
ތާރީހުގެ ތެރެއިން: ހުޅުމާލެ ހިއްކަން ފެށުމާއި އެއްފަސްކުރުމުގެ ސިޔާސަތު
18 ފެބުރުއަރީ 2025 - 11:36
ހުޅުމާލެ ހިއްކީ “މި ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށް”
ހުޅުލޭ އެއާޕޯޓްގެ އިރުއުތުރުން އޮތް ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ 16 އޮކްޓަރު 1997 ގައެވެ. އެ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ. އެ ދުވަހުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ ވަރަށް ހާއްސަ ހިތާބެއް ދެއްވާފައެވެ. އެ ދުވަހުގެ ވާހަކަފުޅުގައި ރައީސް މައުމޫން ވިދާޅުވީ އެ މަޝްރޫއަކީ “މި ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށް ގެދޮރުގެ ހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާ މަޝްރޫއެއް: ކަމަށެވެ. ރައީސްގެ މި ވާހަކަފުޅުން ވެސް އެނގިގެންދާ އެއް ކަމަކީ އޭރުގެ ސަރުކާރުންވެސް ހުޅުމާލެ ހިއްކީ ހަމައެކަނި މާލެ އަށް އުފަން ނުވަތަ :”ހަތަރު ކަންކަށިމަތި މާލެ” މީހުންނަށް އެކަނި ނޫން ކަމެވެ. ރައީސް މައުމޫން އެ ދުވަހު ވެސް ވެސް ވިދާޅުވި “މި ހިސާބުގަނޑު”ގެ މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ.
ހުޅުމާލެ މަޝްރޫއު ފުރަތަމަ އެކުލަވައިލެއްވި ބޭފުޅުން ވެސް އެ މަޝްރޫ ކުރިއަށް ގެންދިއުމަށް ރާވާފައި އޮތީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މަޝްރޫއު ފައްޓަވައި ދެއްވަމުން ރައީސް މައުމޫން ވިދާޅުވެފައި ވަނީ:
“އެ މަޝްރޫއުގެ މަސައްކަތް ތިން ފިޔަވައްސެއްގެ މައްޗަށް ބަހާލެވިގެން. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އިރާދަކުރެއްވިޔާ މިއަދު މި ފެށެނީ. މި މަސައްކަތް ނިމޭއިރު، ތިން ފިޔަވަހީގެ މަސްއްކަތް ނިމޭ އިރު އަޅުގަނޑަށް އެނގިފައިވާ ގޮތުން މި ހިސާބުގަނޑުގައި ވަރަށް ބޮޑު ސަރަހައްދެއް ހިއްކިފައި އޮންނާނެ. އިރާދަކުރެއްވިއްޔާ އޭރުން ވަރަށް ގިނަ މީހުންނަށް ގޯތިގެދޮރުގެ ތަނަވަސްކަން ލިބޭނެ. އާދެ! ފުރަތަމަ ފިޔަވަހީގެ މަސަކްތަ ނިމޭ އިރު ވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގާތްގަނޑަކަށް މާލެ ވަރުގެ ބޮޑު ތަނެއް މި ތަނުން ހިއްކޭނެ.”

އެއްފަސްކުރުމުގެ ސިޔާސަތު
ހުޅުމާލެ ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާ އެކު ބިން ހިއްކުމާއި އެއްފަސްކުރުމުގެ މަސައްކަތް ފެއްޓެވިކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން 1979 ވަނަ އަހަރުގެ ތެރޭގައި މާލޭގެ ބިން ހިއްކުމުގެ މަޝްރޫއު ފެއްޓެވި ކަމަށެވެ. އަދި ބައެއް ކުދި އާބާދީތައް ބޮޑެތި ރަށްތަކަށް ބަދަލުކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.
“އޭގެ ތެރޭގައި މިސާލަކަށް ދަންނަވަންޏާ، ނ. އަތޮލު ތޮޅެންދޫ މީހުން އެ އަތޮޅު ކެނދިކުޅުދޫ އަށް ބަދަލުކުރުން. އަދި ރ. އަތޮޅު އުނގުލު މީހުންނާއި އެ އަތޮޅު ގާއުނޑޫދޫ މީހުން އެ އަތޮޅު ހުޅުދުއްފާރަށް ބަދަލުކުރުން. އަދި މިހާރު ހިނގަމުންދާ މަޝްރޫއެއްގެ ވާހަކަ ދަންނަވަންޏާ ށ. ފިރުނބައިދޫ މީހުން އެ އަތޮޅު ފުނަދޫ އަށް ބަދަލުކުރުން ވެސް ހިމެނޭ. އަދި މި ނޫން ވެސް ގޯތި ގެދޮރުގެ ދަތިކަން އިހްސާސްކުރަންޖެހިފައިވާ ރާއްޖޭގެ ރައްޔިތުންނަށް އެ ދަތިކަން ފިލުވައިދެވޭތޯ ސަރުކާރުން ވަރަށް ބޮޑެތި ހަރަދު ކުރަމުން އެބަ ގެންދޭ،” ހުޅުމާލެ ހިއްކަން ފެށުމުގެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިއެވެ.

އެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ ބޯހިޔާވަހިކަމާ ގުޅުން ހުރި ވަރަށް ގިނަ ވާހަކަތައް ދައްކަވާފައެވެ. އަދި ހާއްސަކޮށް އެއްފަސްކުރުމާ ގުޅޭ ގޮތުންނެވެ. އަދި ރަށްތައް ޕްލޭންކުރުމުގެ މަސައްކަތްތަކެއް ވެސް އެ ދުވަސްވަރު ފެއްޓެވިއެވެ. އެ ގޮތުން ބ. ތުޅަދޫ އާއި، ޅ. ނައިފަރާއި، ހިންނަވަރާއި، ރ. ކަނދޮޅުދޫ އާއި މ. ދިއްގަރު ޕްލޭންކުރުމުގެ މަސައްކަތް އެ ސަރުކާރުން ކުރި ކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވިއެވެ.
ރަށްތަކުގެ އިހްތިސާސްގެ ތެރޭގައި ފަޅު ރަށްތަކާއި ފަޅުތައް ހިމެނުން

މިހާރު އަމަލުކުރަމުން އަންނަ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައަޅައި އެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުތަކާއި ފަޅު ރަށްތައް އެ ރަށެއްގެ އިހްތިސާސްގެ ތެރޭގައި ހިމަނާފައި ވެއެވެ. އަދި ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކާއި އިގްތސިާދީ މަސައްކަތްތަކަށް ބިން ނެތް ރަށްތަކަށް ކައިރިން ފަޅު ރަށްތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަ ގެންދެއެވެ. އެހެން ނަމަވެސް މިއީ ގާނޫނެއްގައި ލިޔެފައި ނެތެއް ކަމަކު ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި ވެސް އޭރުގެ ސަރުކާރުން ކުރަމުން އައި ކަމެކެވެ. ހުޅުމާލެ ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ އެކަމަށް ވެސް އަލިއަޅުވާލައްވާފައެވެ. ވިދާޅުވީ؛
“ރާއްޖޭގެ އާބާދީ ގިނަ ބައެއް ރަށްރަށުގެ ކައިރީގައި ހުންނަ ފަޅު ރަށްރަށް އެއީ އެ ރަށްރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަމުން ވެސް އެބަ ގެންދެވޭ. އޭގެ ތެރެއިން މިހާރު އެ ގޮތަށް ބައެއް ރަށްރަށް ހަމަޖެއްސިއްޖެ. އަދި މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް އެ ރަށްރަށުގެ ކައިރީގައި ހުންނަ ފަޅު ރަށްރަށާ ގުޅާލުމުގެ މަސައްކަތް ވެސް ކުރެވެމުން އެބަދޭ.”