މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތައް 1.79 ބިލިއަން ރުފިޔާގެ އާމްދަނީއެއް

13 ފެބުރުއަރީ 2021 - 15:44

މިދިޔަ ޖެނުއަރީ މަހު ދައުލަތައް އާމްދަނީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބިފައިވާކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
މީރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު މީ އެ އިދާރާއިން ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 76.8 އިންސައްތަ އިތުރު އަދަދެކެވެ. އަންދާޒާކުރި ވަރަށްވުރެ އިތުރު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރި އަދަދަށްވުރެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުންކަމަށް މީރާއިން ވިދާޅުވެއެވެ. މިއާއެކު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެއަރޕޯޓް ޓެކްސްތަކާއި ފީތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މިރާއިން ވިދާޅުވެއެވެ. އަދި ރިސޯޓްތަކުގެ ވިޔަފާރިވެސް ރަނގަޅުވެ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް އަންދާޒާކުރި ވަރަށް ވުރެ އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ.

ޖަނަވަރީ މަހު މީރާއަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވި ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު 1.2 އިންސައްތަ ދަށް އަދަދެއްކަމަށް މީރާއިން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ ކޯވިޑާއި ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އަދިވެސް ހަމައަކަށް އެޅިފައިނުވާތީކަމަށް މިރާއިން ވިދާޅުވެއެވެ.
މީރާގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ އަދަދަކީ 46.01 މިލިއަން އެމެރިކާ ޑޮލަރެވެ.
ޖެނުއަރީމަހު ލިބުނު އާމްދަނީގެ 43.4 އިންސައްތައަކީ އާމްދަނީ ނަގާ ޓެކުހުވެ. އޭއީ 777.46 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 734.60 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 57.35 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާވަނީ ދައުލަތަށް ލިބިފައެވެ. އަދި އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ އަދަދަކީ 123.35 މިލިއަން ރުފިޔާއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0