އަމިއްލަ ހިޔާލު: ޑިމޮކްރެޓްސް އަށް ޒުވާނުންގެ ޝައުގުވެރިކަން ހޯދި ދާނެތަ؟

28 ޖެނުއަރީ 2025 - 20:42

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތުން ދަ ޑިމޮކްރެޓްސް  އުފެދިގެން އައި މައިގަނޑު މަގުސަދަކަށް އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމެވެ. ރައީސް ސޯލިހްގެ ވެރިކަން ނިމުމަކަށް އައުމާ އެކު އެ ޕާޓީން އޭރު ކަނޑައެޅި މަގުސަދު ހާސިލްވީއެވެ. އަދި ރައީސް ނަޝީދު ވެސް ރާއްޖެ ދޫކުރައްވައި ވަޑައިގަތުމުން ދާދި ފަހަކާ ޖެހެންދެން ޕާޓީ އޮތީ ހަރަކާތް ހުއްޓިފައެވެ. 

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ، އެމްޑީޕީގެ ތެރޭގައި އިތުރު ފެކްޝަނެއް އުފެދުމުގެ ނަތީޖާއަކަށްވީ އާ ޕާޓީއެއް އުފަންވުމެވެ. ރައީސް ނަޝީދުގެ ފަހަތަށް އެރި މީހުން އުފެއްދި ޑިމޮކްރެޓުންގެ  މައިގަނޑު މަގުސަދަކަށް އޮތީ ވެސް ރައީސް ސޯލިހް ނޫން ގޮތެއް ހޯދުމެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީ މަސައްކަތްކުރީ އެ މިސްރާބަށެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ފަހަތުގައި އޭރު 12,000 މީހުން ތިބި ނަމަވެސް ޕާޓީގެ ރަޖިސްޓްރީގައި ތިބީ ކިރިޔާ ޕާޓީ ދެމި އޮތުމަށް ބޭނުންވާ މިންވަރަށެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބީ 3،667 މެންބަރުންނެވެ.

advertisement

މުހިންމު ގިނަ ބަޔަކު ޕާޓީ ދޫކޮށްލުން

މާ ބޮޑު ހަރަކާތެއް ނެތިފައި އަހަރެއްހާ ދުވަހު އޮތުމަށް ފަހު ޑިމޮކްރެޓްސް ހޭލައްވައިލީ އެ ޕާޓީގެ އެންމެ އިސް ސަފުން ގިނަ ބަޔަކު އަލުން އެނބުރި އެމްޑީޕީ އަށް ދިޔުމުންނެވެ. ޕާޓީގެ ރައީސް ފުރަތަމަ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފާއި ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާޒް އަދި ބައެއް އިސް ބޭފުޅުން ކަމަށްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ އިތުރުން އެމްޑީޕީ ސަރުކާރުގައި އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހަސަން އަމްރު ވެސް ވަނީ ޑިމޮކްރެޓުން ދޫކުރައްވައި އެމްޑީޕީ އަށް ވަޑައިގެންފައެވެ. އެ ބޭފުޅުން ޕާޓީ ދޫކޮށް އެމްޑީޕީ އަށް ވަޑައިގަތީ ޑިމޮކްރެޓުންގެ ތެރެއިން ސަރުކާރެއް އުފައްދައި ރައްޔިތުންނަށް ހިދުމަތްކުރުމުގ ފުރުސަތު މި ވަގުތު އެ ޕާޓީގެ ތެރޭގައި ނެތް ކަމަށް ބުނެއެވެ. 

ޕާޓީގެ ރައީސްކަން ދޫކުރެއްވި ހަސަން ލަތީފް ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މައިގަނޑު މަގުސަދަކީ ސަރުކާރެއް އުފެއްދުމަށް ކަމަށާއި ނަމަވެސް ޑިމޮކްރެޓުންގެ ތެރެއިން އެ މަންޒަރެއް ނުފެނެއެވެ. އަދި ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އެ ހިސާބަށް ވާސިލްވާނެ ކަމުގެ އުންމީދު ކުޑަ ކަމަށް ވެސް ހަސަން ދެކެވަޑައިގަންނަވައެވެ. 

“އަޅުގަނޑަށް ގަބޫލުކުރަން ދަތި މިވަގުތު ޑިމޮކްރެޓްސްއަށް ސަރުކާރެއް ގާއިމުކޮށްގެން، ޑިމޮކްރެޓްސްގެ ތެރެއިން އެނގޭތޯ ސަރުކާރެއް އުފަން ކުރުވައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެ ފުރުސަތު ހަގީގަތުގައި އޮތް ކަމަށް ދެކެން ދަތި މިވަގުތު. އެކި ގޮތްގޮތުން އެކި މަސައްކަތް ކުރެވިއްޖެ. އެހެންނަމަވެސް އެ ދިމާލަށް ގޮސް އެހިސާބަށް ދެވިދާނެ މަންޒަރު އަޅުގަނޑަށް ކުޑަ،” ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވެފައި ވެއެވެ. 

ހަސަންއާ އެކު ޑިމޮކްރެޓްސް ދޫކުރި އެހެން މީހުންގެ ވެސް ހިޔާލަކީ އެއީއެވެ. މި ވަގުތަށް ބަލާއިރު ސަރުކާރުން ޒިންމާދާރުކުރުވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެވެން އޮތީ ބޮޑު ޕާޓީއަކާ އެކުގައި ތިބެގެންނެވެ. އިދިކޮޅުގައި މި ވަގުތު އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީއެވެ. އެހެންކަމުން ސިޔާސީ ގޮތުން ކުރިމަގު އޮތީ އެ ޕާޓީގައި ކަމަށް ގަބޫލުކުރެވުމަކީ ޕާޓީ ބަދަލުކުރި އެއް ސަބަބެވެ. ސުވާލަކީ ދަ ޑިމޮކްރެޓްސްގައި ސިޔާސީ ކުރިމަގެއް ނެތީ ހެއްޔެވެ?

ދެން އޮތް ސުވާލަކީ ޕާޓީގެ އިސް ފަރާތްތައް ޕާޓީ ދޫކޮށް ދިޔަ އިރު ޕާޓީގެ “ބާނީ” އެކަމާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްބާ އެވެ؟ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަލީ އާޒިމް އާއި ހަސަން ލަތީފް އަދި އަމްރު އާއި ޝިފާޒް ފަދަ ބޭފުޅުން ޕާޓީ ދޫކުރައްވާނީ ރައީސް ނަޝީދާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އެކަން ރައީސް ނަޝީދު ކަށަވަރުކޮށް ނުދެއްވި ނަމަވެސް އެފަދަ އިޝާރާތެއް ދެއްވިއެވެ. 

ރައީސް ނަޝީދުގެ އެހީތެރިކަމެއް ނެތް

މި ވަގުތު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން އަންނަ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އަމަލީ ގޮތުން މި ވަގުތު މަސައްކަތްކުރައްވަން ބޭނުން ނުވާ ކަމަށެވެ. 

“އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ މީހެއް ނޫން. އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް ފަދަ ޕާޓީއެއް. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދު ވެސް އަޅުގަނޑު އެދޭނެ ކަމެއް. އަދި ފަހުން އަޅުގަނޑު ބައިވެރިވި ޑިމޮކްރެޓްްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް. މީގެން އެއްވެސް ސިޔާސީ ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް މިވަގުތު އަޅުގަނޑު ނެތިން،” ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ. 

ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު މުހިންމު ފަރާތްތަކެއް ޕާޓީ ދޫކޮށްލި ނަމަވެސް އަދި ޕާޓީގެ “ބާނީ” ރައީސް ނަޝީދު އެކަހެރިކޮށް ހުންނެވި ނަމަވެސް ޕާޓީ ހިންގުމައިގެން ކުރިއަށް ދާން ބޭނުންވާ ބަޔަކު ވެސް އެބަ ތިއްބެވެ. ހާއްސަކޮށް ރައީސް ނަޝީދު ވިދާޅުވި ކަމަށް އެފަދަ ޒުވާނުންތަކެއް އެބަ ތިއްބެވެ. ޑިމޮކްރެޓުން ވަނީ އެ ޕާޓީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ނައިބު ރައީސް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހޮވާފައެވެ. އެ ދެ މަގާމަށް ކުރިމަތިލެއްވީ އެ ދެ ބޭފުޅުން އެކަންޏެވެ. 

އާދީއްތަ ދުވަހުގެ ރޭ އޮތް އެ ޕާޓީގެ ޖަލްސާގައި ރައީސް ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެ ޕާޓީގެ މަގުސަދަކީ ތަޣައްޔަރުވެފައިވާ ސިޔާސީ މަސްރަހް ސާފުކުރުން ކަމަށެވެ. މި ވަގުތު ޕާޓީ އޮތް ހާލަތުން މިހާރުން މިހާރަށް އެ މަސައްކަތް ނުކުރެވުނު ކަމުގައި ވިޔަސް ޑިމޮކްރެޓުން އަބަދު ވެސް މަސައްކަތްކުރާނީ އެ މަގުން ކަމަށް އޭނާ ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މި މަގަށް ގޮސް ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ، އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހަޅާ ސިޓީ އުރައެއްގައި ދޭ ފައިސާ ފޮއްޗަކަށެއް ނޫން، އަޅުގަނޑުމެން ވެރިކަމަކަށް އައުމަށް ނުހައްގު ގޮތުގައި ބަހައި ވަޒީފާ ތަކަކަށް ނޫން ތާއީދު ހޯދަންވީކީއެއް،” އިންތި ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ފަދައިން ޑިމޮކްރެޓްސް ފާހަގަކުރެވެނީ ޒުވާނުންނަށް ސިޔާސީ ޕްލެޓްފޯމެއް ގާއިމުކޮށްދެމުން އަންނަ ޕާޓީއެއްގެ ގޮތުގައެވެ. އެ ޕާޓީގެ އިސް މަގާމުތަކުގައި ޒުވާނުން ގިނައެވެ. އަދި މެންބަރުންގެ ގޮތުގަ އާއި ޕާޓީގެ ހަރަކާތްތަކުން ވެސް ގިނަ އަދަދެއްގެ ޒުވާނުން ފެނެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުން އާންމު ގޮތެއްގައި ފެންނަނީ އެއް މޫނުތަކެކެވެ. އެހެން ނަމަވެސް ޑިމޮކްރެޓުންގެ ތެރެއިން މުޅިން އާ މޫނުތަކެއް އަންނަނީ ފެންނަމުންނެވެ. 

ރާއްޖޭގެ ގަޑުބަޑުވެ “ނަޖިސް” ވެފައިވާ ސިޔާސީ މަސްރަހަށް ބަދަލެއް ބޭނުން ވެއެވެ. ފަސްބައި ކިލަނބު މީހުންނާ ނުލައި ވެސް ސިޔާސީ ހަރަކާތް ހިންގިދާނެ ކަމާއި ކާމިޔާބު ހޯދިދާނެކަން ކޮންމެ ވެސް ބަޔަކު އެބަ ސާބިތު ކޮށްދެން ޖެހެއެވެ. ޑިމޮކްރެޓުންގެ ވިސްނުމަކީ ޒުވާނުންނަށް ފުރުސަތު ދީ ސިޔާސީ މަސްރަހުގެ ކިލަނބުކަން ނެތިކޮށްލުން ކަމަށް އެ މީހުން އެބަ ބުނެއެވެ. އެހެން ކަމަށް ވާ ނަމަ އެ މަގުން މަސައްކަތްތަކެއް ކުރަން ވެސް އެބަ ޖެހެއެވެ. ސިޔާސީ ޕާޓީތައް މަތިން ގިނަ ބަޔަކު މި ތިބީ ފޫހިވެފައެވެ. ހާއްސަކޮށް ޒުވާނުންނެވެ. އެ މީހުންގެ ޝައުގުވެރިކަން ހޯދުމަށް ޑިމޮކްރެޓްސް އަށް ކާމިޔާބު ހޯދިދާނެ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0