ތާރީހުގެ ތެރެއިން: ފެންނަ ނުފެންނަ ވޯޓް

24 މާޗް 2025 - 14:24

ރަސްކަމުގެ ދިގު ތާރީހެއް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އެތައް ޒަމާންތަކެއް ވަންދެން އޮތީ ވިރާސަތުން ދެމިގެން އައި ވެރިކަމުގެ ނިޒާމެކެވެ. ވެރިކަންތައް އެއް ދަރިކޮޅުން އަނެއް ދަރިކޮޅަށް ބަދަލުވަމުން އައި ގޮތުގެ މާ ބޮޑު މައުލޫމާތުތަކެއް ތާރީހުގެ ތެރެއިން ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ފެންނަން ހުރި މަދު މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޯދާ ރަސްކަމުގެ ތެރޭގައި ވެސް ހައިޖާނު ބޮޑު ދުވަސްތައް ގިނައެވެ. ވެރިކަމަށްޓަކައި ގަތުލުތައް ހިންގާފައި އެބަ ހުއްޓެވެ. އާއިލާތަކުގެ މެދުގައި ޖެހިފައިވާ ބޮޑެތި މައްސަލަތަކާއި ވެރިކަމުގެ ދަހިވެތިކަމުގައި ފިރިމީހާ އާއި ބަފައިން ގަތުލުކޮށްފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް އޭރު އެކަން ކޮށްފައި ހުރީކީ ކޮންމެހެން ވެރިކަން ކުރާ ގޮތާ މެދު އޮތް ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެއް ނޫނެވެ. ނުވަތަ އޮތް ނިޒާމެއް ބަދަލުކުރުމުގެ މަގުސަދެއްގައެއް ވެސް ނޫނެވެ. ބާރުގެ ދަހިވެތިކަމުގައެވެ.

ރާއްޖޭގެ ތާރީހް ދިރާސާކުރެއްވި އެޗް.ސީ.ޕީ ބެލް ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ލިޔުއްވާފައި ވެއެވެ. “ވޭތުވެގެން ދިޔަ ގިނަ ޤަރުނުތަކުގައި، އަދި ލަފާކުރެވޭ ގޮތުން ރަސްކަމުގެ އެންމެ އެވޭލާ ޒަމާނުގައި ވެސް، ދިވެހިރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ވަރަށް މަތިވެރި ދަރަޖައަކަށް ދުސްތޫރީ ރަސްކަމުގެ ނިޒާމެކެވެ،” އެހެން ނަމަވެސް ބެލް އެ ވިދާޅުވާ ފަދައިން އެ ޒަމާނުގައި ވެރިކަން ދެމިގެން އައީކީ ނުވަތަ ވެރިކަމުގެ ނިޒާމު ބައްޓަންވެފައި އޮތީކީ ލިޔެވި ގާއިމުވެފައި އޮތް އުސޫލްތަކެއް ނުވަތަ ގަވާއިދުތަކެއްގެ މައްޗަކަށް ނޫނެވެ، ނުވަތަ އެހެން ބަހަކުން ބުނާ ނަމަ ދުސްތޫރެއްގެ މައްޗަކަށް ނޫނެވެ. ވެރިކަމުގެ ބާރުތަކާއި ރަސްކަންތައް ދެމިގެން އައީކީ ލިޔެވިފައި އޮތް ގާނޫނު އަސާސީއެއްގެ މައްޗަކަށް ނޫނެވެ. އެހެނީ ބޯދާ ވިސްނުންތަކާއި ފިކުރުތަކާއި ކާބަފައިންގެ ފަރާތުން ދެމިގެން އައި އާދަކާދަ އާއި ސަގާފަތުގެ މައްޗަށް ގަބޫލުކުރެވޭ ގަބޫލުކުރެވުންތަކެއްގެ މައްޗަށެވެ. ގާނޫނު އަސާސީއެއް އެކުލަވައިލެވުނީ ވެސް މީގެ 90 ވަރަކަށް އަހަރު ކުރިންނެވެ. އެއީ 1932 ވަނަ އަހަރުގައި ކަމަށް ފަތްފުއްތަކުގައި ލިޔެވިފައި ވެއެވެ. ނަމަވެސް އެ ދުސްތޫރު ވެސް ބައްޓަންވެފައި އޮތީކީ ވެރިކަމުގެ ނިޒާމަކާ މާ ބޮޑު ގުޅުމެއް އޮވެގެންނެއް ނޫނެވެ.

advertisement

ދުނިޔޭގެ އޮއިވަރުގައި ޖެހުން!

ވެރިކަމުގެ ނިޒާމަކީ ރާއްޖެ އަށް ވެސް “ލެއްގި” ނިޒާމެކެވެ. ރާއްޖޭގެ ޖުމްހޫރިއްޔާ ގަރުނަކަށް ވުރެ ހަގު ވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކުގައި، އެމެރިކާގެ ރައީސް އަބްރަހަމް ލިންކަން ވިދާޅުވި ފަދައިން “ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުން ހިންގާ” ވެރިކަންތައް ގާއިމުވިތާ ގަރުނުތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް ޖުމްހޫރީ އޮއިވަރެއް މުޅި ދުނިޔޭގައި ފެތުރެން ފެށީ 1700ގެ އަހަރުތަކުގެ ތެރޭގައި ކަމަށް ބައެއް އިލްމުވެރިން ލިޔުއްވާފައި ވެއެވެ. މި ނިޒާމުގެ އަޑު ގައުމުތަކަށް ފެތުގެން ދިޔައީ ފަރަންސޭސި ވިލާތާއި އެމެރިކާގެ ތެރެއިންލާފައެވެ. އެމެރިކާ އިން ކުރި މިނިވަންކަމުގެ ހަނގުރާމަ އާއި  1700ގެ އަހަރުތަކުގެ ފަހުކޮޅު ގެނައި “ފްރެންޗް ރެވޮލިއުޝަން” ނުވަތަ ފަރަންސޭސި އިންގިލާބާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ވާހަކަތައް ފެތުރިގެން ދިޔައެވެ. އެ އޮއިވަރު ވިހި ވަނަ ގަރުނާ ހަމައަށް އައިރު އޮތީ ވަރަށް ފޯރިގަދަކޮށެވެ. ރޫސީންގެ ރޯމަނޯވް ޝާހީ އާއިލާ ގަތުލުކޮށް 1917ގައި އެ ރަސްކަން ބަދަލުކުރުމާއި 1918 ގައި ޖަރުމަނުގައި ކައިސަރު ވެރިކަން ވެއްޓި ޖުމްހޫރިއްޔާ އިއުލާންކުރެވިގެން ދިޔައެވެ. ތުރުކީގައި ވެސް ހަމަ އެ ދުވަސްވަރު އުޝްމާނީ ހިލާފާތުގެ ވެރިކަން ނިމުމަކަށް ގެނެވި 1922ގައި ޖުމްހޫރިއްޔާ އިއުލާންކުރެވުނެވެ. 

މި އޮއިވަރު ރާއްޖެއާ ހަމައަށް ފޯރީ 1953ގައެވެ. އެހެން ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެގެން ދިޔައީކީ އިންގިލާބުވެވިގެނެއް ނޫނެވެ. ކޮންމެހެނެއް ރައްޔިތުން އެކަމަށް އެދިގެނެއް ވެސް ނޫނެވެ. އަދި ކިއެއްތަ! ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަމުން ދިޔަ އިނގިލާބުތަކުގެ އޮއިވަރުގައި ޖެހިގެނެކޭ ވެސް ބުނެވޭކަށް ނެތެވެ. އެހެން ނަމަވެސް ވެރިކަމުގެ ނިޒާމަކާ މެދު އޭރުގައި ތިބި ވެރިންނަށް ވިސްނިވަޑައިގެންފައި އޮތީ ދުނިޔޭގެ އާޖުފާޖުންކަން އެނގެއެވެ. މައުނައީ އެ ބޭފުޅުން ވެސް ރަސްކަމާއި ޖުމްހޫރިއްޔަތުގެ ތަފާތުގެ އެކުރު ފިލިތައް ދަސްކުރެއްވީ ވިލާތުން ހޯއްދެވި ތައުލީމުގެ ތެރެއިންނެވެ. އެެހެންކަމުން އެއީ ދުނިޔޭގެ އޮއިވަރުގައި ޖެހި ވެރިން ގެންނެވި ހަމަ ހިމޭން “އިންގިލާބެއް” ކަމަށް ސިފަކުރުމަކުން ވެސް ގޯހެއް އޮތީކީ ނޫނެވެ.

ފުރަތަމަ ހިޔާލު ހޯދުން!

ވެރިކަމުގެ ނިޒާމު ބަދަލުވެގެން އައީ ކޮންމެހެން އެކަމަށް ރައްޔިތުން ބޭނުން ވެގެން ނޫނެވެ. އެހެން ނަމަވެސް 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި އޭރު ހުންނެވި ރަސްގެފާނު އައްސުލްތާން ހަސަން ނޫރައްދީނާއި ބޮޑުވަޒީރަކަށް ހުންނެވި މުހައްމަދު ފަރީދު ދީދި އެއްފަހަރާ އެކުއެކީގައި އިސްތިއުފާ ދެއްވުމާ އެކު ތަހުތު ހުސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. ވެރިކަމުގެ ތަހުތު ހުހަށް ހުންނަތާ ދުވަސްތަކަކަށް ފަހު ސުއްމުއްވުލް އަމީރު އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ވެރިކަމަށް އިސްކުރެވުނެވެ. އެހެން ނަމަވެސް އެމަނިކުފާނު އޭރު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ވެރިކަމުގެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދެވީ މުހައްމަދު އަމީން ދީދީއެވެ.

ގާނޫނީ ގޮތުން ރަންނަބަނޑޭރިކިލެގެފާނާ ރަސްކަން ހަވާލުކުރުން ލަސްވެގެންދިއުމާ ގުޅިގެން އެކަމާ މެދު މަޝްވަރާތައް ދިޔައީ ކުރެވެމުންނެވެ. ސިލޯނުގައި ހުންނަވަނިކޮށް 21 ފެބްރުއަރީ 1952ގައި ރަންނަބަނޑޭރިކިލެގެފާނު ހަވަހާރަވުމާ އެކު އެތައް ބައެއްގެ މެދުގައި މަޝްވަރާކުރެވި ރަސްކަން އަމީން ދީދީއާ ހަވާލުކުރުމަށް ނިންމުނެވެ. އެހެން ނަމަވެސް ރަސްކަނުގެ ތަހުތަށް އަމީން ދީދީ ފުރަގަސް ދެއްވީއެވެ. އެެހެން ނަމަވެސް ވެރިކަމުގައި ހުންނެވުމަށް ބޭނުންފުޅުވާތީ އެހެން ގޮތެއް ހޯއްދެވީއެވެ. 

އެ ނިންމެވުމާ އެކު ވެރިކަމުގެ ނިޒާމާ މެދު ހިޔާލުތަފާތުވެ، ބަހުސްތައް ފެށުނެވެ. ވިލާތުން އިލްމު އުނގެނިވަޑައިގެން ހުންނެވި މޮޅު އިލްމުވެރިއަކަށް ވުމުން ރަސްކަންތަކާއި ޖުމްހޫރީ ނިޒާމަށް އެމަނިކުފާނު ހުންނެވީ ފިސާރި ރަނގަޅަށް ލޯހުޅުވިފައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ގޮތެއް ކަނޑައެޅުމަށް ކޮމިޓީއެއް އެކުލަވައިލެވި މަޝްވަރާތަކަށް ފަހު 16 އޭޕްރީލް 1952ގައި ނިންމުނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ޖެހިގެން އައި 17 އަދި 18 ވަނަ ދުވަހު މާލޭގެ ރައްޔިތުންނާއި އޭރު މާލޭގައި ތިބި ރަށްރަށުގެ މީހުން ހިމެނޭހެން ވޯޓެއް ނެގުނެވެ. ރައްޔިތުން ކައިރީގައި އެހީ ޖުމްހޫރީ ވެރިކަމެއް އޮންނަން ފެނޭތޯ އާއި ފެންނަ ނަމަ ރައީސް  އާއި ނައިބު ރައީސް އަށް ހޮވާނެ ބޭފުޅުންނަކީ ކޮބައިތޯއާ މެދު ވެސް އެ ވޯޓުގައި ގޮތް ކަނޑައެޅިއެވެ.  މި ވޯޓުން ފާސްވީ ރާއްޖޭގައި ޖުމްހޫރިއްޔަތެއް އޮންނަން ފެންނަ ކަމަށެވެ. ރައީސަކަށް ހޮވުނީ މުޙައްމަދު އަމީނެވެ. ނާއިބު ރައީސަކަށް ހޮވުނީ ވެލާނާގޭ މުޙައްމަދު އިބްރާހީމް ދީދީއެވެ.

އަލުން ރަސްކަމަށް ބަދަލުވުން!

މާލޭގައި ނެގުނު ވޯޓަކުން އަމީން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ އެހެން ރަށްތައް އޮތީކީ ޖުމްހޫރިއްޔަތަކަށް ތައްޔާރުވެގެންނެއް ނޫނެވެ. އޭގެ ނަތީޖާއަކަށްވީ އުތުރު ގަޑުބަޑެވެ. ވެރިކަމުގެ އެތެރެ ކޮއިލުގައި ވެސް ހަމަޖެހުމެއް ނެތެވެ. ވެރިކަމުގެ ނިޒާމާ މެދު ހިޔާލު ތަފާތުވުންތައް ބޮޑެވެ. އަދި ވެރިއަކާ މެދު އޮތް ހަސަދަވެރިކަން ވެސް ވަކި ކުޑައެއް ނޫނެވެ. ނަތީޖާއަކަށްވީ ކުރު މުއްދަތެއްގައި އަމީންގެ ވެރިކަމުގައި ސިއްކަ ޖެހުމެވެ. އަދި އެންމެ ހަތް މަހާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތަށް ވެސް ނިމުން އައީއެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު ފެންނަ ނުފެންނަ ވޯޓަކުން ހޮވި ފުރަތަމަ ވެރިކަމުގައި ސިއްކަ ޖެހުނީއެވެ. އަލުން އެނބުރި ރަސްކަމަކަށް ބަދަލުވީ 1953ގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. 

ޢަބްދުލް ޙަކީމް ޙުސައިންމަނިކު.(1997)ގައި ލިޔުއްވާފައި ވެއެވެ. 

 “އަމީނުގެ ސިއްހީ ހާލުކޮޅަކަށް ޓަކައި ބޭސްފަރުވާއަކަށް ސިލޯނަށް ވަޑައިގަތް ވަގުތުގެ ބޭނުން ހިފައި ވެރިކަމުގައި ތިއްބެވި ބޮޑުންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު، ވަރުގަދަ ރޭވުމެއްގެ މަތީން، ނާއިބުރައީސް ( ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ) އިސްރޯލެއް އަދާކުރައްވާ އިންގިލާބު ގެންނެވީއެވެ. … ރައްޔިތުންގެ ނުރުހުމާއި ރުޅި އިންތިހާއަށް ދިޔަ ތަންވަޅުގައި އަމީނުދީދީގެ ގައިކޮޅަށް އަރައިގަތުމުގެ ފުރުސަތު ރައްޔިތުނަށް ތަނަވަސްކޮށް ދިނީއެވެ،” މި އިންގިލާބާ އެކު ފުރަތަމަ ޖުމްހޫރިއްޔާ ނިމުނީއެވެ. 

އެހެން ނަމަވެސް އެއީއަކީ ރާއްޖެ އަށް އަލަށް ގެނެވުނު ނިޒާމާ މެދު އޮތް ރުޅިވެރިކަމަކުން ގެނެވުނު އިންގިލާބެއް ނޫނެވެ. އަދި ކިއެއްތަ! ވެރިކަމުގެ ނިޒާމާ މެދު މާ ގިނަ ބަޔަކަށް ނުވަތަ ރައްޔިތުންނަށް ކަންކަން އޮޅުން ފިލާފައި އޮތީކީ ވެސް ނޫނެވެ. އެވަރުގެ ހޭލުންތެރިކަމެއް އަތުން ގުނާލެވޭހާ މަދު ބަޔަކަށް ނޫނީ ލިބިފައި ވެސް ނެތީއެވެ.

ދެ ވަނަ ފަހަރަށް ޖުމްހޫރިޔައްތެއް ގާއިމުކުރުން

އަމީންގެ ވެރިކަމަށް ފަހު އަނެއްކާ ވެސް ރަސްކަމުގެ ނިޒާމެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިނގަން ފެށިއެވެ. އިނގިލާބު ކޮމިޓީއަކުން ކަނޑައެޅީ މުހައްމަދު ފަރީދަށް ރަސްކަން ހަވާލުކުރުމަށެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުން ނަމަ އެ ރަދުންގެ ވެރިކަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވަރަށް ބޮޑަށް ޒަމާނަށް ފެއްތިގެން ދިޔައެވެ. ޑިމޮކްރަސީގެ އުސޫލްތައް ގާއިމުވެގެން ދިޔައީ މި ރަސްކަމުގެ ތެރޭގައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ލިބިފައި އޮތީ ވަރަށް ފުޅާ މިނިވަންކަމެކެވެ. އަލް މަރުހޫމް އިބްރާހީމް ޝިހާބު ލިޔުއްވާފައި ވެއެވެ. 

“އެއިރުގެ ރައްޔިތުންގެ މަޖިލީހަށް ލިބިއޮތް މިނިވަންކަމާ އެމިނިވަންކަމުގެ ބޭނުން މަޖިލިސްގެ މެމްބަރުން ކުރައްވަމުން ގެންދެވި ގޮތަކީ ތާރީޚު ގަބޫލުކުރަންޖެހޭ ހަގީގަތެވެ. އަދި މީގެ އިތުރަށް މުޅި ރާއްޖޭގެ ރައްޔިތުންނާ ބެހޭ އެކި ކަންކަމުގައި ރާއްޖެތެރޭގެ ރައްޔިތުން ބައިވެރި ކުރައްވައިގެން ދައުލަތުން އެއިރު ކަން ހިންގަމުން ގެންދެވި ރީތި އުސޫލަކީވެސް ފުރިހަމަ ނަމޫނާއެކެވެ.”

އެހެން ނަމަވެސް އަމީން އެޅުއްވި ޖުމްހޫރީ ނިޒާމުގެ ސުރުހީ އެ ގޮތުގައި ދެމި އޮތެވެ. ވެރިކަމުގެ ނިޒާމަށް އައި ލޮޅުމާ އެކު ރައްޔިތުންގެ ވެރިކަމުގެ ފޮނި މީރުކަން އިހްސާސްކުރެވެން ފެށީއެވެ. ރަދުންނަކީ ހަމައެކަނި ރަމްޒީ މަގާމަކަށް ބަދަލުވެ ވެރިކަން ހިންގަމުން ދިޔައީ ވެރިކަމުގެ މަތިފަޑީގައި ތިބި ބައެކެވެ. ރަސްކަމުގެ ފުރަތަމަ ތިން އަހަރު ބޮޑުވަޒީރަކަށް ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ނަމަވެސް ތިން އަހަރު ދުވަހަށް ފަހު 11 ޑިސެމްބަރު 1957ގައި މަޖުބޫރު ހާލަތަކަށް ވައްޓާލެއްވުމުން އެ މަނިކުފާނު އިސްތިއުފާ ދެއްވީއެވެ. ދެން ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތީ އިބްރާހީމް ނާސިރެވެ. އޭރު އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމުގެ މަސައްކަތް އޮތީ ފެށިފައެވެ. ފުރަތަމަ ވޯރާ ވިޔަފާރިވެރިންގެ ކިބައިން ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރެއްވިއެވެ. އެއީ 1 އޯގަސްޓް 1962ގައެވެ. އަދި އެއްވާނެއްގައި އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައި 26 ޖުލައި 1965ގައި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވިއެވެ.

ދެ ވަނަ ހިޔާލު ހޯދުމުގެ ވޯޓު!

އިނގިރޭސިން އަތުން ލިބުނު މިނިވަންކަމާ އެކު އަނެއްކާ ވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަތައް ދެކެވެން ފެށުނެވެ. އެހެން ނަމަވެސް ދެ ވަނަ ޖުމްހޫރިއްޔާއެއްގެ ސުރުހީ ވެސް އެޅިގެން ދިޔައީކީ ކޮންމެހެން އެކަމަށް ރައްޔިތުން އެދި ބޭނުން ވެގެނެއް ނޫނެވެ. އިންގިލާބެއް ވެސް ގެނެވިގެން ނޫނެވެ. ވީހާ ކަމެއް ވެދިޔައީ ވެރިކަން ބޭނުންވެފައި ތިބި ބައެއްގެ ރޭވުމުގެ މަތިން ކަމަށް އިލްމުވެރިންގެ ފޮތްތަކުން އެނގި ހާމަވެއެވެ. އިބްރާހީމް ނާސިރަކީ ވިރާސަތުން ވެރިކަން ލިބޭނެ ބޭފުޅަކަށް ނުވާތީ ރައީސް އަމީނެކޭ އެއްފަދައިން ނާސިރަށް ވެރިކަން ލިބެން އޮތް މަގަކީ އަލުން އެނބުރި ޖުމްހޫރިއްޔަތަކަށް ދިއުން ކަމުގައި އޭރު އިސްކޮށް ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތީއެވެ.

މި ރޭވުންތަކާ އެކު ރާއްޖޭގައި ބާއްވަން ފެންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށް އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. އަދި އާންމު ސިއްރު ވޯޓަކަށް ދިއުމަށް ނިންމައި 15 މާޗް 1968ގައި މި ވޯޓު ނެގިއެވެ. އެހެން ނަމަވެސް ކުރިއެކޭ ވެސް އެ ގޮތަށް މި ވޯޓު ވެސް ނެގުނީ މުޅި ރާއްޖޭގެ ރައްޔިތުން ސާމިލްވާ ގޮތެއްގައޭ ބުނެވޭކަށް ނެތެވެ. ދަތުރު ފަތުރުތަކާއި ނިޒާމްތައް ހަމަޖެހިފައި އޮތީކީ ވެސް ރަށްރަށުގެ އެންމެހާ ފަރާތްތައް މިފަދަ ވޯޓެއްގައި ސާމިލްވެވޭ ފަދަ ގޮތަކަށް ނުމެ ނޫންމެއެވެ. އަދި ވެރިކަމުގެ ނިޒާމާ މެދު ހޭލުންތެރިކަމެއް ވެސް އޮތީކީ ނުމެ ނޫންމެއެވެ. ވޯޓުން ފާސްވީ ޖުމްޙޫރީ ވެރިކަމަކަށް އެނބުރި ދިއުމަށެވެ. އެހެނެއް ކަމަކު މި ފަހަރު ވެސް އެ ނިންމުން ނިންމީކީ ކޮންމެހެން ރައްޔިތުން ބަދަލަކަށް ފެންބޮވައިގެންފައި ތިބި ވަރަކުން ނޫނެވެ. ވޯޓު ލީ މީހުން ވޯޓު ލީ އޭރު އިސްކޮށް ތިއްބެވި ބޭފުޅުން ވިދާޅުވި ގޮތަށެވެ. ބުނެވޭ ގޮތުގައި 81 އިންސްތަ މީހުން ޖުމްހޫރީ ނިޒާމަށް ތާއީދުކުރިއެވެ.

ފަރީދުގެ ވެރިކަން 14 އަހަރަށް ފަހު ނިމި ރަސްކަމުގައި އަބަދުގެ އަބަދަށް ސިއްކަ ޖެހި އާ ނިޒާމެއް ގާއިމުކުރެވިގެން ދިޔައީއެވެ. ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް ހޮވީ ސުއްމުއްވުލް އަމީރް އިބްރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0