ތާރީހުގެ ތެރެއިން: ހުޅުލޭ އެއާޕޯޓު ހުޅުވުން

10 އެޕްރީލް 2025 - 15:09

އިނގިރޭސިންގެ ބޭނުމަށް އެޅި ރަންވޭ

ހުޅުލެއަކީ އޭރު މީހުން ދިރިއުޅޭ ރަށެކެވެ. އަދި އެއަށް ވުރެ ވެސް ހާއްސަ ކަމަކީ އެއީ މާލެ އަތޮޅުގެ ވެރިކަން ކުރާ ރަަށަށް ވުމެވެ. ރުކާއި ފެހިކަން ގަދަ ގަސްތައް ގިނަ ބިންގަނޑު ރަނގަޅު ރަށެކެވެ. ދަނޑުވެރިކަން ވެސް ކުރިއެވެ. ރީތި ދޮންވެލި ތުނޑިއެއް ވެސް އޮތެވެ. މާލެއާ ކައިރީގައި އޮތް ރަށަކަށް ވުމުން ދައުލަތުގެ ކަމުވޮށިގެންވާ މީހުން ހަފުތާ ބަންދުގަ އާއި އާއިލާއާ އެކު ޗުއްޓީ ހޭދަކުރެއްވުމަށް ވެސް ޒިޔާރަތްކުރެއެވެ. 

ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގައި އޮތް ދުވަސްވަރު އެ މީހުންގެ ރެޕްރެޒެންޓޭޓިވްއެއް ބެހެއްޓުމަށް ނިންމުމެވެ. މި ނިންމުން ނިންމީ 14 ފެބްރުއަރީ 1960ގައި ސަރުކާރާ ދެމެދު މާލޭގައި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގައި އިނގިރޭސިންގެ ފަރާތުން ސޮއިކުރެއްވުމަށް މާލެ ވަޑައިގަތީ މިނިސްޓަ އޮފް ސްޓޭޓް ފޯ ކޮމަންވެލްތު ރިލޭޝަންސް، ސީ.ޖޭ.އެމް އޯލްފޯޓްއެވެ. އެހެން ކަމުން މި އެއްބަސްވުން މަޝްހޫރުވެފައި ވަނީ ވެސް “އޯލްފޯޓް އެގްރީމެންޓް”ގެ ގޮތުގައެވެ. އެއްބަސްވުމުގެ ދަށުން  ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ވަޑައިގެންނެވީ  އާތިންޓަން ޑޭވީ އެވެ. މީނާ ހުންނަވަނީ ވަރަށް ވަރުގަދަ ސެކިއުރިޓީއަކާ އެކު ދޫނިދޫގައެވެ. ހުޅުލޭގައި އެއާ ސްޓްރިޕްއެއް އެޅުމަށް ނިންމުނީ މީނާ އަށް ބޭނުންވާ ސަމާނު ގެނައުމުގައި ފަސޭހައަކަށެވެ. އެޅީ ދަގަނޑު ފިލާ އަތުރައިގެން ކުޑަ ރަން ވޭއެކެވެ. އިނގިރޭސިންގެ ބޭނުމަށް އައްޑޫ ގަމުގައި އޭރު ވެސް ރަނގަޅު ފެންވަރެއްގެ އެއާޕޯޓެއް އޮތުމާ އެކު ހުޅުލޭގައި ރަންވޭއެއް ހެދިއްޖެ ނަމަ ރާއްޖޭގެ ވެރިރަށާއި ގަމާ ދެމެދު ދަތުރުކުރެވޭނެ މަގު ވެސް ފަސޭހައިން ގާއިމުކުރެވޭނެތީ އެ ގޮތަށް ނިންމީއެވެ. 

advertisement

އޭރު ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހީމް ނާސިރެވެ. ބޮޑުވަޒީރުގެ ނައިބަކަށް ހުންނެވި ކަރަންކާ އިބްރާހީމް ރަޝީދު ވިދާޅުވެފައި ވެއެވެ. 

“އިނގިރޭސިން އެދުނީ މާލޭގެ އިރުމަތީ ފަރާތުގައި އޮތް ކުޑަކުޑަ ބިންކޮޅު ނުވަތަ ހުޅުލެ ދޭން އެއާޕޯޓެއް ހަދަން. ނާސިރު ވިދާޅުވީ ހުޅުލެ އެ އޮތިއްޔޭ، އެއާޕޯޓް ހަދަން ދާށޭ. އެކަމަކު އެއްވެސް ލިއެކިއުމަކުން އެކަމެއް އިނގިރޭސިންނަކަށް ނާންގަވާ. އެހެންވެ ރަސްމީ ލިއުމަކުން އެ ހުއްދައެއް ނޯންނާނެ،” ދާހިލީ ވަޒީރަކީވެސް ރަޝީދެވެ.

ޑޭވީގެ ޖެއްސުންކުރުން

ދުވަސްވަރަކީ ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާވަމުން އައި ދުވަސްވަރެވެ. މަރުކަޒުތަކުގައި ކިޔަވައިދެނީ ލަންކާ ޓީޗަރުންނެވެ. އެހެންކަމުން އެ ބައި މީހުން ދަތުރުކުރުމަށް ފަސޭހަ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުން އިނގިރޭސިންގެ ކިބައި އެދުނެވެ. 

“އޭރު ކޮންމެ ތިން މަހަކުން ސްކޫލް ބަންދުވާނެ. އަނެއް މަަހަކީ ޗުއްޓީ މަސް. ޗުއްޓީގައި ސިލޯނު ޓީޗަރުން ސިލޯނަށް ގެންގޮސް އަނެއްކާ ކިޔެވުން ފެށެންވާ އިރަށް ގެންނަން ޖެހޭ. އެކަމަކު އިނގިރޭސި ބޯޓުފަހަރުން އެވަރަކަށް ޖާގައެއް ނުލިބޭ،” އެއާޕޯޓަށް 40 އަހަރު ފުރުމާ ދިމާކޮށް 2006ގައި ނެރުނު ފޮތުގައި ލިއެފައިވެއެވެ.

“ބައެއް ފަހަރު އިނގިރޭސި ބޯޓުފަހަރު ދާނެ ސިލޯނުން ގަމަށް ވެސް، ދެން ގަމުގައި ތިބެން ޖެހިދާނެ ތިން ދުވަހު ވެސް.”

މައްސަލައިގެ ފެށުން އައީ އެ ހިސާބުންނެވެ. ޓީޗަރުން އުފުލުމަށް ފަސޭހަ ގޮތެއް  ހޯދުމަށް ސަރުކާރުން ކުރި މަސައްކަތަށް އިނގިރޭސިން އެއްބަހެއް ނުވިއެވެ. އިނގިރޭސިން ދެކޮޅު ހެދީ ހަމައެކަނި ޓީޗަރުން އުފުލުމަކަށް އެކަންޏެއް ވެސް ނޫނެވެ. ދާހިލީ ވަޒީރު ރަޝީދު ލަންކާ އަށް ވަޑައިގަތުމަށް ބޭނުންފުޅުވެގެން އެކަމަށް އެދިވަޑައިގަތުމުން ވެސް އިނގިރޭސިން ހުރަސްތައް ކުރިމަތުކުރި އެވެ. ދަތުރުފުޅެއް ހަމަޖެއްސެވީ އިނގިރޭސި މަތިންދާބޯޓުގައި ރަޝީދަށް ލަންކާ އަށް ވަޑައިގެންނެވޭނެ ކަމަށް ޑޭވީ ދެއްވި ޔަގީންކަމަކާ އެކުގައެވެ. އެހެން ނަމަވެސް އެ ދަތުރުފުޅެއް ދުވަހަކު ވެސް ހަމަޖެހޭ ކަމަކަށް ނުވެއެވެ. 

އެންމެގެ ފަހުން ސަރުކާރުން ނިންމީ އެއާ ސިލޯނުގެ ބޯޓެއް ޗާޓަރު ކޮށްގެން ގެނައުމަށެވެ. ލަންކާގައި ހުންނެވި އިނގިރޭސި ސަފީރަށް މިކަން އެނގިވަޑައިގަތުމުން ސީދާ ދެކޮޅު ހެއްދެވިއެވެ. 

“އިނގިރޭސި ސަފީރު އެމީހުންނަށް އެންގެވީ ހުޅުލޭގައި އޮތް އެއާޕޯޓަކީ ހަމައެކަނި އިނގިރޭސިންގެ މަތިންދާބޯޓުފަހަރު ތިރިކުރަން ތައްޔާރުކޮށްފައި އޮތް އެއާޕޯޓެއް ކަމަށާއި އެއާޕޯޓަށް އެއާ ސިލޯނުގެ ފްލައިޓް ޖައްސައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން އެއާ ސިލޯނަށް އެންގެވީ އިނގިރޭސިން ދައްކާ އެއްވެސް ވާހަކައެއްގެ އަޑު ނޭހުމަށާއި ބޯޓު ރާއްޖެ އައުމަށެވެ. އެހެންކަމުން އެއާ ސިލޯނުން ވެސް އެގޮތް ގަބޫލުކޮށް ރާއްޖެ އައީ އެވެ،” އެއާޕޯޓްގެ 40 ވަނަ އަހަރީ ދުވަހާ ދިމާކޮށް ނެރުނު ފޮތުގައި ވެއެވެ. 

އިނގިރޭސިން މިހެން އަންގާފައި އޮއްވައި ވެސް ބޮޑުވަޒީރު ނާސިރުގެ އަމުރުފުޅަށް ޗާޓަރު ފްލައިޓެ ގެނައުމަށް ނިންމުނެވެ. އެ ބޯޓު ޖެއްސޭތޯ ބެލުމަށް ކަނޑު ބޯޓެއްގައި ފުރަތަމަ ފޮނުވީ ޕައިލެޓެކެވެ. އޭނާ ފެހި ސިގްނަލް ދިނުމުން ކުޑަ ބޯޓެއް ފޮނުވިއެވެ. އެހެން ނަމަވެސް އެ ބޯޓު ޖެއްސިޔަ ނުދޭން އިނގިރޭސިން ވަރަށް މަސައްކަތް ވެސް ކުރިއެވެ. ނުރައްކާތެރިކަމުގެ ރަތް ސިގްނަލް ވެސް ދިއްލިއެވެ. ދޫނިދޫ އިން މި ސިގްނަލް ފޮނުވި ނަމަވެސް ބެލުމެއް ނެތި ބޯޓު ޖެއްސީއެވެ. 

ކޮންމެއަކަސް މި ޗާޓަރު ދަތުރުތައް ފެށި ޓީޗަރުންނާއި އެހެން ދިވެހިން ވެސް ލަންކާއާ ދެމެދު ދަތުރުތައް ކުރަން ފެށިއެވެ. ނަމަވެސް އިނގިރޭސިންގެ ޖެއްސުން ކުރުންތައް އޭރު ވެސް ވަކި ކުޑައެއް ނޫނެވެ.

ރަންވޭ އަށް ގެއްލުން ދިނުން

ކޮންމެއަކަސް ލަންކާ ޓީޗަރުން އުފުލުމުގެ މައްސަލަ އާއި ރަޝީދުގެ ދަތުރުފުޅަށް ހުރަސް އެޅުން ފަދަ ކަންކަމުން އެނގިގެން ދިޔައީ ދިވެހިންގެ ބާރުގެ ދަށުގައި އެއާޕޯޓެއް ވެސް އޮންނަންޖެހޭ ކަމެވެ. އަދި އެ ދުވަސްވަރަކީ ދެކުނުގެ ބަޣާވާތާ ގުޅިގެން އިނގިރޭސިން ދެކެ ދިވެހިންގެ ހިތްތަކުގައި ނުހަނު ނަފުރަތު އުފެދިގެން ދިޔަ ދުވަސްވަރެކެވެ. އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން ހަރަކާތްތައް ދިޔައީ ބާއްވަމުންނެވެ. 

އެ ގޮތުން  1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހަކީ ހާއްސަ ދުވަހެކެވެ. ޑޭވީއާ ދެކޮޅަށް ދިވެހި އަންހެން ވެރިން އޮޑިދޯނިފަހަރުގައި ނުކުމެ ދޫނިދޫ އަށް މިސްރާބު ޖެހިއެވެ. މާލޭގެ ހަތަރު އަވަށުގެ އަންހެންވެރިން ދިޔައީ ޑޭވީ ރަށުން ބާލާނަމޭ ގޮވަމުންނެވެ. 

ހުޅުލޭ އެއާޕޯޓަށް އަރައި އެ ތަނަށް ގެއްލުން ދިނުމުގެ ހަރަކާތްތަކެއް ވެސް ފެށިގެން ދިޔައެވެ. ދުވަހު ނޫސް “ހަވީރު”ގައި 26 ޖުލައި 2006 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގެ ވަޒީރު އުމަރު ޒާހިރު ލިޔުއްވާފައިވާ މަޒުމޫނެއްގައި ވެއެވެ. 

“އިނގިރޭސިންނާ ދެކޮޅަށް ދިވެހިން ކުރަން ފެށި އުނދަގޫތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ކަމަކީ ހުޅުލޭގައި އިނގިރޭސިން ހަދާފައި އޮތް ރަންވޭއިން ދަގަނޑު ފިލާ ވަގަށް ނައްޓައި، އިނގިރޭސިންގެ ބޯޓުތަކަށް ޖެއްސުންކުރަން ހިންގި ހަރަކާތެވެ. އެއީ އާދަޔާ ހިލާފު ފޯރިއަކާ އެކު ހިންގި ވަރުގަދަ ޕްރޮގްރާމެކެވެ،” އެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި އުމަރު ޒާހިރު ލިޔުއްވާފައި ވެއެވެ. 

އަުމަރު ޒާހިރު ސިފަކުރައްވާފައިވާ ގޮތުގައި ރޭގަނޑު ކަނު އަނދިރީގައި ހުޅުލޭ އަށް އަރައި ރަންވޭ އަށް ގެއްލުން ދިނުމުގައި އޭރު އޮތީ ވަރަށް ވަރުގަދަ ޖޯޝަކާއި ފޯރިއެކެވެ. މާލެއިން އަރާ މީހުންގެ އިތުރުން ހުޅުލޭގައި ދިރިއުޅޭ ބައެއް މީހުން ވެސް މި ކަންކަމުގައި ބައިވެރިވަމުން ދިޔަ ކަަމަށް ވެއެވެ. އެކަންތައް ބޮޑުވެގެން އިނގިރޭސިން ވަރަށް ފާރަލާ ހެދިއެވެ. އެހެން ނަމަވެސް އެކަމަކަށް ހުއްޓުމެއް ނައެވެ. އެންމެ ފަހުން އެ ޖެއްސުންކުރުންތަކަށް ކެތްނުވެގެން ޑޭވީ ރާއްޖެ ދޫކުރައްވައި ވަޑައިގަތީއެވެ. އެއީ 1964 ގެ ޖޫން 18ގައެވެ.

ހުޅުލޭ އެއާޕޯޓްގެ މަސައްކަތް ފެށުން

ޑޭވީ ވަޑައިގަތުމާ އެކު ހުޅޫލޭ ރަންވޭ ވެސް ދިވެހިންނަށް ލިބުނީ އެވެ. ސަރުކާރުން ނިންމީ އެތަނުގައި ރަނގަޅު އެއާޕޯޓެއް ތަރައްގީކުރުމަށެވެ. އެކަމަށްޓަކައި ޕްލޭންތައް ހަދައި 27 އޭޕްރީލް 1964ގައި އާންމު އިއުލާނެއް ނެރުނެވެ. އެ ކަމަށްޓަކައި މާލީ އެހީ ހޯދުމަށް އިއުލާންކުރުމާ އެކު އެތައް ބަޔަކު އެހީ ދިނެވެ. ތިން ދުވަހުގެ ތެރޭގައި 9،000ރ. ލިބުނު އިރު އެއީ އެއިރަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އަދި 1 މެއި 1964ގައި އަމަލީ  މަސައްކަތް ފަށައިގަތީއެވެ. ގަސްތައް ކޮށައި ކުރިން އޮތް ރަންވޭގެ ދަގަނޑު ފިލާތައް ނައްޓައި ރަނގަޅު އެއާޕޯޓެއް ހެދުމުގެ މަސައްކަތް ދިވެހިން ފެށިއެވެ.  އަމަލީ މަސައްކަތުގައި ވެސް ދިވެހިންގެ ތެރޭގައި އޮތީ އަމަށަކު ފޯރިއެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އައިސް މަސައްކަތުގައި ބައިވެރިވިއެވެ. އަންހެނުންނާއި ފިރިހެނުންނެވެ. މިހާރު މި ފެންނަ މެޝިނަރީތަކެއް ނެތް ނަމަވެސް އެއާޕޯޓްގެ މަސައްކަތް ނިންމައިލީ ލަފާކުރި ވަރަށް ވުރެ އަވަހަށެވެ. އެ ބޮޑު މަސައްކަތް ނިންމައިލީ ދެ އަހަރު ތެރޭގައެވެ. 

ނޯޓް: ލިޔުމަށް މައުލޫމާތު ނަގާފައި ވަނީ:

ފުރަތަމަ ހެދި ރަންވޭގެ ބޮޑު މިނަކީ 2،840 މީޓަރެވެ. ފުޅާ މިނުގައި 45 މީޓަރެވެ. “ހުޅުލޭ އެއާޕޯޓް”ގެ ނަމުގައި އެތަން ހުޅުވީ 12 އޭޕްރީލް 1966ގައެވެ. ފުރަތަމަ ޖެއްސީ އެއާ ސިލޯނުގެ ބޯޓެކެވެ. ނާސިރު ވެސް އެ ބޯޓުގައި ވަޑައިގެންނެވިއެވެ. އޭރު ރާއްޖެ އޮތީ އިނގިރޭސިންގެ އަތްދަށުން ވެސް މިނިވަން ވެފައެވެ.

  • އެއާޕޯޓަށް 40 އަހަރު ފުރުމާ ދިމާކޮށް 2006ގައި ނެރުނު ފޮތް
  • ދުވަހު ނޫސް “ހަވީރު”
  • “ދިވެހި ރާއްޖޭގެ އެކި ކަންތައްތައް ހިނގި ގޮތް” ފޮތް
ރިއެކްޝަންސް
0
1
0
0
1
0
0