއްދޭނެ މަގުތައް ކޮށަންޖެހެއެވެ. ޑިޖިޓަލް ކަރަންސީގެ އޮނިގަނޑު ވަރުގަދަ ކުރަންޖެހެއެވެ.

ރިއެކްޝަންސް
0
1
0
1
1
0
0