
ރިޕޯޓު: ލަންކާ އިން އިބުރަތެއް!
12 ފެބުރުއަރީ 2025 - 11:24
ރާއްޖެ އަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަވެގެން ދަނީ ދައުލަތް ހިންގުމަށެވެ. އޭގެ ތެރޭގައި ސިވިލް ސާވަންޓުންނާއި ސިޔާސީ ފަރާތްތަކަށް ކުރަންޖެހޭ ހޭދައިގެ ނިސްބަތް ބޮޑެވެ. އަަދި ޕެންޝަނާއި ކުރީގެ ވެރިންނަށް ކުރަންޖެހޭ ހަރަދުތައް ވެސް އިންތިހާ އަށް ބޮޑެވެ. މިއީ އަވަށްޓެރި ލަންކާގައި ވެސް މިކަން އޮތް ގޮތެވެ. ޒަމާންތަކެއް ވަންދެން ދައުލަތުގެ ހަރަދުތަކުގެ ބޮޑު ބައެއް ބޭކާރުވެގެން ދަނީ މިކަންކަމަށެވެ. ނަމަވެސް ރައްޔިތުން ގެނައި އިންގިލާބާ އެކު ގާއިމުކުރި ސަރުކާރުން މިކަންކަން ބަދަލުކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ.
ލަންކާގައި މިހާތަނާ ޖެހެންދެން ވެރިކަން ކުރި ފަރާތްތަކުން މަސައްކަތް ކޮށްފައި ވަނީ ވެރިންގެ ދިރިއުޅުން އާބާދުކޮށް ތަރައްގީކުރުމަށެވެ. ގަނޑުވަރުތައް ހެދުމާއި މުއްސަނދިކަން އިތުރުކުރުމަށެވެ. ރަނގަޅު މަޝްރޫއެއް ނަމަ ލިބެނީ ސިޔާސީ މީހުންގެ އާއިލާތަކަށެވެ. ހަމައެކަނި ވެރިންނެއް ނޫނެވެ. ގާނޫނު ހަދާ މަޖިލީހުގެ ވެރިންނަށް ވެސް ދައުލަތުން މިހާތަނާ ޖެހެންދެން ވެސް ބޮޑު ހޭދައެއް ދިޔައީ ކުރަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި އަނޫރާ ކުމާރާ ޑިސަނަޔަކޭ ވެރިކަަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާއި ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމުގެ ވައުދަކާ އެކީގައެވެ. އެކަން މިހާރު ވަނީ ފައްޓަވާފައެވެ.
ސަރުކާރުގެ ގަނޑުވަރުތައް ހުސްކުރުން

ސަރުކާރުން މިހާރު ވަނީ ކުރީގެ ރައީސުން ދިރިއުޅުއްވަމުން ގެންދަވާ “ގަނޑުވަރުތައް” ހުސްކުރަން ނުވަތަ އެ ތަންތަނަށް އެކަށީގެންވާ ކުއްޔެއް ދެއްކުމަށް އަންގާފައެވެ. ލަންކާގެ އިންފޮމޭޝަން މިނިސްޓަރު ނަލިންޑާ ޖަޔަތިސާ ދާދި ފަހުން މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ވެރިންނާއި އާއިލީ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވާ ދައުލަތުގެ މި ގެތައް އަޕްމާކެޓް ބުޓިކް ހޮޓެލް ނުވަތަ މިއުޒިއަމްތަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ކުރީގެ ވެރިން ދިރިއުޅުއްވާ ގެތަކުގެ މާކެޓް ރޭޓަށް ބަލާއިރު މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވަނީ މަހަކު 16،500 ޑޮލަރު (4.6 މިލިއަން ރުޕީސް)ގެ އަގުހުރި ގަނޑުވަރެއްގައި ކަމަށާއި އެއީ ގާނޫނުން ހައްގުވާ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން އައި ނަމަވެސް 1986 ވަނަ އަހަރު ތަސްދީގުކުރި ގާނޫނުގައިވާ ގޮތުން ދޭންޖެހެނީ މަހު ކުއްޔެއް ކަމަށެވެ. އެއީ މަހަކު 107 ޑޮލަރު ނުވަތަ 30،000 ރުޕީސްއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ކުރީގެ ރައީސުންނާއި ރައީސުންގެ އަނބިކަނބަލުންނަށް ދެން ދޭނީ ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުގެ މަހު ކުއްޔެކެވެ. އެއީ 30،000 ރުޕީސްއެވެ.
ލަންކާގެ ކުރީގެ ގިނަ ވެރިން ފާހަގަކުރެވެނީ އެ ފަރާތްތައް ދިރިއުޅުއްވާ ގެކޮޅުތަކާއި އާއިލީ ބޭފުޅުން ދިރިއުޅުއްވާ ސަރުކާރުގެ ތަންތަނަށް ބޮޑެތި ހޭދަކުރައްވާ ބޭފުޅުންގެ ގޮތުގައެވެ. އެ ގޮތުން 2021 ވަނަ އަހަރު ބޮޑުވަޒީރަކަށް ހުންނެވި ރާޖަޕަކްސަ ވަނީ މިހާރު ވެސް އާއިލާ ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅު ބޮޑު ހޭދައެއް ކުރައްވައިގެން މަރާމާތުކުރައްވާފައެވެ. ކުރީގެ ރައީސް އަށް ކުރާ ހޭދައެއްގެ ގޮތުން ސަރުކާރުގެ ބަޖެޓުން އެ ފަހަރު ވެސް 800 މިލިއަން ރުޕީސް ހޭދަކޮށްފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރައީސުން ކަމަށްވާ އަދި ދެބެއިން ކަމަށްވާ ގޮތަބަޔާ އާއި ރާޖަޕަކްސަގެ ސެކިއުރިޓީ އަށް ވެސް ދައުލަތުގެ ބަޖެޓުން 3.6 މިލިއަން ޑޮލަރު (1،000 މިލިއަން ރުޕީސް) ހޭދަކޮށްފައިވެއެވެ.
ކުރީގެ ވެރިންނަށް ކުރާ ހޭދަ ކުޑަކުރުން
މިހާރުގެ ސަރުކާރުން ވަނީ ކުރީގެ ރައީސުންނަށް ކުރާ ހޭދަތައް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. އެ ގޮތުން ކުރީގެ ވެރިން ގެންގުޅުއްވާ ބައެއް އުޅަނދުފަހަރުތައް ސަރުކާރަށް ނެގުން ހިމެނެއެވެ. މަހިންދަ ރާޖަޕަކްސަ 16 އުޅަނދެއް ގެންގުޅުއްވާ އިރު ސަރުކާރުން މިހާރު ވަނީ އޭގެ ތެރެއިން އަށް އުޅަނދެއް ނަގާފައެވެ. ކުރީގެ ވެރިއެއް ކަމަށްވާ ރަނިލް ވިކްރަމަސިންހަ ވެސް ގިނަ އުޅަނދުފަހަރުގެ އިތުރުން ބައެއް އެހެން ހަރަދުތައް ވެސް ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަރުކާރުން ބުނީ ރަނިލްގެ ސެކިއުރިޓީންގެ ގޮތުގައި 163 މުވައްޒަފުންނާއި 16 ކައްކާ އިންގެ އިތުރުން 20 އުޅަނދު ދިނުމަށް އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް ސަރުކާރުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.
މިހާރުގެ ރައީސް އަނޫރާ ވިދާޅުވެފައި ވަނީ ސަރުކާރުން އަމަލުކުރާނީ ގާނޫނާއި ގަވާއިދުތަކުގައި ހުރި ގޮތަށް ކަންކަން ކުރުމަށް ކަމަށާއި ހަރަދުތައް ކުޑަކުރުމަށް ގާނޫނުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވެރިންނާއި ވަޒީރުންނަށް ވެސް ކަންކަން ހަމެޖިގެންދާނީ އެ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ. އެ ގޮތުން 2010 ވަނަ އަހަރު އޭރުގެ ރައީސްގެ ސެކްރެޓަރީ ލަލިތު ވިޓަޓުންގާ ނެރުއްވާފައިވާ ސާކިއުލާގައި ބުނާ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ދީފައުވާ އުޅަނދުފަހަރު ވެސް ސަރުކާރަށް ނަންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ ކެބިނެޓް މިނިސްޓަރަކަށް ނުވަތަ ސްޓޭޓް މިނިސްޓަރަކަށް ތިން އުޅަނދު ހައްގު ވެއެވެ.
އިންގިލާބަށް ފަހު ބޮޑު ބަދަލެއް

ލަންކާގެ އައު ރައީސް ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ކޮރަޕްޝަން ނައްތާލުމަށް ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. ރައްޔިތުން ގެނައި އިންގިލާބަކަށް ފަހު ބޭއްވި އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯއްދެވުމުގެ އިތުރުން މަޖިލިސް އިންތިހާބުގައި ވެސް އަނޫރާގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް ލިބުމުގެ އަސްލަކީ ލަންކާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކެވެ. އަދި މި ކަމުން ދޭހަވެގެން ދަނީ ކޮރަޕްޝަނުން ފުރިފައިވާ ލަންކާގާގެ ސިޔާސީ ދާއިރާ އިސްލާހުކުރުމަށް ރައްޔިތުން ބޭނުންފެައިވާ މިންވަރެވެ.
އިންގިލާބަކަށް ފަހު ލަންކާގެ ވެރިކަމަށް އައި ބަދަލާ އެކު އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމެވެ. އަދި ހަމަ މަގަށް އެޅުވުމެވެ. ހާއްސަކޮށް ކުރީގެ ސަރުކާރުތަކުގެ ވެރިންނާއި ސިޔާސީ ފަރާތްތަކަށް އެކި ނަންނަމުގައި ސަރުކާރުން ދޭ އިނާޔާތްތައް މުރާޖައާކޮށް ހަމައަކަށް އެޅުވުމެވެ. ރާއްޖޭގައި ވެސް މިއީ ބޮޑުވެފައިވާ މައްސަލައެކެވެ. ރާއްޖޭގައި ވެސް ކުރީގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ބޮޑު ހޭދައެއް ކުރެއެވެ. ކުރީގެ ވެރިންނަށް މުސާރައިގެ އިތުރުން އޮފީސް ހިންގުމަށާއި ސަލާމަތީ ކަންކަމަށް ވެސް ދައުލަތުން ހޭދަކުރެއެވެ. އެހެން ނަމަވެސް ސުވާލަކީ ހަގީގަތުގައި އެއީ އެކަން އޮންނަންޖެހޭ ގޮތް ހެއްޔެވެ؟ ގައުމެއްގެ ވެރިކަން ކުރުމުން ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހެއެވެ. އެހެން ނަމަވެސް ގައުމުގެ އިގްތިސާދާ ނުބައްދަލު މިންވަރަކަށް ހޭދަކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
ކުރީގެ ވެރިންނާއި މަޖިލީހުގެ މެންބަރުންނަށް ދޭ އިނާޔަތްތައް މުރާޖައާކުރުމުގެ ވާހަކަ އެކި ޕްލެޓްފޯމްތަކުގައި ދައްކައެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް މި ބުހުސްކުރެވެއެވެ. އެހެން ނަމަވެސް އެދެވޭ ހައްލެއް އަދި އިސްލާހެއް އައިސްފައެއް ނުވެއެވެ. ދައުލަތަށް ޖެހޭ ބުރަ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ކޮންމެ ފަސް އަހަރަކުން މި ބިލަށް އެތައް މިލިއަނެއް އިތުރުވެއެވެ. ލަންކާ އިން އިބުރަތް ހޯދައި ކޮންމެ ވެސް ހިސާބަކުން މި ކަން ހަމައަކަށް އަޅުވަންޖެހެއެވެ.