ރިޕޯޓު: އިންތިހާބުތައް އެއްކޮށްލުން — އެތައް ގޮތަކުން ރަނގަޅު!

25 ނޮވެމްބަރ 2024 - 11:03

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިންތިހާބުތައް ގިނަވުމަކީ ވެސް ރަނގަޅު ކަމެކެވެ. ހާއްސަކޮށް ޑިމޮކްރަސީ ޕްރޮމޯޓްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ކަންކަމާ މެދު ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ގިނަގިނައިން ލިބުމަކީ ކަންކަން އިސްލާހުކުރުމަށް ލިބޭ ފުރުސަތެކެވެ. އެހެން ނަމަވެސް ތިން ލައްކައެއްހާ މީހުންގެ މި އާބާދީގައި މައި ތިން އިންތިހާބެއް ވަކިވަކިން ބޭއްވުމަކީ އިންތިހާއަށް ބޮޑު ހަރަދެކެވެ. ސުވާލަކީ މި އިންތިހާބުތައް އެއްކޮށްލައިގެން ލިބެން އޮތް ފައިދާއަކީ ނުވަތަ ގެއްލުމަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގައި ބާއްވާ މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮލުމަށް މި ރިޔާސީ ދައުރުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދެމެދުގައި އޮންނަނީ ދެތިން މަސް ކަމަށްވާ އިރު އެ ދެ އިންތިހާބު ވަކިވަކިން ބޭއްވުމުން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. ރިޔާސީ އިންތިހާބު އޯގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ބާއްވާ އިރު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަނީ މާޗް ނުވަތަ އޭޕްރީލްގައެވެ. 

advertisement

“ރައްޔިތުން ބޭނުންފުޅުވަންޏާ ދެންއަންނަ ރިޔާސީ އިންތިހާބަކާ އެކީގައި، ރައްޔިތުން އެ ގޮތަށް ފެންނަ ނުފެންނަ ވޯޓަކާ އެކީގައި ނިންމަވައިފިއްޔާ އޮންނާނެ ރައްޔިތުންގެ މަޖިލިސް އިންތިހާބު. އެހެންވީމާ އެކަމަށް ވެސް އަޅުގަނޑު ވޯޓަކަށް ރައްޔިތުން ގާތު އަހާނަން، މަޖިލިސް މެދުވެރިކޮށް،” ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި އެންމެ އެދެވޭ ގޮތަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުން ކަމަށާއި ވަކިން ބާއްވާތީ މިހާރު

 ވެސް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން މި ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ މީގެ ކުރިން ވެސް ރައީސް ވަނީ ދައްކަވާފައެވެ. އެ ގޮތުން ޖުލައި މަހު ޕީއެންސީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައި ވަނީ ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމުކަމުގައިވީ ނަމަވެސް އިންތިހާބުތައް ބާއްވަންވާނީ ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެހޭ ގޮތަކަށެވެ. ރައީސް އޭރު ވިދާޅުވެފައި ވަނީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ގާނޫނު އަސާސީ އަށް އެ އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ އިސްލާހު މަޖިލީހަށް ފޮނުއްވާފައެއް ނުވެއެވެ. ގާނޫނު އަސާސީ އަށް އެ އިސްލާހު ގެނައި ނަމަވެސް އެފަދަ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައި ކަމަށް ރައީސް ކުރިން ވެސް ވިދާޅުވެފައި ވެއެވެ.

“ދެ އިންތިހާބާ ދޭތެރޭގައި މި އިންނަނީ ދެތިން ހަތަރު މަސް ނޫންތޯ. އެތައް ހަރަދެއް އެބަ ހިނގާ، އިލެކްޝަންސް ކޮމިޝަނުން އެކަނި ވެސް އެތައް ސަތޭކަ މިލިއަނެއް އެބަ ހަރަދުކުރަންޖެހޭ. އޭގެ ބަދަލުގައި ރިޔާސީ އިންތިހާބާ އެކުގައި މަޖިލިސް އިންތިހާބު ބޭއްވުމަކީ އެޅުގަނޑު ދެކޭ ގޮތް، އެހެން ނަމަވެސް އަޅުގަނޑަކަށް ނުނިންމޭނެ. ރައްޔިތުން ގާތުގައި އަޅުގަނޑުމެން އަހަން ގަސްތުކުރަން،” ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ. 

ސިދާގޮތުގައި ކުރާ ހަރަދާއި ނުސީދާ ގޮތުގައި އިންތިހާބަށް ކުރާ ހަރަދު ކުޑަކުރުން

ހަގީގަތުގައި ވެސް މާލީ ގޮތުން ބަލާ ނަމަ ރިޔަސީ އިންތިހާބާއި މަޖިލިސް އިންތިހާބަށް ދައުލަތުން ވެސް އަދި ކެންޑިޑޭޓުން ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެއްކަމަކީ ދެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހަރަދެވެ. އަނެއް ހަރަދަކީ ތާއީދު ހޯދުމަށް އެ އިރަކު އޮންނަ ސަރުކާރަކުން ކުރާ ހޭދައެވެ. ނުސީދާ ގޮތުގައި ކުރާ މި ހޭދަ ވެސް އެތައް މިލިއަން ރުފިޔާއަކަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންތިހާބުތަކާ ދިމާކޮށް ތަފާތު އެކި މަޝްރޫއުތައް އިއުލާންކުރުމާއި އެކި ފަރާތްތަކަށް ވަޒީފާތައް ދިނުމާއި މިހެން ގޮސް އިންތިހާބުތަކާ ދިމާކޮށް ނުސީދާ ގޮތެއްގައި އެތައް ހަރަދެއް ސަރުކާރުތަކުން ކުރެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން އިންތިހާބަކަށް އެވްރެޖުކޮށް 120 މިލިއަން ރުފިޔާ ހޭދަވާއިރު ރިޔާސީ އިންތިހާބުގެ ދެ ބުރާއި، މަޖިލިސް އިންތިހާބު އެއްކޮށް 300 މިލިއަނެއްހާ ރުފިޔާ ހޭދަވެއެވެ. ދެ އިންތިހާބު އެއްކޮށް ބޭއްވުމުން މި ހަރަދު 45 ޕަސެންޓް ކުޑަކުރެވޭނެ ކަމަށް އީސީން މީގެ ކުރިން ބުނެފައި ވެއެވެ. 

މީގެ އިތުރުން ތާއީދު ހޯދުމަށް ކެންޑިޑޭޓުން ވެސް އެތައް ހޭދައެއް ކުރެއެވެ. ޕާޓީ ނިޒާމެއްގެ ތެރެއިން އިންތިހާބުތައް ބާއްވާ އިރު ޕާޓީތަކަށް ވެސް މިއީ ވަރަށް ބޮޑު ބުރައެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރާ ހޭދައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯދުމަށް ކުރާ ހޭދަ ވެސް އެތައް މިލިއަނަކުން ގުނާލެވެއެވެ. އެހެންކަމުން މި ދެ އިންތިހާބު އެކުއެކީގައި ބާއްވައިފި ނަމަ ދައުލަތުން ވެސް އަދި ޕާޓީތަކާއި ކެންޑިޑޭޓުންގެ އަތުން ކުރަންޖެހޭ ހޭދަ ވެސް ކުޑަވެގެންދާނެއެވެ. 

މި ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކައަކީ މީގެ ކުރިން ވެސް ސިޔާސީ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައެކެވެ. އަދި މަޖިލީހުގައި މި ބަހުސް ކޮށްފައި ވެސް ވެއެވެ. މީގެ ކުރިން މި ވާހަކަ އެންމެ ބޮޑަށް ދެކެވިފައި ވަނީ ވެރިކަމުގެ ނިޒާމާ މެދު ކުރެވޭ ބަހުސްގެ ތެރެއިންނެވެ. އެ ގޮތުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުން ދެ އިންތިހާބު ބޭއްވުމުގެ ބަދަލުގައި އެއް އިންތިހާބަކުން އެކަން ނިމޭނެއެވެ. އެހެން ނަމަވެސް ހަރަދު ކުޑަކުރުމުގެ ގޮތުން ދެ އިންތިހާބު އެއްކޮށްލުމަކީ ނިޒާމާ ގުޅުން ހުރި ކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރައްވަން ގަސްތުކުރައްވާ ގޮތެއް ރައީސް ވެސް އަދި ވެރިކަންކުރާ ޕާޓީއަކުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް ލޮބީކުރަމުން އަންނަ ކަމެކެވެ. އެ ކޮމިޝަނުން މީގެ ކުރިން ބޭއްވި ތަފާތު އެކި ބައްދަލުވުންތަކުގައި އެ ވާހަކަ ދައްކާފައި ވެއެވެ. މި އަހަރުގެ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވެސް ވިދާޅުވީ އެ ދެ އިންތިހާބު އެއްކޮށްލުމަށް މީގެ ކުރިން މަޖިލީހުގެ ކޮމިޓީތަކާއި ސަރުކާރުތަކުގައި ވެސް އެދިފައިވާނެ ކަމަށެވެ. 

ރިޔާސީ ނިޒާމްގެ ތެރެއިން ދެ އިންތިހާބު އެއްކޮށްލުން

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރިޔާސީ ނިޒާމެއްގެ ތެރެއިން ވެސް ދެ އިންތިހާބު އެއްކޮށްލެވިދާނެއެވެ. އެއީ ރިޔާސީ ރޭހާއި މަޖިލީހުގެ ރޭސް ވަކި ވަކިން ގެންދިއުމެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ބަރުލަމާނީ ނިޒާމްގެ ނަން ނުދިނަސް ހަގީގަތުގައި ދެ އިންތިހާބު އެއްކޮށްލައިގެން އެ ބަދަލުވެގެން ދަނީ ބަރުލަމާނީ ނިޒާމަކަށެވެ. 

“ބަރުލަމާނީ ނިޒާމުގައި މި އޮންނަނީ މަޖިލީހަށް ވާދަކުރުން. ދެން މެޖޯރިޓީ ލިބޭ ބައެއްގެ ތެރެއިން ބޮޑުވަޒީރަކު ނުވަތަ ސަރުކާރު ހިންގާނެ މީހަކު ކަނޑަ މިއަޅަނީ. އޭގެ ބަދަލުގައި ރިޔާސީ ނިޒާމެއްގެ ތެރެއިން ރައީސް ކަމަށް ވާދަކުރާ މީހަކަށް ކެމްޕެއިން ކުރެވިދާނެ އެ މީހަކު ތާއީދުކުރާ މަޖިލީހުގެ މެންބަރުންގެ ޓީމަކާ އެކު ވެސް. ނުވަތަ ހަމަ ވަކިން ވެސް ކުރެވިދާނެ. އެއް ދުވަހެއްގައި ދެ ކަރުދާސްކޮޅެއްގައި ފާހަގަ ޖަހަން ރައްޔިތުންނަށް ލިބިގެން މިދަނީ،” ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ. 

އިންތިހާބުތަކާ ބެހޭ ގޮތުން މީގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ބޭރުގެ ތަޖުރިބާކާރުން ބޭއްވި ތަފާތު އެކި ފޯރަމްތަކުގައި ވެސް އިންތިހާބުތައް އެއްކޮށްލުމާ މެދު ތަފާތު ހިޔާލުތައް ފާޅުކޮށްފައި ވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ދެ އިންތިހާބު ނުވަތަ އެއަށް ވުރެ ގިނަ އިންތިހާބުތައް ވެސް އެއްކޮށްލެވިއްޖެ ނަމަ ދައުލަތުން ކުރާ ހޭދަ ކުޑަވުމުގެ އިތުރުން އިންތިހާބުތަކުގައި ހިންގާ ކޮރަޕްޝަން ވެސް މަދުވެގެންދާނެއެވެ. 

“ރަސްމީކޮށް ބެލިފައި ނެތަސް ކޮންމެ އިންތިހަބަކާ ދިމާކޮށް ވެސް އެތައް މިލިއަން ރުފިޔާއެއް އެބަ ބަހާ. އެހެންވީމާ ދެ އިންތިހާބު އެއްކޮށްލީމާ އެ ގޮތުން ބަހާ ފައިސާ ވެސް މަދުވާނެ،” ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ. 

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ވެސް އެއްކޮށް ބޭއްވުމަކީ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކުރެވިދާނެ ކަމެކެވެ. މީގެ ކުރިން ވެސް އެ މަޝްވަރާތައް ކުރެވުނެވެ، ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބަކީ އޮޅުންބޮޑު އިންތިހާބަކަށްވާތީ އަނެއް ބޮޑު ދެ އިންތިހާބާ އެކުއެކީގައި ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑު ބުރަޔަކަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް އެއީ ނުވާވަރުގެ ކަމެއް ނޫނެވެ. ކުރަންޖެހޭހާ ވެސް ކަމަކީ އެކަމާ ގުޅުންހުރި ގާނޫނުތަކާއި އިންތިޒާމުތައް ބަދަލުކުރުމެވެ. 

އަނެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންނަށް ގޮތް ނިންމަން ލިބޭ ފުރުސަތުތައް މަދުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެކެވެ. މި ގޮތަށް ދެކޭ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ހިމެނެއެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކިން ބޭއްވުމަކީ ޑިމޮކްރެޓިކް ސިފައެކެވެ. ހާއްސަކޮށް ހަރަދު ބޮޑުވާތީ އެ ގޮތަށް ކަންކޮށްގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވެފައި ވެއެވެ. ދެ އިންތިހާބު އެއްކޮށްލުމުން ރިޔާސީ ނިޒާމްގެ ޗެކް އެންޑް ބެލެންސް ގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އެއްކޮލުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް ރާއްޖޭގައި ކަން ހިނގާ ގޮތަށް ބަލާއިރު ފެންނަނީ އެހެން މަންޒަރެކެވެ. ފަސް އަހަރުގެ ދައުރެއްގައި ގިނަ އިންތިހާބުތަކެއް އޮތުމަކުން ކަންކަން ރަނގަޅުވާ ތަނެއް ނުފެނެއެވެ. ޗެކް އެންޑް ބެލެންސް ނިޒާމު ވެސް ހަރުދަނާވާ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ދައުލަތުން ކުރަންޖެހޭ ހޭދަ ވަނީ ބޮޑެވެ. ކޮރަޕްޝަނަށް ބަހާ ފައިސާ ދަނީ ފަހަރަކަށް ވުރެ ފަހަރެއް އިތުރުވަމުންނެވެ. އެހެން ކަމުން ރައީސް ވިދާޅުވި ގޮތަށް ރައްޔިތުން ބޭނުން ނަމަ ހުރިހާ އިންތިހާބެއް ވެސް އެކުއެކީގައި ބާއްވަން ވޯޓަކަށް ނާހަންވީ ސަބަބެއް ނެތެވެ. އެހެން އެއްވެސް ފައިދާއެއް ނުލިބުނަސް ހަމަ ގައިމު ވެސް ދައުލަތުން އެ އިންތިހާބުތަކަށް މިހާރު ކުރާ ހޭދަ ކުޑަވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0