ރިޕޯޓު: ބިންވެރިޔާ ސްކީމް، އޭރުވެސް ގޯހެއް، މިހާރުވެސް ގޯހެއް!
26 ޑިސެމްބަރ 2024 - 14:44
ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުން ވެއެވެ. މާލެއަކު ބިމެއް ނެތެވެ. މާލެއިން ގޯތި ނުދޭތާ ވެސް އެތައް އަހަރުތަކެއް ވެއްޖެއެވެ. އެއް ޖީލު އުޅެމުން އަންނަނީ އެ މީހުންގެ މައިން ބަފައިންގެ ގެދޮރު ފޮތި ފޮއްޗަށް ބަހައިގެން ލިބިފައިވާ ތަންތަންކޮޅުގައެވެ. ނިމިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބިންވެރިޔާ ސްކީމެއް އެކުލަވާލައި ހުޅުމާލެ 2 އާއި ނުހިއްކައި އޮތް ހުޅުޅުމާލެ ފަޅާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދިނުމަށް ނިންމީ އެ ސަބަބަށްޓަކައެވެ. އެހެން ނަމަވެސް ސުވާލަކީ އޭރުގެ ސަރުކާރުން އެ ސްކީމް ހިންގީ އެންމެ ރަނގަޅަށް ހެއްޔެވެ؟
މާލެ ފުރި ތޮއްޖެހިފައި ވަނީ ހަމައެކަނި މާލޭގެ ރައްޔިތުން ގިނަވެގެން ނޫނެވެ. މާލޭގެ އާބާދީ އިންތިހާ އަށް އިތުރުވެގެން ދިޔައީ ރަށްރަށުން ހިޖުރަ ކުރި މީހުންގެ ސަބަބުންނެވެ. ބޭއިންސާފުން ތަރައްގީގެ ތިލަފަތް މާލެ އަށް ބުރަވުމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މާލެ އައިސް ވަޒަންވެރިވުމެވެ. ސުވާލަކީ މާލޭގެ ހަގީގީ ރަށްވެހިންނަށް ބޭނުންވާ ވަރަށް މާލޭގައި ގޯތި ނެތީ ހެއްޔެވެ؟ ނޫނީ މާލޭގެ ރައްޔިތުން ދިރިއުޅޭނެ ތަނެއް ނެތީ އާމްދަނީގެ ބޭނުމަށްޓަކައި ރަށްރަށުގެ މީހުންނަށް އެ ގޯތިތައް ވިއްކައި އަދި ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ސަބަބުން ހެއްޔެވެ؟
ސްކީމް ތައާރަފްކުރުމުގައިވެސް ބޮޑު ގޯސްތަކެއް
އެމްޑީޕީ ސަރުކާރުން ބިންވެރިޔާ ސްކީމް އެކުލަވައިލުމުގައި މާލޭގެ ހަގީގީ މައްސަލައަށް އަލިއަޅުވާލާފައެއް ނުވެއެވެ. ސްކީމް ބައްޓަންކޮށްފައި އޮތީ ހަމައެކަނި ހަތަރު ކަންކަށިމަތި މާލޭގެ ރައްޔިތުން ބިންވެރިކުރުވުމުގެ މަގުސަދުގައެވެ. އެތައް ޒަމާނެއް ވަންދެން މާލޭގައި ވަޒަންވެރިވެ، މާލެ މާލެއަކަށް ހެދި އެތައް ބަޔަކު ބާކީވާ ގޮތަށް އޮތް މި ސްކީމަށް ފާޑުކިޔުން އަމާޒުވީ ވެސް އެހެންވެގެންނެވެ. މީގެ އިތުރުން ބިން ކަނޑައެޅުމުގައި ވެސް ގޯސްތަކެއް ހެދިފައިވާ ކަމުގެ ޝައްކުތައް ބޮޑުވެފައި ވަނީ ބޭއިންސާފުން ކަންކަން ހިނގުމަށް މަގުފަހިވާ ގޮތަށް މުޅި ސްކީމް އެކުލަވާލާފައި އޮތުމެވެ. އެންމެ މައިގަނޑު އަސާސަކަށް އޮތީ މާލޭގެ ރަށްވެހިގެން ތެރެއިން ގިނަ ބަޔަކު އެ ސްކީމުން ބާކީކޮށްފައި ވުމެވެ. އަދި މިހާރު ވެސް ބިން ހުރި އެތައް ބަޔަކަށް ޕްރައިމް ލޮކޭޝަންތަކުން ބިން ލިބޭ ގޮތަށް ސްކީމް ބައްޓަން ވެފައި އޮތުމަކީ ވެސް އެ ސްކީމްގެ ހަގީގީ މަގުސަދާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ފަސް އަހަރުގެ ދައުރެއް ނިމެން ދަނިކޮށް ރިޔާސީ ކެމްޕެއިނާ ދިމާކޮށް އެފަދަ ސްކީމެއް އެކުލަވާލައި ހިންގުމަކީ ވެސް ބިންވެރިޔާ ސްކީމްގެ މަގުސަދު ފެންނަން އޮތް ކަމެކެވެ. ފަސް އަހަރުގެ ވެރިކަން ނިމި ސަރުކާރު ބަދަލުވެ އާ ސަރުކާރަށް އަހަރެއްވީ އިރު ވެސް އެ ސްކީމްގެ ދަށުން ބިން ދޫނުކުރެވެއެވެ. މިހާތަނާ ޖެހެންދެން ވެސް ވިޔަފާރި އުސޫލުން ބިން ވިއްކަމުން އައި، އަދި މުޅި ރާއްޖެ އިން ވެސް އެންމެ އަގު ބޮޑު ބިމުން ވަކި ބަޔަކަށް ގޯތި ކަނޑާފައި ހިލޭ ދިނުމަކީ ވެސް ގިނަ ބަޔަކަށް ހަޖަމްކުރަން އުނދަގޫވި ކަމެކެވެ.
އުފެދުމުގައި ވެސް ބާތިލް ސްކީމެއްގެ ގޮތުގައި ސިފަކުރަންޖެހެނީ މުޅި ސްކީމް ބައްޓަންވެފައި އޮތީ ވެސް ކޮރަޕްޝަނާއި ފަސާދަ އަށް މަގުފަހިވާ ގޮތަށް ކަމަށް ވުމެވެ. ގުރުލައިގެން ގޯތި ކަނޑައެޅި ނަމަވެސް އާހިރުގައި ކަން ހިނގާފައި އޮތް ގޮތް މިހާރު އެ އޮތީ ފެންނާށެވެ. އަދި އެކަމުގެ ތެރެއިން މި ސަރުކާރު އައި ފަހުން ވެސް ކޮރަޕްޝަންގެ އެތައް ކަމެއް އެ ދަނީ ފެންމަތިވަމުންނެވެ. ޝަރުތު ހަމަނުވާ މީހުންނަށް ބިން ދިނުމާއި އެ ސްކީމްގެ ބައެއް ބިންތައް ފައިސާ ނަގައިގެން ވިއްކި ކަމުގެ ތުހުމަތުތައް އެ ދަނީ ކުރަމުންނެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދުގެ މައްޗަށް ތުހުމަތުތައް ކުރެވި ސަސްޕެންޑްކުރުމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
“ބިންވެރިޔާ (ސްކީމް)އަކީ ގާނޫނީ ގޮތުން އުފެދުމުގައި ވެސް ބާތިލު ސްކީމެއް. އެއީ ބަޔަކު ސިޔާސީ މަންފާއަށް ހިންގަންފެށި ބޮޑު ސްކޭމެއް. އެއީ ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ކޮށްފައިވާ މަލާމާތެއް. އެއީ ގާނޫނާއި ޚިލާފް އުސޫލެއްގެ ތެރެއިން ބަޔަކު ވެފައިވާ ބޮޑު ޚިޔާނާތެއް،” ބިން ވެރިޔާ ސްކީމްގެ ތެރެއިން ކޮރަޕްޝަންގެ އެތައް ކަމެއް ފަޅާ އެރުމާ ގުޅިގެން ކުރީގެ އެޓާނީ ޖެނެރަލް އަދި މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހްތާޒު މުހުސިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
"ބިންވެރިޔާ" އަކީ ގާނޫނީ ގޮތުން އުފެދުމުގައި ވެސް ބާތިލު ސްކީމެއް. އެއީ ބަޔަކު ސިޔާސީ މަންފާއަށް ހިންގަންފެށި ބޮޑު ސްކޭމެއް. އެއީ ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ކޮށްފައިވާ މަލާމާތެއް. އެއީ ގާނޫނާއި ޚިލާފް އުސޫލެއްގެ ތެރެއިން ބަޔަކު ވެފައިވާ ބޮޑު ޚިޔާނާތެއް.— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) December 23, 2024
މުހުސިންގެ އިތުރުން ކުރީގެ ރައީސް އަދި 19 ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު ވެސް ވަނީ ކުރީ ސަރުކާރުން ގޯތި ލިސްޓް އެކުލަވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ތުހުމަތުކުރައްވާފައެވެ. ވަގު ލިޔުންތަކެއް ހަދައިގެން ނުހައްގުން ބަޔަކަށް ގޯތި ދިން މައްސަލައާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް ގޯތި ލިސްޓް އެކުލަވާލާފައި އޮތީ ނުހައްގުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށެވެ. އޭގެ ތަފްސީލެއް ނުދެއްވި ނަމަވެސް އަލަށް ފެންމަތިވެގެން އުޅޭ މައްސަލައަކީ ވެސް އެ ބޭއިންސާފަށް އިތުރުވި ބޮޅެއް ކަމަށް ނަޝީދު ސިފަކުރައްވާފައި ވެއެވެ.
Nuhaggun goathi bahaafaiva massala aai gulhey gothun anehkaaves dhanavaan othee meege kureegaives dhennevi vaahaka. Kureegaives list hadhaafa vanee beyinsaafun ethah bayakah goathi libey gothah. Mifaharu anehkaves e beyinsaafah ithuru bolheh ekulavaa levunee.— Mohamed Nasheed (@MohamedNasheed) December 23, 2024
ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ބިންވެރިޔާ ސްކީމް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުން ގޯތި ދީފައި ވަނީ ހަމަޖެއްސި އުސޫލާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެ ކަމަށް ހެދި އުސޫލާއި ގަވާއިދަކީ ވެސް ބޭއިންސާފު ބޮޑު ގަވާއިދާ އުސޫލެކެވެ. އެކަން އެނގޭ މައިގަނޑު ސަބަބަކީ އެ އުސޫލަށް އިސްލާހުތަކެއް ގެންނަން ވެސް މަޖުބޫރުވުމެވެ. އަދި ގެނައި އިސްލާހުތައް ކަމު ނުގޮސްގެން ގޯތި ދިނުމަށް ކަމަށް ބުނެ އެމްޑީޕީ ސަރުކާރުން ހުޅުވައިލި ދެ ވަނަ ފުރުސަތުގައި މުޅި އުސޫލަށް ވެސް ބޮޑު ބަދަލުތަކެއް ގެނައުމަކީ ފުރަތަމަ ގޯތި ދިނީ ބޭއިންސާފުން ކަން ހާމަވާ ސަބަބެކެވެ.
Midhiya MDP sarukaarun goathi dheefai vaanee hamajessi usool aai qawaidha eyh gothah, bey insaafun eyhves goacheyh eyhves meehakah dheefai nuvaane. Goathi dhinumah eynme bodah vakaalaathu kureyhvee Manikufaanu.— Akram Kamaludeen (@Akramkdeen) December 23, 2024
އަކްރަމްގެ މި ވާހަކަތަކަށް ރައްދު ދެއްވައި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައި ވަނީ ޖޮއިންޓް އެޕްލިކަންޓުންނަށް އިސްކަން ދޭނެ ކަމަށް އުސޫލްގައި އޮތް ނަމަވެސް އެ އިސްކަން ދީފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ބިން ކަނޑައެޅުމުގައި ހުޅުމާލެ 2 ވަނަ އަދި މުޅިން ހިއްކައި ނުނިމޭ ތިން ވަނަ ފޭސްގެ ގޯތިތަކުން ބޮޑު ބައެއް ހާއްސަކޮށްފައި ވަނީ ގިނަ މީހުން ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކަށެވެ.
އެމްޑީޕީގެ ސަރުކާރުން ފުރަތަމަ ގޯތި ދޭން ހުޅުވައިލި އުސޫލްގައި ބުނެފައި ވަނީ ކުރިމަތިލެވޭނީ ހަތަރު ކަށިމަތި މާލޭ ރައްޔިތުންނަށް އެކަނި ކަމަށެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެ އުސޫލަށް ބަދަލު ގެނެސް މައިން ބަފައިންގެ ތެރެއިން ކޮންމެ ވެސް އެއް ފަރާތެއް މާލޭގެ ރައްޔިތަކަށް ވާ ނަމަ ވެސް ކުރިމަތިލެވޭ ގޮތަށް އުސޫލް ބަދަލުކުރި އެވެ. އެހެން ނަމަވެސް އެއީ ވެސް މާލޭގެ ރަށްވެހިގެން ގޮތުގައި ތިބި އެތައް ބަޔަކު މަހްރޫމްވާ ގޮތަށް އޮތް އުސޫލެކެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނީ އެ ނާއިންސާފު އެ ގޮތުގައި ބާއްވައިގެންނެވެ. ވެރިކަން ނިމެން ދަނިކޮށް ދެ ވަނަ ބުރެއް އިއުލާންކުރީ މާލޭގެ ރަށްވެހިން ވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް އެ ސްކީމްގެ ކުރިއަށް ގެންދެވުނީ ފޯމް ލުމުގެ މަރުހަލާ އެކަންޏެވެ. ލީ ފޯމްތަކަށް ވީ ގޮތެއް ވާނެ ގޮތެއް ވެސް ނޭނގެއެވެ.
ބިންވެރިޔާ ސްކީމާ މެދު އާންމުންގެ ގިނަ ބައެއްގެ ޝަކުވާ އޭރު ވެސް އޮތެވެ. އެ ސްކީމްގެ ދަށުން ބިން ލިބުނު ކަމަށް ބުނެ ރަޖިސްޓްރީ ދީފައިވާ އެތައް ބަޔަކު އަދި ވެސް އިންތިޒާރުގައި އެބަ ތިއްބެވެ. އެ ތަންތަން ލިބޭނީ ކޮން ދުވަހަކުން ކަމެއް އަދި ނޭނގެއެވެ. ބިންވެރިޔާ ސްކީމުން ސިޔާސީގޮތުން އެއްވެސް މަންފާއެއް އޭރުގެ ސަރުކާރަށް ނުވަތަ އެމްޑީޕީއަށް ނުކުރާކަން ވޭތުވެދިޔަ އިންތިހާބުތަކުގައި މާލެ ސަރަހައްދުން ލިބުނު އާދަޔާ ހިލާފު ދެރަ ނަތީޖާތަކުން ވަރަށް ސާފެވެ. ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު ބަކީކޮށް، ގިނަ ބަޔެއްގެ ނުރުހުމާއެކުވެސް، މަދުަބަޔަކަށް މިފަދަ ނާޖާއިޒު މަންފާއެއް ހޯދުމަށް އަދިވެސް އެމްޑީޕީއިން ވަކާލާތުކުރާ ސަބަބާމެދު އަޖައިބު އަންތަރީސްވެއެވެ. އަބަދުމެ އިޖްތިމާއީ އަދާލާތަށް ވަކާލާތުކުރަމުން އައި ޕާޓީއެއް ކަމަށްވާ، އެމްޑީޕީއިން މިފަދަ ނާތާހުޒީބު، ރައްޔިތުން ދަރަޖަކޮށް އިމްތިޔާޒުގެ ތަފާތުކުރުން ބޮޑެތި ކަންކަމާ ދުރުވުމަކީ އެމްޑީޕީގެ ސިޔާސީ ކުރިމަގަށްވެސް އޮތް އެންމެ ރަނގަޅުގޮތެވެ. މިސަރުކާރުންވެސް އުފެދުމުގައިވެސް ގޯސް ބިންވެރިޔާ ސްކީމް ބާތިލްކޮށް ، ހާމަކޮށް ބޮޑުގޮތެއްގައި އިންސާފާއެކު އަލުން ހުޅުވާލުމަކީ ދިވެހިރައްޔިތުންގެ ގިނަބަޔެއްގެ އުއްމީދެވެ.