އަމިއްލަ ހިޔާލު: އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން — ނަޝީދަށް ކޮށައިދޭ މަގެއްތަ؟

8 އެޕްރީލް 2025 - 12:04

އުފެދުނު ދެ ބަސްވުންތަކުގެ ނަތީޖާ

“އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،” އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު  ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރެއިން އުފެދުނު ރުޅިވެރިކަމުގެ ހުޅުގަނޑު، ރައީސް ނަޝީދުގެ މި ބަސްތަކުން އިތުރަށް ފެތުރި، ފަޅައިގެން ދިޔައެވެ. ނަމަވެސް މިއީ އަހަރުތަކެއް ވަންދެން ޕާޓީގެ އެތެރޭގައި އޮތް ހަމަނުޖެހުންތަކެއްގެ ނަތީޖާއެވެ. ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ތެރެއިން އުފެދުނު ޕާޓީއެކެވެ. އެމްޑީޕީގެ ދެ ވަނަ ވެރިކަމުގެ ކުރީކޮޅު މި ކޯޅުން ފެށިއްޖެއެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ކޮށްޓަވަމުން ގެންދެވި މަގަށް ހުރަސް އެޅިގެން ދިއުމުން އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ސީދާ އެމަނިކުފަނުގެ އިރުޝާދުގެ ދަށުން އުފެއްދި ޕާޓީއެކެވެ. 

advertisement

ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވުމުން އެކަން ހަޖަމްކުރަން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުންނަށް ދަތިވިއެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގަތީ އެމްޑީޕީ “ރޫޅާލާނެ” ކަމުގެ އިންޒާރާއެކުގައެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސީދާ ރައީސް ނަޝީދު ނުކުމެވަޑައި ނުގެންނެވީ އެމްޑީޕީއާ ނުލައި ކާމިޔާބު ނުހޯއްދެވޭނެތީ ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.

ހީކުރިވަރަށް ތާއީދު ނުލިބުން

ދަ ޑިމޮކްރެޓްސް އުފެދިގެން އައީ ވަރަށް ފޯރިއާ އެކުގަ އެވެ. އެހެން ނަމަވެސް 2008 އަދި 2018ގެ އިންތިހާބާ ކައިރިވި އިރު ރައީސް ނަޝީދަށް އޮތް ތާއީދެއް މިހާރަކު ނެތެވެ. އެ ޕާޓީ އަށް ކިރިޔާ ހަމަކުރެވުނީ 3،000 މެންބަރުންނެވެ. ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލިޔާސް ލަބީބަށް ލިބުނީ 15،000 ވޯޓެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަން ޕީއެންސީ އާށް ފުރޮޅިގެން ދިއުމުން ރައީސް ނަޝީދު ވިދާޅުވި ގޮތަށް އެމްޑީޕީ ރޫޅާލެވުނީއެވެ. ވެރިކަން ބަދަލުވުމުގައި އެ 15،000 ވޯޓު މުހިންމުވިއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ނުކުރެވުނީ އެ ޕާޓީއާ ގުޅެން ޑިމޮކްރެޓުން ދެކޮޅު ހެދުމުންނެވެ. އެމްޑީޕީގެ ސަޕޯޓަރުން ވެސް ގަބޫލުކުރާ ގޮތުގައި ފަސޭހަކަމާ އެކު ކާމިޔާބުވާން އޮތް އިންތިހާބެއް އެމްޑީޕީ އަށް ގެއްލިގެން ދިޔައީ ރައީސް ނަޝީދާއި ޑިމޮކްރެޓުންގެ ސަބަބުންނެވެ. އެމްޑީޕީގެ ގިނަ ސަޕޯޓަރުން އެކަމަށް ދުވަހަކު ވެސް މައާފުކުރާނެ ހެއްޔެވެ؟

ޑިމޮކްރެޓްސް އުފެއްދުމުގެ ކުރިން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތައް އިސްވެ ތިބެ ބަރުލަމާނީ ނިޒާމު ގެނައުމަށް ޕެޓިޝަނެއްގައި ވެސް ސޮއިކުރުމުގެ މަސައްކަތް ކުރިއެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުން އޭގައި ސޮއިކުރި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެކަން ވެސް އާހިރުގައި ދިޔައީ “ޗޮކުން”ނެވެ. ސީދާ ނަޝީދު އެކަމުގައި އިސްކޮށް ނޫޅުއްވި ނަމަވެސް އަރިސް ބޭފުޅުން އެކަމުގައި އުޅުއްވުމުން އެއީ ވެސް ރައީސް ނަޝީދަށް އޮތް ތާއީދު ފަނޑުވި ކަމުގެ ހެއްކެއް ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ. އޭގެ ފަހުން  ޑިމޮކްރެޓްސް އުފައްދައި 10،000 މެންބަރުން ހަމަކުރުމަށް ކެމްޕެއިނެއް ވެސް ފެށިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިހާރު ވެސް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި 4،000 މީހުން ވެސް ނެތެވެ. މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީ އަށް ކުރިމަތިވީ ނާކާމިޔާބީއެވެ. އެއްވެސް ގޮނޑިއެއް ނުލިބެއެވެ. 

ސިޔާސީ ހަރަކާތްތަކުން އެކަހެރިވުން

އެމްޑީޕީ އަތުން ވެރިކަން ގެއްލުމާ އެކު ރައީސް ނަޝީދު ވަނީ ރާއްޖެ ދޫކުރައްވައި ބޭރުގެ ވަޒީފާއަކަށް ވަޑައިގެންފައެވެ. މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ނަމަވެސް ގިނައިން އުޅުއްވީ ރާއްޖެއިން ބޭރުގައެވެ. ގިނަ ބައެއްގެ ފާޑުކިޔުން ވެސް އެކަމަށް އަމާޒުވި އެވެ. އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ފާސްކުރަން އުޅުމުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ސީދާ ގޮތެއްގައި މާ ބޮޑަށް ކޮމެންޓް ނުކުރެއްވި ނަމަވެސް ނުސީދާ ގޮތެއްގައި އެ ވާހަކަ ގެންދެވީ ދައްކަވަމުންނެވެ. 

ޑިމޮކްރެޓްސް ބަލިކަށިވުމުގެ މައިގަނޑު ސަބަބަކީ ވެސް އެ ޕާޓީ ފުޅާކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ނުކުރެއްވުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ނަޝީދު އުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. މިހާރު ހުންނެވީ ގާނާގައި ގާއިމުކޮށްފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ ކަންކަމުގައި އެމަނިކުފާނުގެ ދައުރެއް ނެތެވެ. 

ރިޔާސީ ޓިކެޓްގެ ވާދަވެރިކަން

ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވި ނަމަވެސް 2028ގެ ރިޔާސީ އިންތިހާބަށް ރައީސް ނަޝީދުގެ ޝައުގުވެރިވާކަން ގާތް ބޭފުޅުންގެ ވާހަކަތަކުން އެނގެއެވެ. އަދި ދާދި ފަހުން ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓުން ވެސް އެކަމަށް ބާރު ލިބެއެވެ.

“އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،” މި ހަފުތާގައި ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ. 

ރައީސް ނަޝީދުގެ މި މެސެޖް އައިސްފައި މި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މީހަކާ ބެހޭ ގޮތުން ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ރައީސް ސޯލިހް ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި އެހެން ބައެއް ބޭފުޅުން ވެސް އެ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވައި “ސިއްރިއްޔާތުގައި” މަސައްކަތް ވެސް ކުރައްވަމުން ގެންދަވަނިކޮށެވެ. ސުވާލަކީ ރައީސް ނަޝީދު ކުރައްވަން މިއުޅުއްވަނީ ކީއްބާއެވެ؟

ރައީސް ނަޝީދު މި ވާހަކަ ދެއްކެވުމުގެ ކުރިން ޑިމޮކްރެޓްސް އޮތީ ވަރަށް ބޮޑަށް ރޫޅިފައެވެ. އެ ޕާޓީގެ އިސްކޮށް ތިބި ގިނަ ބަޔަކު އަދި ހާއްސަކޮށް ރައީސް ނަޝީދުގެ އަރިސް ގިނަ ބަޔަކު އެނބުރި އެމްޑީޕީ އަށް ގޮސްފިއެވެ. އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް ގިނަ މެންބަރުންތަކެއް އަލުން އެމްޑީޕީ އަށް ދިއުމާ ގުޅިގެން ރައީސް ނަޝީދު ސޯޝަލް މީޑިއާ އަށް ދިގު މެސެޖެއް ދޫކޮށްލެއްވިއެވެ. ވިދާޅުވެފައި ވެއެވެ.

“އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ މީހެއް ނޫން. އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް ފަދަ ޕާޓީއެއް. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދު ވެސް އަޅުގަނޑު އެދޭނެ ކަމެއް. އަދި ފަހުން އަޅުގަނޑު ބައިވެރިވި ޑިމޮކްރެޓްސް އަކީ ވެސް ޚާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް. މީގެން އެއްވެސް ޕާޓީއެއްގައި އަމަލީ ގޮތުން މަސައްކަތް ކުރާކަށް މި ވަގުތު އަޅުގަނޑު ނެތިން. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ވެސް ނެތިން،” ޖެނުއަރީ މަހުގެ ތެރޭގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެއެވެ. 

އެ ފަހަރު އެހެން ވިދާޅުވުމުން ބައެއް ފަރާތްތަކުން އެކަން މާނަކުރީ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީ އަށް ދިޔަ ފަރާތްތަކުން އެ ގޮތަށް އަމަލުކުރީ ރައީސް ނަޝީދުގެ ރުހުން އޮވެގެން ކުރި ކަމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޑިމޮކްރެޓްސްއާ މެދު ހިތްހަމަނުޖެހޭ މީހުން ދެކުނީ އެއީ ވެސް “އިތުރު ކުޅިއެއް”ގެ ގޮތުގައެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ އަރިސް ބޭފުޅުންތަކެއް ޑިމޮކްރެޓްސް އަށް “ފޮނުވީ” ރިޔާސީ އިންތިހާބު ކައިރިވާ އިރު އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް މަގު ކޮށުމަށް ހެއްޔެވެ؟ ނުވަތަ ރައީސް ސޯލިހާ މެދު އޮތް ދެކޮޅުވެރިކަމުގައި އެމަނިކުފާނަށް ޓިކެޓް ލިބުމަށް އޮތް މަގު ބަންދުކުރުމަކީ ވެސް އެ ރޭވުމުގެ ބައެއް ހެއްޔެވެ؟ ރައީސް ނަޝީދާ ގާތް މީހުން ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީ އާށް އަލުން ބަދަލުވީ އެ ރޭވުމުގެ ތެރެއިން ހެއްޔެވެ؟

އެމްޑީޕީގެ ރިޔާސީ ރޭހުގައި މިހާރު ވެސް ހައެއްކަ ބޭފުޅުންގެ ނަން އިވެއެވެ. އެ ލިސްޓްގައި ރައީސް ސޯލީހާއި، ޗެއާޕާސަން ފައްޔާޒު، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެއެވެ. އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ވަނީ އެކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅުމުގެ ވާހަކައާ އެކު ރައީސް ނަޝީދު ވެސް މި ރޭހަށް ވަދެވަޑައިގަތީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. ނަމަވެސް ސުވާލަކީ ރޫޅާލާނެ ކަމަށް ބުނެ އިންތިހާބެއް “ގެއްލުވައިލި” ބަޔަކަށް އެމްޑީޕީން އަލުން ފުރުސަތު ދީފާނެ ހެއްޔެވެ؟ އެހެން ނުވާނެއެކޭ ވެސް ބުނެވޭކަށް ނެތެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ގިނަ ފަރާތްތަކެއް ވެސް އެމްޑީޕީގެ އިސް މަގާމުތަކުގައި މިހާރު ވެސް އެބަ ތިއްބެއެވެ. އަދި އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ އެމްޑީޕީގައެވެ. އެހެންކަމުން ރައީސް ނަޝީދަށް ވެސް އެނބުރި ވަޑައިގަތުމަށް އޮތް މަގު ބަންދުވީ ކަމަށް ބުނެވޭކަށް ނެތެވެ.

ރިއެކްޝަންސް
0
0
0
0
1
1
0