ރިޕޯޓް: ކުރީގެ ރައީސް އަމީނަށް ހެދީ ރަނގަޅަށްތަ!؟
11 ޑިސެމްބަރ 2024 - 17:59
ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދިވެހި ގައުމިއްޔަތުގެ ތަސައްވުރުގެ ބާނީ މުހައްމަދު އަމީން އަކީ ދިވެހިރާއްޖެ މިދެކޭ ޒަމާނީ ބަދަލުތަކުގެ ލީޑަރެވެ. ރައީސް އަމީންގެ ވެރިކަން ނިމުމަކަށް ގެނައީ އޯގަސްޓް 30، 1953 ގައި އެ މަނިކުފާނު ސްރީ ލަންކާއިން އެނބުރި ވަޑައިގަތުމާ އެކު އޭރު ސިޔާސީ ކަންކަމުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ލަފަޔާއެކު، މާލޭގެ މާހައުލު ރައްކާތެރި ނޫންކަމަށް ލަފާދެއްވައި، އަމީން މާލެ އަރައިވަޑައިގަތަނުދީ ދޫނިދޫގައި ބަންދުކޮށްގެންނެވެ.
އޭގެ ހަތަރު މަސް ފަހުން އަމީން އަވަހާރަވީ ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ މާލެ އަމާންވެއްޖެކަމަށް ލަފާދެއްވައި، މާލެއައުމާއެކު ރޭވުމެއްގެތެރެއިން ބަޣާވާތްކުރައްވަން އުޅުއްވި ކަމަށް ތުހުމަތުކޮށް ހަވަރު (ސިފައިން) އެއްކޮށް، އަމީނަށް ދިން ލާއިންސާނީ ބޮޑެތި އަނިޔާތަކަށް ފަހުގަ އެވެ. ސިފައިންގެ ތެރޭގައި އަމީން ހުންނަވަނިކޮށް ހަވަރު (ސިފައިން) ވަދެ އަމީނަށް ހަމަލާދެމުންގޮސް ދަމާފައި ގުޅަކުޅޭ ފަސްގަނޑަށް ނެރެ އެތައް އިރަކު، ރަހުމުކުޑަ ލަދުވެތި އެތައް އަނިޔާއެއް ދިނެވެ. މިކަމުގެ އަޑީގައި ހުންނެވީ އަމީންދީދީގެ ސަރުކާރުގެ ނައިބު ރައީސް ވެލާނާގެ އިބްރާހީމްދީދީ (އަމީންގެ ދެބެންގެ ދެދަރި ބޭކަލެއް) ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.
އަމީން ދީދީ ކުރައްވަން އުޅުއްވީ ބަޣާވާތެއް ކަމަށް ބަލައި، އެ ހާލުކޮޅުގައި އޮންނަވަނިކޮށް ހަމަ އެ ދުވަހު، ފަށްޖެހި އެނދެއްގައި ބޮޑު ބަނޑޭރިގެއަށް އަމީން ދީދީ ގެންދަވައި، ވަގުތުން ވަގުތަށް ތަހުގީގު ނިންމައި، އަމީނަށް އުމުރު ދުވަހަށް އަރުވާލުމުގެ ހުކުމެއް އިއްވެވި އެވެ. އެ ހާލުކޮޅުގައި އޮންނަވަނިކޮށް ވެސް ހުކުމް ތަންފީޒުކުރަން ކ. ގާފަރަށް އަމީން އަރުވާލި ނަމަވެސް، ހާލުކޮޅު ގޯސްވެ ފަހުން ފަޅުރަށެއްކަމަށްވާ ކ. ވިހަމަނާފުށި [ކުރުނބާ މޯލްޑިވްސް] އަށް އަމީން ބަދަލުކޮށް ފަރުވާދިނުމެއްނެތި ވީހާލެއްގައި ވާން ދޫކޮށްލިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، އަނިޔާތަކުން ލިބުނު ޒަހަމްތަކަށް ފަރުވާލެއް ނުލިބި، އަނިޔާވެރި ހާލެއްގައި ޖެނުއަރީ 19، 1954 ގައި އަމީން އަވަހާރަވީ އެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ނިމިގެން ދިއުމުގައި އެތައް ސަބަބުތަކެއް ވެއެވެ. އެއީ އަނިޔާވެރި، ހީލަތްތެރި ބަޣާވާތަކުން ވައްޓާލެވުނު ވެރިކަމެކެވެ. ހަމައެކަނި ވެރިކަން ވައްޓާލީއެއް ވެސް ނޫނެވެ. އެމަނިކުފާނަށް ޝަރީއަތަކާނުލައި ލާއިންސާނީ އެތައް އަނިޔާއެއް ދީ އެ އަނިޔާތަކަށް އެކަށީގެންވާ ފަރުވާއެއް ވެސް ނުދީ ކުނިވާންދޭން ބާއްވައި އަވަހާރަކޮށްލީ އެވެ.
އަމީން ދީދީގެ ވެރިކަން ނިމުމަކަށް ގެނައީ ކީއްވެ?
ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން ނިމުމަކަށް ގެނައީ އެންމެ ހަތް މަހަށް ފަހުއެވެ. ތާރީހީ އިލްމުވެރިންގެ ލިޔުންތަކުން އެނގޭ ގޮތުގައި އެ ވެރިކަން ނިމުމަކަށް އައުމުގެ ބައެއް ސަބަބުތަކުގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވުމާއި އެ ދަތިކަމުގައި ވެސް ދައުލަތުގެ ބައެއް ވެރިންގެ އިސްރާފުކުރުން އިތުރުވުން ހިމެނެއެވެ. އަދި ދައުލަތުގެ އެތެރޭގެ ކޯޅުންތަކާއި ރައީސް އަމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންގެ ހީލަތްތެރި މަކަރުވެރި ރޭވުންތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިގޮތުން އުތުރުގެ އަތޮޅުތަކަށް ފޮނުވަންޖެހޭ ކާޑުގެ ބާވަތްތައް ފޮނުވުމުގެ ބަދަލުގައި ފޮރުވުމުގެ ސަބަބުން، އުތުރުގަޑުބަޑު އުފެދި، ވެރިކަމާދެކޮޅަށް ރައްޔިތުން ތެދުވުން ހިމެނެއެވެ. އަދި މިކަމުގެ ތަހުގީގަށްފަހު، ނައިބު ރައީސް ވެލާނާގެ އިބްރާހީމް ދީދީގެ އާއިލާއަށް ބޮޑެތި އަދަބުތަކެއް ދިނުން އެއީ އަދާވާތްތެރިކަން އިތުރަށް ގޯސްވެގެންދިޔަ ސަބަބެކެވެ. އެ ދަނޑިވަޅުގައި ހަކުރުބަލީގެ އާލާސްކަންފުޅެއް ކުރިމަތިވުމާއިއެކު، ފަރުވާއަށް ސިލޯނަށް ވަޑައިގަންނަވަން ޖެހުމަކީ ވެސް ވެރިކަން ބަދަލުކުރަން ބޭނުންވެފައި ތިބި މީހުންނަށް ލިބުނު ފުރަސެތެކެވެ.
ރައްޔިތުން ޒަމާނުއްސުރެއް ދަމަހައްޓަމުން އައި ބައެއް އާދަކާދަތައް އެ ވެރިކަމުގައި ބަދަލުވުމާއި ބޭރުން ހާސިލްކުރެއްވި ތައުލީމުގެ އެހީގައި ރައްޔިތުން ހޭލުންތެރިކުރެއްވުމަށް ރައީސް އަމީން ކުރެއްވި މަސައްކަތްޕުޅާއި ދުންފަތް ފަދަ ކަށީގައި ހިފާފައިވާ ބައެއް އާދަތަކާ ދެކޮޅަށް އެޅުއްވި ހަރުކަށި ފިޔަވަޅުތަކާއި މިހެން ގޮސް ރައްޔިތުންނަށް އާދެވެފައި ނެތް އެތައް ކަމެއް ތައާރަފްކުރެއްވުމަކީ ވެސް އެ ވެރިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފަންވި ސަބަބުތަކެވެ. މީގެ އިތުރުން ދިވެހިން އޭރު ތިބި ހާލަތަށް ބެއްލެވުމެއް ނެތި ރައީސް އަމީން އަޅުއްވަމުން ގެންދެވި ބައެއް ފިޔަވަޅުތަކާއި، ހާލަތާއި ވަގުތަށް ވުރެ ކުރިއަށް ގެންނެވި ބަދަލުތަކާއި އަންހެނުން ބާރުވެރިކުރުމަށް އެވެރިކަމުގައި ކުރަމުން ގެންދިޔަ ކަންކަމަކީ ދުނިޔޭގެ އާޖުފާޖު އޮޅުން ނުފިލައި ތިބި ގާފިލް ބައެއް ރައްޔިތުންނަށް ހަޖަމްކުރަން ދަތިވި ކަންކަމެވެ.
ރައީސް އަމީން ދީދީ ވެރިކަމުން ދުރުކުރެވުނު ގޮތަކީ ދިވެހި ތާރީހުގައި ކަޅު އަކުރުން ލިޔެވިފައިވާ ސަފްހާއެކެވެ. އެފަދަ ދެ ވަނަ އިންގިލާބެއް މި ގައުމު ދެން އަލުން ދުށުމަކަށް ނޭދެއެވެ. ގާނޫނު އަސާސީން ބޭރުން ވެރިއަކަށް އަނިޔާކޮށް ވެރިކަން ބަދަލުވުމަކީ ހިތްވަރު ދެވޭނެ ކަމެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވެގެން ދިޔައީ ވެރިކަމުގެ މެދު ތެރެއިންނެވެ. ސިލްސިލާ އެތައް މުޒާހަރާތަކާއި އެތައް ބަޔަކަށް އަނިޔާވެ ފުލުހުންނާއި ސިފައިންގެ ކުރިމަތިލުމަކާ ވެސް އެކުގައި އެ ވެރިކަން ބަދަލުވި ނަމަވެސް ރައީސް އަމީނަށް ކުރިމަތިވި ފަދަ ގޮތަށް ރައީސް ނަޝީދަށް ކުރިމަތިނުވީ އެފަދަ ހާލަތަކަށް ދިއުމުގެ ކުރިން އަމިއްލަފުޅަށް އެ މަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެހެން ނޫން ނަމަ އެފަހަރު ވެސް އަމީން ދީދީގެ ވެރިކަން ބަދަލުވި ފަދަ ގޮތަކަށް ކަންކަން ހިނގުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
ޒަމާނީ ތަރައްގީގެ ބިންގާ އެޅުއްވި ލީޑަރެއް
އަމީން ދީދީގެ ވެރިކަން ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް އެ މަނިކުފާނަކީ މިހާރު މިދެކޭ ތަރައްގީގެ ބިންގާތައް އެންމެ ފުރަތަމަ ރާއްޖޭގައި އަޅުއްވަން ފެއްޓެވި ރައީސެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނޫ އަސާސީ އެކުލަވައިލެއްވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ޒަމާނީ ތަރައްގީގެ ބިންގާ އެޅުއްވީ އެމަނިކުފާނެވެ. އަންހެނުންގެ ތަރައްގީއަކީ ކޮބައިކަމާއި ބާރުވެރިކުރުވުމަކީ ކޮބައިކަން ބަހާއި އަމަލުން ދެއްކެވީ އެ މަނިކުފާނެވެ. ތައުލީމީ އެތައް ބިންގާތަކެއް އެޅުއްވިއެވެ. ކުރު މުއްދަތެއްގައި ކުޅިވަރު ކުޅޭނެ ތަންތަނާއި ރަށްރަށުގެ ދަރިވަރުން މާލެ ގެންނަވައި ތައުލީމު ދެއްވަން ފެއްޓެވުމާއި ހަކަތައިގެ ވިއުގަ ގާއިމުކުރެއްވުމަށް ފެއްޓެވުމާއި ވިޔަފާރި ކުންފުނި އުފެއްދުމާއި އަންހެން ދަރިވަރުންނަށް ހާއްސަ މަދަރުސާއެއް (މަދުރަސަތުލް ސަނިއްޔާ، މިހާރުގެ އަމީނިއްޔާ) ސްކޫލް ފެއްޓެވުމާއި ގާނޫނީ އެތައް އޮނިގަނޑުތަކެއް ގާއިމުކުރެއްވުމަކީ އެ މަނިކުފާނުގެ ހިދުމަތުގެ ދިގު ލިސްޓުން ކުޑަ ތަންކޮޅެކެވެ.
މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެ ބަދަލުތައްވީ ދިވެހިންނަށް ވަރަށް އާ އަދި ބަލައިގަންނަ ދަތި ކަންކަމަށެވެ. ހާއްސަކޮށް ދެވަނަ ބޮޑު ހަނގުރާމައުގެ ހިޔަނީގެ ދަށުގައި އެތައް ބަޔަކު ދިބީ ބަނޑުހައިހޫނުކަން ފިލުވައިލެވޭނެ ގޮތެއް ނެތިފައެވެ. އެފަދަ ހާލަތެއްގައި ބަދަލަށް ހޭނުމަކީ ވާނެ ކަމެއް ނޫނެވެ. ވެރިކަމާ މެދު ހިތްހަމަ ނުޖެހުން އިންތިހާ އަށް އޮތެވެ.
ވެރިކަމާމެދު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، އަމީން ދީދީ ވެރިކަމުން ދުރުކުރި ފަދަ ގޮތަކަށް ރައީސްއަކަށް ހުންނަވާ ބޭފުޅަކާމެދު އަމަލުކުރުމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ރައީސް އަމީން ދީދީއާ މެދު އަމަލުކުރި ގޮތަށް ދިވެހި އެއްވެސް ވެރިއަކާ މެދު އަމަލުކުރަން ދިވެހިން ނޭދޭނެއެވެ. މިއަދު ދިވެހިން ވެރިކަން ބަދަލުކުރާ ނަމަ އެކަން ކުރަން އެދެނީ ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން އަނިޔާވެރިކަމެއް ނެތި ސުލްހަ މަސްލަސްކަމާއި އިންތިހާބުތަކުގެ ތެރެއިން ޑިމޮކްރަސީގެ ހަމަތަކުގެ މަތިންނެވެ.