
ރިޕޯޓު: ސޯޝަލް ހައުސިންގެ ނަމުގައި ސްލަމްތައް!
28 މާޗް 2025 - 16:46
ރާއްޖޭގައި އަމިއްލަ ގެދޮރެއް އެޅުމަކީ އާދައިގެ މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ފާރަލައިގެން ތިބެނީ ސަރުކާރުން ހިންގާ ސޯޝަލް ހައުސިން ސްކީމްތަކަށެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައެވެ. ވަކި ފަންތިއެއް ނޫނެވެ. އާދައިގެ ނިކަމެތި މީހާ އިން ފެށިގެން ބޮޑު އާމްދަނީ ލިބޭ ނުވަތަ މާލޭގައި ގެދޮރު ހުރި މީހުން ވެސް މިފަދަ ސްކީމްތަކަށް ކުރިމަތިލައެވެ. މިފަދަ ސްކީމްތަކުން ވަޒީރު ފެންވަރުގެ ބޭފުޅުންނަށް ފްލެޓް ލިބުމަކީ ވެސް އޭގެ ހެއްކެކެވެ. އެހެން ކަމުން މިފަދަ މަޝްރޫއުތައް ހިންގަން ކޮންމެ ސަރުކާރަކުން ވެސް އިސްކަން ދެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ކޮންމެ ވެރިކަމެއްގައި ވެސް ސޯޝަލް ހައުސިން ސްކީމްތައް އަންނަނީ ހިންގަމުންނެވެ. ވީހާ ވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކޮންމެ ސަރުކާރަކުން ވެސް އިސްކަން ދެއެވެ. ހާއްސަކޮށް ކުރީގެ ސަރުކާރަށް ވުރެ އިތުރަށް ފްލެޓް އެޅުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް މި ވާދަވެރިކަމުގައި ސޯޝަލް ހައުސިންގެ ނަމުގައި “ސްލަމްތަކެއް” ނުވަތަ ތޮއްޖެހިފައިވާ ހާސްކަމުގެ ތެރެއަށް ބަޔަކު ވައްޓާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.
ތޮއްޖެހުން ބޮޑު ހިޔާވަހިކަން

ގިނަ ބަޔަކު އެއްތަނަކަށް ޖަމާކުރި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ފެނިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައެވެ. އެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ބޯހިޔާވަހިކަމަށް ހިންގި އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއު ފުރަތަމަ ބައްޓަންކޮށްފައި އޮތީ 7،000 ޔުނިޓް ދުނިމަށެވެ. އެ ގޮތުން 18 ޓަވަރު ޑިޒައިންކޮށްފައި ހުރީ އަސާސީ އެހެނިހެން އެއްވެސް ހިދުމަތަކަށް ވެސް ޖާގަ ނުދީ މުޅި އިމާރާތުގައި ފްލެޓްތައް ހިމެނޭ ގޮތަށެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އޭރު މީހުން ވެސް ދިރިއުޅެން ނުފަށާއިރު އެ ސަރަހައްދުގައި ފިހާރަތަކާއި އެ ނޫން ވެސް ހިދުމަތެއް ލިބޭކަށް ވެސް ނެތެވެ.
އެ ވެރިކަމުގައި އެ މަޝްރޫއު މުޅިން ނިމުމަކާ ހަމައަށް އައިސްފައި ނުވާތީ ދެން ވެރިކަމަށް ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ އެ އިމާރާތްތަކަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އެ ސަރުކާރުން އެ ތަންތަން ސިފަކުރީ “ކޮތަރު ކޮށިތަކެއް”ގެ ގޮތުގައެވެ. ފްލެޓްތަކުގެ ޖާގަ ވެސް ކުޑައެވެ. އެހެންކަމުން ފްލެޓްތަކުގެ އަދަދު މަދުކޮށް ޖާގަ ތަނަވަސްކުރުމަށް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް އެ ސަރުކާރުން މަސައްކަތް ކުރިއެވެ. މުޅިން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހުރުމުން ބައެއް އެޕާޓްމަންޓްތައް އެއްކޮށްލައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ބަދަލުކުރަން ވެސް އިއުލާންކުރިއެވެ. ނަމަވެސް އެ ކަމަށް ގިނަ ދުވަސްތަކެއް ހޭދަވުމާއި އިތުރު އެތައް ފައިސާއެއް ހޭދަވާނެތީ އެކަން ހުއްޓާލީއެވެ. އެހެން ނަމަވެސް އިމާރާތުގެ އެންމެ ތިރީ ބުރީގައި ހުރި ފްލެޓްތައް މީހުން ދިރިއުޅުމަށް ދޫކުރުމުގެ ބަދަލުގައި ފިހާރަތަކާއި ވިޔަފާރިތަކާއި އަސާސީ ބައެއް ހިދުމަތްތައް ދޭ ތަންތަން ގާއިމުކުރުމަށް ހާއްސަކުރީއެވެ. އޭގެ ސަބަބުން ކުރީ ސަރުކާރުން ދޭން އޮތް 7،000 ފްލެޓްގެ އަދަދު 6،720 އަށް ބަދަލުވެގެން ދިޔައެވެ.
މިދިޔަ ސަރުކާރުން 4،000 ފްލެޓްގެ މަސައްކަތް ފެށިއެވެ. އެ މަޝްރޫއު މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. ނަމަވެސް ހިޔާ ފްލެޓްތަކާ ހިލާފަށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އަޅަނީ 16 ބުރި އާއި 18 ބުރީގެ އިމާރާތްތަކެވެ. އަދި އިމާރާތްތައް ޑިޒައިންކޮށްފައި ވަނީ ޖާގަ ތަނަވަސްކޮށް ކޮންމެ ބުރިއެއްގައި ވެސް މަދު އެޕާޓްމަންޓްތަކެއް ހިމެނޭ ގޮތަށެވެ. މިއީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އަދި އިމާރާތްތައް އެއް އެއް ސަރަަހައްދެއްގައި އެޅުމުގެ ބަދަލުގައި ހުޅުމާލޭގެ އެކި ސަރަަހައްދުތަކުގައި އެޅުމަކީ ވެސް ހިޔާ މަޝްރޫއާ އަޅަ ބަލާއިރު ތަފާތު ކަމެކެވެ. ހިޔާގެ އިމާރާތްތައް ހުރީ އެއް ސަރަހައްދަގައި އެތައް ބަޔަކު ތޮއްޖެހޭ ގޮތަށެވެ.
ހިޔާ މަޝްރޫއު ބައްޓަންކޮށްފައި ވަނީ ވެސް ވީހާ ވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެހެންކަމުން އަސާސީ ބޭނުންތަކަށް ވެސް ޖާގަ ދީފައި ނުވެއެވެ. އެޕާޓްމަންޓްތަކުގެ ސައިޒް ވެސް މީގެ ކުރިން ހިންގި އެފަދަ އެހެން މަޝްރޫއުތަކާ އަޅާބަލާއިރު ކުޑައެވެ. އަދި ހަމައެކަނި ދެކޮޓަރީގެ އެހާ ގިނަ އެޕާޓްމަންތްތަކަށް ވުމުން އާއިލާތައް ދިރިއުޅެންޖެހިފައި ވަނީ ހާސްކަމެއްގެ ތެރޭގައެވެ.
ކުށުގެ ހާއްޔަކަށް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި މާލޭގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބައެއް ފަރާތްތަކުން އޭރު ފާޑުކިޔައެވެ. އެ ދުވަސްވަރާ އަޅާބަލާއިރު އުސް އިމާރާތްތަކެއްގައި ގިނަ ބަޔަކު އެއް ތަނަކަށް ޖަމާކުރުމުގެ ނަތީޖާ ގޯސްވާނެ ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ގިނަ ބަޔަކު އެއްތަނަކަށް ޖަމާވުމުން ނުވަތަ ތޮއްޖެހުން ބޮޑުވުމުން އިޖުތިމާއީ މައްސަލަތައް ވެސް ބޮޑުވާނެއެވެ. މާލޭގައި ފްލެޓެތައް އަޅައި މީހުން އެއްތަނަކަށް ޖަމާކުރުމުން އެ މައްސަލަ ކުރިމަތިވިއެވެ. އެ ސަރަހައްދުތަކުގައި ކުށްތައް އިތުރުވިކަން އެއީ ފެންނަން ހުރި ހަގީގަތެވެ.
ހިޔާ ފްލެޓްތަކުގައި ވެސް މި ކަންބޮޑުވުން އެބަ އޮތެވެ. ހިޔާގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުތަކުގައި 480 ފްލެޓް ހުރި އިރު އެއީ ގާތްގަނޑަކަށް 2،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރާއްޖޭގެ އެވްރެޖް ދެ ރަށެއްގެ އާބާދީއާ އެއްވަރެވެ. މުޅި ހިޔާ ޓަވަރުތަކުގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. ތޮއްޖެހުން ބޮޑުވުމުން ނުކުންނާނެ މިފަދަ އިޖުތިމާއީ އެތައް މައްސަލަތަކެއްގެ ރަތް ސިގްނަލް މިހާރު ވެސް ދަނީ ލިބެމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތައް ބޮޑެވެ. ގްރޫޕްތައް ހަދައިގެން ކުށްކުރާ މީހުން ވެސް އެބަ އުޅެއެެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބައެއް ފްލެޓްތައް ބޭނުންކުރާކަން މީގެ ކުރިން ފުލުހުން ޖެހި ރެއިޑްތަކުން އެނގެއެވެ. ރަހީނުކުރުން ފަދަ ބޮޑެތި ކުށްތައް ވެސް ތަކުރާރު ވެފައި އެބަހުއްޓެވެ. ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ވެސް ފެނެއެވެ.
ނަމޫނާ މަޝްރޫއުތަކެއް
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ނަމޫނާ މަޝްރޫއުތަކެއް ވެސް އެބަހުއްޓެވެ. ހާއްސަކޮށް ކުރީގެ ސަރުކާރުތަކުން ހުޅުމާލެ ފޭސް 1ގައި ހިންގާފައި ހުރި މިފަދަ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ. އެ ގޮތުން ރައީސް މައުމޫންގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި މަޝްރޫއުތައް ފާހަގަކޮށްލެވެެއެވެ. އެ މަޝްރޫއުތަކުގެ ދަށުން ހަދާފައި ހުރީ ތިން ބުރީގެ އިމާރާތްތަކެވެ. އަދި އެ ތަންތަން ޑިޒައިންކޮށްފައި ވަނީ ފެހިކަން އެކުލެވޭ ގޮތަށް އަދި ހުސް ޖާގަތަކަށް ވިސްނައިގެންނެވެ. އިމާރާތްތައް ޑިޒައިންކޮށްފައި ވަނީ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަކަށެވެ. އިމާރާތްތައް ވެސް އެކި ސަރަހައްދުތަކަށް ބެހިފައިވާ އިރު ހުޅުމާލޭގައި މިހާރު އެންމެ ހިތްފަސޭހަ ސަރަހައްދުތަކުގެ ގޮތުގައި ފެހިކަން ގަދަ ސަރަހައްދުތަކަކީ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދޫކޮށްފައިވާ ފްލެޓްތައް ހިމެނޭ މި ސަރަހައްދުތަކެވެ. މިއީ ނަމޫނާ މަސައްކަތްތަކެކެވެ.
ފްލެޓްތަކުގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފްލެޓްތައް އަޅާފައި ވަނީ އަސާސީ އެހެން ހިދުމަތްތަކަށް ވެސް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އަދި ހުސް ޖާގަތަކާއި ޕާކްތަކަށް ޖާގަ ދީގެންނެވެ. ވަށައިގެން ހުރި ބިންތައްކުގައި ބިޔަ ބޮޑެތި އިމާރާތްތައް ހަދަމުން އައި ނަމަވެސް މި ފްލެޓްތައް ހިމަނޭ ސަރަހައްދުގެ ހިތްގައިމުކަން ގެއްލިގެން ނުދެއެވެ. ހާއްސަކޮށް އެ ސަރަހައްދު ފެންނަނީ ފެހިކަން ގަދަ ސަރަަހައްދެއްގެ ގޮތުގައެވެ.
ހިލޭ ދިން ބިންތަކާ އެކު މުޅި ޕްލޭނަށް ބޮޑު ބަދަލެއް

ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ނަމަ އިމާރާތްތައް އުސްކުރަން މަޖުބޫރު ވެއެވެ. އެފަދަ މަޝްރޫއުތައް ހިންގާނެ މާ ގިނަ ބިންތަކެއް މާލޭ ސަރަހައްދުގައި ވެސް މިހާރު ނެތެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެފަދަ މަޝްރޫއުތައް ހިންގަން ހުރި ބިންތައް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ބިންވެރިޔާ ސްކީމްގެ ނަމުގައި ހިލޭ ބަހައި ހުސްކޮށްފައެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ހުސް ބިމެއް މިހާރު އެތާކު ނެތެވެ. ބާކީ ހުރި މަދު ބިންކޮޅު ވެސް ވިޔަފާރި އުސޫލުން އެ ދަނީ ވިއްކަމުންނެވެ.
ފްލެޓްތަކުގެ އިތުރުން ހިލޭ ދިން ބިންތައް ވެސް “ސްލަމް”ތަކަކަށް ބަދަލުވާތަން ފެނިގެން ހިނގައިދާނެއެވެ. މިހާރު ވެސް އޭގެ ތެރެއިން ބައެއް ބިންތައް ހިސޯރުކޮށްގެން ތިބީ ބިދޭސީންނެވެ. ހުޅުމާލޭގެ މޫނުމަތިން ތިން ވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކައިގެން ވެސް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވެއެވެ. ކުރިން ޔޮޓްތަކަށާއި ފަސިންޖަރ ލައިންތަކަށް ހާއްސަ ބަނދަރު ހެދުމަށް އޮތް ސަރަހައްދުން މިދިޔަ ސަރުކާރުން ވަނީ ގޯތި ދޭން ނިންމައިފައެވެ. މި ސަރުކާރުން ވެސް އެ ޕްލޭނަކަށް ބަދަލެއް ނުގެނައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި ގޯތިތައް ހެދޭނެ ދުވަހެއް އަދި ނޭނގެއެވެ. ހުޅުމާލޭގައި އެންމެ ފުރަތަމަ ދޫކުރި ބައެއް ގޯތިތައް އަދިވެސް ނުހެދި ހުރި އިރު މި ގޯތިތައް ހެދެން ވެސް އަހަރުތަކެއް ނަގާނެއެވެ. އޭގެ ބަދަލުގައި މި ބިންތަކުގައި ވަގުތީ ހިޔާވަހިކަން ހަދައިގެން ނުވަތަ ވިޔަފާރީގެ ތަފާތު ބޭނުންތަކަށް ހާއްސަވުމުން މުޅި ސަރަހައްދު ފެންނާނީ “ސްލަމް”އެއްގެ ގޮތުގައެވެ.
މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން ތިން ސަރަހައްދެއް މިހާރު ވެސް ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅު ތެރެއިން ހިއްކާ ބިމާއި ގުޅިފަޅާއި ގިރާވަރު ފަޅަކީ މިދިޔަ ސަރުކާރުން އިއުލާންކޮށް ކުރަހާފައިވާ ތަންތަނެވެ. ތޮއްޖެހުން ބޮޑު ގޮތަކަށް ހުސް އެކަނި ގޯތި ދިނުމަށް ވިސްނައިގެން ކުރީ ސަރުކާރުން ހަދާފައިވާ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލުތަކެއް ނުގެނައި ނަމަވެސް ގުޅިފަޅާއި ގިރާވަރު ފަޅުން ހިއްކާ ބިމުގެ ލޭންޑްޔޫސް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް މި ސަރުކާރުން ވަނީ ގެނެސްފައެވެ. ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުގެ ބިން ވެސް ކުރަހާފައި ވަނީ ގޮޅި އަޅާފައި ގިނަ އަދަދެއްގެ ގޯތި ދޭ ގޮތަށެވެ. އަސާސީ ބޭނުންތަކަށާއި ފެހިކަމަށް ވިސްނާފައި ނެތް ކަމަށް މި ސަރުކާރުން ބުނެއެވެ.
މި ސަރުކާރުން މިހާތަނަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އިއުލާންކޮށްފައި ވެއެވެ. މާލޭ ސަރަަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށް ބުނެ މި ސަރުކާރުން އިއުކާންކޮށްފައި ވަނީ ރަސްމާލެ މަޝްރޫއެވެ. ސަރުކާރުން ރޭވި ގޮތަށް އެ ތަނުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ނުދާ އިރު ގަދަ ކަނޑެއް ހުރަސްކޮށް މާލޭގެ ދެކުނުން އޮތް ފުށިދިއްގަރު ފަޅުގައި މީހުން އާބާދުވާނެ ދުވަހެއް އަންދާޒާކުރަން ވެސް ދައްޗެވެ. ނަމަވެސް ސަރުކާރުގެ އުންމީދަކީ މި ދައުރުގެ ތެރޭގައި އެކަން ކުރުމެވެ. ކުރެހުންތަކުން ފެންނަނީ ހިތްގައިމު ކަމެވެ. މަޝްރޫއުތައް ރާވާފައި ވަނީ ގްރީން ސިޓީއެއްގެ ނަމޫނާއަށެވެ. އިހާދަކުރަނިވި ހަކަތަ އާއި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިމަނައިގެންނެވެ. ނަމަވެސް އަމަލީ ސިފަ އަންނަ އިރު ނުވަތަ މި ނޫން އެހެން ސަރުކާރަކުން އެތަން ނިންމާ ނަމަ އޮންނާނެ ގޮތެއް ބުނާކަށް ނޭނގެއެވެ.
ބޯހިޔާވަހިކަން ބޭނުން ވެއެވެ. އެފަދަ މަޝްރޫއުތަކުން ވީހާ ވެސް ގިނަ ބަޔަކު ފްލެޓް ލިބުމަކީ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް މިފަދަ މަޝްރޫއުތައް ހިންގާ އިރު އިޖުތިމާއީ އެހެން އެތައް މައްސަލައެއް ފެންމަތިވާ ގޮތަށް އެތައް ބަޔަކު އެއް ތަނަކަށް ޖަމާކުރުމަކީ އެއްވެސް ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ސޯޝަލް ހައުސިން ކަމުގައި ވިޔަސް އިންސާނުން ދިރިއުޅެން ރަނގަޅު ހިތްފަސޭހަ ގޮތަކަށް މަޝްރޫއުތައް ބައްޓަންކުރުން މުހިންމެވެ. ސޯޝަލް ހައުސިންގެ ނަމުގައި “ސްލަމްތަކެއް” ގާއިމުކޮށްގެން ނުވާނެއެވެ.