ރިޕޯޓު: ޕޮލްކޯ އާއި ސިފްކޯ — އުވާލާކަށް ނުވޭތަ؟

26 ޖެނުއަރީ 2025 - 15:05

ފުލުހުންނާއި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުމުގެ މައިގަނޑު މަގުސަދަކަށް އޮތީ އެ ދެ މުއައްސަސާގެ މުވައްޒަފުންގެ ވެލްފެއާގެ ކަންކަން ހަރުދަނާކުރުމެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ އާންމު ދިރިއުޅުމުގައި ދިމާވާ އެކި އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ ކަންކަން ފަސޭހަ ކޮށްދިނުމެވެ. އެހެން ނަމަވެސް މި މަގުސަދުން ބޭރުން ބިޔަ ބޮޑެތި ކުންފުނިތައް ފަދައިން މާކެޓަށް ނުކުމެ ކޯޕަރޭޓިވް ސޮސައިޓީއަށް ނުކަތާ ވަރުގެ ބޮޑެތި ބިޔަ މަޟްރޫއުތައް ހިންގުމުގެ ނަތީޖާ މިހާރު މި ވަނީ ފެންނަން ފަށާފައެވެ. ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީން ހިންގި ފްލެޓް މަޝްރޫއުގެ ތެރެއިން ކޮރަޕްޝަންގެ ބޮޑެތި ކަންކަން ހިންގާފައިވާ ކަން މި ވަނީ ފަޅާއަރާފައެވެ. 

ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯ އިން ހިންގި މި މަޝްރޫއުގައި ބޮޑެތި މައްސަލަތަކެއް އުޅޭ ކަމާއި އެކަމުން ބަޔަކު މަންފާ ނަގާކަމުގެ ތުހުމަތުތައް ކުރިން ވެސް ކުރެވެއެވެ. މިހާރު އެކަން އެ ވަނީ އޮޑިޓް ރިޕޯޓްގައި ވެސް ފާހަގަކޮށްފައެވެ. އެ ގޮތުން މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި މަޝްރޫއު ހިންގުމާއި މިފަދަ މަޝްރޫއެއް ހިންގުމުގެ ތަޖުރިބާ ނެތުމުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން މަޝްރޫއަށް ބަދަލު ގެނައުމާއި ވަކި ބަޔަކަށް މަންފާވާ ގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުން ފަދަ ބޮޑެތި މައްސަލަތައް އޮޑިޓުން ފާހަގަކޮށްފައި ވެއެވެ.

advertisement

ފްލެޓް މަޝްރޫއުގައި ބޮޑެތި މައްސަލަތަކެއް

ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2013 ވަނަ އަހަރު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިފްތިތާހުކޮށްދެއްވި ފްލެޓް މަޝްރޫއު 10 ވަރަކަށް އަހަރުގެ ތެރޭގައި ނިންމާލި އިރު 1.1 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މިއީ މި މަޝްރޫއު ފުރަތަމަ ހަވާލުކުރި އަގަށް ވުރެ 520 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ. މާކެޓް ރޭޓަށް ވުރެ ބޮޑު ހަރަދެއް މި ފްލެޓްތަކަށް ހޭދަވުމުގެ މައިގަނޑު ސަބަބަކީ ތަފާތު އެކި ސަބަބުތަކާ ހުރެ މަޝްރޫއު ދިގުލައިގެން ދިއުމާއި ތަފާތު އެކި ކުންފުނިތަކާ ހަވާލުކޮށްގެން މަޝްރޫއު ނިންމަންޖެހުމެވެ. 

ފުރަތަމަ ފްލެޓްތައް އަޅަން ހަވާލުކުރީ ވެސް އޭރުގެ މާކެޓް ރޭޓަށް ވުރެ އެތައް ތަނެއް ބޮޑު އަގުގައެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުން އިމާރާތްކުރުމުގެ  އަގުތައް އެވްރެޖް ގޮތެއްގައި އުޅެނީ އަކަފޫޓަކަށް 1,300-1,5000ރ. އެވެ. އެހެން ނަަމަވެސް މި މަޟްރޫއު ހަވާލުކުރީ އަކަފޫޓަކަށް 1,851ރ. އަށެވެ. މިއީ ވެސް ދައުލަތަށް ލިބުނު ބޮޑު ގެއްލުމަކަށްވާ އިރު މި މަޝްރޫއު ހަވާލުކުރުމުގައި ޕޮލްކޯގެ ތަޖުރިބާ ނެތުމަކީ ވެސް މީގެ ސަބަބެކެވެ. 

މި މަޝްރޫއު 2013 ވަނަ އަހަރުގެ ޖޫން މަހު އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކިޔާ ކުންފުންޏަކާއެވެ. އޭރު 300 ފްލެޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރީ 580 މިލިއަން ރުފިޔާއަށެވެ. އެހެން ނަމަވެސް ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު ވެސް އެ މަޝްރޫއުގެ ބޮޑު ބައެއް ހުރީ ނުނިމިއެވެ. އެހެންކަމުން އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ޕޮލްކޯ އިން އުވާލިއެވެ.

ފުލުހުންގެ ފްލެޓްތަކުގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެ ފްލެޓްތަކާ ޖެހިގެން ސިފައިންގެ ފްލެޓްތައް އެޅުމަށް ވެސް ހަވާލުކުރީ ނޫމަޑި ކުންފުންޏާއެވެ. އެހެން ނަމަވެސް ދެ މަޝްރޫއު ވެސް ކުރިއަށް ނުގެންދެވި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ކުރަންނުޖެހޭ އެތައް ހަރަދެއް މި ފާއިތުވި ދިޔަ ދިހަ ވަރަކަށް އަހަކު ކުރަން ޖެހުނެވެ. 

ނޫމަޑިއަކީ ކޮންބައެއް?

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަން ހަވާލުކުރި ނޫމަޑި ކުންފުންޏަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ރާއްޖޭގައި މަޝްރޫއުތައް ހިންގައި އިންވެސްޓްކުރަމުން އައި ސްވިޒަލޭންޑްގެ ކުންފުންޏެކެވެ. އެ ގޮތުން ސުނާމީއާ ގުޅިގެން ގެއްލުން ލިބުނު ބައެއް ރަށްތަކުގައި ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއުތައް ވެސް އެ ކުންފުނިން ހިންގިއެވެ. އެ ކުންފުނީގެ މައި ހިއްސާދާރެއްގެ ގޮތުގައި ހުންނެވީ ކްރިސްޓޮފާ ޕީޓާ ނިކޮލަ ގްރޮއް (ކްރިސް) ކިޔާ މީހެކެވެ. އޭނާ ރާއްޖޭގައި ވިޔަފާރިކުރަމުން އައީ ތައިލެންޑްގެ ވިޔަފާރިވެރިއެއް ކަމަށްވާ އެނޮން ސޮންގްޕަންޔާ ކިޔާ މީހަކާ ގުޅިގެންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރުގެ ބައެއް ރަށްތަކުގައި ހައުސިން މަޝްރޫއުތައް ހިންގަން ނޫމަޑިއާ ހަވާލުކުރެވުނެވެ. އަދި ބަދަލެއްގެ ގޮތުން ލަގްޒަރީ ވިލާތައް އެޅުމަށް އެ ކުންފުންޏަށް ރަށްތައް ދޫކުރިކަން ރެކޯޑްތަކުން ދައްކައެވެ. 

ބިޒްނަސް ޕޯޓަލްގައި ހުރި ރެކޯޑްތަކުން ދައްކާ ގޮތުން ނޫމަޑި އާއި އެ ކުންފުނީގެ ހިއްސާދާރުން ހިމެނޭހެން ބައެއް ވިޔަފާރިތައް ރާއްޖޭގައި ރަޖިސްޓްރީކޮށްގައި އެބަ ހުއްޓެވެ. ކްރިސް ހިއްސާވާ ގޮތަށް ބެއާފޫޓް ނޫމަޑި ހޮޓެލްގެ ނަމުގައި  ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއްގެ ދަށުން ހދ. ހަނިމާދޫގައި ‘ދަ ބެއާފޫޓް އިކޯ ހޮޓެލް’ގެ ނަމުގައި ރިސޯޓް ހޮޓަލެއް އަންނަނީ ހިންގަމުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ ކިޔާ ފޮރިން ކުންފުންޏެއް ހިމެނޭ އިރު އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވްއަކަށް ހުރީ އެނޮންއެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ނޫމަޑިއަށް ދިން މަޝްރޫއުތައް ވެސް ނުނިމި އެންމެ ފަހު އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރުމުން ދިވެހި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި ދައުވާކުރިއެވެ. އެ ކުންފުނިން ހުށަހެޅީ 155 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ. އެހެން ނަމަވެސް ކޯޓުން ބޭރުން ސެޓްލްމަންޓެއް ހަދައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ނޫމަޑި އަށް 55 މިލިއަން ޑޮލަރު ދީފައެވެ. އޭރު ސަރުކާރުން ބުނެފައި ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރީ ކޯޓު ހުކުމަކާ ހަމަ އަށް ގޮސްފި ނަމަ ސަރުކާރުން 200 މިލިއަން ޑޮލަރު ދައްކަންޖެހޭނެތީއެވެ. މައިގަނޑު ސަބަބަކަށް އޭރުގެ ސަރުކާރުން ބުނެފައި ވަނީ  އެ މައްސަލާގައި ދިވެހި ދައުލަތާ ދެކޮޅަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ބަޔާނެކެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ކޯޓުގައި ސާބިތުވެފައެއް ނުވެއެވެ. 

މަސައްކަތް ނުނިމި އެތައް ކުންފުންޏަކާ ހަވާލުކުރަންޖެހުން

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނޫމަޑިއާ ހަވާލުކުރި މަޝްރޫއު ނުނިމުމުން ރައީސް އަބްދުاللهގެ ވެރިކަމުގައި 2017 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކުރި އެވެ. ނުނިމި ހުރި މަސައްކަތްތައް ނިންމަން ދެން ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކާއެވެ. އެހެން ނަމަވެސް ފާހަގަ ކޮށްލަންޖެހޭ ކަމަކީ މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ވެސް ނޫމަޑީގެ ހިއްސާދާރު އެނޮން ހިމެނޭ ކަމެވެ. އެ ކުންފުންޏާ ހަވާލުކުރީ 628.1 މިލިއަން ރުފިޔާއަށެވެ. އެހެން ނަމަވެސް މަޝްރޫއަށް ބަދަލު ގެނެސް ކުރިން އަޅަން ހަމަޖެއްސި 300 ފްލެޓްގެ ބަދަލުގައި 361 ފްލެޓް އަޅާ ގޮތަށް މަޟްރޫއަށް ފަހުން 122.1 މިލިއަން ރުފިޔާ އިތުރުކުރިއެވެ. 

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މަޝްރޫއަށް އެޑްވާންސް ފައިސާގެ ގޮތުގައި ޕޮލްކޯ އިން ވަނީ އައިލެންޑް އެކްސްޕާޓަށް 633 މިލިއަން ރުފިޔާ ދިނެވެ. ނަމަވެސް އެ ކުންފުންޏަށް ވެސް މަޝްރޫއު ނިންމާލެވޭ ގޮތެއް  ނުވިއެވެ. މަސައްކަތް ކުރިއަށް ނުދިއުމާއި މުވައްޒަފުންނަށް މުސާރަ ނުދިނުމާއި އެފަދަ އެތައް މައްސަލަތަކަކާ ހުރެ އެ ކުންފުނީގެ އެއްބަސްވުން ވެސް ޖެހުނީ ބާތިލްކުރަންށެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން އައިލެންޑް އެކްސްޕާޓުން ކޮށްފައިވާ މަސައްކަތުގެ އަސްލު އަގަކީ 448.2 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ ކުންފުނިން ނުކުރާ މަސައްކަތަށް 185 މިލިއަން ރުފިޔާ ޕޮލްކޯ އިން ދައްކާފައވާ ކަން ވަނީ ހާމަވެފައެވެ. 

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޓާމިނޭޝަން އެގްރީމަންޓްގެ ދަށުން އައިލެންޑް އެކްސްޕާޓުން 129.5 މިލިއަން ރުފިޔާ އަނބުރާ ޕޮލްކޯ އަށް ދައްކަން އެއްބަސްވި ކަމަށާއި ނަމަވެސް މިހާތަނަށް އެ ކުންފުނިން ދައްކާފައި ވަނީ 1.9 މިލިއަން ރުފިޔާއެވެ. ރައީސް އިބްރަހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ނިންމަން މަސައްކަތް ފަށައި ޕޮލްކޯ އިން އެ މަޝްރޫއު ވަކިކޮށް ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދެން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާއެވެ. ނުނިމި ހުރި މަސައްކަތްތައް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 274.6 މިލިއަން ރުފިޔާއަށެވެ. 

ހުރިހާ ކަމެއް ގޮސް ގުޅެނީ އެކަކާ!

އޮޑިޓް ރިޕޯޓްގައި ވާ ގޮތުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ފެށިގެން ނިމި އަދި އޭގެ ފަހުން ވެސް ހުރިހާ މަންފާއެއް ގޮސް ގުޅެނީ އެކަކާއެވެ, އެމީހެއްގެ ނަން އޮޑިޓް ރިޕޯޓްގައި ލިޔެފައި ނެތް ނަމަވެސް އެ ހުރިހާ ކަމެއް ގޮސް ގުޅެނީ ނޫމަޑީގެ ވެސް ހިއްސާދާރު އަދި އައިލެންޑް އެކްސްޕާޓްގެ މެނޭޖިންގ ޑިރެކްޓަރ އެނޮންއާއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނޫމަޑީގެ އިތުރުން އައިލެންޑް އެކްސްޕާޓްއާ ހަވާލުކޮށްގެން ވެސް މަސައްކަތް ނިމިފައި ނުވާ އިރު އެ ފްލެޓްތަކުގައި ލިފްޓާއި ސީސީޓީވީ ހަރުކުރުން ފަދަ މަސައްކަތްތައް ހަވާލުކުރީ ވެސް އެ ތަނުގެ ވެރިންނާ ގުޅުން އޮތް ފަރާތަކާ އެވެ. ލިފްޓާއި ސީސީ ޓީވީ ފަދަ މަސައްކަތްތައް ހަވާލުކުރި ދެކޯމަސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެނޮންއަކީ ވެސް އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެކެވެ. އަދި މި ކަންކަން ސަބް ކޮންޓްރެކްޓްކޮށް އެ ތަންތަން ހެދުމަށް ދީފައިވާ އިނާޔަތްތަކުގެ ހުރިހާ ފައިދާއެއް ލިބެނީ ވެސް އެކަކަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އެ އިނާޔަތްތައް ބޭނުންކޮށްގެން ރާއްޖެ އަށް ހިލަ އާއި ހިލަވެލި ފަދަ ކޮންސްޓްރަކްޟަން މެޓީރިއަލް އެތެރެކޮށް ގިނަ އަދަދަކަށް ވިއްކި ކަމުގެ ތުހުމަތު ވެސް މި ކަމުގެ އަޑީގައި ތިބި މީހުންގެ މައްޗަށް ކުރެވެއެވެ. 

ފުލުހުންނާއި ސިފައިން ވިޔަފާރި ހިންގުން ރަނގަޅެއް ނޫން

މި ހުރިހާ ކަމަކުން ބޭރުގެ ފަރާތަކަށް މަންފާ ލިބުނު ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވީ ނަމަވެސް ހަގީގަތަކީ މިއިން ކޮންމެ ކަމެއްގެ ފަހަތުގައި ދިވެހިންގެ ބަޔަކު ތިބޭނެ ކަމެކެވެ. އަދި މިއީ ޕޮލްކޯ ފަދަ ތަނެއްގެ ވެރިންނަށް ނޭނގި ނުވަތަ މަންފާއެއް ނުލިބޭ ގޮތަށް ކުރެވޭނެ ކަންކަމެއް ނޫން ކަމެވެ. 

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ޕޮލްކޯއަކީ ފްލެޓް އެޅުން ފަދަ ބޮޑެތި މަޝްރޫއުތައް ހިންގޭ ފަދަ ގާބިލް ކުންފުންޏެއް ނޫނެވެ. އަދި އެއްބަސްވުންތަކަށް ބަދަލު ގެނެސް މަސައްކަތްތައް ހިންގާފައި ވަނީ ހީލަތާއި މަކަރު ހެދުމަށް މަގުފަހިވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. މިކަމުގައި ބޮޑެތި ކޮރަޕްޝަން އެކުލެވިގެންވާ ކަން މި ރިޕޯޓުން އެކަނި ބަލައިލިޔަސް އެނގެއެވެ. 

ފުލުހުންނާއި ސިފައިންނަށް ވެސް ބޯހިޔާވަހިކަމާއި ހިލޭ ބޭސްފަރުވާ ފަފަ އިނާޔަތްތައް ލިބެންޖެހެއެވެ. އެހެން ނަމަވެސް އެ ހިދުމަތްތައް ދިނުމަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ކޯޕަރޭޓިވް ސޮސައިޓީ އާއި ކުންފުނިތައް އުފެއްދުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެކެވެ. ސިފައިންނާއި ފުލުހުންނަކީ ކުންފުނިތަކުން ފްލެޓް އަޅައި މުދާ ވިއްކައި ކެފެޓީރިއާގެ ހިދުމަތް ދީ އިވެންޓް އޯގަނައިޒް ކުރުން ފަދަ ވިޔަފާރިތައް ހިންގަން ތިބެންޖެހޭނެ ބައެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން މިހާރު ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ މި ދެ އިދާރާއަށެވެ. އެވަރުން ނުވެގެން ވިޔަފާރިކުރާ ނަމަ އެއީ ގޯހެކެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0