ރިޕޯޓު: “ކޮންމެ ދެމަފިރިއަކަށް އެއާޕޯޓެއް!”

15 ފެބުރުއަރީ 2025 - 16:58

ރާއްޖޭގައި އެއާޕޯޓްތައް މަދީ ހެއްޔެވެ؟ ކަނޑުމަގުން ވިއްސަކަށް ވަރަކަށް މިނިޓްގެ ތެރޭގައި ދެވޭ ހިސާބުގައި އޮންނަ ދެ ރަށުގައި ވެސް އެއާޕޯޓެއް މިއަޅަނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ ރަށްތަކުގެ ނިސްބަތާއި ރަށްތަކުގެ ދުރުމިނަށް ބަލާއިރު މިހާރު ހުރި އެއާޕޯޓްތަކުން ނުފުދެނީ ހެއްޔެވެ؟ “ކޮންމެ ދެމަފިރިއަކަށް އެއާޕޯޓެއް” ހެން މުޅި ރާއްޖޭގައި އެއާޕޯޓް އަޅަނީ ކީއްކުރަން ހެއްޔެވެ؟

ރާއްޖޭގައި 2010 ވަނަ އަހަރާ ހަމަ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ބޭނުންކުރަމުން އައީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮތް ސަރަހައްދީ ހަތަރު  އެއާޕޯޓެވެ. އެއީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު އައްޑޫގައި ހެދި ގަން އެއާޕޯޓާއި 1980ގެ ތެރޭގައި ހިދުމަތް ދޭން ފެށި ހދ. ހަނިމާދޫ އެއާޕޯޓާއި 1990ގެ ތެރޭގައި ހުޅުވި ކާޑެއްދޫ އެއާޕޯޓް އަދި ހަމަ އެ ދުވަސްވަރު ހުޅުވި ކައްދޫ އެއާޕޯޓެވެ. އެހާތަނާ ޖެހެންދެން ޓުއަރިސްޓުން އުފުލުގައި އާންމު ގޮތެއްގައި ބޭނުންކުރަމުން އަައީ މިހާރެކޭ ވެސް އެއްގޮތަށް ސީޕްލޭންތަކެވެ. އެހެން ނަމަވެސް މި ފާއިތުވި އަހަރުތަކުގައި ގިނަ އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓްތަކެއް ވަނީ ހުޅުވާފައެވެ. އަދި އިތުރު އެތައް އެއާޕޯޓެއްގަ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން ވެސް އެތައް އެއާޕޯޓެއްގެ މަޝްރޫއު އިއުލާންކޮށްފައި ވެއެވެ. 

advertisement

އެމްޑީޕީގެ ވެރިކަމާ އެކު އެތައް އެއާޕޯޓެއް

ދަތުރު ފަތުރަށް އިންގިލާބީ ބަދަލެއް ފައްޓަވައި ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އާ އެއާޕޯޓްތަކެއްގެ މަސައްކަތް އިއުލާންކުރެވި އަމަލީ މަސައްކަތް ފެށުނެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެ ސިޔާސަތުގެ ދަށުން 2010 ވަނަ އަހަރު ދަރަވަންދޫ އާއި ފުވައްމުލަކު، އިފުރު، ކޫއްޑޫ، މާމިނގިލި އަދި ތިމަރަފުށީގައި އެއާޕޯޓް އެޅުމުގެ މަޝްރޫއުތައް އިއުލާންކުރެވުނެވެ. އެކުއެކީގައި ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެއާޕޯޓްތައް ތަރައްގީކޮށްދޭ ފަރާތްތަކަށް ޓުއަރިޒަމްގެ ބޭނުމަށް ފަޅު ރަށްތަކާއި ފަޅުތަކާއި ބިންތައް ބަދަލުގައި ދިނުމުގެ ސިޔާސަތެއްގެ ގޮތުންނެވެ. އެހެންކަމުން ކުރު މުއްދަތެއްގެ ތެރޭގައި މި އެއާޕޯޓްތަކުގެ މަސައްކަތްތައް ނިމި ހުޅުވިއެވެ. ޖުމްލަކޮށް ބުނާ ނަމަ 2010ގައި މަސައްކަތް ފެށި އެއާޕޯޓްތައް 2011 އަދި 2012ގައި ނިމި ހުޅުވައި ހިދުމަތް ފެށިއެވެ. 

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އެހާ ގިނަ އެއާޕޯޓްތަކެއްގެ މަސައްކަތް އެއްފަހަރާ ފެށުމުން އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގެ މީހުން ވަރަށް އުފާކުރިއެވެ. ނަމަވެސް މިއީ މުސްތަގުބަލަށް ބަލާއިރު ފައިދާވާނެ ކަމެއްތޯ ނުވަތަ އޭގެ ބުރަ ސަރުކާރުން ފަހުން އުފުލަންޖެހޭނެތޯ މާ ގިނަ ބަޔަކު ސުވާލެއް ނުކުރެއެވެ. އެއްފަހަރާ ގިނަ އެއާޕޯޓްތަކެއް އައުމަކީ ގައުމަށް ލިބޭ ތަރައްގީއެއް ކަމުގައި ގިނަ ބަޔަކު ސިފަކުރިއެވެ. ނަމަވެސް މިއަދު އެ ސުވާލު ކޮށްފި ނަމަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

ކޮންމެ 20 މިނިޓަކުން އެއާޕޯޓެއް

ރައީސް ނަޝީދުގެ ވެރިކަމަށް ފަހު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަދި ގެންގުޅުއްވީ މުޅިން ތަފާތު ސިޔާސަތެކެވެ. އެ ސަރުކާރުގެ ވިސްނުމަކީ ކޮންމެ ވިހި މިނިޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުމެވެ. އެ ސިޔާސަތުގެ ދަށުން އަނެއްކާ ވެސް އެއްފަހަރާ އެތައް އެއާޕޯޓެއްގެ މަސައްކަތް އިއުލާންކޮށް މަސައްކަތް ފެށިއެވެ. އެ ގޮތުން 2017 ގައި މަސައްކަތް ފެށި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ފުނަދޫ އެއާޕޯޓްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި ހަނިމާދޫ އާއި ފަސް ވަރަކަށް މިނިޓްގެ ދަތުރެއްގެ ދުރުމިނުގައި އޮތް ކުޅުދުއްފުށީގައި ވެސް އެއާޕޯޓެއް ތަރައްގީކޮށް އެ ވަރިކަމުގެ ތެރޭގައި ހުޅުވިއެވެ. 

ޖެހިގެން އައި އެމްޑީޕީގެ ދެ ވަނަ ވެރިކަމުގައި ވެސް އެ ސިޔާސަތު ދެމެހެއްޓިއެވެ. އަނެއްކާ ވެސް އާ އެއާޕޯޓްތަކެއް އިއުލާންކުރިއެވެ. އެ ގޮތުން ހއ. ހޯރަފުށި ކައިރި ހިއްކައި އެއާޕޯޓެއް ތަރައްގީކޮށް ރަށާ ގުޅުވައިލީ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އެތައް އަހަރުތަކެއް ވަންދެން ތަރައްގީކުރުމުގެ ވާހަކަ ދެކެވެމުން އައި ޅ. މަޑިވަރު އެއާޕޯޓްގެ މަސައްކަތް ފަށައި ނިންމައި ހުޅުވީ ރައީސް ސޯލިހްގެ ވެރިކަމުގައެވެ. މީގެ އިތުރުން ދެ އެއާޕޯޓެއް އޮތް ހދ.ގައި އިތުރު އެއާޕޯޓެއް އަޅަން އެމްޑީޕީގެ ސަރުކާރުން އިއުލާންކުރިއެވެ. އެ އެއާޕޯޓް އެޅުމަށް ނިންމީ ނޮޅިވަރަންފަރުގައެވެ. މީގެ އިތުރުން ގފ. ގައި އިތުރު އެއާޕޯޓެއް އެޅުމަށް ހަވާލުކުރިއެވެ. އެއީ މާވަރުލުގައެވެ. އެ އެއާޕޯޓްގެ މަސައްކަތް ނިންމައި 2020 ވަނަ އަހަރުގެ ޖުލައި މަހު ދަތުރުތައް ފެށިއެވެ. މީގެ އިތުރުން ގއ. ވިލިނގިއްޔާއި ކ. ބޮލިދުއްފަރާއި ލ. ފަރުކޮޅުފުށި، ހއ. ކެލާ ހދ. މާރެހާގައި އަދި ރ. އަލިފުށީގައި އެއާޕޯޓް އެޅުމަށް ވެސް ހުޅުވައިލިއެވެ. އެވެރިކަން ނިމުނު އިރު މީގެ ތެރެއިން ބައެއް އެއާޕޯޓްތަކުގެ މަސައްކަތް ފަށާފައި ވެސް ވެއެވެ. އަނެއްބައި އެއާޕޯޓްތަކުގެ މަސައްކަތް ހުރީ ޕްލޭނިންގ މަރުހަލާގައެވެ. 

ބައެއް އަތޮޅުތަކުގައި ތިން އެއާޕޯޓް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވެސް އާ އެއާޕޯޓްތަކެއް ވަނީ އިއުލާންކޮށްފައެވެ. އެ ގޮތުން ފ.  ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލިފުށި، އއ. މަތިވެރި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ނ. ބިލެތްފަހި، ރ. ފައިނު އަދި ބ. ތުޅާދޫ އެއާޕޯޓް ހިމެނެއެވެ. އިއުލާންކޮށްފައި ހުރި މި މަޝްރޫއުތައް ހުރީ އެކި މަރުހަލާގައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ މި ފަހަކަށް އައިސް ކުރެއްވި ދަތުރުފުޅުތަކުގައި އެއާޕޯޓްތަކުގެ ވާހަކަ ދައްކަވާފައި ވެއެވެ. އަދި ރަށްރަށުން ހުށަހަޅާ މިފަދަ މަޝްރޫއުތަކަށް އެއްވެސް ޕްލޭންކުރުމެއް ނެތި ގެންދަވަނީ އާބަސް ވިދާޅުވަމުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް އިތުރު އެއާޕޯޓްތައް އެޅުމުގެ މަޝްރޫއުތައް އިއުލާންކުރެވޭނެ ކަމަށް ބެލެވެއެވެ.

އެއާޕޯޓެއް އެޅުމަށް ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ބޭނުން ވެދާނެއެވެ. އެހެން ނަމަވެސް ދައުލަތަކުން އެފަދަ ކަމެއް ކުރުމުގެ ކުރިން އެއީ ފީސިބަލް ކަމެއްތޯ ނުވަތަ ކޮންމެހެން މުހިންމު ކަމެއްތޯ އާއި އެކަމުގައި ހުރި އިގްތިސާދީ ފައިދާ އާއި އެ ނޫން ވެސް ކަންކަމަށް ވިސްނަންޖެހޭނެއެވެ. މިހާރު ވެސް މި ކުޑަކުޑަ ރާއްޖޭގައި 17 އެއާޕޯޓެއް އޮޕަރޭޓް އެބަކުރެެއެވެ. އިތުރު ހަތް އެއާޕޯޓެއް ހެދުމަށް މި ސަރުކާރުން ވެސް އިއުލާންކޮށްފިއެވެ. އިތުރު އެއާޕޯޓްތަކެއްގެ މަސައްކަތް ކުރިއަށް ވެސް އެބަ ދެއެވެ. މީގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭންގެ ފްލީޓެއް އޮތީ ރާއްޖޭގަައެވެ. އެހެންކަމުން ދަތުރުފަތުރަށް ބަލާ ނަމަ މާ ބޮޑު ދައްޗެއް ނެތި ދަތުރުކުރެވެއެވެ. އަދި ރިސޯޓްތަކުން ވެސް ބޮޑަށް ބަރޯސާ ވަނީ ސީޕްލޭނަށެވެ.

ލޯކަލް ޓުއަރިޒަމަށް ފައިދާ ކުރޭތަ؟

އެއާޕޯޓްތައް އާންމު ގޮތެއްގައި ތަރައްގީ ކުރަނީ އެއް ރަށުން އަނެއް ރަށަށް ދިއުމަކަށް ނޫނެވެ. މިއިން ކޮންމެ އެއާޕޯޓެއްގެ މައިގަނޑު އަމާޒަކަށް އޮތީ ވެރިރަށް މާލެއާ ދިމާއަށެވެ، ދަތުރުތަކުގެ އަމާޒަކީ މާލެ އާއި ރަށްތައް ގުޅައިލުމެވެ. އެއް ރަށުން އަނެއް ރަށަށް ދިއުމަށް މިޙާރު ވެސް އަދި ފަހުން ވެސް ބޭނުންކުރަނީ ލޯންޗްފަހަރާއި ފެރީތަކެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ފައްޓަވައިދެއްވި އާރުޓީއެލްގެ ހިދުމަތަކީ މި ކަމަށް ވަރަށް ރަނގަޅު ނިޒާމެކެވެ. އެ ނިޒާމް ފުޅާކުރުމަށް މިސަރުކާރުން ވެސް މަސައްކަތްތަކެއް އެބަ ކުރެއެވެ އެހެންކަމުން ދޭދޭ ރަށްތަކުގެ ދެމެދުގައި ދަތުރުފަތުރުކުރުމުގެ ހައްލަކަށް އަދިވެސް އޮތީ އާރުޓީއެލްއެވެ. ވައިގެ މަގުން ކުރާ ދަތުރުތައް އޮތީ މާލެ އާއި ރަށްތައް ގުޅުވައިލުމަށެވެ. ނުވަތަ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެހެން މަންޒިލްތަކަށް އުފުލުމެވެ. 

ބައެއް ފަރާތްތަކުގެ ނަޒަރުގައި އެއާޕޯޓްތައް އިތުރުވުމުން ލޯކަލް ޓުއަރިޒަމް ފުޅާވުމަށް ފުރުސަތު ފަހިވެގެން ދާނެއެވެ. އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތަށް ބަލާއިރު މިއީ މުޅިން ތެދެކޭ ބުނެވޭކަށް ވެސް ނެތެވެ. އެއާޕޯޓްތައް ހުރި އަދި ދަތުރުފަތުރުގެ ނިޒާމްތައް ގާއިމުކުރެވިފައި ހުރި ސަރަހައްދުތަކުގައި ވެސް ލޯކަލް ޓުއަރިޒަމް އެކަށީގެންވާ ގޮތެއްގައި ކުރިއަރައެކާ ބުނެވޭކަށް ނެތެވެ. މިސާލަކަށް ބަލާ ނަމަ ކ. އަތޮޅާ ޖެހިގެން އޮތް ޅ. އަތޮޅުގައި އެކަށީގެންވާ ގޮތެއްގައި ލޯކަލް ޓުއަރިޒަމް ފުޅާވަމުން ނުދާކަން ފާހަގަކުރެވެއެވެ. އެއާޕޯޓާއި ވަށައިގެން ޓުއަރިސްޓް ރިސޯޓްތައް ގިނަ ނަމަވެސް ކުރިއެރުމެއް ލިބޭތަނެއް ނުފެނެއެވެ. ކޮވިޑްގެ ފަހުން ހއ. ކެލަޔަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި ލޯކަލް ޓުއަރިޒަމް ފުޅާވާނެ ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް އެކަން ވެސް އެ ގޮތަކަށް ނުހިނގައެވެ. އެއާޕޯޓްތަކެއް ގާއިމުކުރި ނަމަވެސް ލޯކަލް ޓުއަރިޒަމް ފުޅާވުމަށް އޮތް ހަމައެކަނި ހައްލަކީ އެއީއެއް ނޫނެވެ. ކޮޓަރިއަކަށް ހަފްތާއަކަށް ކުރާ ހޭދައެއް ވުރެ ބޮޑު ހޭދައެއް ހަމައެކަނި ދެކޮޅު ދަތުރަށް ކުރަންޖެހުމަކީ ވެސް އެއާޕޯޓްތައް ގިނަވުމުން އެކަނި އެ މައްސަލައަށް ހައްލު ނުލިބޭ ކަމުގެ ހެއްކެކެވެ. 

ރަށްރަށުގައި އަޅަމުން އަންނަ އެއާޕޯޓްތަކުން ފައިދާ ނެރެވެން އޮތީ އެ ރަށްތަކުގައި ލޯކަލް ޓުއަރިޒަމް ފުޅާވެގެންނެވެ. އާބާދީ މަދުވުމުން ހަމައެކަނި ރަށު ރައްޔިތުން ދަތުރުކޮށްގެން އެއާޕޯޓްތަކާއި އެއާލައިންތަކަށް ދެކޮޅު ޖެއްސެނޭ ކަމައް ދުށުމަކީ މޮޔަ ކަމެކެވެ. ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އެނދު އިތުރުވާންޖެހެއެވެ. އެހެން ނަމަވެސް ސުވާލަކީ އެ މަންޒަރު އެބަ ފެނޭ ހެއްޔެވެ؟ ނުވަތަ އެ ކަމަށް މަގުފަހިވެފައި ވޭ ހެއްޔެވެ؟ އެކަށީގެންވާ ކުޑަ އަގެއްގައި އިންވެސްޓްމަންޓްތަކަށް ފައިސާއެއް ލިބޭކަށް ނެތެވެ. ލޯކަލް ޓުއަރިޒަމަށް ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ގާއިމުވެފައެއް ނެތެވެ. ދަތުރުފަތުރުގެ އަގު ހެވެއް ނޫނެވެ. 

މާލީ ބޮޑު ބުރައެއް

ސަރުކާރުތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ރަށްތަކަށް ފެތުރިގެން ދިއުމަށް އޮތް ހައްލަކީ ގިނަ އެއާޕޯޓްތަކެއް އޮތުމެވެ. އަދި ރަށްތަކުގައި ދިރިއުޅޭ މީހުން މާލެއާ ގުޅުވައިލުމަށް ވެސް އެންމެ މުހިންމު އެއް ކަމަކީ އެއާޕޯޓްތައް އެޅުމެވެ. ނަމަވެސް އެއީ ތާކުންތާކު ނުޖެހޭ ވާހަކައެކެވެ. އަދި ހަރަދު ބޮޑު ނިޒާމެކެވެ. ކޮންމެ ދިހަވަރަކަށް މިނިޓްގެ ތެރޭގައި ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުމަކީ ބަޔަކަށް ފަސޭހައަކަށް ވިޔަސް ދައުލަތެއްގެ ނަޒަރުން ބަލާ ނަމަ ބޮޑު ބުރައެކެވެ. ބައެއް އަތޮޅުތަކުގައި ތިން އެއާޕޯޓް ވެސް އެބަ ތަރައްގީކުރެއެވެ. މިހާރު ހުރި ތަންތަނަށް ބަލާއިރު ވެސް ބައެއް އެއާޕޯޓްތަކަށް ހަފުތާއަކު ތިން ދަތުރު ވެސް ނުކުރެއެވެ. އެހެންކަމުން ހިންގުމުގެ ހަރަދު ވެސް ފޫބެއްދޭ ގޮތެއް ނުވެއެވެ. އެއާޕޯޓްތައް ހިންގާ ކުންފުނިތަކަށް ފައިދާއެއް ނެތެވެ. ދިވެހިންގެ އެއާލައިން މޯލްޑިވިއަން އަށް ވެސް ލިބޭ ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރަނީ މި އެއާޕޯޓްތަކަށް ކުރާ ދަތުރުތަކެވެ. ފަސިންޖަރުން ނުލިބުނަސް އަދި ބޮޑު ގެއްލުމެއް ނިބުނަސް ގައުމީ އެއާލައިން ކަމަށް ވުމުން ދަތުރުކުރުން ނޫން ގޮތެއް ނޯވެއެވެ. 

ތަފާސް ހިސާބަތަކަށް ބެލުމުން ވެސް ފެންނަން އޮތީ މި ގޮތަށް އިއުލާންކުރާ އެއާޕޯޓްތަކުން ދައުލަތަށް އުފުލަންޖެހޭ ބުރަ ބޮޑު ކަމެވެ. ފެންނަން ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު އެކަނި ވެސް ރީޖަނަލް އެއާޕޯޓްސް އަށް 43.6 މިލިއަން ރުފިޔާގެ ގެއްލުން ކުރިމަތިވިއެވެ. މިއީ ހަމައެކަނި އެއާޕޯޓްތައް މެނޭޖްކުރާ ކުންފުނީގެ ގެއްލުމެވެ. އެއްވެސް ފައިދާއެއް ނެތި ގެއްލުމުގައި ދަތުރުކުރަން ޖެހުމުން އައިލެންޑް އޭވިއޭޝަން އަށް ލިބޭ ގެއްލުން ވެސް ކުޑައެއް ނޫނެވެ. ބަޖެޓަށް ބަލާއިރު މި އަހަރު އެކަނި ވެސް އެއާޕޯޓްތައް ހިންގަން 80 މިލިއަން ރުފިޔާ ހޭދަވާނެއެވެ. 

އެއާޕޯޓްތައް ތަރައްގީކުރުން މިއިން އެއްކަމަކާ ވެސް ގުޅުމެއް އޮތް ކަމަކަށް ނުފެނެއެވެ. މި މަޝްރޫއުތައް އިއުލާންކުރަމުން ގެންދަނީ އެފަދަ ދިރާސާތަކެއް ކޮށްގެން ކަމަށް ބެލެވޭކަށް ވެސް ނެތެވެ. ގިނަ ފަހަރު މިއިން މަޝްރޫއެއްގެ ދިރާސާ ހަދަން ފަށަނީ ވެސް އިއުލާންކުރުމަށް ފަހުގައެވެ. ގިނަ މަޝްރޫއުތައް ހިންގާފައި ހުރީ ކޮންމެހެން މިފަދަ ދިރާސާއެއްގެ މައްޗަށް ބިނާކޮށްގެންނެއް ވެސް ނޫނެވެ. މިއީ ސިޔާސީ ކަމެކެވެ. އެއާޕޯޓް އެޅުމަކީ ރައްޔިތުންގެ ތާއީދު ހޯދުމަށް ވެރިން ވާ ވައުދެކެވެ. ދައުލަތަށް ލިބޭ ގެއްލުމަށް ވިސްނާލުމެއް ނެތި ކުޅޭ ސިޔާސީ ކުޅިވަރެކެވެ. މީގެ އިތުރުން ވަކި ބަޔަކަށް މަންފާ ހޯދުމަކީ ވެސް އެއާޕޯޓްތައް އެޅުމަށް ސަރުކާރުތަކުން ގެންގުޅޭ އުކުޅެއް ކަމަށް ބެލެވިދާނެއެވެ. އެ ގޮތުން ޓުއަރިސްޓް ރިސޯޓްތައް ތަރައްގީކުރަން ދޫކޮށްފައި ހުރި ރަށްތަކާއި މި އެއާޕޯޓްތައް ގުޅިފައިވާކަމީ މި ކަމަށް ބާރުދޭ ކަމެކެވެ. ކޮންމެ “ދެމަފިރިއަކަށް އެއާޕޯޓެއް” އެޅުމެކޭ އެއްފަދައިން ރަށްތަކުގައި އެއާޕޯޓްތައް އެޅުމުގެ ވިސްނުމަކީ ސީދާ ސިޔާސީ ކަމެކެވެ. 

ރިއެކްޝަންސް
0
0
0
1
0
0
1