
ރިޕޯޓު: އާ އިސްލާހު — އިންވެސްޓަރުންނަށް ރަތް ސިގްނަލެއްތަ؟
20 މާޗް 2025 - 15:34
ޓުއަރިޒަމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބެވެ. ރާއްޖެއިން ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓްތައް ހުރީ ވެސް އަދި ކުރަން އޮތީ ވެސް އެ ދާއިރާގައެވެ. އެހެންކަމުން އެ ދާއިރާއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތައް ހެދުމުގައި އިންވެސްޓަރުންނާ މެދު ވިސްނަންޖެހެއެވެ. އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކާއި އަލަށް އިންވެސްޓް ކުރަމުން އަންނަ ފަރާތްތަކުން ދެކޭ ގޮތް ދެނެގަތުން މުހިންމެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް އިތުބާރު ހޯދަން ޖެހެއެވެ. އެހެން ނަަމަވެސް ޓުއަރިޒަމްގެ ގާނޫނަށް އަނެއްކާ ވެސް މި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިއިން ކޮންމެ ބަދަލަކީ ވެސް މި އިންވެސްޓްމަންތަކާ ގުޅިލާމެހިފައިވާ ބަދަލުތަކެކެވެ. އޭގެ އަސަރު ކޮންމެ ވެސް އެއް ގޮތަކަށް ކުރާނެއެވެ.
އިންވެސްޓަރުންގެ އިތުބާރު ގެއްލޭ އެތައް ކަމެއް!
ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުގެ އިތުބާރު ގެއްލޭ އެތައް ކަމެއް މާޒީގައި ވެސް ހިނގާފައި އެބަހުއްޓެވެ. ހާއްސަކޮށް ސިޔާސީ އެކި ބޭނުންތަކަށް ސަރުކާރުތަކުން ނިންމާފައިވާ ބޮޑެތި ނިންމުންތަކެވެ. ސީދާ ޓުއަރިޒަމް ދާއިރާ އަށް އަމާޒުކޮށްގެން ނޫން ކަމުގައި ވިޔަސް މިފަދަ އެތައް ކަމެއް ހިނގާފައި އެބަ ހުއްޓެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އެއާޕޯޓް ދިނުމަށް ފަހު ކުރު މުއްދަތެއްގައި އެތަން އަތުލުމެވެ. ޖީއެމްއާރުން ރާއްޖެ އައީ އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު އިނެވެސްޓްމަންޓް ޕްލޭނަކާ އެކުގައެވެ. އެހެން ނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި އޭރު އޮތް އިދިކޮޅު ފަރާތްތަކުން ޖީއެމްއާރް ކުންފުންޏާ ދެކޮޅަށް މުޒާހަރާކޮށް އަދި ދައުރުގެ މެދުތެރެއިން ސަރުކާރު ބަދަލުކުރުމަށް މަޖުބޫރުކޮށް އެ އެއްބަސްވުން އުވާލީއެވެ.
ޖީއެމްއާރުގެ އެއްބަސްވުން އުވާލީ ދިވެހި ދައުލަތުން އެކަމަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް އޭރުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ދެއްވި ލަފާގެ މަތިންނެވެ. ނަމަވެސް އާބިޓްރޭޝަނުން މައްސަލަ ނިންމީ ދިވެހި ދައުލަތާ ދެކޮޅަށެވެ. ނަތީޖާއެއްގެ ގޮތުން 270 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކަން ޖެހުނެވެ. އެ ގޮތަށް ނިންމީ ޖީއެމްއާރުން އެއަޕޯޓްގައި މާ ބޮޑު އިންވެސްޓެއް ވެސް ކޮށްފައި ނުވާ ހާލަތުގައި ކަމަށް ވުމުން ރާއްޖެ އަށް ލިބުނު ބޮޑު ގެއްލުމެކެވެ. އަދި ޖީއެމްއާރު ފޮނުވައިލުމުން އަމިއްލަ އަށް އެއާޕޯޓް ތަރައްގީކުރަން ޖެހި އޭގެ ބޭރުން އެތައް މިލިއަން ޑޮލަރެއް މި ވަނީ ހަރަދު ކުރަންޖެހިފައެވެ. އެތައް މިލިއަން ޑޮލަރެއްގެ ލޯނު ނަގައިގެން ކުރިއަށްދާ އާ ޓާމިނަލްގެ މަސައްކަތް ވެސް އެތައް ފަހަރެއްގެ މަތިން ވަނީ ދިގުލައިގެން ގޮސްފައެވެ. އިތުރަށް އެތައް ލޯނެއް ވަނީ ނަގަން ޖެހިފައެވެ.
ޖީއެމްއާރުގެ އެއްބަސްވުމުގެ އިތުރުން ވެސް ބޭރުގެ ބައެއް ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް މި ފާއިތުވި އަހަރުތަކުގައި ވަނީ އުވާލާފައެވެ. އޭގެ ސަބަބުން ދައުލަތުން ބަދަލުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައްކަންޖެހިފައި ވެއެވެ. މިއީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެކެވެ. އަމިއްލަ ފަރާތްތަކާ އެކު ހަދާފައިވަ އެއްބަސްވުތައް އުވާލައި ބަދަލު ދޭންޖެހުމުގެ އިތުރުން ދިގު މުއްދަތަށް ބޮޑެތި އިންވެސްޓްމަންޓްތައް ހިފައިގެން ރާއްޖެ އަންނަ ފަރާތްތަކަށް މި ދެވެނީ ވަރަށް ނުބައި މެސެޖެކެވެ.
ޓުއަރިޒަމް ގާނޫނަށް ގެނެވުނު އިސްލާހުތައް

ޓުއަރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް މަޖިލީހުން މިހާރު މި ވަނީ ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ. އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ކުރު މުއްދަތެއްގައި ދައުލަތަށް ފައިސާތަކެއް ހޯދުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެ ކަމަށް ބާރު ލިބޭ ކަންކަން މި އިސްލާހުތަކުގެ ތެރޭގައި ވެސް ހިމެނެއެވެ. އެ ގޮތުން މައިގަނޑު ގޮތެއްގައި އިސްލާހު ގެނެސްފައި ވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަޅު ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރުމަށް އޮތް އުސޫލަށް ލުއި ގެނައިމާއި ކުއްޔަށް ދޫކުރާ މުއްދަތުގައި ނަގާ ފީތަކަށް ބަދަލު ގެނައުން ހިމެނެއެވެ.
މި އިސްލާހުތައް ގެނެސްފައި ވަނީ ޓޫރިޒަމްގެ ބޭނުމަށް ފަޅު ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ އުސޫލާ ގުޅޭ އިސްލާހުތަކާއި އެ ފަދަ ތަންތަން ރީޑިވޮލޮޕްކުރުމަށް ބަންދުކުރުމާ ބެހޭ އުސޫލްތަކާއި ޓޫރިޒަމްގެ ޓްރަސްޓް ފަންޑް ގާއިމުކުރުމުގެ އުސޫލްތައް ގާނޫނުގައި ހިމެނުމަށެވެ. އެ ގޮތުން ރީޑިވެލޮޕްކުރުމަށް ދޭ މުއްދަތުގައި ތަން ނުހުޅުވައިފި ނަމަ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލްކޮށް އެ ތަނެއް އަތުލުމުގެ ބާރު ވެސް މި އިސްލާހުން ސަރުކާރަށް ލިބިގެންދާނެއެވެ.
މައިގަނޑު އަނެއް ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުރީގެ ގާނޫނުގައި މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ބައެއް ފީތަކަށް ވެސް މި އިސްލާހުގައި އިސްލާހު ގެނެސްފައިވުމެވެ. އެ ގޮތުން 50 އަހަރަށް ދޫކޮށްފައިވާ ރަށެއްގެ ކުލީގެ މުއްދަތަށް 49 އަހަރު އިތުރުކުރާ ނަމަ އެއްފަހަރާ ފަސް މިލިއަން ޑޮލަރު ދެއްކުމުން އިތުރުކުރެވޭ ގޮތަށް ގާނޫނުގައި ހިމަނާފައި ވެއެވެ. އަދި 20 އަހަރު އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މި ފުރުސަތު ލިބެނީ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކުރާ ނަމަ އެވެ. އޭގެ ފަހުން މުއަދަތު އިތުރުކުރެވޭނީ އެއްފަހަރާ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދެއްކުމުން ކަމަށް ވެސް އިސްލާހުގައި ވެއެވެ. ކުރިން ގާނޫނުގައި އޮތީ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކަންޖެހޭ ގޮތަށެވެ.
އިސްތިހާރުކުރުމުގެ ބާރު ސަރުކާރަށް ނެގުން

މީގެ ކުރިން ކާބޯތަކެތި އިސްތިހާރުކުރުމާ ގުޅޭ ގޮތުން ސަރުކާރުން ނެރުނު އާ ގަވާއިދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ ގަވާއިދުގައި އޮތް ގޮތުން އެއްވެސް ބާވަތެއްގެ ކާބޯތަކެތި އިސްތިހާރުކުރެވޭނީ ސަރުކާރުން ހުއްދަ ނަގައިގެންނެވެ. އޭގެ ތެރޭގައި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގެ މެނޫތަކާއި އެ ނޫން ވެސް އޮންލައިންގައި ކުރާ އިސްތިހާރުތައް ވެސް ހިމެނެއެވެ. އަދި މިއިން ކޮންމެ އިސްތިހާރަކަށް ކުޑަ ނަމަވެސް ބަދަލެއް ގެނެވެނީ ކޮންމެ ފަހަރަކު ހުއްދަ ހޯދައިގެންނެވެ. އަދި އެ ކަމަށް ކޮންމެ ފަހަރަކު ފީތަކެއް ވެސް ދައްކަން ޖެހެއެވެ.
މި ގޮތަށް ގަވާއިދު ހެދުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ސަރުކާރުން ވަނީ އިއުލާންތަކެއް ނެރެ ބައެއް ކަންކަން ބަދަލުކޮށްފައެވެ. އެ ގޮތުން މެނޫ ފަދަ އެއްޗެހި އިސްތިހާރުކުރާ އިރު ހުއްދަ ނަގަން ނުޖެހުމާއި އޮންލައިންކޮށް ކުރާ ހުރިހާ އިސްތިހާރަކަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ބުނެ އިއުލާނެއް ނެރުނެވެ. ނަމަވެސް ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވާކަން އިއުލާންކޮށްފައި ނުވެއެވެ.
ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވާއިދަށް މިހާ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ޓުއަރިޒަމް އިސްތިހާރު ކުރުމުގެ ހުރިހާ ބާރެއް ސަރުކާރަށް ނަގައި އާ ފީތަކެއް އިތުރުކުރުމާ މެދު ވެސް ކަންބޮޑުވުންތައް އެބަ ހުއްޓެވެ. ކުރިއަށް އޮތްތަނުގައި ޓުއަރިޒަމްގެ ހިދުމަތް ދޭ ތަންތަނަށް އިސްތިހާރުކުރެވޭނީ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ހުއްދަ ނަގައިގެންނެވެ. މީގެ ކުރިން އެފަދަ ހުއްދައެއް ނަގާކަށް ނުޖެހެއެވެ. މި އިސްލާހާ މެދު ޓުއަރިޒަމް ދާއިރާގެ ކަންބޮޑުވުން އޮތްކަން އިދިކޮޅު އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން މި އިސްލާހާ އެކު ރިސޯޓްތަކައި ގެސްޓް ހައުސް އަދި ޓޫރިސްޓް ހޮޓާތަކުން އިސްތިހާރުކުރުމަށް ސަރުކާރަށް އިތުރު ފީތަކެއް ދައްކަންޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
ޓުއަރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރެއްވުމުގައި އިސްކޮށް އުޅުއްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިސްލާހުގެ ކޮމިޓީ މަރުހަލާގައި ފުރަތަމަ ބިލް ހުށަހެޅި އިރު އޮތް ގޮތަށް ބަދަލުތަކެއް ގެނެވުނު ކަމަށާއި ނަމަވެސް މިހާރު އޮތް ގޮތަށް ފާސްކުރި ނަމަވެސް ގެސްޓް ހައުސްތަކާއި ސަފާރީތައް ހިންގާ ފަރާތްތަކަށް އެ ތަންތަން ހުޅުވުމުގެ ކުރިން އިސްތިހާރުކުރުން މަނާވެގެންދާ ކަމަށެވެ.
“އެހެން ނަމަވެސް ސަރުކާރުން ދޫކުރާ ތަންތަނަށް އެ އިސްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދޭ. ހަގީގަތުގައި ދިވެހި ރާއްޖޭގައި ގެސްޓް ހައުސްތަކާއި ސަފާރީތައް ހިންގާ ފަރާތްތަކުން ވެސް މި އަހަރުގެ ސީޒަނަށް ހުޅުވަން ތައްޔާރުވެފައިވާ ނަަމަ އެ ހުއްދަ ލިބުމުގެ ކުރިއަށް ކޮންމެ ވެސް ވަރަކަށް އިސްތިހާރުކުރުން އަދި އެ ތަންތަން ހުޅުވޭކަން އަންނަނީ ތަކުރާރުކޮށް ހިނގަމުން. އެއީ އާންމު އުސޫލެއްގެ ގޮތުން އެކަން ހިނގާ ގޮތް،” ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
އިސްތިހާރުކުރުމާ ބެހޭ ގޮތުން ބިލްގައި އޮތް މާއްދާ ބަދަލުކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ނަމަވެސް އެ އިސްލާހު މަޖިލީހުގެ ތަޅުމުގައި ފާސްވެފައެއް ނުވެއެވެ.
ޓުއަރިޒަމް ދާއިރާ އަށް ހިމާޔަތްތަކެއް!
ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވާލުމުގެ ދިގު އަދި ހުތުރު ސިޔާސީ މާޒީއެއް އޮތް ނަމަވެސް މިހާތަނާ ޖެހެންދެން ވެސް ޓުއަރިޒަމްގެ ދާއިރާ އޮތީ ވަރަށް ބޮޑަށް ހިމާޔަތްކުރެވިފައެވެ. ހާއްސަކޮށް އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކޮންމެ ސަރުކާރަކުން ވެސް ލުއިތަކެއް ދެއެވެ. ގާނޫނާއި ގަވާއިދުތަކުގައި ވަކި ގޮތަކަށް ކަނޑައަޅާފައި އޮތް ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެ ލުއިތައް އައީ ދެމުންނެވެ. އެއީ ކުއްޔާއި ޖޫރިމަނާތައް ކަމުގައި ވިޔަސް މެއެވެ. އަދި ޓެކްސްތައް ދެއްކުމުގައި ވެސް އަމަލުކުރަމުން އައީ މި ގޮތަށެވެ. ކޮވިޑްގެ ހާލަތުގައި ވެސް މި ލުއިތައް ދިނެވެ. ނުހެދި ހުރި ރަށްތައް ހެދުމަށް މުއްދަތު ދިނުމުގައި ވެސް ސަރުކާރުން އައީ އެ ފަރާތްތަކަށް ފުރުސަތު ދެމުންނެވެ.
ގާނޫނަށް ގެނައި އާއި އިސްލާހުތަކާ އެކު މިކަން ކަމަށް ބަދަލުތަކެއް އަންނާނެއެވެ. އާ ގާނޫނުގައި ބުނެފައިވާ ގޮތުން ރީޑިވެލޮޕްމަންޓަށް ބަންދުކުރާ ތަނެއް އަލުން ހުޅުވުމަށް ވަކި މުއްދަތުތަކެއް ކަނޑައެޅޭނެއެވެ. އެ ގޮތުން އެއްބަސްވުމުގައި ކަނޑައަޅާ މުއްދަތުގައި އެ ތަންތަން ނުހުޅުވިއްޖެ ނަމަ ބަދަލެއް ދިނުމަކާ ނުލައި އެއްބަސްވުން އުވާލެވޭނެ ކަމަށް މި އިސްލާހުގައި ވެއެވެ. މިއީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެކެވެ. ރިސޯޓެއް ނުވަތަ ޓުއަރިސްޓް ހޮޓަލެއް މަރާމާތަށް ބަންދުކުރުނީ ވީ އެންމެ އަވަހަކަށް އަލުން ހުޅުވާލުމުގެ ނިޔަތުގައެވެ. ނަމަވެސް ގިނަ ފަހަރަށް ކަނޑާއަޅާ މުއްދަތުގައި އަލުން ހުޅުވުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަނީކީ މަދެއް ކޮށެއް ނޫނެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ މުއްދަތުތައް ފަހަނަ އަޅައި ދެއެވެ. މިހާތަނާ ޖެހެންދެން އެ ކަންކަމަށް ސަރުކާރުތަކުން އައީ ލުއި ދެމުންނެވެ. ނަމަވެސް އާ އިސްލާހާ އެކު އެ ތަންތަނުގެ އެއްބަސްވުން އުވާލައި އެ ތަންތަން ދައުލަތަށް ނަގާނެ ކަމަށް ހަރުކަށި ގޮތެއްގައި ގާނޫނުގައި ލިޔުމަކީ ފަހަރުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެވެ. އަދި އެކަމާ މެދު އިންވެސްޓަރުން ދެ ވަނަ ވިސްނުމަކުން ވިސްނާނެ ކަމެކެވެ.
ޓުއަަރިޒަމް ދާއިރާގައި މިހާރު ވެސް ބޭރުގެ އެތައް އިންވެސްޓަރުންނެއް އެބަ ތިއްބެވެ. އަދި އާ އެތައް އިންވެސްޓްމަންޓެއް ހުރީ އައުމުގެ މަގުމަތީގައެވެ. ޔޫއޭއީ ފަދަ ގައުމުތަކުގެ ބައެއް ވިޔަފާރިވެރިންގެ ޝައުގުވެރިކަން މިހާރު ރާއްޖެ އަށް ބޮޑެވެ. ހާއްސަކޮށް ރެއަލް އެސްޓޭޓްގެ ގޮތުގައި ސެކަންޑް ހޯމް މޮޑެލްގައި ވިލާތައް ވިއްކުމުގެ ވިޔަފާރީގައި ގިނަ ބަޔަކު އިންވެސްޓްކުރަމުން އެބަ އާދެއެވެ. މިފަދަ ބައެއް ތަންތަން މިހާރު ހުރީ މަސައްކަތް ވެސް ފަށާފައެވެ. އިތުރު މަޝްރޫއުތައް އިއުލާން ވެސް ކުރަމުން އެބަ ދެއެވެ. މިފަދަ އިންވެސްޓްމަންޓަށް ފަހި ދުވަސްވަރެއްގައި ޓުއަރިޒަމްގެ ގާނޫނަށް ގެނެވޭ ބަދަލަކުން އެ އިންވެސްޓަރުންގެ މިސްރާބު އެހެން ދިމާކަށް ބަދަލުކުރުމަށް އެއްވެސް ސަބަބެއް މެދުވެރިވުމަކީ ރާއްޖެ އަށް ލިބޭނެ ގެއްލުމެކެވެ.
މިފަދަ ކޮންމެ ބަދަލެއް ގެންނަ އިރު ވެސް ދާއިރާގެ ކަމާ ބެހޭ ފަރާތްތަކާ ފުޅާ ދާއިރާއެއްްގައި މަޝްވަރާކުރެވެންޖެހެއެވެ. ނަމަވެސް މި ފަހަކަށް އައިސް ފާހަގަކުރެވޭ ކަމަކީ ކުއްލިކުއްލި އަށް ބަދަލުތައް ގެންނަ އިރު ދާއިރާގެ ކަމާ ގުޅުން ހުރި ފަރާތްތަކާ އެކަށީގެންވާ މަޝްވަރާ ނުކުރުމެވެ. ޓެކްސްތައް ބޮޑުކުރީ ވެސް މިފަދަ ގޮތަކަށެވެ. ޑޮލަރު މާރުކުރުމުގެ އުސޫލް ހަދައި އަމަލުކުރަން ފެށުމުގައި ވެސް ކަން ހިނގައިދިޔައީ މި ގޮތަށެވެ. މިފަހަރު ގާނޫނަށް ބަދަލު ގެނައުމުގައި ވެސް ހަގީގަތުގައި ކުރަންޖެހޭ ވަރަށް މަޝްވަރާނުކުރާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. މިއީ އިންވެސްޓަރުންނަށް ދެވޭ ރަތް ސިގްނަލެކެވެ.