“ސްކޫލަށް ދާން އަހަރެމެންނަށް ޖެހުނީ ކަނޑެއް ހުރަސްކުރަން”

15 ޖެނުއަރީ 2025 - 18:49

ލިޔުނީ: ހަސަން މޫސާ

2002 ވަނަ އަހަރުގެ ބޮޑު ޗުއްޓީއަކީ ޔޫސުފް ޝިޔާންގެ (އަސްލު ނަމެއް ނޫން) ހަޔާތުގައި ވަރަށް ބޮޑު ބަދަލެއް އައި ޗުއްޓީއެކެވެ. ގްރޭޑް 7 ނިންމުމަށްފަހު، ޝިޔާން ތައްޔާރުވަމުން ދިޔައީ އޭނާގެ އުފަން ރަށު ސްކޫލުން ސާނަވީ ތައުލީމު ފެށުމަށެވެ. ސްކޫލުގެ ސާނަވީ ގްރޭޑުތަކުގައި އޭރު ކިޔަވައިދެމުން ދިޔައީ ހަމައެކަނި ކޮމާސް ސްޓްރީމެވެ. ހދ އަތޮޅުގައި އެންމެ 1000 މީހުންގެ އާބާދީ ހަމަވާ އެރަށުގައި، ޝިޔާންގެ އާއިލާއަކީ ފޯރުންތެރި އާއިލާއެއްކަމުން، އޭނާގެ މައިންބަފައިން ނިންމީ އޭނާގެ ބޮޑުދައިތަ ކައިރިއަށް މާލެ ފޮނުވައިގެން، މަޖީދިއްޔާ ސްކޫލުން ސައިންސް ސްޓްރީމް ކިޔަވައިދޭށެވެ.

advertisement

ޝިޔާން އަކީ އާއިލާގެ ފަސް ކުދިންގެ ތެރެއިން ދެވަނަ އަށް އެންމެ ދޮށީ ކުއްޖާއެވެ. އޭނާ ގުރޭޑު 7 ނިންމީ އެންމެ މަތީ މާކްސް ހޯދައިގެންނެވެ. އަމާޒު ހުރީ ސާނަވީ މަރުހަލާގައި ޕްރިފެކްޓަކަށްވެ، ސްކޫލު ކެޕްޓަނަށް ވެގެން ސްކޫލު ނިންމާލުމަށެވެ. ނަމަވެސް މައިންބަފައިންގެ ލަފަޔާއެކު، މާލެ ބަދަލުވެ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު މަޖީދިއްޔާ ސްކޫލަށް ގުޅުމަށް ޝިޔާންވެސް ބޭނުންވިއެވެ.

ތައުލީމު ހާސިލްކުރުމަށް އެހެން ރަށްރަށަށް ދަރިން ފޮނުވުމަކީ ރާއްޖެތެރޭ މައިންބަފައިންނަށް ބީރަށްޓެހިކަމެއް ނޫނެވެ. ކުދި ރަށްރަށުން އާންމުކޮށް ދަރީން ފޮނުވާނީ އަތޮޅުގެ އެންމެ ރަނގަޅު ސްކޫލެއް ހުންނަ ރަށަކަށެވެ. ގިނަފަހަރު އެއީ އަތޮޅު ތައުލީމީ މަރުކަޒު ނުވަތަ އަތޮޅު މަދަރުސާ ހުންނަ ރަށެވެ. ނަމަވެސް، އާއިލާއަކީ ފޯރުންތެރި އަދި މާލޭގައި ގާތްމީހުން އުޅޭ އާއިލާއެއް ނަމަ ދަރީން ފޮނުވާނީ މާލެއަށެވެ.

ދެ ހާހުގެ ކުރީކޮޅަށް އެޅިއިރު ރާއްޖޭގެ އަތޮޅުތެރޭގައި ސްކޫލުތައް ބިނާކުރެވި، ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދިނުން ވަނީ އާންމުވެފައެވެ. ނަމަވެސް ރަށްރަށުގެ ގިނަ ސްކޫލުތަކުން ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ކިޔަވައިދޭން އޭރު އަދި ފަށައިގަންނަނީއެވެ. ރަނގަޅު ފެންވަރެއްގައި މަތީ ގުރޭޑުތަކުގެ ކިޔެވުން ޔަޤީންވާ ހަމައެކަނި ރަށަކީ ވެރިރަށް މާލެއެވެ. އެހެންކަމުން ޝިޔާން ފަދަ އެތައް ކުދިންނަކަށް ޖެހެނީ އުފަން ރަށް ދޫކޮށް، ކަނޑެއް ހުރަސްކޮށް މާލެ އައިސް ސްކޫލަށް ދާށެވެ.

ނަމަވެސް މާލޭގައި ރާއްޖެތެރޭ ކުދިން ކިޔަވަން ކުރަންޖެހޭ ތަޖުރިބާތަކުގައި ފޮރުވިފައިވަނީ ދިވެހި މުޖުތަމުއުގައި ޒަމާނުއްސުރެ އެކުލެވިގެންވާ ނޯކަރީ ސަގާފަތާއި ފަންތީގެ ތަފާތުކުރުމާއި ނިޒާމީ މައްސަލަތަކެވެ.

އާއިލާއާއި ދުރުގައި އުޅެން ދަސްކުރުން

2002 ވަނަ އަހަރު ޝިޔާން އޭނާގެ ބައްޕައާއި އެކު ބޯޓަކަށް އަރައިން އައިސް ފޭބުނީ އިންޤިލާބީ ބަދަލުތަކެއް އަންނަމުން ދިޔަ މާލެއަކަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ތައްޔާރު ވަމުންދިޔައީ ރައީސްކަމުގެ ހަ ވަނަ ދައުރު (އަދި އެންމެ ފަހު ދައުރަށް ވާނޭ ދައުރު) ގެ އިންތިހާބަށެވެ. ވެރިރަށުގައި ކެކިއަރަމުން އައި ދިމުކްރާތީ މަސައްކަތަށް ޖެހިގެން އައި އަހަރު ވާނީ ވަރަށް މުހިންމު އަހަރަކަށެވެ. ސިޔާސީ ހަމަނުޖެހުމާއި، އަވަސް ތަރައްޤީއާއި ތޮއްޖެހުމުގެ ސަބަބުން މާލެ އޭރުވެސް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބިމުގެ ގޮތުން 2 ކޮޑި ކިލޯމީޓަރު ކިރިޔާ ހަމަވާ މާލޭގެ އާބާދީ އޭރުވެސް އުޅެނީ އެއްލައްކައިން މަތީގައެވެ.

އެދުވަސްވަރުގެ ބޯހިމެނުމުގެ ރިޕޯޓުތަކުން ދައްކާގޮތުން ރާއްޖޭގެ އުތުރުން ތިލަދުންމަތީ އަތޮޅުތަކާއި ދެކުނުން އައްޑޫ އަދި ހުވަދު އަތޮޅުން އެތައް މީހުންނެއް ކޮންމެ އަހަރަކު އަސާސީ ހިދުމަތްތައް ހޯދުމަށް މާލެއަށް އައީ ހިޖުރަކުރަމުންނެވެ. ދެ ހާހުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި މާލެއަށް ނިސްބަތްވާ މީހުންގެ އާބާދީއަށްވުރެ ރާއްޖެތެރެއިން ހިޖުރަކޮށް މާލޭގައި އުޅޭ މީހުންގެ އަދަދު މައްޗަށް ޖެހިލިއެވެ. މީގެ ތެރެއިންވެސް ފާހަގަކުރެވޭ އަދަދެއްގެ މީހުންނަކީ އުމުރުން 10 އަހަރާއި 24 އަހަރާއި ދެމެދުގެ ކުދީންނެވެ. މާލެ ހިޖުރަކުރަމުންއައި ބޮޑުބަޔަކީ ޝިޔާން ފަދައިން ރަނގަޅު ތައުލީމެއް ހޯދުމަށް އައި ޒުވާން ކުދީންނެވެ.

މާލެ އައުމަށްފަހު ޝިޔާން ގެންދިޔައީ އޭނާގެ ބޮޑުދައިތައެއްގެ ގެއަށެވެ. އޭނާ ސްކޫލަށް ވެއްދުމުގެ މަރުހަލާ ނިމެންދެން ބައްޕަ ނިދީ އިސްލާމީ މަރުކަޒުގައެވެ. މަޖީދިއްޔާއަށް ވަނުމަށް ހަދަންޖެހޭ އެންޓްރޭންސް ޓެސްޓު ހެދުމަށް ފަހު ދެބަފައިން އިންތިޒާރުކުރަމުން ދިޔައީ ނަތީޖާއަށެވެ. ނަމަވެސް، 2003 ގެ ދިރާސީ އަހަރު ފެށުމުގެ ކުރީން ސަރުކާރުން އިއުލާނު ކުރީ މަޖީދިއްޔާއަށް ގުޅެން އެދިފައިވާ ކުދީން ދެބައި ކުރުމަށްފަހު އެއްބައި ކުދީން ދަރުމަވަންތަ ސްކޫލަށް ލުމަށެވެ. ޝިޔާންގެ ނަން ހިމެނުނީ ދަރުމަވަންތަ ސްކޫލު ލިސްޓުގެ އެންމެ މަތީގައެވެ.

މާލެ އައިސް ހޭދަކުރި އެންމެ ކުރީ ދުވަސްވަރުން ފެށިގެން، ޝިޔާން އަށް ގޭތެރެއިންނާއި ސްކޫލުންވެސް އިހުސާސްކުރެވުނީ އެހެން ކުދީންނާއި ތަފާތު ކުރާކަމެވެ. ގޭގައި އޭނާ ނިދަނީ ފިރިހެން ކުދީން ނިދާ ކޮޓަރީގެ ބިންމަތީގައި ގޮދަޑިއެއް އަޅައިންނެވެ. އެނދު ތަންމަތި އެޅޭނީ އެހެން އެންމެން ނިދަން އެރުމަށް ފަހުގައެވެ.

“މިހާރު މި އެނގެނީ، އެއީ އަދި ރަނގަޅު ގެއެއްކަން. މާކަ ގިނަ ކަމެއް ކުރާކަށް ނުޖެހޭ، އެކަމަކުވެސް ހުރޭދޯ ބައެއްކަންކަން، އެހެން ކުދިންނާއި ތަފާތު ބައެއް ކަންކަން” އޭނާ ކިޔައިދިނެވެ.

ހެނދުނުގެ ކެއުމަށް ލިބޭނީ ހާއްސަކޮށް އޭނާއަށް ފިހާ ދެ ބޯ ރޮށްޓެވެ. އެހެން ހުރިހާ ކުދިން ކާނީ ރޮށި ތަށިންނެވެ. ގޭތެރޭގެ ބައެއް ކަންކަން އޭނާއަށް ކުރަންޖެހޭނެއެވެ. އަންނައުނު ދޮވެ ނިމުމުން އެ އެއްޗެހި ނަގައި، ފަށްޖަހާނީ ޝިޔާންއެވެ. ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރަތަކަށް ދާންޖެހޭނެއެވެ. އެކަމަކު މާރުކޭޓަށް ދާކަށް އޭނާއަކަށް ނުޖެހެއެވެ. ވާރޭ ވެހޭނަމަ ވާރޭ ތާނގި ފުރިގެން ބަންޑުންވެ، ގޭތެރެއަށް ފެން ވަނުމަ ނުދިނުމަށް އަނެއް ތާނގީގެ މަތި ނަގަންޖެހޭނީ އޭނާއަށެވެ.

ގޭގައި އުޅޭ އެހެން ކުދީންގެ ފަރާތުންވެސް ޝިޔާންއަށް ކުރިމަތިވީ އުނދަގުލެވެ. ވަރުބަލިވެގެން ހުސް އެނދެއްގައި އޮށޯވެއްޖެނަމަ އައިސް ގޮވާ ނަގާނެއެވެ. ޓީވީ ބަލަން ފަށައިފިނަމަ އައިސް ރިމޯޓު އަތުލާނެއެވެ. ސިޓިން ރޫމުގައި ހުންނަ ލޭންޑް ލައިނަށް އޭނާއަށް ފޯނެއް އައިސްފިނަމަ ގޭ އެންމެން އައިސް ކައިރީގައި ވަށާލާނެއެވެ.

ވަރަށް ގަދައަށް ވާރޭ ވެހުނު ރެޔެއް ޝިޔާން އަދިވެސް ހަނދާން ހުރެއެވެ. އޭނާއަށް ހޭލެވުނީ ކޮޓަރިއަށް ފެންވަދެ، ގޮދަޑި ތެމިގެންނެވެ. ހޭލެވުމާއެކު އިވުނީ ކޮޓަރީގައި އުޅޭ އެހެން ކުދީންގެ ހުނުމުގެ އަޑެވެ.

“އޭގެ ފަހުން ކިރިޔާ ވާރޭ ވެހެން ފަށާއިރަށް، މަށަށް ހަމަ ކުއްލިއަކަށް ހޭލެވޭނެ. އަވަހަށް ތެދުވެގެން ގޮސް ތާނގި މަތި ނަގާފަ އަލުން ނިދަން އަރާނީ. ސަވައިވަލް އެއްޗެއްހެން ހަމަ” ހިނިގަނޑަކާއެކު ޝިޔާން ކިޔައިދިނެވެ.

މި ބީރަށްޓެހިކަން އިހުސާސްކުރެވުނީ ހަމައެކަނި ގޭތެރެއިން އެކަންޏެއް ނޫނެވެ.

ސްކޫލުގައި ޝިޔާން ހިމެނުނީ ސައިންސް ކިޔަވާ އެންމެ މޮޅެތި ކުދީންގެ ކިލާހުގައެވެ. ރަށު ސުކޫލުގައި އެންމެ މަޤުބޫލު އަދި އެންމެ މީހުންނާއި ގުޅޭ ކުއްޖާ ކުއްލިއަކަށް ބަދަލުވީ މާލޭ އާއިލާތަކުގެ ދަރީން ހިމެނޭ ކުލާހުގައި އިންނަ ހަމައެކަނި ރާއްޖެތެރެ ކުއްޖާއަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާއަކީ އެހެން ކުދީންނާއި ތަފާތު ކުއްޖެއްކަމަށް އިހުސާސްކުރެވެން ފެށިއެވެ.

ގުރޭޑު 8 ނިމި، ގުރޭޑު 9 އަކަށް ބަދަލުވީއިރު، ޕްރިފެކްޓަކަށް ވުމުގެ ފުރުސަތު ނުލިބުމަކީ އޭނާއަށް ބަލައިގަންނަން ދަތިވި ކަމެކެވެ. ރަނގަޅު ނަތީޖާ ހޯދާނަމަ ހޮނަރ ލިސްޓުގައި ހިމެނިގެން ޕްރިފެކްޓަކަށް ވެވޭނޭ ކަމަށް ސްކޫލުން ބުނި ނަމަވެސް އޭނާގެ ނަން ހޮނަރ ލިސްޓުގައި ނުހިމަނައެވެ. ދިވެހި މާއްދާއަށް މޮޅުވުމުން އޭނާއަށް ދިވެހި ކްލަބުގެ ހައުސް ކެޕްޓަންކަން ލިބުނެވެ. ނަމަވެސް، އޭނާއަށް ޕްރިފެކްޓުކަމެއް ނުލިބެއެވެ.

“އެ ހުރިހާ ބޭފުޅު އާއިލާތަކުގެ ދަރިންނަށް ލިބުން ޕްރިފެކްޓުކަން. މަށަކަށް ނުލިބޭ”

ޕްރިފެކްޓަކަށް ވުމަކީ ޝިޔާން ވަރަށް ބޭނުންވިކަމެކެވެ. އެއީ އޭނާ ސްކޫލުގައި ރަނގަޅަށް މަސައްކަތް ކޮށް، މަންމަ ފަހުރުވެރިވާ ފަދަ ދަރިއަކަށް ވަމުންދާކަން މަންމައަށް ދެއްކޭނެގޮތެއް ކަމުންނެވެ.

“ދެން ވަރަށް ޑީމޯޓިވޭޓްވީ ކަމެއް ދޯ އެއީ. އެހިސާބުންވެސް ތަފާތުކުރާކަން މަށަށް ރިއަލައިޒްވީ.. ކިޔެވުން ދެކެ ފޫހިވީ އެހިސާބުން. ރަށުގައި މަށަކީ ވަރަށް އަނގަ ގަދަ ގޮލައެއް. އެންމެ ޕޮޕިޔުލާ އެކަކު. ބައިވަރު ރައްޓެހިން ތިބޭ. އެކަމަކު (މާލެ) އައި އިރު އެއްވެސް މީހަކަށް ނޭނގޭ މަ މީ ކާކު ކަމެއް. ރައްޓެއްސެއް ތިމާގެ މީހެއް ނޫޅޭ. ވަރަށް އެކަނިވި. ދެން ވަރަށް ބިރުވެރި. ވަރަށް ބުލީވެސް ކުރޭ. މަށަށް ޖެހުނީ ވަރަށް އަޑުގަދަ ނުލަފާ މީހަކަށް ވާން. ޓު ޑިފެންޑް މައިސެލްފް”

މިޒާޖަށް އައި ބަދަލުތަކާއި އެކު، ސްކޫލުގައި އެހެން ކުދީންނަށް ގަނާކުރާނަމަ ޝިޔާން އެކުދިންގެ ދިފާއުގައި ނިކުންނަން ފެށިއެވެ. ނަތީޖާ އަކަށްވީ އެހެން ކުދީންނާއި އެކި އެކި ކުރިމަތިލުންތަކަށް ގޮސް، އޭނާއަކީ ބަސްނާހާ ކުއްޖެއް ގޮތުގައި މުދައްރިސުން ލޭބަލްކުރަން ފެށުމެވެ. ނަމަވެސް ޝިޔާންއަށް ގަބޫލުކުރެވުނީ އެހެން ކުދިންނާއި ހިލާފަށް ޝިޔާންއަށް އަދަބު ދިނުމުގައި ތަފާތުކުރާކަމެވެ. އެހެން ކުއްޖެއް ނަމަ އަދަބު ނުދޭ ކަންކަމަށް އޭނާއަށް އަދަބު ދޭނެއެވެ.

“ވަރަށް ގިނައިން ޓީޗަރުން ބުނާނެ ރާއްޖެތެރޭން އަންނަ ކުދިން ވަރަށް ބަސްއަހާނޭ، ކިޔަވަންށޭ އަންނަނީ، ކަލޭ ތިއުޅެނީ ސަކަރާތް ޖަހަންށޭ. އެކަމަކު އެހެން މީހުންނަށް މަ މީ ގޯސް މީހެއް ގޮތަށް މީހަކު ދެކުނަސް މަ ހިތަށް އެރަނީ ބަލާއެއްނުހޭ މަށެއް ނޫޅެމޭ ކޮންމެހެން ރަނގަޅުވާކަށް”

އެހެން ހުރިހާ ކަމަކަށް ވުރެވެސް ޝިޔާންއަށް ދަތިވި ކަމަކީ އަމިއްލަ ރަށާއި އާއިލާއާއި ދުރުގައި އުޅެންޖެހުމުގެ އެކަނިވެރިކަމެވެ.

އޭނާއަކީ ކުޑައިރުއްސުރެ “މަންމަގެ ކުއްޖެކެވެ”. ރަށުގައި އުޅުނުއިރުވެސް ގެއިން ބޭރުގައި އުޅުމަށްވުރެ އޭނާގެ އުޅުން ހުންނަނީ ގޭގައި މަންމައާއި އެކުގައި އުޅުމަށެވެ. ފޮތެއް ކިޔަން ނުވަތަ ކިޔަވާށެވެ. ކިޔެވުމަށް އެހާ ބޮޑު ސަމާލުކަމެއް ދެވުނީވެސް މަންމަ އެކަމަށް ބާރުއަޅާތީއެވެ.

ރަށް ދޫކޮށް، މާލެއަށް ބަދަލުވުމުން ހުރިހާ ކަމެއް ކުރަންޖެހޭނީ އަމިއްލައަށް ކަން އެނގުނު ހިސާބުން އޭނާ ވަރަށް މާޔޫސްވިއެވެ. މަންމައާއި ވާހަކަ ދެއްކެނީ މަހަކު އެއްފަހަރުއެވެ. އެއީ މޯބައިލް ފޯނު އާންމު ޒަމާނެއް ނޫނެވެ. ގިނަ ރަށްރަށަށް ގުޅޭނީ އެރަށެއްގައި ހުންނަ ފޯނު ބޫތަކަށް ގުޅައިގެންނެވެ. މާލޭގައި ލޭންޑްލައިން ހުރި ނަމަވެސް ގޭތެރޭގައި ފޯނުކޮށްގެން ވާހަކަދެއްކުން ވަނީ ފަސޭހަކަމަކަށްނޫނެވެ.

“ހަނދާންހުރޭ.. ފުރަތަމަ ޕޭރެންޓް ޓީޗާ މީޓިން އަށް ބައްޕަ ހުރި މާލޭގަ. ވަރަށް ރަނގަޅޭ ބުނީ ދޯ ޓީޗަރުންތައް. ވަރަށް ރަނގަޅު ކުއްޖެކޭ. ބުނީމަ، ބައްޕަ އުފަލުން ދަރުމަވަންތައިން ނުކުތް ގޮތަށް އެތާ ކައިރީގަ އިން ފޯން ބޫތަކުން މަންމައަށް ގުޅާފަ ބުނީ އެހެން. މަ ވަރަށް އުފާވި ދުވަހެއް އެއީ..”

އެފަދަ އުފާވެރި ދުވަސްތަކަކީ ޝިޔާން މާލޭގައި ހޭދަކުރި ދުވަސްތަކުތެރޭގައި މަދުން އަންނަ ދުވަސްތަކެކެވެ. ނަމަވެސް ކުރިމަތިވި ދަތިތަކާއެކުވެސް، ތިން އަހަރުގެ ސާނަވީ ތައުލީމު ފުރިހަމަ ކޮށް، 2005 ގައި ޝިޔާން އޯލެވެލް އިމްތިހާނުގައި ބައިވެރިވިއެވެ. އިމްތިހާން ހަދައި ނިމުމުން އޭނާ ރަށަށް ދިޔައީ ދެން އަނބުރާ އަންނަން ނުޖެހޭނެ ކަމުގެ އުންމީދުގައެވެ.

“އޯލެވެލް ރިޒަލްޓް ނެގީ ދޮންބެ މާލޭގަ ހުރެފަ.. ނެގިއިރު މަގޭ ރިޒަލްޓް ވަރަށް ރަނގަޅު. ލިބުނު ބައިވަރު ބީ ތަކަކާއި، 2 އޭ އާއި އެކަހަލަ ގޮތަކަށް”

ރަނގަޅު ނަތީޖާއެއް އާއިލާ ބޭނުންވީ ޝިޔާން އޭލެވެލް ކިޔެވުމަށް އަނެއްކާ މާލެ ފޮނުވާށެވެ. ދޮންބެ އޮފީސް ވެރިމީހާއަށް ނަތީޖާ ފެނުމުން، ޝިޔާން މާލެ ގެނެސް އޭލެވެލް ކިޔަވައިދޭ ނަމަ ވަޒީފާ ދޭނެކަމުގެ ޔަގީންކަން ދިނެވެ. ޝިޔާން އަނބުރާ މާލެ އަންނަން ބޭނުން ނުވި ނަމަވެސް މަންމަގެ އާދޭހާއި އެކު އެންމެ ފަހުން ސީއެޗްއެސްއީ އާއި ގުޅުމަށް މާލެއަންނަން ނިންމިއެވެ.

ނަމަވެސް ކަން ދިމާކުރި ގޮތުން، އޭނާގެ ބޮޑުދައިތަ ގޭގައި ޖާގަ ނެތްކަމަށް ބުނެ އެގޭގައި ނުހުރެވޭނެ ކަމަށް އެންގިއެވެ. އެހެންކަމުން، ޝިޔާން އޭލެވެލްއަށް ބަދަލުވީ ނުދަންނަ މީހެއްގެ ގެއެއްގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައެވެ.

ގެންގުޅޭ ކުދީން

މާލޭގެ ކަމުވޮށިގެންވާ ގޭގޭގައި “ކުދީން ގެންގުޅުން” އެއީ ވިހި ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން ކުރަމުން އައިކަމެކެވެ. މިއީ ރާއްޖެތެރޭގެ ޒުވާން ފުރާވަރު އުމުރުގެ ކުދީން ގޭތެރޭގެ މަސައްކަތްކުރާ ނޯކަރުންގެ ގޮތުގައި ގެންގުޅުމެވެ. ބަދަލުގައި އެކުދީންނަށް މާލެއިން ލިބެން އޮތް ތައުލީމެއް ހާސިލުކުރުމުގެ ފުރުސަތު ލިބެއެވެ.

ގެންގުޅޭ ކުއްޖެއްގެ ގޮތުގައި މާލޭ ގެއެއްގައި އުޅުނު މީހުން ނުވަތަ ގެންގުޅޭ ކުއްޖެއް އުޅުނު ގެއެއްގައި ބޮޑުވި މީހުން މިހާރު ދިރިތިބި މީހުންގެ ތެރޭގައި މަދެއް ނުވާނެއެވެ. އެކި މީހުންގެ ވާހަކަތަކާއި ތަޖުރިބާތައް ތަފާތުވާނެއެވެ. މީގެ ތެރޭގައި ހިތްފަޅައިގެންދާ ފަދަ ދަތިހާލުގައި އުޅެންޖެހުނު ކުދީންނާއި ދެ ފަރާތަށް ފައިދާވާ އިންތިޒާމެއްގެ ދަށުން ގޭގޭގައި ބޮޑެތިވެ، މަތީ މަޤާމުތަކަށް ގޮސްފައިވާ މީހުންވެސް އުޅޭނެއެވެ. ނަމަވެސް، މި އެންމެންވެސް އެއްގޮތްވާ ކަމަކީ، މާލޭ އާއިލާއާއި ރާއްޖެތެރޭ ކުދީންގެ ދެމެދުގައިވާ ސާހިބާ އާއި ނޯކަރުގެ ގުޅުމެވެ. އާންމު ގޮތެއްގައި މި އިންތިޒާމުގެ ދަށުން ރާއްޖެތެރޭ ކުއްޖާއަށް މާލޭގައި ކެއުމާއި ހުރުން ފޯރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުން އެކުއްޖާ މާލޭ އާއިލާގެ ގޭތެރޭގެ މަސައްކަތްތައް ކުރާން ޖެހޭނެއެވެ. މީގެ އިތުރުން ރާއްޖެތެރޭ އާއިލާ މާލޭ އާއިލާއަށް ރަށުން “ހަދިޔާ” ފޮނުވުމަކީ މި އިންތިޒާމުގެ ތެރޭގައި ހިމެނޭކަމެކެވެ.

މަޝްހޫރު އެކްޓަރ އަދި ކޮމީޑިއަން ޔޫސޭ ވަނީ އޭނާގެ “ދިރިއުޅުމަކީ މީބާ؟” ސިލްސިލާގެ 1980 ގެ އެޕިސޯޑެއްގައި މި ހަގީގަތް ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. 30 މިނެޓުގެ މި އެޕިސޯޑުގައި ޔޫސޭ ކުޅެނީ ހުވަދު އަތޮޅުގެ ރަށަކުން މާލެއަށް ކިޔަވަން އަންނަ މުހަންމާ ކިޔާ ޒުވާނެއްގެ ރޯލެވެ. ނަމަވެސް މުހަންމާ ގެންގޮސް ބަހައްޓާ ގެއިން އޭނާއަށް ކުރިމަތިވަނީ މަސައްކަތާއި ތަފާތުކުރުމެވެ. މަދަރުސާއަށް ވެއްދުމުގެ ބަދަލުގައި އޭނާއަށް ޖެހެނީ ގޭތެރޭގެ މަސައްކަތްތައް ކުރާށެވެ. ގޭގައި އުޅޭ މީހުންގެ ފަރާތުން އެކި ކަހަލަ މަލާމާތްކުރުމާއި ކުރިމަތިވެއެވެ. އޭނާގެ ބައްޕަ އަނބުރާ މާލެ އަންނަ އިރު އޭނާ ކިޔެވުމުގެ ބަދަލުގައި މަސައްކަތްކުރާތަން ފެނި، ރާއްޖެތެރޭ ނިކަމެތި އާއިލާއަކަށް ނިސްބަތްވާތީ ކުރާ ތަފާތުކުރުންކަން އެނގުމުން، މުހަންމާ އަނބުރާ އޭނާގެ ރަށަށް ގެންދަން ނިންމައެވެ.

މިއީ މިހާރު ނެތި ގޮސްފައިވާ ކަމެއް ނަމަވެސް، މިސަގާފަތުގެ އަޑީގައިވާ ބޭފުޅުކަމާއި ފަންތީގެ ތަފާތުކުރުމުގެ ސަގާފަތް އަދި އަދަށް ދާންދެންވެސް މާލޭ މުޖުތަމައުއިން މުޅީން ނެތިގެން ނުދެއެވެ.

ޝިޔާންއަކީ ގެންގުޅޭ ކުއްޖެއްގެ ގޮތުގައި މާލޭގައި ދިރިއުޅުނު ކުދީންތަކުގެ އެންމެ ފަހު ޖީލުގައި ހިމެނުނު ކުއްޖެކެވެ. ސެންޓަރ ފޯ ހަޔަރ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި އޭލެވެލް ކިޔެވި ދުވަސްވަރު އޭނާ ދިރިއުޅުނީ ވިލިމާލޭގެ ގެއެއްގައެވެ. އޭނާ އަނެއްކާވެސް ނިދާން ޖެހުނީ ބިންމަތީގައި ތަންމަތި އަޅައިގެންނެވެ.

“އެއީ އެހެން އާއިލާތަކަށްވުރެ ތަންކޮޅެއް ފޯރާ އާއިލާއެއް އެއީ. ތަންކޮޅެއް އަރާމު ގޮދަޑި އެއް ލިބުނީ މަށަށް މިފަހަރު. ބައިސްކަލެއްވެސް ގަނެދިން ކުނިއުކާލަން ދާންޖެހޭނެތީވެ”

ރޭގަނޑު ކުނި އުކާލުމަކީ އެގޭގައި ޝިޔާންއަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެއްކަމެވެ. އޭނާގެ ދުވަހުގެ ޝެޑިއުލް އޮންނަނީ ފުރިފައެވެ.

“ހޭލާގޮތަށް ޖެހޭނީ އެންމެންގެ ފައިވާންތަކާއި ބޫޓުތައް ފޮޅާ، ސާފުކުރަން. ދެން ޓީވީއާއި ސީޑީތައް ފޮޅާފަ، ގޭތެރެ ސާފުކޮށް ނިމޭނީ 10:30 ހާއިރު. ދެން ސައިބޮއެގެން 11 ޖަހާއިރަށް ދާނީ އެގޭ ކުޑަ ފިރިހެންކުއްޖާ ބަލާ ވިލިނގިލި ސްކޫލަށް. ދެން އައިސް ރީތިވެގެން 12 ޖަހާ އިރަށް އަންނާނީ މާލެއަށް ސްކޫލަށް. ސްކޫލު ނިމިގެން މަށަށް ދެވޭނީ ހަވީރު، ގެއަށް ދެވޭއިރު ހުންނާނީ ދާދި 6 ޖަހާފަ, ހަނދާން ހުންނަ ގޮތުން އިރުއޮއްސި އަނދިރިވެފަ ހުންނާނީ އެކޮޅަށް ދެވޭއިރު. ގެއަށްގޮސް، ފެންވަރައިގެން، ފިލާވަޅުތައް ހަދާފަ ދެން ދާންޖެހޭނީ ކުނި އުކާލަން. އެއީ ރޭގަނޑު 11:30 ހާއިރު. ދެން އައިސް ނިދާނީ 12 ޖަހާފަހުން”

މީގެ އިތުރުން ފިހާރަތަކުންނާއި މާރުކޭޓުން ގެއަށް ގަންނަން ޖެހޭ އެއްޗެހި ގަތުމަކީވެސް ޝިޔާންގެ ޒިންމާއެކެވެ. ހުކުރު ދުވަހަކީ ގޭގެ ފާހާނާތައް ސާފުކުރާ ދުވަހެވެ. އެގޮތުން އެއް ހުކުރު ދުވަހަކީ ޝިޔާންގެ ހަނދާނުން ނެތި ނުދާނެ ދުވަހެކެވެ. އެދުވަހު ފާހާނާ ސާފުކުރުމުގެ ކުރީން އޭނާގެ ދެބެންގެ ދެދަރި ކުދީންތަކަކާއި ބައްދަލުވުމަށް ދިޔައީ މާލެއަށެވެ.

“ގޮއްސަ އައިމަ ބުނީ ކަލޭ ފާހާނާ ސާފުނުކޮށޭނުހޭ ތިޔަ ދިޔައީ. އެހެންވީމަ ކެވޭނީ ފާހާނާތައް ސާފުކޮށްފައޭ. ދެން، މަ ފެށީ ފާހާނާ ސާފުކުރަން – 4 ފާހާނާ. ނިމުން އިރު 2:30 ނޫނީ 3 ޖަހަނީ. އޭރު އަދި ނުކައި ހުރީ. މަ ފެއިންޓް ވީ އެތާ ބޭރުގަ.. އެގޭތެރޭ ފަހަތުގައި އިންނަ ހިމަ ގޯޅިގަނޑެއް އިންނާނެ. ކްލީނިން ސްޓަފް ބަހައްޓާ ތަން އެއީ. އެތަނުގަ އިށީން ގޮތަށް ނުއެއް ތެދުވެވުން، ހަމަ ވެއްޓުނީ. އިރުކޮޅެއްފަހުން ހޭލެވުނީ. ހޭލެވުނީމަ، އަދިވެސް އިރުކޮޅަކު އެތާ އޮވެލާފަ ދެން ގޮސް ކެއީ. އޭރު 4 ޖަހަނީ”

“އެ ދުވަހު މަ ހިތަށް އެރި، މުޅި އުމުރު މަސައްކަތް ކުރާނަމޭ އެހެން ކުއްޖަކު އެހެން އުޅެން ނުޖެހޭނެ ގޮތެއް ހަދަން”

އެގޭގައި ޝިޔާން އަށް ކުރިމަތިވި ކަންކަން ދުވަހަކަށް ވުރެ ދިޔައީ ދަތިވަމުންނެވެ.

“ދެން އެމީހުން ސުވާލުކުރަންފެށީ. ބުނީ ފިހާރަ މީހުން ބުނެއޭ ކަލޭ ވަރަށް ނަގައޭ ކޯކާ ބިސްކޯދާ އެއްޗެހި. މަ ބުނިން މިގޭ ކުދިކުދިންނަށް ގެންނަން ކަލެމެން ބުނާ އެއްޗިއްސޭ ނަގަނީ، އިތުރު އެއްޗެއް ނުނަގަމޭ”

ވައްކަން ކުރުމަކީ ޝިޔާންގެ ބައްޕަ އެންމެ ފުރަތަމަ މާލެ ފޮނުވަމުންވެސް އެންމެ ބޮޑަށް ނަސޭހަތްދިން އެއްކަމެވެ. ތެދުވެރިވުމަށާއި މުޖުތަމައުގައި ފެންވަރު ދަނެގެން އުޅުމަށް އޭނާގެ ބައްޕަ ލައިދިން ނަސޭހަތް ޝިޔާން އަބަދުވެސް ހަނދާންހުރެއެވެ.

“ބައްޕަ މަކާރީގަ މާލެ އައި އިރުގަ ވަރަށް ނަސޭހަތްދިން ވައްކަމެއް ނުކުރައްޗޭ.. އެމީހުން ނުދޭ އެއްޗެއް ނުކައްޗޭ.. ޒުވާބު ނުކުރައްޗޭ.. އޭތި ވަރަށް ބޮޑަށް ބައްޕަ އުޅުން ކިޔައިދޭން. އަހަރެމެންނަކީ ނިކަމެތިންނޭ އެހެން ވީމާ ރަނގަޅަށޭ އުޅެންޖެހޭނީ. ކުލާހުގަ އެހެން ކުދީން ނުކިޔަވާ އުޅުނަސް ކަލޭ ޖެހޭނޭ ކިޔަވަން. އެމީހުނަށް ލިބޭނޭ ބިމާ އެއްޗެހި، އަހަރެމެނަކަށް ނުލިބޭނޭ”

“އެކަމާ ބައްޕަ ކުޑަކޮށް ބްލޭމް ކުރެވޭ، ނިކަމެއްޗެއްގެ އިހުސާސް ވަރަށް ބޮޑަށް ކޮށްދިން، އެކަމު އެއީ ތެދެއްދޯ. އެ ކްލާސް ކޮންޝިއަސްނެސް ވިސްނައިދިނީ ބައްޕަ. އަސްލު އަހަރެމެން ތަފާތުކަން.”

ބައްޕަގެ ވާހަކަތައް ބޮލުލައިގެން ހުރި ޝިޔާނަށް ވައްކަން ކުރުމުގެ ދޮގު އިލްޒާމު އެޅުން ވީ ކެތްކުރެވޭ ވަރު ކަމަކަށް ނޫނެވެ. ވަގުތުން މަންމައަށް ގުޅައިގެން އެހެން ގެޔަކަށް ކުލީގައި އުޅެން ބަދަލުކޮށްދިނުމަށް އޭނާ އެދުނެވެ. އެހިސާބުން އޭނާ އާއި އޭނާގެ ބޭބެ ބަދަލުވީ މާލޭގައި އަލަށް އުފެދެމުން އައި ކުދިން ބައިތިއްބައިދޭ ގެޔަކަށެވެ.

ޝިޔާންއަށް ގެންގުޅޭ ކުއްޖެއްގެ ގޮތުން ކުރިމަތިވީ ކަންކަން ހިއްސާކުރަމުން އޭނާ ފާހަގަ ކުރާ ކަމަކީ އޭނާގެ ތަޖުރިބާއަކީ އެތައް ސަތޭކަ ބައެއްގެ ތެރެއިން އެންމެ މީހެއްގެ ތަޖުރިބާކަމެވެ. އެހެން ކުދީން، އަދި ހާއްސަކޮށް އަންހެން ކުދީންނަށް ކުރިމަތިވަނީ އެއަށްވުރެވެސް ދަތި ކަންތައްތަކާއެވެ.

“މަ މިއީ އެގޭގައި ގެންގުޅުނު އެންމެ ފަހު ކުއްޖާ. މަ ދިޔުމުގެ ކުރިން އެތައް ކުދިންނެއް އުޅުނު. މަށަކަށް ނޭނގެ ދޯ އެމީހުންނަށް ކުރިމަތިވީ ކޮން ކަންކަމަކާ ކަމެއް… މިކަހަލަ ގޭގޭގަ އެތައް ކުދިންނަކާއި ބެހިފަ އެބަހުރި، ރޭޕް ކޮށްފަ އެބަހުރި.. މަށަށް ނަސީބަކުން އެކަހަލަ ކަމަކާ ކުރިމަތިނުވޭ. ނުކިޔާދެވޭ އެތައް ވާހަކަތަކެއް ވާނެ. ކިހިނެއް އެނގޭނީ.. ކުދިން މަރުވެފަ ވެސް ހުރެދާނެ.. ކިހިނެއް އަހަރެމެނަށް އެނގޭނީ”

ނޮވެލްޓީ ޕަބްލިޝާސްގެ ބާނީ ވާރެޔާފުށީ އަލީ ހުސައިން ވަނީ މާލެ މީހުން ރާއްޖެތެރޭ މީހުންނާއި ދެމެދު ގެންގުޅުނު ތަފާތުކުރުމުގެ ސަގާފަތް ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. އަލީ ހުސައިން އޭނާގެ “ދުށްތަނާ އިވުނުއަޑުގެ ހަނދާންހުރިބައި” ސިލްސިލާ ފޮތްތަކުގެ ތިންވަނަ ބައިގައި ލިޔުއްވާފައިވެއެވެ.

“ތަޢުލީމު ޢާއްމުވެ، ހޭލުންތެރިކަން އިތުރުވެ، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބޮޑުބަދަލާއެކު، މިހާރު އެކަން ފާހަގަ ކުރެވެން ނެތް ހިސާބަށް ފަނޑުވެގޮސް ފިލައިނެތިދިޔަ ނަމަވެސް، ދުނިޔޭގެ އެއްވެސް ބައެއްގެތެރޭގައި ދުވަހަކުވެސް އެކަން އޮތް އެންމެ ބޮޑު މިންވަރަކަށް، ދިވެހިންގެ ތެރޭގައިވެސް ނަސްލީ އިމްތިޔާޒު އޮތެވެ. ހަރުކަށިކަމާއެކު އެކަން ހިފެހެއްޓުނެވެ. ސަރުކާރުގެ އެންމެ މަތީން ފެށިގެންނެވެ. އޭރު, ރާއްޖެތެރޭ މީހުންނަކީ، ބީރައްޓެހިންނެވެ. ރާއްޖެތެރޭ ރަށަކަށް އުފަން ވެއްޖެނަމަ، މާލޭ މީހުންނަށް އެމީހުން އެއީ ބީރައްޓެހިންނެވެ. މާލޭމީހުން ސިފަކޮށް ބުނެ އުޅެނީވެސް، ބީރައްޓެއްސެއްގެ ފައިން ދުވަހަކުވެސް ލޮނުވެލި ނުހިކޭނޭކަމަށެވެ. އަދި ބީރައްޓެއްސެއްވިއްޔާ ފަސްކުޅަނދު ހަމަ މަދުވެސް ވާނެކަމަށޯލައެވެ.”

ފަސްކުޅަނދު މަދުވުން – މިއީ އިހުޒަމާނުގައި ރާއްޖެތެރޭ މީހުންނަށް ނިސްބަތްކޮށް ކިޔާއުޅުނު ބަދުބަހެއް. އޭގެން އެބުނެދެނީ ރާއްޖެތެރޭ މީހުންގެ ސިކުނޑިން ބައެއް (ކުޅަނދަކީ އިހުޒަމާނުގައި ދިވެހިން މިނެކިރުމަށް 25 މަދޮށި ނުވަތަ 5.8 ގުރާމަށް ވާވަރުގެ މިނެއް، އެހެންކަމުން ފަސްކުޅަނދަކީ ސީދާ 29 ގުރާމު) މަދުވާނެ ކަމަށް.

ރާއްޖެތެރޭ ރަށަކަށް އުފަންވެ ބޮޑުވި، އަލީ ހުސައިން، ވަނީ މާލޭ މީހުން ރާއްޖެތެރޭ މީހުންނަށް އިޖުތިމާއީ އަދި ގާނޫނީ ގޮތުން ތަފާތުކުރާ ގޮތްގޮތް ބަޔާންކޮށްދީފައެވެ. މާލޭ މީހުންނާއި ރާއްޖެތެރޭ މީހުން ދެމެދު ކައިވެނިކުރުން، ވަކިން ހާއްސަކޮށް ރާއްޖެތެރޭ ފިރިހެނަކާއި މާލޭ އަންހެނެއް ކައިވެނީގެ ގޮތުން ގުޅުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ހެދުންއެޅުމާއި އަޅާ ގަހަނާއާއި އިށީންނަ ގޮނޑީގައިވެސް މާލެ މީހުންނާއި ރާއްޖެތެރޭ މީހުން ދެމެދު ބޮޑެތި ތަފާތުތަކެއް ހުންނަ ކަމަށް އޭނާ ފާހަގަކުރެއެވެ. މީގެ އިތުރުން، ރާއްޖެތެރޭ މީހުން މާލެ އައުމަށް ވަކިން ހުއްދައެއް ނަގަންޖެހޭ ކަމާއި މި ހުއްދަ ނެގުމުގެ މަރުހަލާތަކުގެ ތެރޭގައި އަތޮޅުވެރިޔާގެ ސިޓީއެއް ހޯދުމާއި މާލޭ ގެއެއްގައި ރަޖިސްޓަރ ވުމާއި ފުރުމަށް ނުވަތަ ގެ ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ.

މާލެއަށް ރާއްޖެތެރޭ މީހުން ފޭބުމުގެ ކުރިން ހުއްދަ ނެގުމުގެ އުސޫލު ބަޔާންކޮށް 1957 ގައި ހަދާފައިވާ ގަވައިދެއް

އަލީ ހުސައިންގެ ފޮތުގައި ސިފަކޮށްދީފައިވާ ގޮތުގައި ހުއްދަ ނަގައިން މާލެއައިސް އުޅޭ ގިނަ މީހުން އުޅޭނީ ހަވާލުވާމީހާގެ ގެއެއްގައި ނޯކަރެއްގެ ގޮތުގައި ގޭގޭގެ މަސައްކަތަށް ކަމަށެވެ. އެޒަމާނުގައި ގެންގުޅޭ ކުދީންގެ ގޮތުގައި ބޮޑުވެ ފަހުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށްވީ ބައެއް މީހުން އަލީ ހުސައިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ލިޔުންތެރިޔާ މަޑުލު މުހައްމަދު ވަހީދު އަދި މަޝްހޫރު ވިޔަފާރަވެރިޔާ ބުރުމާ ގާސިމް އިބްރާހިމް ހިމެނެއެވެ.

މާލޭ އިމްތިޔާޒާއި ތައުލީމީ ދާއިރާގައި ހުރި ނިޒާމީ މައްސަލަތައް

ގެންގުޅޭ ކުދިން ގެންގުޅުމަކީ މިހާރު ނެތިގޮސްފައިވާ ސަގާފަތެކެވެ. ނަމަވެސް ތައުލީމު ހާސިލުކުރުމަށްޓަކައި މާލެ ހިޖުރަކުރުމަކީ ބަދަލު ވުމެއް ނެތި ވޭތުވެދިޔަ ވިހި އަހަރުވެސް ކުރިއަށް ދިޔަކަމެކެވެ.

ތައުލީމު ހާސިލްކުރުމަކީ އެންމެ ގިނަ މީހުން މާލެ ހިޖުރަކުރާ ސަބަބެވެ. އެއާއި ޖެހިގެން އެންމެ ގިނަ މީހުން ހިޖުރަ ކުރަނީ އާއިލާއާއި އެކު ބަދަލުވުމަށެވެ. މީގެ ތެރޭގައި ހިމެނޭ ބޮޑު ބަޔަކީ ތައުލީމު ހާސިލްކުރަން މާލެ ގެންނަ ދަރީންނާއި އެކު ބަދަލުވާ އާއިލާތަކެވެ.

އާމިނަތު ނަދީމާގެ ތައުލީމީ ހަޔާތް ފެށުނީ 1980 ގެ އަހަރުތަކުގައި ޅ. ނައިފަރުގައެވެ. އޭނާއަކީ ރާއްޖެތެރޭގައި އެންމެ ފުރަތަމަ ފެށުނު ސްކޫލު ކަމަށްވާ މަދަރުސަތުލް އިފްތިތާހްގެ އެންމެ ފުރަތަމަ ބެޗުގައި ހިމެނުނު ކުއްޖެކެވެ. ނަދީމާ އަކީ ކުޑައިރުއްސުރެ ކިޔެވުމަށާއި، ކުޅިވަރަށާއި އިތުރު ހަރަކާތްތަކުގައިވެސް ނަގާ ކިޔާލެވޭ މޮޅުކުއްޖެކެވެ.

ނަމަވެސް، ރަށު ސްކޫލުގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކުން ނަދީމާގެ ކިޔެވުމަށް ހުރަސްއެޅެން ފެށިއެވެ. މަތީ މާކްސް ހޯދައިގެން ގުރޭޑު 7 ނިންމި ނަމަވެސް، ސްކޫލުގައި ގުރޭޑު 8 ނުފަށާތީ ނަދީމާއަށް މަޖުބޫރުވީ އެ އަހަރު އަލުން ރިޕީޓް ކުރާށެވެ. ޖެހިގެން އައި އަހަރު ނަދީމާ ފެށީ ޕްރީ 8 ގްރޭޑެކެވެ. ނަމަވެސް އަނެއްކާވެސް ގްރޭޑް 9 ނުފަށާތީ ނަދީމާއަށް މަޖުބޫރުވީ ގުރޭޑު ރިޕީޓުކުރާށެވެ. މިހެން ކިޔެވުމުގެ އަހަރުތައް ދިގުދެމިގެން ދާން ފެށުމުން ނަދީމާގެ މައިންބަފައިން ނިންމީ ނަދީމާ މާލެ ފޮނުވައިގެން ކިޔަވައިދޭށެވެ.

އުމުރުން 18 އަހަރުގައި ނަދީމާގެ އުފަން ރަށާއި އާއިލާ ދޫކޮށް މާލެ ބަދަލުވެ، އާއިލާގެ ރައްޓެއްސެއްގެ ގާތުގައި ދިރިއުޅެން ފެށީ ކިޔެވުން ފުރިހަމަ ކުރާށެވެ. ނަދީމާ ސިފަކޮށްދިން ގޮތުގައި އޭނާގެ ނަސީބު ވަރަށް ރަނގަޅެވެ. އޭނާ ހުރި ގޭގެ ދައްތަ އޭނާ ބެލީ އަމިއްލަ ދަރިއެއްހެންނެވެ. އެހެންކަމުން ރާއްޖެތެރެއިން މާލެއައިސް ކިޔަވަން ތިބޭ އެތައް އަންހެން ކުދިންނެއް ކުރަންޖެހޭ ކަހަލަ މަސައްކަތް ކުރާކަށް ނަދީމާއަކަށް ނުޖެހެއެވެ. ނަމަވެސް، ނަދީމާއަށް ކިޔެވުމަށް ކުރިމަތިލާންޖެހުން ގޮންޖެހުންތައް މަދެއްނޫނެވެ. ރަށު ސްކޫލުގައި ގްރޭޑު ރިޕީޓް ކުރަން ޖެހި އުމުރު މައްޗަށް ޖެހިފައި ހުރުމުން، މާލޭގެ ސަރުކާރު ސްކޫލެއްގައި އެންރޯލްވުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން ނަދީމާ ގުޅެން ޖެހުނީ ޕްރައިވެޓް ސްކޫލެއް ކަމަށްވާ އިންގްލިޝް ޕްރިޕަރޭޓަރީ އެންޑް ސެކަންޑަރީ (އީޕީއެސް) ސްކޫލަށެވެ. ނަމަވެސް އީޕީއެސްގައި ކިޔަވައިދޭ ބައެއް އާޓް ސްޓްރީމްގެ މާއްދާތަކަކީ ރަށުގައި ކިޔަވައިނުދޭ މާއްދާތަކަކަށް ވާތީ، ސީދާ ގުރޭޑު 10 އަށް ގުޅުމުގެ ބަދަލުގައި ނަދީމާ ނިންމީ ގުރޭޑު 9 ރިޕީޓުކޮށް އައު މާއްދާތަކަށް ފަރިތަވާށެވެ. މާލެ ބަދަލުވެ, ކިޔަވަން ފެށުމުން ނަދީމާއަށް ސާފުވީ ކަމަކީ މާލޭ ކުދިންގެ އިނގިރޭސި ފެންވަރު މާ ރަނގަޅުކަމާއި އެކުދިންނަށް ފޮތްތަކާއި މައުލޫމާތު ލިބޭނޭ ގޮތްތައް މާ ގިނަކަމެވެ. ފެންވަރުގައި ހުރި މި ފަރަގު އިހުސާސްވުމުން، ނަދީމާ އޭނާގެ މައިންބަފައިންނާއި ވާހަކަދައްކައިގެން ކޮއްކޮމެންވެސް މާލެއަށް ކިޔަވަން ގެންނަން އޭނާ ނިންމިއެވެ. އެންމެ ފަހުން އާއިލާ އެއްކޮށްހެން މާލެ ބަދަލުވީ ކުދިންނަށް ރަނގަޅު ތައުލީމެއް ޔަގީން ކޮށްދިނުމަށެވެ.

ނަދީމާގެ ވާހަކައިން ފާހަގަކުރެވޭ ކަމަކީ ރަށު ސްކޫލުގައި ތައުލީމު ހާސިލްކުރުމުގެ މަގުތައް ހަނިވުމުން އުމުރުގެ އަގުހުރި އަހަރުތަކެއް ގެއްލިގެން ދާކަމެވެ. ނަދީމާ ސްކޫލު ނިންމި އިރު އޭނާގެ އުމުރު ވަނީ އެހެން ކުދިންނަށް ވުރެ މާމަތީގައެވެ. މިފަދަ ހުރަސްތަކަކީ ރާއްޖެތެރެއިން މާލެ ބަދަލުވެ ސްކޫލަށް ގުޅޭ އެތައް ކުދިންނަކަށް ކުރިމަތިވި ހުރަހެކެވެ. ނަދީމާގެ ބުރަ މަސައްކަތާއި ރަނގަޅު ނަތީޖާގެ ސަބަބުން އޭނާއަށް މިހުރަސްތައް ގިރާކުރެވުނެވެ. ސްކޫލު ނިންމުމަށްފަހު ނަދީމާ ގުޅުނީ ސަރުކާރު ވަޒީފާއަކަށެވެ. މަސައްކަތުގެ އަގުހުރި ތަޖުރިބާތަކެއް ހޯދުމަށްފަހު މަތީ ތައުލީމު ހާސިލްކުރުމަށް ސަރުކާރު ސްކޮލާޝިޕެއްގައި މެލޭޝިޔާއަށް ގޮސް ޑިގްރީއެއް ފުރިހަމަކުރިއެވެ. މިއަދު އޭނާއަކީ ސަރުކާރުގެ އިސް މަގާމެއްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. ނަމަވެސް އަހަރުތަކެއް ގެއްލިގެން ނުދިޔަނަމަ، އޭނާ މިހާރު ހުންނާނީ ކޮން ހިސާބެއްގައިތޯ އަދިވެސް ސުވާލުކުރެވެއެވެ.

2015 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން ހަދާފައިވާ އެސެސްމެންޓަކަށް ވާހަކަދެއްކި ރާއްޖެތެރޭ ކުދިންގެ ތެރެއިން 53 އިންސައްތަ ކުދިން ސިފަކޮށްދިން ގޮތުގައި އާއިލާއާއި ދުރުގައި އުޅެން ޖެހުމުން އެތައް ދަތިތަކަކާއި ކުރިމަތިވެއެވެ. މިގޮތުން ނަފްސާނީ ހާސްކަމާއި ސްކޫލުގައި ރަނގަޅަށް މަސައްކަތްކުރަން ދަތިވާކަމަށާއި ޓީޗަރުންނާއި ސްކޫލު މުވައްޒަފުންގެ ފަރާތުން ލިބެންޖެހޭ އެހީ ނުލިބޭކަމަށާއި، ތަފާތުކުރުމާއި ބުލީކުރުމާއި ކުރިމަތިވާ ކަމަށް ގިނަ ކުދިން ފާހަގަކުރިއެވެ. މި ދިރާސާގައި ވާހަކަދެއްކި މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުން ފާހަގަކުރާގޮތުގައި ކުރިއަށް އައި 5 އަހަރުގެ ތެރޭގައި މާލެއަށް ހިޖުރަކުރާ ދަރިވަރުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.

މިގޮތަށް ހިޖުރާކުރާ ދަރިވަރުން ބަލަހައްޓާނެ ގާތްތިމާގެ މީހެއް މާލޭގައި ނެތްނަމަ އެކުދިންނަށް އޮންނަ ގޮތަކީ ވިޔަފާރި އުސޫލުން މާލޭގައި ހިންގާ ކުދިން ބައިތިއްބައިދޭ ގޭގޭގައި ކުއްޔަށް އުޅުމެވެ. މިކަހަލަ ގެތަކަކީ އައިބޭ ފަދަ އޮންލައިން ވެބްސައިޓް ތަކުގައި ވަކި ކެޓަގަރީއަކަށް ފެތޭ ބޯޑިން ހައުސްތަކެކެވެ. މިފަދަ ގެތަކުގައި 2500 ރުފިޔާއާއި 3500 ރުފިޔާއާއި ދޭތެރޭގެ އަގަކަށް ހުރުމާއި ކެއުމާއި އަންނައުނު ދޮވުން ހަމަޖެހެއެވެ. ނަމަވެސް މި ގޭތަކަކީ ހާއްސަކޮށް ކިޔަވާކުދިން ދިރިއުޅެން އެންމެ ރަނގަޅު މާހައުލެކޭ ނުބުނެވޭނެއެވެ. ވިޔަފާރި އުސޫލުން ހިންގާ މިފަދަ ގެއެއްގެ ކުޑަކުޑަ ކޮޓަރިއެއްގައި 6 ނުވަތަ 8 ކުދިން ތިބެދާނެއެވެ. ތިން ބުރީގެ ބަންކް ބެޑުތައް ސީލިންގާއި ހަމައަށް އުފުލިފައި ހުންނައިރު ދިރިއުޅެން ޖެހެނީ ތާށިކަމެއް ތެރޭގައެވެ. ފިލާވަޅު ހެދުމަށާއި ފޮތްކިޔުމަށް ރަނގަޅު މާހައުލެއް ފަހިވެފައި މިގޭތަކުގައި ނުހުރެއެވެ. ސްކޫލު ކިޔަވާ ކުދީންނަށްވުރެ މިފަދަ ގޭތަކުގައި ގިނައީ ކޮލެޖް ކޯސްތައް ފުރިހަމަކުރުމަށް މާލެ ބަދަލުވެގެން އުޅޭ ރާއްޖެތެރޭ ޒުވާން ކުދިންނެވެ. މިފަދަ ގޭގޭގައި އަންހެން ކުދީންނާއި ފިރިހެން ކުދީންވެސް ވަކި ކޮޓަރިތަކުގައި ބަހައްޓާނެއެވެ. މި ގެތަކުން އަންހެން ކުދިންނަށް ކުރިމަތިވާ ކަންތައްތައް އިންތިހާއަށް ދައްޗެވެ. ދުވާލު މަސައްކަތްކުރަން ވަޒީފާއަށް ގޮސް، ރޭގަނޑު ކޮލެޖު ކުލާސްތަކަށް ދިޔުމަށް ފަހުވެސް ގެ ބަލަހައްޓާ ފަރާތަކަށް ކެއްކުމާއި، ސާފުކުރުމާއި އެއްޗެހި ދޮވުމުގައި އެހީތެރިވެދޭން ޖެހުމަކީ އާންމުކަމެކެވެ. މި ގޭތަކުގައި އޮންނަ ހަލަބޮލި މާހައުލާއި އެކިކުދީންނާއި ބަލަހައްޓާ މީހާގެ ފަރާތުން ކުރިމަތިވާ ކަންތައްތަކުގެ ސަބަބުން، މާލޭގައި ހޭދަކުރާ ދުވަސްތަކުގައި އެތައް ގެއަކަށް ބަދަލުވުމަކީ އާންމުކަމެކެވެ.

2014 ވަނަ އަހަރު ބެޗެލަރސް ޑިގްރީއެއް ހެދުމަށް މާލެ ބަދަލުވި ރަޝީދާ ކިޔައިދިން ގޮތުގައި ޑިގްރީ ޕްރޮގްރާމުގެ ތިން އަހަރުގެ ތެރޭގައި އޭނާ ތިން ގެޔަކަށް ބަދަލުވިއެވެ. މިހާ މުއްދަތެއް ތެރޭގައި މިޔަށްވުރެ ގިނަ ގޭތަކަށް ބަދަލުވާ ކުދީންވެސް މަދެއްނުވާނެއެވެ.

ރާއްޖެތެރޭ ކުދިން ތައުލީމު ހާސިލްކުރުމަށް މިފަދަ އެތައް ހުރަސްތަކެއް ހުރިނަމަވެސް، ސަރުކާރުގެ ސިޔާސަތުތައް އަދިވެސް އިސްކުރަނީ މާލެ ސަރަހައްދުގެ ތައުލީމީ ހިދުމަތްތައް ރަނގަޅުކުރުމަށެވެ. ގިނަފަހަރު، ރަށްރަށުގެ ތައުލީމީ ނިޒާމުތަކަށް އިހުމާލުވަމުންނެވެ.

މާލޭގެ އާބާދީ އިތުރުވެގެންގޮސް އުފައްދާފައިވާ ހުޅުމާލެއާއި ފޭސް 2 ގައި އެތައް ހާސް މީހުންނެއް އާބާދުވަމުން ދާއިރު މި ސަރަހައްދުގައި ސްކޫލުތައް އަޅާ، ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަތޮޅުތަކުގެ އެތައް ސްކޫލަކުން އަދިއަދަށްވެސް އުޅެނީ މުދައްރިސުން ހޯދުމަށާއި ކޮމްޕިޔުޓަރ ލެބާއި ލައިބްރަރީ ފަދަ އިންތިޒާމުތައް ހަމަނުވެގެންނެވެ.

ނަތީޖާއަކީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަކީ އެއްފަރާތަކަށް ބުރަވާ ގޮތަށް ފަރުމާވެފައިވާ ނިޒާމަކަށް ވުމެވެ. މި ނިޒާމު ބައްޓަންވެފައިވާ ގޮތުން ކިޔަވާ ކުދިންނަށް ލިބޭ ފުރުސަތުތައް ވަރަށް ބޮޑަށް ބަރޯސާވަނީ އެ ކުއްޖެއް އުފަންވާ ރަށެއްގެ މައްޗަށެވެ.

ރާއްޖޭގައި ހަދާފައިވާ ތަފާތު ދިރާސާތަކުން މި ފަރަގު ވަރަށް ރަނގަޅަށް އެނގި ހާމަވެއެވެ. 2014 ވަނަ އަހަރު ޔޫއެންޑީޕީ އިން ހަދާފައިވާ ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން، މާލޭގައި އުޅެ ބޮޑުވާ މީހަކު ރާއްޖެތެރޭ ރަށެއްގައި ބޮޑުވާ މީހަކަށްވުރެ އިތުރު 3 އަހަރުގެ މަދަރުސީ ތައުލީމު ހާސިލްކުރުން ގާތެވެ. ފުރިހަމަކުރާ މަދަރުސީ އަހަރުތަކުގައި ހުންނަ ފަރަގަކީ، އިޖުތިމާއީ އަދި އިގުތިސާދީގޮތުން އާބާދީ ތެރޭގައި ފަންތީގެ ފަރަގު އުފެދުމަށް އެންމެ ބޮޑަށް މަގުފަހިކުރުވާ ކަމެވެ.

ފަންތީގެ ފަރަގުތައް ގިރާކުރުމަށް އެންމެ މުހިންމު ވަސީލަތަކީ ރަނގަޅު ތައުލީމެއް އަދާކުރުމެވެ. ނަމަވެސް ރާއްޖެތެރޭ ރަށްރަށުގައި އުޅޭ ގިނަ މީހުންނަށް ފުރަތަމަ ގިރާކުރަންޖެހޭ ހުރަހަކީ ތައުލީމު ހޯދުމަށް ހުރި ހުރަސްތަކެވެ.

ޝިޔާންއާއި ނަދީމާ ފަދަ މީހުން ކުރިމަތިލާންޖެހުނު ދަތިތައް ގިނަ ނަމަވެސް، މިހާރު އެމީހުންނަކީ ރާއްޖެތެރޭގައި އުޅެ ބޮޑުވި ގިނަ މީހުންނަށްވުރެ މެދުފަންތީގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ބޮޑު ބައެކެވެ. އަދި އެމީހުން ހިމެނޭނީ ރާއްޖެތެރެއަށް އުފަންވެ ބޮޑުވި ނަމަވެސް، ގައުމީ ފެންވަރުގައި ސިޔާސަތާއި ބަދަލު ގެނައުމަށް މަސައްކަތްކުރުމުގެ ފުރުސަތާއި ގޮތްތައް ލިބިފައިވާ މަދު މީހުންގެ ތެރޭގައެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ފުރިފައިވަނީ އަތޮޅުތެރޭގައި ނުލިބޭ ތައުލީމެއް ހޯދުމުގެ ފުރުސަތު ލިބިފައިވާ މަތީ ފަންތީގެ އާއިލާތަކުން އުފެދިފައިވާ ލީޑަރުންގެ މައްޗަށެވެ. ރާއްޖޭގައި މިހާތަނަށް ވެރިކަންކުރި 8 ރައީސުންގެ ތެރެއިން 7 ރައީސުން ކިޔަވާފައިވަނީ މާލޭގެ މަޖީދިއްޔާ ސްކޫލުންނެވެ. (މީގައި އިސްތިސްނާވާ ހަމައެކަނި ބޭފުޅާ ކަމަށްވާ އަލް އަމީރު މުހައްމަދު އަމީނަކީ އެ ސްކޫލުގެ ޕްރިންސިޕަލްކަން 1946 އާއި 1953 ދޭތެރޭ ކޮށްފައިވާ ބޭފުޅެކެވެ.)

މިހާރު އުފެދިފައިވާ ސިޔާސީ ލީޑަރުންނާއި މަތީފަންތީގެ ބޭފުޅުންނަކީ، އެމީހުންގެ ދަރީން ރާއްޖެއިން ބޭރުން ކިޔަވަން ފޮނުވުމުގެ ފެންވަރު ލިބިފައިވާ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. މިއާއި ހިލާފަށް، އަތޮޅުތެރޭގައި ކިޔަވާ ގިނަ ކުދީން މަތީ ތައުލީމު ހާސިލްކުރުމަށް އޮތް ހަމައެކަނި ގޮތަކީ ގައުމީ ޔުނިވަރސިޓީ ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖުތަކުން ކޯސްތައް ފުރިހަމަކުރުމެވެ. ސަރުކާރުގެ ގިނަ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުންވެސް ރާއްޖޭގެ މަރުކަޒުތަކުން ދަސްވެނިމިފައިވާ ދަރިވަރުންނަށްވުރެ އިސްކަންދެނީ ބޭރުން ކިޔަވައިގެން އަންނަ ދަރިވަރުންނަށެވެ. ނަތީޖާއެއްގެ ގޮތުން ގައުމު ހިންގުމުގެ ޒިންމާ އަނެއްކާވެސް ހަވާލު މިކުރެވެނީ ރާއްޖެއާއި ރާއްޖޭގެ މުޖުތަމައުގައި ހުރި ނިޒާމީ މައްސަލަތަކާއި އިޖުތިމާއީ އިގުތިސާދީ ފަރަގުތައް ރަނގަޅަށް ފަހުމުނުވާ ޖީލެއްގެ މައްޗަށެވެ.

އާއިލާތައް ދެފަޅިވެ، ރަށަށް އޮންނަ ގުޅުން ގެއްލުން

މަޖުބޫރީ ހާލަތުގައި ތައުލީމު ހޯދުމަށް ހިޖުރަކުރުމުން ކުރާ އަސަރުތަކަކީ ހަމައެކަނި ހިޖުރަކުރާ މީހާ ނުވަތަ މީހުންނަށް ކުރާ އަސަރުތަކެއްނޫނެވެ. ހިޖުރަކުރުމުގެ ތެރޭގައި އާއިލާތައް ބައިބައިވެ، ރަށްރަށުގެ ރައްޔިތުންނާއި އޮންނަ ގުޅުންވެސް ދަނީ ކެނޑިގެންނެވެ. އެތައް ބަޔެއްގެ ގާތް މީހުންނާއި އަމިއްލަ ވަޒަނުން ވަކިވެގެންދެއެވެ.

“ބޮޑުވީ މަންމަ ކުއްޖެއްގެ ގޮތުގަ. އެކަމަކު މިހާރު ވަރަށް ދެރަވޭ މިހެން ބުނަންވެސް، އަކަމަކު މިހާރު އަހަރެން މަންމައަކާއި އެ ގާތްކަމެއް ނޯވޭ.” އާއިލާއާއި ދުރުގައި ހޭދަކުރަންޖެހުނު އަހަރުތަކުގެ ސަބަބުން އާއިލީ ގުޅުންތަކަށް އައި ބަދަލު ކިޔައިދެމުން ޝިޔާން ބުންޏެވެ.

އުމުރުން ކުޑައިރު މާލުއައިސް، ޒުވާން އުމުރުގެ ބޮޑުބައި އާއިލާއާއި ގާތް އެންމެންނާއި ދުރުގައި އުޅުމުން ޝިޔާންގެ މިޒާޖަށް އައި ބަދަލުތައް އޭނާއަށް ސާފުވެއެވެ. މިހާރުވެސް ލޯބިވާ މީހުންނާއި އެކު ގާތްކަމާއި ލޯތްބާއެކު ގުޅުން ބޭއްވުމަށް އޭނާއަށް ދައްޗެވެ. ރަށަށް ގޮސްފިނަމަ ރަށާއި ރަށުގެ މީހުންނާއި ދެމެދު ގާތްގުޅުމެއް ވާކަމުގެ އިހުސާސް ނުކުރެވެއެވެ.

މިއީ މާލެ ހިޖުރަކޮށް ގިނަ އަހަރުތަކެއްވަންދެން ދިރިއުޅޭ އެތައް ބަޔަކަށް ބީރަށްޓެހި އިހުސާސްތަކެއްނޫނެވެ. މަޖުބޫރީ ހިޖުރަކުރުމުގެ ތެރެއިން ދިވެހި އެތައް އާއިލާތަކެއް މިވަނީ ފަޅިފަޅިވެ، އެތައް ރަށްރަށެއްގެ އާބާދީތައް މިވަނީ ބައިބައިވެގެން ގޮސްފައެވެ. ހިޖުރަކުރާ މީހުން ވަރަށް ގިނައިން ކިޔައިދޭ ގޮތުގައި އެމީހުންގެ އަމިއްލަ ވަޒަނެއްވާކަމުގެ އިހުސާސްވަނީ ބީވެގެންގޮސްފައެވެ. އެތައް އަހަރުތަކެއް ވަންދެން އުޅުނު ނަމަވެސް މާލޭއަށް ނިސްބަތްނުވާ ބައެއްގެ އިހުސާސްކުރެވޭއިރު، ދޫކޮށްލި އަމިއްލަ ރަށުންވެސް އަމިއްލަ ވަޒަންކަމުގެ އިހުސާސްނުކުރެވެއެވެ.

އައިޝާ ހުސައިން ރަޝީދުވަނީ މި ބީރަށްޓެހިކަމުގެ އިހުސާސް އޭނާގެ ޅެން “މީދާ” ގައި ވަރަށް ފުރިހަމައަށް ކިޔައިދީފައެވެ.

ހެދިބޮޑުވި ފަސްގަނޑުން ލުހެލައިގެން ގެނެސް،

މިތާ މޫ ނެތް ގޮފިކޮޅުތަކެއްހެން އިންދީމާ،

ކިތަންމެ ފެނެއް ދިނަސް މިތާކަށް މުލެއް ނުލާ،

ރަށްވަށާ މުޅި މޫދުގައި މިނިވަންކަމާއެކު ފަތަފަތާ ތިއްބާ،

ދާޖަހާ ހިފައިގެން ގެނެސް މިތާ ސިމެންތި ޓޭންކުތަކެއް ތެރެއަށް ލީމަ،

އަދި ސަތޭކަ ބީޗު ހަދައިދިނަސް މިފެނަކަށް ނުއެއް ދިރޭ،

މެންދުރުގެ ހޫނުގަ، ރަތްދަކަ އަވީގަ، ދޮންވެލިގަނޑުގަ ހުސްފަޔާ ދުވެލަ ދުވެލާ ތިއްބާ،

ގެނެސް ގާއެޅި މަގުތައް މަތީ ހިނގަން ޖެއްސީމާ، ބޫޓު އަދި ކިތަންމެ ފެންވަރަސް، ފައިގަ ފޮޅުލާ,

……

މިފަހަރު ޗުއްޓީގަ ރަށަށް ދިޔައިން، ރަށަށް، މަގޭ ރަށަށް،

ބުނެއެއްނު މަންމައަކު އޭނަ ވިހޭ ދަރިންދެކެ ވާ ލޯބި،

ރަށުން ރަށުގެ އުފަން ދަރީންނަށް ދޭނޭ،

އެކަމަކު ފަސްގަނޑަކީ ވަޅުލާ އެއްޗެއް، ހަނދާން ބަހައްޓާ އެއްޗެއް ނޫން،

މަތީ ތައުލީމު، މަތީ މަގާމު، ދިރިއުޅުމުގެ މަތީ ފެންވަރު ހޯދަން އެތައް އަހަރަކު އުޅެފަ,

އެނބުރި ރަށަށް ދިޔައިރު، އެ މައިމީހާ އަހަރެމެން މަތީން ހަނދާންނައްތާލައިފި

އުޅެ ބޮޑުވި ގެ ވީރާނާ ވެއްޖެ, ކުޑައިރުގެ ހަނދާންތަކުގެ ގަބުރުސްތާނަކަށް ބަދަލުވެއްޖެ

……

ރަށަށް ދިޔައިމަ އެނގުނީ،

ރަށު މީދާ ރަށަށް ގަދަވާނެކަން،

މާލެ އައިމަ އެނގުނީ،

މާލޭގަ މީދަލަށް ކާންދެނީ ކޮކަޑިކަން،

އަހަންނަކީ ރަށަކު މާލެއަކު ލައްވާނުލި މީދަލެއް

…..

މީކީ އަހަރެމެންގެ ވަޒަނެއް ނޫން،

އަހަރެމެންނަކީ މިތަނުގެ، މިތަނަކީ އަހަރެމެންގެ ބައެއް ނޫން،

އަހަރެމެންނަކީ، ރަށަކު މާލެއަކު ލައްވާނުލި މީދާތަކެއް،

އެނޫން ދެން އަހަރެމެން މީ ކޮންބައެއް؟

ނޯޓް: މިއީ އައިޝާގެ “މީދާ” ޅެމުން ނަގާލެވިފައިވާ ވަކިވަކި ބައިތުތަކެކެވެ. ޅެން އެއްކޮށް ބަލާލަން ބޭނުންނަމަ، 2016 ވަނަ އަހަރު ކައްޓި ހިއްވަރު ފެސްޓިވަލްގެ އަކުރުފޮށި ސްޓޭޖުގައި އައިޝާ މި ޅެން ކިޔައިދޭ ވީޑިއޯއެއް ކައްޓި ހިއްވަރު ފޭސްބުކް ޕޭޖުން ބަލާލެވޭނެއެވެ.

ނުދައްކާ ވާހަކަ

ޝިޔާން ތައުލީމު ހޯދުމަށް މާލެއަށް ބަދަލުވިގޮތުގެ ވާހަކަ ކިޔައިދިނުމަށް ހޭދަވި ދެ ގަޑިއިރުގެ ތެރޭގައި، އެ ވާހަކަތަކަކީ އޭނާ ހަނދާނަށް ގެންނަން އުނދަގޫ ވާހަކަތަކެއްކަން އޭނާގެ މޫނުމައްޗަށް އަރާ ކުލަތަކުން ސާފުވެއެވެ.

“އަހަރެމެން ދިވެހީންގެ ހުރެއެއްނު ވިސްނުމުގަ ގޮތެއް، ފެންނަން ނެތިއްޔާ އެއީ ނުވާ ކަމެކޭ. އަހަރެމެން ވިސްނަން ބޭނުންނުވާ، ވާހަކަ ދައްކަން ބޭނުންނުވާ ކަންކަން.. ރިސޯޓުގަ އުޅޭ ކުދިންނަންވެސް ހަމަ އެހެން.. އަހަރެމެން ލަދުގަނޭ އަހަރެމެން އުޅޭ ދަތި ހާލުގެ ވާހަކަ ދައްކަން.. ވަރަށް ގިނަ އަހަރުތަކެއް ވަންދެން މިކަންކަމާއި ނުވިސްނާ ހުރެފަ, މިއަދު މި ވާހަކަ ދެއްކީމަ އެބަދޭ ވަރަށް ދެރަވާ ހިސާބަކަށް. އައި ޑޯންޓް ވޯންޓް ޓު ގޯ ދެއާ”

އެކަމަކު ޝިޔާން ގަބޫލުކުރާ ގޮތުގައި ކަމެއްގެ ވާހަކަ ނުދައްކާ، ކަން ވަމުންދާ ގޮތަކީ އެކަން ވާންވީ ގޮތްކަމަށް ގަބޫލުކޮށްގެން ތިބެގެން އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ.

“މާލޭގައި އުޅުންއިރު، ކޮންމެ އަހަރަކު ޗުއްޓީއަށް ގޮސްފަ, ފުރަތަމަ ރޭ ހޭލާ އިނދެގެން މަންމައަށް ހުރިހާ އެއްޗެއް ކިޔާދޭނެ، ވީ ހުރިހާ ކަމެއް ދޯ. އެކަމަކު، އެހިސާބުން މަންމަވެސް ނުބުނާނެ އެއްވެސް މީހަކު ކައިރީ. މަންމަ ވެސް ބޭނުމެއް ނުވާނެތާ ގެއިން ނެރެލާކަށް ދޯ”

ނަމަވެސް ހަނުހުރުމުގެ ސަގާފަތް އެއްފަރާތްކޮށް ހިނގާފައިވާ ކަންކަން ކިޔައިދިނުމަކީ ޝިޔާން މިހާރު ވަރަށް ބޮޑަށް ގަބޫލުކުރާކަމެކެވެ. ބޮޑުވަމުން އައި އިރު ވަށައިގެން ފެނުނު ތަފާތުކުރުމާއި ބާކީކުރުމާއި ނާއިންސާފު ވަނީ އޭނާ ދުނިޔެއާއި މެދު ދެކޭގޮތަށް ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ހައްގުބަސް ބުނުމާއި އިންސާފަށް ވަކާލާތުކުރުމަކީ މިހާރު އޭނާ ކަށީގައި ހިފާފައިވާ ސިފައެކެވެ.

“އެއްފަހަރު މިވާހަކަ ލިޔުނިން ޓްވިޓާގަ.. އެކަމަކު ބައެއް އެކައުންޓް ތަކުންނާއި ބައެއް މީހުން ކުރީ މަލާމާތް، ޖަސްޓް ބިކޯޒް އައި ޝެއާޑް މައި ސްޓޯރީ.. ދެން ފަހުން އެކީގަ އުޅޭ ރައްޓެހިންނާ އެކްޓިވިސްޓުންނާ ވާހަކަދެއްކިއިރު އެމީހުން ބުނި… އަސްލު އަހަރެމެންގެ ވާހަކަތައް އެއީ އެމީހުންނަށް ކިޔައިދޭންޖެހޭ ވާހަކަތަކެއްވެސް ނޫނޭ. ދޭ ޑޯންޓް ޑިޒާވް ޓު ހިޔަ އަވަރ ސްޓޯރީސް، ދޭ އާ ނޮޓް އީވެން ވޯތް އިޓް”

އެހެން ނަމަވެސް، މިވާހަކަތައް ކިޔައިދީ، އަޑުއިވި، މިކަންކަން މިއީ ވީކަމެއްކަމަށް އެއްބަސްވުމަކީ މުހިންމު ކަމެއްކަމަށް އޭނާ ގަބޫލުކުރެއެވެ. ޝިޔާން ބުނިގޮތުގައި ނިމިދިޔަ ސަރުކާރުން އިންތިގާލީ އިންސާފަށް ކޮމިޝަނެއް އުފެއްދިއިރު، މިއީވެސް އެފަދައިން ބަލަން ޖެހޭ ކަމެއް ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.

“މަ ހިތަށްއެރި މި ވާހަކަތައްވެސް މިއީ ބަލަންޖެހޭ ވާހަކަތަކެކޭ. އަހަރެމެންނަށް މާލެއައިސް މިތާ ކިޔަވަން އުޅެންޖެހުނީ ދައުލަތުގެ ހުރި މައްސަލައެއްގެ ސަބަބުން. ފުރަތަމަ ކަމަކަށް ވާން ޖެހޭނީ، މިއީ ހިނގި ކަމެއްކަމަށް އެއްބަސްވުން، އެތައް ކުދިންނެއް މިގޮތަށް އުޅެންޖެހުނުކަން، އަދި އެކުދީން މުޅި އުމުރަށް އަސަރުކުރާ މައްސަލަތަކެއް މީގެ ސަބަބުން އުފެދުންކަން”

“މި ވާހަކަ ނުދައްކާ ނޫނީ މިކަން އެކްނޯލެޖް ނުކޮށް ތިބެއްޖެއްޔާ، އަހަރެމެން ދާނީ ހަމަ ލޯމަރާލައިގެން ތިބެ ކުރިއަށް. ބައިވަރު ކުދީންތަކެއްގެ ހައްގުތައް ގެއްލެނީ، އެކުދިންގެ މުސްތަގުބަލު އެ ހަލާކުވަނީ، އެކުދީން އުމުރަށް ދެމިގެންދާ މައްސަލަތަކެއް އުފެދެނީ”

މި ލިޔުމަކީ 14 ނޮވެމްބަރ 2024 ގައި ނެރެވިފައިވާ އެމްވީ ޕްލަސް މަޖައްލާގެ ފުރަތަމަ އަދަދުގައި ހިމެނިފައިވާ ލިޔުމެކެވެ. މަޖައްލާ އެއްކޮށް ކިޔާލަން ބޭނުންނަމަ މި ލިންކަށް ފިތާލާ.

ރިއެކްޝަންސް
0
0
0
4
0
0
0