މަސްތުވާތަކެތީގެ މައްސަލަ: ގާނޫނު އިސްލާހުކޮށްގެން ހައްލު ވެދާނެތަ؟

13 ޑިސެމްބަރ 2024 - 11:44

އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާކެތީގެ މައްސަލައެވެ. ބޮޑެތި ކުށްތައް ވެސް ގިނަ ފަހަރަށް ގޮސް ގުޅިފައި ހުންނަނީ މަސްތުވާތަކެތީގެ މައްސަލަތަކާއެވެ. އެ ގޮތުން މާރާމާރީ އާއި ގޭންގް ކުށްތަކާއި ފޭރުމާއި ވައްކަންކުރުމާއި ރަހީނުކުރުން ފަދަ އާންމު ކުށްތަކުގެ ވެސް އަސްލު ގުޅިފައި ވަނީ މަސްތުވާތަކެއްޗާއެވެ. ރާއްޖޭގައި މި މައްސަލަ ބޮޑުވެގެން ދިޔައީ ހަމައެކަނި ގާނޫނުތަކާއި ގަވާއިދުތައް ނެތިގެންނެއް ނޫނެވެ. ހުރި ގާނޫނުތަކާއި ގަވާއިދުތައް ވެސް ތަންފީޒު ނުކުރެވިގެންނެވެ. އަދިވެސް އިތުރު އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ.

ކޮރަޕްޝަނާއި ގާނޫނު ތަންފީޒުކުރުމުގައި ދޯދިޔާވުން

ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ހުރަސްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ދެތިން ސަބަބެއް އެބަ އޮތެވެ. އެއް ސަބަބަކީ ތަންފީޒީ އިދާރާތަކުގެ ތެރޭގައި ކޮރަޕްޝަން ބޮޑުވުމެވެ. ފުލުހުންގެ ތެރޭގައި ވެސް އެކަން އެބަ އޮތެވެ. ކިތަންމެ ދޮގުކުރަން އުޅުނު ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ އެތައް ބަޔަކު ވަލު ދޮރާށިން ބޭރުވާ ފަހަރު މަދެއް ނޫނެވެ. އަދި ހެކިތައް ގަޑުބަޑުކުރުމާއި މިހެން ގޮސް އެތައް ކަމެއް ހިނގައެވެ. ކޯޓު މަރުހަލާގައި ދޫވާ ކުށްވެރިން ވެސް މަދެއް ނޫނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމެއް ސާބިތުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމާއި މިހެން ގޮސް ތަންފީޒީ އިދާރާތަކުގެ ތެރޭގައި ހުރި ބާގަނޑުތައް ކިތަންމެހާ ވެސް ބޮޑެވެ.

advertisement

އިދާރާތަކުގެ ފަރުވާކުޑަވުމަކީ ވެސް އޮތް ބާގަނޑެކެވެ. އެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރުމާއި އަތްދަށުން ދޫވެގެން ސަލާމަތްވާ ކުށްވެރިން ވެސް މަދެއް ނޫނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ ޝަރީއަތްތައް އަޑުއަހާލަން ވަދެއްޖެ ނަމަ މިފަދަ އެތައް ކަމެއް ފާހަގަކުރެވޭނެއެވެ. ޗެއިން އޮފް ކަސްޓަޑީ ނެތިގެން ދިއުމާއި ހެކި ފުރިހަމަ ނުވުމާއި މިހެން ގޮސް އެތައް ކަމެއް ހުރެއެވެ. މިފަދަ ކަންކަން ދިމާވުމުގެ މައިގަނޑު ސަބަބަކަށް އޮންނަނީ ސީން އަށް ދާ ފަރާތްތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުނުކުރުން ނުވަތަ ފަރުވާކުޑަކުރުން ފަދަ ކަންކަމެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ސިޔާސީ ފަރާތްތަކެވެ. މަސްތުވާތަކެތީގެ ބޮޑެތި ޑީލަރުން ގިނަ ފަހަރަށް ތިބެނީ ކޮންމެ ވެސް ސިޔާސީ މީހެއްގެ ހިމާޔަތުގައެވެ. ނުވަތަ ކޮންމެ ވެސް ނުފޫޒު ގަދަ ވިޔަފާރި ވެރިއެއްގެ އެހީތެރިކަމުގައެވެ. ނަތީޖާއަކަށް ވަނީ ހަގީގީ ޑީލަރުން އަބަދު ވެސް މިނިވަންކަމާ އެކު ތިބުމެވެ. މަސްތުވާތަކެތި ވިއްކައިގެން ހޯދާ ފައިސާ ވިޔަފާރިތަކުގެ ތެރޭގައި ދައުރުކުރެއެވެ. ނަތީޖާއަކަށް ވަނީ އެފަދަ މީހުންނަކީ ވެސް މާލީ ގޮތުން ވަރުގަދަ މީހުންނަށް ވުމެވެ. އެހެންކަމުން އެ މީހުން ނުވަތަ އެ މީހުންނާ ގުޅިފައިވާ މީހަކަށް ދިގު މުއްދަތެއްގެ ހުކުމެއް ކުރިޔަސް އެ ހުކުމެއް ތަންފީޒުވާތަނެއް ނުފެނެއެވެ. ކޮންމެ ވެސް އަފްއާމެއްގެ ދަށުން އެ މީހުން މިނިވަން ވެއެވެ. ފާއިތުވި އަހަރުތަކުގައި ރައީސުން މައާފް ދެއްވުމުގެ ސަބަބުން މިނިވަން ވެފައިވާ މީހުންގެ ލިސްޓަށް ބަލައިލީމާ ވެސް މިކަން އެނގޭނެއެވެ.

މީގެ އިތުރުން ފަރުވާގެ ނިޒާމު ވެސް އޮތީ ވަރަށް ދޯދިޔާކޮށެވެ. އާންމު ގޮތެއްގައި ފަރުވާގެ ނިޒާމު ބޭނުން ހިފަނީ ހުކުމްތަކުން ރެކުމަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ އެތައް ބަޔަކު ދޫވެފައި ތިބީ މި ނިޒާމުގެ ސަބަބުންނެވެ. ފަރުވާ ހޯދުމަށް ލިސްޓް ކޮށްގެން ތިބޭތާ އެތައް ދުވަހެއްވާ އިރު ވެސް އެ ފަރުވާއެއް ނުލިބެއެވެ.

މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ބިލެއް

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ ގޮތުން ވެސް އިސްލާހުތަކެއް ގެންނަންޖެހެއެވެ. ސަރުކާރުން މިހާރު ވަނީ އެ މަސައްކަތް ފަށާފައެވެ. އެ ގޮތުން ސަރުކާރުގެ ފަރާތުން މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން ޕީއެންސީގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި ބިލުގެ މަގުސަދެއްގެ ގޮތުގައި އޮތީ މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުން ދާތީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުދިނުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅާފައި މި ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައި ވަނިކޮށެވެ.

“މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން. އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރުމަށްފަހު، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،” މިދިޔަ މަހުގެ ފަހުކޮޅު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު ކަނޑައަޅާފައިވާ އަދަބުތައް ހަރުކަށި ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައި ވެއެވެ. އެ ގޮތުން ޖޫރިމަނާތައް ބޮޑުކުރުމާއި ޖަލު ހުކުމްތައް ބޮޑުކުރުމަކީ ވެސް މި ބިލުގައި ހިމަނާފައިވާ ކަންތައްތަކެވެ. މީގެ އިތުރުން ތަހުގީގީ އިދާރާތަކަށް އިތުރު ބާރުތައް ދިނުމަށް ވެސް މި ބިލުގައި ހިމަނާފައި ވެއެވެ. އަދި ފަރުވާގެ ނިޒާމު ހަރުދަނާކުރުމާއި ޑްރަގް ކޯޓުގެ ހިންގުމުގެ ނިޒާމު ވަރުގަދަ ކުރުމަށާއި ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުން ފަދަ ކަންކަން މި ބިލުގައި ހިމަނާފައި ވެއެވެ.

އާ އިސްލާހުތަކާ އެކު މަސްތުވާތަކެތީގެ މައްސަލަ އަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމުގެ އުންމީދު ބޮޑެވެ. އެހެން ނަމަވެސް މުޅި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ގާނޫނުތައް އިސްލާހުކުރުމެއް ނޫނެވެ. އެކަން ތަންފީޒުކުރުމަކީ ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އެ މައްސަލަ އަށް ހައްލު ހޯދައިގެން ފަރުޖެއްސެން އޮތް ކަމެއް ވެސް ނޫނެވެ. އެއާ ގުޅިފައިވާ އެހެން އިޖުތިމާއީ މައްސަލަތަކަށް ވެސް ހައްލެއް ހޯދަންޖެހެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އާއި ތައުލީމީ ނިޒާމާއި ދިރިއުޅޭ މާހައުލަކީ ވެސް މި މައްސަލައާ ގުޅުން ހުރި ކަންކަމެވެ. މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ލިބެން އޮތީ ވަށާޖެހޭ ގޮތުން ގެނެވޭ އިސްލާހުތަކަކާއި އެކުގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0