ރިޕޯޓު: ރޯދަ އަށް އަގު އުފުލެނީ. އެކި ތަންތަނުގައި އެކި އަގު!

21 ފެބުރުއަރީ 2025 - 20:44

ބައެއް އަސާސީ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފައިވީ ނަމަވެސް ރާއްޖެއަކީ ފްރީ މާކެޓެއް އޮތް ގައުމެކެވެ. އެހެންކަމުން ވިޔަފާރި ވެރިން އަބަދު ވެސް މުދާ ވިއްކަނީ އެ މީހުންނަށް ފެންނަ އަގެއްގައެވެ. އެހެން ނަމަވެސް އެއް ބްރޭންޑެއް އެއް މުދަލެއް އެކި ފިހާރަތަކުގައި އެކި އަގުގައި ވިއްކާ މައްސަލަ ބޮޑެވެ. އެންމެ ރުފިޔާއެއް، ދެރުފިޔާއެއް ނޫނެވެ. ބައެއް ތަންތަނުގައި ވިއްސަކަށް، ފަންސާހަކަށް ރުފިޔާގެ ތަފާތު ވެސް އެބަ ހުރެއެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟

މިއީ ތަކެތީގެ އަގާ މެދު އާންމުން ވަރަށް ސަމާލުވާ ދުވަސްވަރެކެވެ. ކުރިއަށް އޮތީ ރޯދަ މަހެވެ. ހަރަދު އިންތިހާ އަށް ބޮޑުވާނެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އިސްކަންދެނީ އެންމެ ކުޑަ އަގެއްގައި ތަކެތި ގަތުމަށެވެ. ގިނަ ތަންތަން ބަލައިގެން ވެސް އަގު ހެޔޮ ފިހާރައެއް ހޯދައެވެ. އެހެން ނަމަވެސް ފާހަގަ ކުރެވޭ ކަމަކީ އެއް ބާވަތެއްގެ، އެއް ބްރޭންޑެއްގެ މުދާ ވެސް އެކި ތަންތަނުގައި ހުރީ އެކި އަގުގައި ކަމެވެ. ތަފާތު ހުރީ ހަމައެކަނި މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތަކުގެ އަގުގައި އެކަންޏެއް ނޫނެވެ. ދަޅުގައި ނުވަތަ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ޕެކްކޮށްފައި ހުންނަ ބާވަތްތަކާއި އާންމުކޮށް ބޭނުންކޮށް އުޅޭ މުދަލުގެ އަގުގައި ވެސް ތަފާތުތައް ބޮޑެވެ. މިސާލަކަށް އެއް ތަނެއްގައި މައިލޯ ބޮޑު ދަޅެއްގެ އަގު ހުރީ 190ރ. އަށެވެ. އަނެއްބައި ތަންތަނުގައި ހަމަ އެ ދަޅު ހުރީ 220ރ. އަށެވެ. ޑައިޕާސް ބްރޭންޑްގެ ނެޕީ ބޮނޑިއެއް 206ރ. އަށް އެއް ފިހާރައަކުންވިއްކާ އިރު ހަމަ އެ ބްރޭންޑްގެ އެ ސައިޒުގެ ނެޕީ ބޮޑު ބޮޑެތި ބައެއް ސުޕަމާޓްތަކުގައި ހުރީ 230-240ރ.އާ ދެމެދުގައެވެ. 

advertisement

ރޯދަމަހާ އެކު ތަކެތީގެ އަގު މައްޗަށް

ތަކެތީގެ އަގު އެންމެ ބޮޑަށް ތަފާތު ފެންނަ އެއް ބާވަތްތަކަކީ ތަރުކާރީ އާއި މޭވާއެވެ. މިސާލަކަށް އަންނާރު ކިލޯއެއް ބާޒާރުމަތީގައި 100ރ އަށް ހުރި އިރު ބައެއް ސުޕަމާޓްތަކުގައި ހުރީ 120ރ. އަށެވެ. މޭބިސްކަދުރު ފަދަ ބާވަތްތަކުގެ އަގުގައި ވެސް ވިއްސަކަށް ރުފިޔާގެ ތަފާތު އެބަ ހުއްޓެވެ. ފިޔާ ކިލޯއެއް އެއް ފިހާރައިން 18ރ. އަށް ލިބޭ އިރު އަނެއް ތަނެއްގައި ވިއްކަން ހުރީ 23ރ. އަށެވެ. އަލުވި އަދި ލުނބޯ ވެސް ވިއްކަނީ ހަމަ މި ތަފާތުގައެވެ. ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސަ ތަކެތީ އަގު އުފުލެއެވެ. ހާއްސަކޮށް ކާބޯތަކެތީގެ އަގެވެ. މައިގަނޑު ސަބަބަކީ ޑިމާންޑް ބޮޑުވުމެވެ.

ބައެއް އާންމު ފަރާތްތަކުން ދެކޭ ގޮތުގައި  ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުމަކި ވިޔަފާރިވެރިން ގަސްތުގައި ކުރާ ކަމެކެވެ. ހާއްސަކޮށް ހޯލް ސޭލްްކުރާ ފަރާތްތަކުން ތަކެތި ފޮރުވާފައި ބެހެއްޓުމަކީ ރޯދަ މަހު ކުރާ ކަމެއްގެ ގޮތުގައި އަބަދު ވެސް ތުހުމަތުކުރެވެއެވެ. 

“އެއީ ވިޔަފާރިވެރިން ގަސްތުގައި ހަދާ ގޮތެއް. ފޮރުވާފައި ބަހައްޓާނީ. ރޯދަ މަހު ތަކެތި ގަންނަ މީހުން ގިނަވީމަ ކިރިޔާ ވެސް ބާޒާރުގައި މަދުވެއްޖެ ނަމަ އެ އެއްޗެއްގެ އަގު އުފުލޭ. މީގެ ކުރިން ވެސް އެބަހުރި ފިޔާ، ބިސް ފަދަ ތަކެތި އެ ގޮތަށް ފޮރުވައިގެން އަގު ބޮޑުކޮށް ވިއްކާފަ. ލަނޑު ވެސް ލިބިފައި އެބަ ހުރި، އެހެން ފޮރުވާފައި ހުއްޓާ ތަކެތި ހަލާކުވުން ކަހަކަ ކަންކަން އެބަ ހުރި ހިނގާފައި،” ކަންމަތީ ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އަގުތައް ހިފެހެއްޓުމަށް ސަރުކާރުން އިންޓަވީންކުރުން

ބާޒާރުގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން ސަރުކާރުން ވެސް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން އާންމުން ބޭނުންކުރާ އަސާސީ ބާވަތްތައް ގިނަ އަދަދަކަށް ރާއްޖެ އެތެރެކޮށް މާކެޓްގައި އަގު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރެއެވެ. އެ ގޮތުން މި އަހަރު ވެސް ސަރުކާރުން އެ މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ. 

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ އަގުތައް ކޮންޓްރޯލްކުރުން ނޫން ކަމަށާއި ނަމަވެސް ބާޒާރުގައި އަގުތައް އުފުލިގެން ދިޔަ ނުދިނުން ކަމަށެވެ. އެ ގޮތުން 134 ބާވަތެއް ލިސްޓްކޮށް އެ ތަކެތީގެ އަގު ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށާއި އަގު އުފުލުނަ ނުދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

“އަގުތައް ކޮންޓްރޯލް ކުރުން ނޫން މީގެ މަގްސަދަކީ. ރަމަޟާންމަހުގެ ދުވަސްވަރު  ކޮންސިއުމްކުރާ އަދަދުތައް އެތައް ގުނައަކަށް އިތުރުވެގެން ދޭ. އެހެންވީމާ އެދުވަސްވަރު އާދަޔާ ޚިލާފަށް ރީޒަނެއް ނެތި އެއްވެސް ބާވަތެއްގެ އަގު އުފުލިގެންދާ ކަމަށްވާ ނަމަ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިންޓަވީން ކުރަން.” މިނިސްޓަރު ވިދާޅުވިއެވެ.

އެސްޓީއޯ އިން 24 ބާވަތެއް އެތެރެކުރާނެ

ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލިގެން ދިޔަ ނުދިނުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ 24 ބާވަތެއް އެތެރެކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް އަލުވި، ކާށި، ކަދުރު، ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ އެވެ. އަދި ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު، ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ  ވެސް އެސްޓީއޯ އިން ބާޒާރަށް ނެރޭނެއެވެ.

މީގެ އިތުރުން ބާޒާރުގައި ކާށީގެ އަގު ވެސް އިންތިހާ އަށް އުފުލިފައިވާތީ ރާއްޖެއިން ބޭރުން އެތެރެކޮށް އެސްޓީއޯ އިން ވަނީ ކާށި ވެސް ވިއްކަން ފަށާފައެވެ. ފިހާރަތަކުގައި ކާށީގެ އަގު އުޅެނީ 8ރ. އިން ފެށިގެން 25ރ. ގައެވެ. އެސްޓީއޯ އިން ކާއްޓެއް ވިއްކަނީ 5. އަށެވެ. ބިހެއް 2ރ. އަށް ވިއްކާ އިރު ކޭހެއް ވިއްކަނީ 320ރ. އަށެވެ. އަލުވި ކިލޯއެއް 18ރ. އަށް ވިއްކާ އިރު ބަސްތާއެއް ވިއްކަނީ 310ރ. އަށެވެ. ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 14ރ. އަށެވެ. ބަސްތާއެއް 310ރ. އަށް ވިއްކައެވެ. 

ހޯލް ސޭލްކުރާ ބައެއް އެހެން ފިހާރަތަކުން ވެސް މި ބާވަތްތައް ގިނަ އަދަދަކަށް އެތެރެކޮށް ހެޔޮ އަގުގައި އަންނަނީ ވިއްކަމުންނެވެ. އެ ގޮތުން ބައެއް ތަންތަނުގައި ފިހާގެ ދެ ބާވަތެއް ވިއްކާ އެކު ޕާކިސްތާނު ފިޔާ ކިލޯއެއް 8ރ. އަށް ވެސް ވިއްކަން އެބަ ހުއްޓެވެ. ލުނބޯގެ އަގު މީގެ ކުރިން 50ރ. އިން މަތީގައި ހުރި ނަމަވެސް މިހާރު 40ރ. އަށް ވަނީ ވެއްޓިފައެވެ.

ސުޕަމާޓްތަކުގައި އަގުތައް މަތި!

ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އެކި ފިހާރަތަކުގައި ތަކެތީގެ އަގު ތަފާތު ވަނީ ފިހާރަތައް ހިންގުމަށް ދާ ހަރަދާއި ހޯލް ސޭލްކޮށް ލިބޭ އަގު ވެސް ތަފާތުވުމުންނެވެ. އަދި ފިހާރަތައް ހުންނަ ލޮކޭޝަންގެ ސަބަބުން ވެސް އަގުތަކަށް ބަދަލު އަންނަ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

“މިސާލަކަށް ބާޒާރުމަތީގައި ހުންނަ ފިހާރައަކުން ލިބޭ އަގެއްގައި އާންމު ކަންމަތީ ފިހާރައަކުން ނުލިބޭނެ. އަދި ހޯލްސޭލްކުރާ ކުންފުނިތަކުން ރިޓެއިލް ވިޔަފާރި ވެސް އެބަ ކުރޭ. އެފަދަ ކުންފުންޏެއްގެ ރިޓެއިލް ފިހާރައިން ވިއްކާ އަގުގައި އާދައިގެ ކަންމަތީ ފިހާރަތަކަކަށް ނުވިއްކޭނެ. އެއީ ކަންނޭނގެ އަގުތަކުގައި މިހާ ބޮޑު ބަދަލެއް ހުރި ސަބަބަކީ،” ވިޔަފާރިވެރިއަކު ބުންޏެވެ.

މީގެ އިތުރުން ބައެއް ސުޕަމާޓްތަކުގައި ވެސް މުދާ ވިއްކާ އަގުތަކުގައި ބޮޑެތި ތަފާތުތަކެއް އެބަ ހުއްޓެވެ. ފަހަރުގައި އެ ތަންތަނަށް ދައްކާ ބޮޑު ކުއްޔާއި ތަން ހިންގުމަށް ދާ ހަރަދު ބޮޑުވުމުން ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް އާންމު ފިހާރަތަކަށް ވުރެ މި ފަހަކަށް އައިސް މިފަދަ ބޮޑެތި ސުޕަމާޓްތަކަށް އޮތް ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ. އެއްތަނަކުން ގިނަ ބާވަތްތަކެއް ލިބުމަކީ އޭގެ މައިގަނޑު ސަބަބު ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް ރޯދަ މަސް ފަފަ ހަރަދު ބޮޑު މަހެއްގައި ގިނަ މީހުން އިސްކަންދެނީ އެންމެ އަގު ހެޔޮ ފިހާރައެއް ހޯދުމަށެވެ.

ރިއެކްޝަންސް
0
0
0
1
0
0
0