
ރިޕޯޓު: ސްޓޫޑެންޓް ލޯނު — އަނބުރާ ނުދެއްކޭ!
3 އެޕްރީލް 2025 - 10:31
މަގުސަދު ރަނގަޅު!
ތަފާސް ހިސާބުތަކުން ފަށަމާ ހިނގާށެވެ. އޭގެ ކުރިން މަގުސަދަށް ޖެހިލާނަމެވެ. ސްޓޫޑެންޓް ލޯން ދޭން ފެށުމުގެ މައިގަނޑު ބޭނުމަކަށް އޮތީ ރާއްޖެ އަށް ކޮންމެހެން ބޭނުންވާ އަދި މީހުން މަދު ދާއިރާތަކުން މީހުން ބިނާކުރުމުވެ. މިސާލަކަށް މެޑިސިންގެ ދާއިރާ އާއި އޭވިއޭޝަން ދާއިރާ ފަދަ މުހިންމު ދާއިރާތަކުން ރާއްޖެ އަށް ބޭނުންވާ މީހުން ތަމްރީންކުރުމެވެ. ލޯނު ދޫކުރަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށެވެ.
އެންމެ ފުރަތަމަ މިފަދަ ލޯނެއް ދޫކުރީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެވެ. އެހާތަނުން ފެށިގެން 2023 އަހަރުގެ ނިޔަލަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިހާތަނަށް އެންމެ ގިނަ ފައިސާ ދޫކޮށްފައި ވަނީ 2023 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ އަހަރު 647.8 މިލިއަން ރުފިޔާ ދޫކުރިއެވެ. އެހާ ގިނަވީ އެ ފަހަރު ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ލޯނު ދޭން ރައީސް ސޯލިހް ނިންމެވުމުންނެވެ.
ލިމިޓެއް ނެތި ދޫކުރަން ފެށުން!
ސްޓޫޑެންޓް ލޯނަކީ ދައުލަތުގެ ބަޖެޓުގައި ކުރިޔާލައި ލަފާކޮށް ޖަހާ އަދަދެއްގެ ތެރެއިން ދޭ އެއްޗެކެވެ. އެހެން ނަމަވެސް ޝަތުރު ހަމަވާ އެންމެންނަށް ލޯނު ދޭން ރައީސް ސޯލިހް ނިންމެވުމުން އޭގެ ކުރިން ދުވަހަކު ވެސް އެ ބަޖެޓް ބޮޑުނުވާ ވަރަށް ބޮޑުވެގެން ދިޔައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދެ ގުނަ އަށް އިތުރުވިއެވެ. އެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގައި ހިފެހެއްޓިފައި ހުރި ލޯނުގެ އަދަދު 650 މިލިއަނާ ގާތްކުރާ އަދަަދަކަށް އުފުލިގެން ދިޔައެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރު 200 މިލިއަން، 2021 ވަނަ އަހަރު 256 މިލިއަން އަދި ޖެހިގެން އައި އަހަރު 262 މިލިއަން ރުފިޔާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައި ވެއެވެ. އެމްޑީޕީގެ ވެރިކަމަށް ފަހު ޑރ. މުހައްމަދު މުއިއްޒު ވެސް އެކަން ދެމެހެއްޓެވިއެވެ. އެ ގޮތުން މި ވެރިކަމުގެ ފުރަތަމަ އަހަރު ވެސް ކުރިމަތި ލި ދަރިވަރުންގެ ތެރެއިން 1153 ދަރިވަރަކު ޝަރުތު ހަމަވިއެވެ. އެއީ 1709 އެޕްލިކޭޝަންގެ ތެރެއިންނެވެ. ލޯނު ދޭން ނިންމީ 1015 ދަރިވަރަކަށެވެ.
ބޭނުންވާ ވަރަށް ވުރެ އިތުރުވުން!
އެމްޑީޕީގެ ސަރުކާރުން ނިންމި ނިންމުމާ އެކު ބައެއް ދާއިރާތަކުން ރާއްޖެ އަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މީހުން ތަމްރީންވުމަށް ފުރުސަތު ހުޅުވިގެން ދިޔައެވެ. އެންމެ ގިނަ ބަޔަކު ކުރިމަތިލީ ޕައިލެޓްކަން ކިޔެވުމަށެވެ. އެ ފަހަރު ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 479 ދަރިވަރަކަށް ފުރުސަތު ދޭން ނިންމި އެވެ. އެއާ އެކު ކަމާ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އެ ނޫން ވެސް ފަރާތްތަކުން ވަރަށް ބޮޑަށް ސުވާލު އުފެއްދިއެވެ. ރާއްޖެ އަށް 500 ޕައިލެޓުން ބޭނުންވޭ ހެއްޔެވެ؟ ގިނަ ބަޔަކަށް ލޯނު ދޭން ނިންމި އިރު ވެސް އެ ދާއިރާގައި ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން ތިއްބެވެ.
ދެތެކެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތީ ރާއްޖޭގައެވެ. ޓްރާންސް މޯލްޑިވްސް އެއާވޭޒް (ޓީއެމްއޭ)ގެ އިތުރުން އެއާލައިންތަކުގެ ގޮތުގައި ފަސް އެއާލައިނެއް ރާއްޖޭގައި އެބަ އޮތެވެ. ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާ އެއާ، މަންތާ އެއާ އަދި ދާދި ފަހުން އުފެއްދި ބިއޮންޓް އެއާލައިން ހިމެނެއެވެ. އެހެން ނަމަވެސް ސުވާލަކީ މިހާ ގިނަ އަދަދެއްގެ ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާ އެބަ އޮތް ހެއްޔެވެ؟ ޖަވާބަކީ ނެތެވެ. މިހާރު ވެސް ޕައިލެޓުންގެ ގޮތުގައި ތައުލީމު ހާސިލްކޮށްގެން އައިސް ތިބި އެތައް ޒުވާނުންނެއް އެއާލައިނަކުން ފުރުސަތު ނުލި އެބަ ތިއްބެވެ. ބައެއް ޒުވާނުން އެހެން ދާއިރާތަކުގައި ހަރަކާތްތެރިވެ އެވެ. އަނެއް ބަޔަކު ތިބީ ވަޒީފާގެ އިންތިޒާރުގައެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި ޕައިލެޓްކަން ކިޔެވުމަށް ފުރުސަތު ދިން ގިނަ ދަރިވަރުންތަކެއް މިދިޔަ އަހަރު ލޯނު ދޫކުރުމާ ހަމައަށް ވެސް ކިޔަވަން ނުގޮސް ނުވަތަ ނުދެވިފައި ތިއްބެވެ. އެފަދަ ދަރިވަރުން އެހެން ދާއިރާތައް ހިޔާރުކުރޭތޯ މި ސަރުކާރުން މަސައްކަތްތަކެއް ވެސް ކުރިއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އޭރު ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައި ވަނީ 200 ވަރަކަށް ދަރިވަރުން ނުފުރި ދިބި ކަމަށާއި ރާއްޖެ އަށް ބޭނުންވާ އެހެން ދާއިރާތައް އިހްތިޔާރުކުރުމަށް އެ އެ ދަރިވަރުންނަށް ފުރުސަތު ދިން ކަމަށެވެ. ނަމަވެސް ކޯސް ބަދަލުކުރި މަދު ކުއްޖެއް ކަމަށާއި ގިނަ ކުދިން ބޭނުން ވަނީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަން ކަމަށް މިނިސްޓަރު އޭރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ލޯނު ދޫކުރުމުގައި މިކަމަށް ސަރުކާރުން ސަމާލުކަން ދިނެވެ. އެ ގޮތުން ޕައިލެޓް ކަމަށް ހުޅުވައިލީ ރާއްޖެއިން ބޭރުން 10 ފުރުސަތު އަދި ރާއްޖެއިން ކިޔެވުމަށް 10 ފުރުސަތެވެ. ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދޭން ސަރުކާރުން ނިންމި ނަމަވެސް ޕައިލެޓުންނަށް އެކަށީގެންވާ އަދަދަށް ވަޒީފާ ލިބުމުގެ ދަތިކަން ހުރުމުން ސަރުކާރުން ނިންމީ ސަރުކާރުން ކަނޑައެޅި އަދަދުގައި ހިފެހެއްޓުމަށެވެ. އަދި ރާއްޖޭގެ ފްލައިން ސްކޫލްގައި ޖާގަ ވެސް ނެތުމާ އެކު، ޕައިލެޓްކަން ކިޔަވަން ހުށަހެޅި 148 ދަރިވަރުންގެ ތެރެއިން ބާކީ ދަރިވަރުންނަށް އެހެން ދާއިރާތައް އިހްތިޔާރުކުރުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމީއެވެ.
ލޯނު ދިނުމުގެ މަގުސަދު ހާސިލް ވޭތަ؟
ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ކުރިން ހުންނެވި ޑރ. މާރިޔާ ވިދާޅުވެފައިވާ ގޮތުން ޕައިލެޓްކަން ކިޔަން ގިނަ ދަރިވަރުން ބޭނުން ވަނީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރުމަށެވެ. އެހެން ކަމަށްވާ ނަމަ ސްޓޫޑެންޓް ލޯނުގެ މުޅި މަގުސަދު ގެއްލުނީއެވެ. އެ ލޯނު ދޭން ފެށީ ވެސް ރާއްޖެ އަށް ބޭނުންވާ ހާއްސަ ދާއިރާތަކުން މީހުން ތަމްރީމްކުރުމެވެ. އަދި އިންޓަރެސްޓެއް ނެތި އަދި މިހާރު އެއްވެސް ފީއެއް ވެސް ނެތި “ހިލޭ” ދޫކުރާ ލޯނުން ރާއްޖެ އަށް ފައިދާއެއް ނުކޮށް، ބޭރުގެ ގައުމުތަކަށް ދަރިވަރުން ދާ ނަމަ ހަގީގަތުގައި މުޅި ލޯނުގެ މަގުސަދު އެބަ އޮޅެއެވެ.
އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތް ތަފާތެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ލޯނުގެ މަގުސަދަކަށް ވާންޖެހޭނީ ހަމައެކަނި ރާއްޖެ އަށް ބޭނުންވާ މީހުން ތަމްރީނު ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއްވެސް ދިވެއްސަކަށް އެކަމުން ފައިދާވާ ނަމަ އެ މަގުސަދު ހާސިލްވީއެވެ. އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރާ ނުވަތަ ވަޒީފާތަކަށް ދާ މީހުންގެ ސަބަބުން ނުސީދާ ގޮތުން ނަމަވެސް ރާއްޖެ އަށް ކޮންމެވެސް ފައިދާއެއް ކުރާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ. މިސާލަަށް ބޭރުގެ ބައެއް ގައުމުތަކުގައި އެ ގައުމުގެ މީހުން ބޭރުގެ އެހެން ގައުމުތަކުގެ ވަޒީފާތަކަށް ގޮސް ފޮނުވާ ފައިސާއަކީ އެ ގައުމުގެ އިގްތިސާދުގެ މުހިންމު ބައެކެވެ. އޭރު ފައިސާ ގިނަ އަދަދަކަށް ލިބޭ ކަމެކެވެ. ދިވެހިން ބޭރު ގައުމުތަކުގެ މިފަދަ ގިނަ ބޮޑެތި ވަޒީފާތަކަށް ގޮސް ރާއްޖޭގައި ތިބޭ އާއިލާގެ މެންބަރުންނަށް ބޭރު ފައިސާ ފޮނުވާ ނަމަ އެއީ ރަނގަޅު ކަމެވެ. މިކަން މިހާރު މި ގޮތަށް ނުވަނީ އެފަދަ ރަނގަޅު ނިޒާމެއް ނެތުމުން ކަމަށް ފާޑުކިޔާ މީހުން ދެކެއެވެ. އެހެންކަމުން ހަރުދަނާކުރަންވީ ނިޒާމެވެ. ފުރުސަތު ބަންދު ނުކުރާށެވެ.
ލޯނުގެ އަސްލު މައްސަލަ!

ސްޓޫޑެންޓް ލޯނުގެ އަސްލު މައްސަލައަކީ ލޯނު ދޫކުރުމުގައި ލިމިޓެއް ނެތުމެއް ވެސް ނޫނެވެ. ނުވަތަ ބޭނުވާ ދާއިރާތައް ކެޓަގަރައިޒްކުރުމެއް ވެސް ނޫނެވެ. އަދި ކިޔެވުމަށް ފަހު ރާއްޖެ އަށް ހިދުމަތް ނުކޮށް، ރާއްޖެއިން ބޭރުގެ ކޮންމެ ވެސް ގައުމެއްގައި ވަޒީފާ އަދާކުރުމާއި ދިރިއުޅުން އެއްކޮށް އެ ގައުމަކަށް ބަދަލުކުރުމެއް ވެސް ނޫނެވެ. އަސްލު މައްސަލަ އޮތީ މިއީ ލޯނަކަށް ވެފައި މި ފައިސާ ދައުލަތަށް އަނބުރާ ލިބެންޖެހޭ އިރު އޭގެ ތެރެއިން މަދު އަދަދެއް ނޫނީ މިހާތަނަށް ލިބިފައި ނުވުމެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެމްޑީޕީ ސަރުކާރުން އޮތް އިރު ދޫކުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން އަނބުރާ ހޯދިފައި ވަނީ 50 ޕަސެންޓެވެ. ވަކި ވަކި އަހަރުތަކަށް ބަލާއިރު 2019 ވަނަ އަހަރު ލިބިފައި ވަނީ 83.5 މިލިއަން ރުފިޔާއެވެ. އެއީ އެ އަހަރު ދޫކުރި އަދަދާ އަޅާބަލާއިރު 27 ވަރަކަށް ޕަސެންޓެވެ. އަދި 2020 ވަނަ އަހަރު 200 މިލިއަން ރުފިޔާ ދޫކުރި އިރު ލިބިފައި ވަނީ 30 މިލިއަން ރުފިޔާއެވެ. ޖެހިގެން އައި 2021 ވަނަ އަހަރު 256.3 މިލިއަން ރުފިޔާ ދޫކުރި އިރު ލިބުނީ 75.4 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރު ލޯނުގެ ގޮތުގައި ލިބުނު އަދަދު ވަރަށް އާދަހާ ހިލާފަށް އިތުރުވެގެން ދިޔައެވެ. އެ އަަހަރު 26.1 މިލިއަން ދޫކުރި އިރު 224.1 މިލިއަން ރުފިޔާ އަނބުރާ ލިބިފައި ވެއެވެ. އެހެން ނަމަވެސް ޖެހިގެން އައި އަހަރު އަނެއްކާ ވެސް މި އަދަދު ވަރަށް ބޮޑަށް ތަފާތުވިއެވެ. އެ އަހަރު 647.8 މިލިއަން ރުފިޔާ އެ އަހަރު ދޫކުރި އިރު ލިބިފައި ވަނީ 96.1 މިލިއަން ރުފިޔާ އެވެ.
ލޯނު އަނބުރާ ނުދައްކަނީ ކީއްވެ؟
ލޯނު އަނބުރާ ނުދެއްކުމުގެ މައްސަލަ އިންތިހާ އަށް ބޮޑެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުަގއި އެކަމަށް އޮތް ނިޒާމު އެހާ ހަރުދަނާއެއް ނޫނެވެ. ދެއްކި ބަޔަކު ދެއްކީއެވެ. ނުދައްކާ ބަޔަކު ނުދައްކަނީއެވެ. މާބޮޑު ފިޔަވަޅުތަކެއް މިހާތަނަށް ވެސް އަޅާފައެއް ނެތެވެ. އެެހެން ކަމުން އަނބުރާ ލޯނު ދެއްކުމަށް ބައެއް މީހުން އިސްކަމެއް ނުދެއެވެ.
އެހެން މައްސަލަތަކެއް ވެސް އެބަ ހުއްޓެވެ. މަތީގައި ފާހަގަކުރި ހުރިހާ ކަމެއް މި ކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. ލޯނު މެނޭޖްކުރެވޭނެ އަދަދަކަށް ވިސްނުމެއް ނެތި ލޯނު ދޫކުރުމަކީ މީގެ ތެރެއިން އެއް މައްސަލައެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ލޯނު ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ލޯނު ދިނުމުގެ ދާއިރާތައް ކަނޑައެޅުމުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރު ވެސް ވަޒަންކުރެވެން ޖެހެއެވެ. ކިޔަވައިގެން އައިސް ވަޒީފާއެއް ނުލިބޭ ނަމަ ލޯނު ދައްކާނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް ޕައިލެޓްކަން ކިޔަވައިގެން އައިސް އެތައް ދުވަހެއް ވަންދެން މި ތިބެންޖެހެނީ ވަޒީފާއެއް ނުލިބިއެވެ. ނުވަތަ އެހެން ދާއިރާއަކުން ވަޒީފާ އަދާކުރަން ޖެހުމުން ޕައިލެޓަކަށް ލިބޭ މުސާރަ ނުލިބި ކިޔަވަން ނެގި ބޮޑު ލޯނު ދެއްކުން ވަނީ ދަތި ކަމަކަށެވެ.
ސަރުކާރުން ދޫކުރާ ލޯނު ނަގައިގެން ކިޔެވުމަށް ފަހު ރާއްޖެ ނައިސް ބޭރުގައި ދިރިއުޅެން ފެށުމުން އެ މީހުންގެ މައްޗަށް ރާއްޖެ އަށް އޮތް ޒިންމާތަން ނެތިގެން ނުދެއެވެ. އެހެން ނަމަވެސް އެކަން ހަނދާން ނެތޭ ފަހަރު ވެސް އާދެއެވެ. ނަތީޖާއަކަށް ވަނީ ރާއްޖެއިން ނެގި ލޯނު ދެއްކުމަށް ސަމާލުކަން ނުދެވި ޑިފޯލްޓް ވުމެވެ. އޭގެ ބަދަލުގައި ކުރެވޭނެ މާ ބޮޑު ކަމެއް މިހާރު ނިޒާމު އޮތް ގޮތުން އޮތީކީ ވެސް ނޫނެވެ.
އިގްތިސާދީ ހާލަތަކީ ވެސް ލޯނުތައް ދެއްކުމަށް އޮތް ހުރަހެކެވެ. ކިޔަވަންދާ އިރު ނަގާ ލޯނު ދައްކަންޖެހެނީ އެ ކިޔެވި އެއްޗެއްގެ ބޭނުން ހިފައިގެން ހޯދާ ވަޒީފާ އިން ލިބޭ މުސާރައިންނެވެ. ނަމަވެސް އުންމީދުކުރާ ވަރުގެ މުސާރައެއް އެ ދާއިރާތަކުން ނުލިބެއެވެ. ނަތީޖާއަކަށް ވަނީ އަމިއްލަ ފުދުންތެރިކަމާ ގުޅިފައި ހުރި އެހެން ހުރިހާ ސަބަބުތަކެއް ވެސް މި ކަމަށް ހުރަސްތައް ކުރިމަތިކުރުވުމެވެ. ކުލި ބޮޑުވުން މުސާރައިގެ ބޮޑު ބައެއް ދަނީ އެކަމަށެވެ. އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުން މުސާރައިގެ ބޮޑު އިންސައްތައެއް އެކަމަށް ވެސް ހޭދަ ވެއެވެ. އެހެން ޒަރޫރީ ބޭނުންތަކަށް ފައިސާ ދައްކާފައި ކިޔަވަން ނެގި ލޯނަށް ދައްކާނެ ފައިސާއެއް އަތަކު ނުހުރެއެވެ.
އެއް ލޯނު ނަގައިގެން ޑިގްރީ ހަދައި އެ ނުދެއްކި އުޅެނިކޮށް ދެން ފަށަނީ މާސްޓާސް އަށް ކިޔަވަންށެވެ. ނުވަތަ ކުރިން ހާސިލްކުރި ސަނަދަށް ވުރެ މަތީ ސަނަދެއް ހޯދުމުގެ މަސައްކަތެވެ. ލޯނު ބޮލުގައި އެޅިފައި އޮއްވައި އަނެއްކާ ވެސް އިތުރު ހަރަދެކެވެ. ސަނަދަކަށް ފަހު ސަނަދެއް ހާސިލްކުރަމުން ދާއިރު ކިޔަވަން ނެގި ބޮޑު ލޯނު ދެއްކޭނެ ގޮތެއް ނެތެވެ.
ކޮންމެ ސަބަބަކާ ޖހުރެ ވިޔަސް ދައުލަތުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އަނބުރާ ނުލިބޭ ނަމަ އެއީ މައްސަލައެކެވެ. މިއީ ހިލޭ އެހީއެއް ނޫނެވެ. އެހެންކަމުން ލޯނުގެ ގޮތުގައި ދޫކުރާ އެއްޗެއް އަނބުރާ ލިބެން ވެސް ޖެހެއެވެ. އެއީ ރައްޔިތުންގެ ހައްގެކެވެ. އަނބުރާ ހޯދުމަށް ހުރަސްތަކެއް ހުރި ނަމަ އެ ހުރަސްތައް ނައްތާލަން ޖެހެއެވެ. ނިޒާމު ހަރުދަނާ ކުރަންޖެހޭ ނަމަ އެކަން ވެސް ކުރަންވީއެވެ. ނަމަވެސް ލޯނެއް ވިއްޔާ ހޯދޭނެ ގޮތެއް އޮންނަންވާނެއެވެ.