ފެބްރުއަރީ މަހު 98 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި

2 މާޗް 2021 - 15:31

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 98881 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފިއެވެ. މިއީ ޖަނަވަރީމަހު ރާއްޖެއައި ފަތުރުވެރިންނާއި އަޅާބަލާއިރު އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ނަމަވެސް ފެބްރުއަރީމަހު ރާއްޖެ އައީ 98881 ފަތުރުވެރިންނެވެ. ޖަނަވަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ޖަނަވަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 2971 ފަތުރުވެރިންނެވެ. ނަމަވެސް ނިމިގެންދިޔަ ފެބްރުއަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 3460 ފަތުރުވެރިން ވަނީ އައިސްފައެވެ.

advertisement

ޖަނަވަރީ އަދި ފެބްރުއަރީމަސް ނިމިގެން ދިޔައިރު ރާއްޖެއަށް ޖުމްލަ 188984 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %40.7 ދަށްއަދަދެކެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 44039 ފަތުރުވެރިން ވަނީ އައިސްފައެވެ. 2 ވަނައިގައި އުޅެނީ ރަޝިއާއެވެ. އެއީ 40698 ފަތުރުވެރިންނެވެ. 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔޫކްރެއިނުންނެވެ. އެއީ 12،549 ފަތުރުވެރިންނެވެ.

ފެބްރުއަރީ މަހު އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5268 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ މަދުން ފަތުރުވެރިން އައީ އެމަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައީ 2158 ފަތުރުވެރިންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0