ރިޕޯޓް: އަސްކަރީ ގާބިލްކަން އިތުރުކުރަންޖެހޭ، އެކަމަކު މިއީ އެ ދަނޑިވަޅުތަ؟

14 އެޕްރީލް 2025 - 13:31

ދައުލަތުގެ ބަޖެޓަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ދާއިރާތަކުގެ ތެރޭގައި ޑިފެންސްގެ ދާއިރާ ހިމެނެއެވެ. މި އަހަރުގެ ބަޖެޓްގައި ވެސް ދިފާއީ ކަންތައްތައް ބެލެހެއްޓުން އަދި އަދުލު އިންސާފާއި އަމަންއަމާންކަން ޤާއިމުކުރުމަށް 6.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މިއީ ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ދާއިރާއެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭދަ ވެސް ކުރަންޖެހެ އެވެ. އެހެން ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޑިފެންސްގެ ދާއިރާ އަށް ހަރަދުކުރާތީ މީގެ ކުރިން ވެސް ފާޑު ކިޔުންތައް އަމާޒުވެއެވެ. ހާއްސަކޮށް ލިބޭ އާމްދަނީއާ ނުބައްދަލު ނުވަތަ ވަގުތާއި ހާލަތާ ނުބައްދަލު ހަރަދުތައް ކުރުމަކީ ގައުމުގެ ދިފާއު އަށް ލިބޭ ކުރިއެރުމަކަށް ވުރެ ބޮޑަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. 
ރާއްޖޭގެ ސަލާމަތީ ހިދުމަތް ދޭ ފަރާތްކަށް ޒަމާނީ ވަސީލަތްތައް ފޯރުކޮށްދީ އަސްކަރީ ގާބިލްކަން އިތުރުކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ ވާހަކަ ބޮޑެތި މުނާސަބާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެހެން ގައުމެއްގެ ބައިވެރިވުން ނެތި ބެލެހެއްޓޭ ވަރުގެ ގާބިލްކަން އިތުރުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ. ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖެއިން ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭކަމެއް ނޫންކަމުގައި މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ޒަމާނީ ވަސީލަތްތައް ހޯދުން

advertisement

މި ސަރުކާރު އައި ފަހުން އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ތުރުކީ ވިލާތުން ބޮޑު އަގުގައި ދެ ޑްރޯން ވެސް ގަނެފައި ވެއެވެ. މިއީ 25،000 މީޓަރު މަތިން 27 ގަޑިއިރު އުދުހުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެކެވެ. މި އުޅަނދުގެ މުވާސަލާތީ ރޭންޖް 300 ކިލޯ މީޓަރާ ހަމައަށް ފޯރައެވެ. އަދި 70-120 ނޮޓްގެ ދުވެލީގައި ދުވެއެވެ. ތުރުކީގައި އުފައްދާފައިވާ މި ޑްރޯންތަކަކީ ލޭޒާ ގައިޑެޑް މިސައިލް ހަރުކުރުމުގެ ގާބިލްކަން ވެސް ލިބިފައިވާ އުޅަނދުތަކެކެވެ. އެ ގޮތުން 150 ކިލޯ އުފުލުގެ ގާބިލްކަން ލިބިފައި ވެއެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ތުރުކީން ވިއްކަމުން އަންނަ މަރުކާގެ އުޅަނދުތަކެކެވެ. 

ޑްރޯންގެ އިތުރުން ދާދި ފަހުން އެންމެ ފަހުގެ ޒަމާނީ ޓޭންކަރުތަކެއް ވެސް އެމްއެންޑީއެފް އަށް ހޯދާފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އެ ގޮތުން ހަ ޓޭންކަރު އެތެރެކުރި ކަމަށް ތުހުމަތުކުރެވިފައި ވެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޕޯޓް ސަރަހައްދަށް ގާތްކޮށްފައި އޮތް ބޯޓެއްގައި މި ތަކެތި ހުއްޓައި ފެންނަ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. އެހެން ނަމަވެސް މި ކަމާ ބެހޭ ގޮތުން ވެސް ސަރުކާރުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. 

މި ވާހަކަތައް ފެންމަތިވެފައި ވަނިކޮށް ތުރުކީ ސަރުކާރުން ރާއްޖެ އަށް މަނަވަރެއް ހަދިޔާކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރިފައި ވަނިކޮށް ދިވެހި އަސްކަރިއްޔާ އިން ވެސް މިހާރު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ  އެ މަނަވަރު ލިބުމަކީ އިންޑިއާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު އަދާކުރުމުގެ ގާބިލު ބަޔަކަށް ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ދިވެހި ސިފައިން ތުރުކީގައި ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. މިއީ ރާއްޖޭގެ ދިފާއީ ކަންކަމުގައި އެހީތެރިވުމާ ގުޅޭ ގޮތުން ތުރުކީއާ އެކު ހަދާފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭ ހަދިޔާއެކެވެ. 

މަނަވަރާ ބެހޭ ތަފްސީލްތަކެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު ތުރުކީން ރާއްޖެ އަށް ދެނީ ޓީސީ  ޖީ ވޮލްކަން (ޕީ-343) ނަމަކަށް ކިޔާ އުޅަނދެކެވެ. މިއީ ވަޔާއި ކަނޑުގެ މަގުން ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ރެކޯޑްތަކުން ދައްކާ ގޮތުން ތުރުކީގެ އަސްކަރިއްޔާގެ ހިދުމަތަށް މި އުޅަނދު ނެރެފައި ވަނީ 1984 ގައެވެ. އުޅަނދަށް 40 އަހަރު ވެފައިވީ ނަމަވެސް ފާއިތުވި އަހަރުތަކުގައި މި އުޅަނދު މަރާމާތުކުރުމަށާއި އުޅަނދުގެ ގާބިލްކަން އިތުރުކޮށްފައި ވެއެވެ. އަދި ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ. ރާއްޖެ އާށް މި އުޅަނދު ފޯރުކޮށްދިނުމަށްޓަކައި އުޅަނދުގެ މަރާމާރުތުތައް ވެސް އަންނަނީ ކުރަމުންނެވެ. މި އުޅަނދު ރާއްޖެ އަށް ގެންނާނެ ކަމަށް ބެލެވެނީ ޖުލައި މަހުގެ ތެރޭގައެވެ.

ކުރި ހޭދައެއް ނޭނގޭ!

އަސްކަރިއްޔާ އަށް ހޯދާ ޒަމާނީ ވަސީލަތްތަކާއި އެތަކެތީގެ ތަފްސީލް ހާމަކުރުމަކީ އޮންނަ ގޮތް ކަމަށް ނުވެދާނެއެވެ. އެހެން ނަމަވެސް ރާއްޖެ އަށް ގެނައި ޑްރޯންގެ ގާބިލްކަން ދެއްކުމަށް ސަރުކާރުން ގިނަ މައުލޫމާތުތަކެއް ހާމަކުރިއެވެ. ވަރަށް ތަފްސީލީ މައުލޫމާތުތަކާ އެކު ޕްރޮމޯޓްކުރި އެވެ. ނުކުރާ އޮތްހާ ވެސް ކަމަކީ އެ ތަކެތި ގަތުމަށް ކުރި ހޭދައެވެ. 

އަސްކަރީ އުޅަނދުފަހަރާއި ވަސީލަތްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަކީ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ވެދާނެއެވެ. އެހެން ނަމަވެސް ޑްރޯންގެ އެހާ ތަފްސީލީ މައުލޫމާތުތަކެއް ހާމަކުރި އިރު މި ފަހުން ގަނެފައިވާ ކަމަށް ބުނާ ޓޭންކަރުތަކާއި މަނަވަރުގެ ތަފްސީލްތައް ހާމަނުކުރީ ކީއްވެ ހެއްޔެވެ؟ ގައުމީ ސަލާމަތަށް ނުރައްކާވުމުގައި މި ދެ ހާލަތު ތަފާތުވާންޖެހޭ ސަބަބެއް ނުވިސްނެއެވެ.

ދެ ޑްރޯން ހޯދުމަށް ކުރި ހަރަދެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުން އެކަމަށް 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ހޭދަކޮށްފައި ވެއެވެ. އަދި އެކަން ކޮށްފައި ވަނީ ބަޖެޓްގައި ވެސް ނުހިމަނައި ސަޕްލިމެންޓަރީ ބަޖެޓްގެ ތެރެއިން ކަމަށާއި އަސްކަރީ ކަންކަމަށް ކުރާ ހޭދަ ހާމަކުރަންޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައި ވެއެވެ. އެހެން ނަމަވެސް އެ އަދަދުތައް ހާމަކުރަން މިހާތަނަށް ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. 

ވަސީލަތްތަކުގެ މައުލޫމާތު ހާމަކުރުމަކީ ނުކުރެވިދާނެ ކަމެކެވެ. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން ހޭދައެއް ކުރާ ނަމަ އެކަމުގެ ތަފްސީލް ދޭންޖެހެއެވެ. އެއީ ހާމަކުރެވެންޖެހޭ މައުލޫމާތެވެ. މި ފައިސާއަކީ ދިވެހި ރައްޔިތުންގެ ފައިސާއެވެ. އިދިކޮޅު ފަރާތްތަކުން ވެސް ބުނަމުންދާ ވާހަކައަކީ އެއީއެވެ. ވަސީލަތްތަކުގެ ތަފްސީލް ނުދިނަސް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އާއި ބޭރުގެ ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތަކުގެ ތަފްސީލް ހާމަކުރަންޖެހޭނެ އެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވެސް އެފަދަ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމާއި ކަންކަން ސިއްރުނުކުރައްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ. އެހެން ނަމަވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ވެސް އަދި މި ސަރުކާރުން ހަދާ ގިނަ އެއްބަސްވުންތަކެއްގެ މައުލޫމާތު ވެސް ހާމަކޮށްފައެއް ނުވެއެވެ.

ގައުމީ ސަލާމަތާ ގުޅޭ ގޮތް ނޭނގޭ މަޝްރޫއުތަކެއް!

ދައުލަތުން ދާދި ފަހުން ވަނީ ކްރޮސް ސަބްސިޑީގެ އުސޫލްތަކަށް ބަދަލު ގެނެސްފައެވެ. ބުނެވޭ ގޮތުގައި މި ބަދަލުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަކި ބަޔަކަށް ރާއްޖެ އިން ދިގު މުއްދަތަށް ބިންތައް ދިނުމެވެ. ބަދަލު ގެނައު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓްގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް އަދި ބިންތައް ދޫކުރުމުގެ އުސޫލެވެ. އެ ގޮތުން މި އަދަދު މިހާރު ވަނީ 100 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. ރައީސް ޑރ. މުއިއްޒު ކުރިން ނެރުއްވި ގަރާރުގައި އެ އަދަދު އޮތީ 15 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅުއްވާފައެވެ. 

އަދި އެފަދަ މަޝްރޫއެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުގެ ބަދަލުގައި މަާލެ އަތޮޅު ހިތްމިޔަ ފަޅު ދޭން އުޅޭ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރިފައި ވެއެވެ. އަދި އެ ފަޅު ދޭން އުޅޭނީ ތުރުކީގެ ކުންފުންޏަކަށް ކަމަށް ވެސް ޚަބަރު ފެތުރިފައި ވެއެވެ. އަސްކަރީ ގާބިލްކަން އިތުރުކުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި އަދި ހާއްސަކޮށް ތުރުކީން އެފަދަ އާލާތްތައް ހޯދަމުން އަންނަ ދަނޑިވަޅެއްގައި ކްރޮސް ސަބްސިޑީގެ ދަށުން ތުރުކީގެ ކުންފުންޏަކަށް ފަޅެއް ނުވަތަ ބިމެއް ވިޔަސް ދޭން އުޅޭ ނަމަ އެކަމުގައި ގޮތް ނޭނގޭ ކަންތައްތަކެއް އުޅޭ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. މި ގޮތަށް ވާހަކަތައް ފެތުރުކަމުގައި ވިޔަސް ސަރުކާރުން މިފަދަ ކަންކަމާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތެއް ނުދެއެވެ. 

ފަހަކަށް އައިސް ސަރުކާރުން ދެމުން އަންނަނީ ހަމައެކަނި ސަރުކާރުން ބޭނުންވާ މައުލޫމާތު އެކަންޏެވެ. ރައީސް ނޫސްވެރިންނާ ބައްދަލުނުކުރާތާ ވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކުރިން އަޮންނަ ގޮތަށް ނޫސްވެރިންގެ ބައްދަލުވުންތަކެއް ވެސް ނުބާއްވައެވެ. ކުރިން ރެކޯޑް ކޮށްގެން ރައީސް އޮފީހުން ނެރޭ ރައީސްގެ އިންޓަވިއުތަކުން ލިބެނީ ސަރުކާރުން ޕްރޮމޯޓްކުރުމަށް ބޭނުންވާ މައުލޫމާތެވެ. އާރުޓީއައި މެދުވެރިކޮށް ވެސް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ނުލިބެވެ. އެހެންކަމުން އަސްކަރީ ގާބިލްތަކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ މާ ބޮޑު މަައުލޫމާތެއް ނޭނގެއެވެ. ހާއްސަކޮށް ހަރަދުތަކުގެ މައުލޫމާތެއް ނޭނގެއެވެ.

އިގްތިސާދީ ހާލަތަށް ބެލުމެއް ނެތި ބޮޑު ހޭދައެއް!

މި ސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެ ދައްކަމުން އަންނަ މައިގަނޑު ވާހަކަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވާ ވާހަކައެވެ. އަދި ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތަކުގެ ވާހަކަ ދަތުކުރާރުކޮށް ދަނީ ދައްކަމުންނެވެ. އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ހަރަދުތައް ފޫބެއްދުމުގައި ވެސް ސަރުކާރަށް ވަނީ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ސަރުކާރަށް ދޮޅު އަހަރެއްހާ ދުވަސްވީ އިރު މާ ގިނަ އާ މަސްރޫއުތަކެއް ނުފަށައެވެ. މިދިޔަ އަހަރުގެ ބަޖެޓް 55 ބިލިއަނަށް އެރި ނަމަވެސް ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. ދައުލަތުގެ ގިނ ކުންފުނިތަކުން ދޭންޖެހޭ ފައިސާ ހުރީ ނުދެވިއެވެ. ކޮންމެވެސް ގޮތަކުން ބަޖެޓް ސަޕޯޓް ހޯދައިގެން ރިކަރަންޓް ހަރަދުތައް ދަނީ ކުރަމުންނެވެ. މަސްވެރިނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ވެސް ބޮޑެތި ދަތިތަކެއް ކުރިވެ، ބޮޑު ބެކްލޮގެއް އިތެވެ. އެ ބެކްލޮގް ފިލުވައި، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު އަންނަނީ  ފައިސާ ދޫކުރަމުންނެވެ. ނަމަވެސް އެކަން ވެސް ކުރަނީ އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށް ތުހުމަތުކުރެވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން މަސްވެރިންނަށާއި ކުންފުނިތަކަށް ފައިސާ ދެމުން ދަނީ ބޭންކްގެ ލޯނެއްގެ ތެރެއިންނެވެ. އެކަން ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވޭނެ ކަމުގެ ބިރު އެބަ އޮތެވެ. 

ގައުމީ އިގްތިސާދީ ހާލަތުގެ ނާޒުކު ކަމުގެ ވާހަކަ ދައްކަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކަކުން ވެސް ނޫނެވެ. ސަރުކާރުން ވެސް އެކަން ގަބޫލުކުރެއެވެ. އަދި ސަރުކާރުގެ އޮފިޝަލުން ވެސް އެކި ޕްލެޓްފޯމްތަުގައި މި ވާހަކަ ދައްކައެވެ. ބައިނަލްއަގުވާމީ އިދާރާތަކުން އެ ގެންދަނީ އިންޒާރުތައް ދެމުންނެވެ. އަންނަ އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ބިލިއަން ޑޮލަރަށް އަރައެވެ. 

އިގްތިސާދީ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ދައުލަތުން ކުރާ ހޭދަތައް ކުޑަކުރާތަނެއް ނުފެނެއެވެ. ސިޔާސީ މުވައްޒަފުން އިތުރުކުރުމަށް ހުއްޓުމެއް ނެތެވެ. ކުންފުނިތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމަކަށް ހުއްޓުމެއް ނާދެއެވެ. މިހެން ކަންކަން އޮއްވައި އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ބޮޑު ހޭދަތަކެއް ކުރުމަކީ ބައެއް ފަރާތްތަކުން ކަންބޮޑުވާ ކަމެކެވެ. 

ބައެއް މީހުން ދެކޭ ގޮތުގައި ތުރުކީން މަނަވަރު ހަދިޔާކުރި ނަމަވެސް އެއާ ގުޅިގެން ދެން ކުރަންޖެހޭ ޚަރަދުތައް ދިވެހި ދައުލަތުން ކުރަންޖެހޭ ނަމަ އެއީ ކުޑަ ޚަރަދަކަށް ނުވާނެއެވެ. މިސާލަކަށް އެ އުޅަނދުގައި ހުންނަ މިސައިލް ފަދަ ތަކެތި ދިވެހި ދައުލަތުން ބޭނުންވާ ނަމަ ސަހަލު އަގެއްގައި އެކަމެއް ނުކުރެވޭނެއެވެ. ޒަމާނީ ވަސީލަތްތައް ހަރުކުރާ ނަމަ އެ ތަކެތީގެ އަގު ވެސް ކުޑައެއް ނުވާނެއެވެ. އަނެއްކޮޅުން ތުރުކީގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުން ނަމަ ހަދިޔާކުރަނީ 40 އަހަރުވެފައިވާ އުޅަނދެކެވެ. އެއީ އެ ގައުމުގައި ފްލީޓުން މުސްކުޅިކުރާ އުމުރެވެ. އެހެންކަމުން ބާ އުޅަނދެއްގެ “ގެދަބުޅި” ފިލުވަން ވެސް ބޮޑު ހޭދައެއް ކުރަންޖެހޭނެއެވެ. އަދި އެ ބެލެހެއްޓުމާއި ތެލަށް ކުރަންޖެހޭ ހޭދަ އާއި މަރާމާތާއި މިހެން ގޮސް އެތައް އެތައް ހަރަދެއް ހިނގާނެއެވެ. މިހާތަނަށް މިކަމާ ބެހޭ ތަފްސީލެއް ސަރުކާރަކުން ނުދެއެވެ. އެހެންކަމުން ހިލޭ ދޭ މި އެހީގައި މި ބައިތައް ހިމެނޭތޯ ނުވަތަ ނޫންތޯ ސާފެއް ނޫނެވެ. މި ހުރިހާ ހަރަދެއް ދިވެހި ދައުލަތުން އުފުލާ ނަމަ ހަގީގަތުގައި ވެސް މިއީ މި ދަނޑިވަޅަށް އުފުލޭނެ ހަރަދުތަކެއްތޯ ސުވާލު އުފެދެއެވެ. އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ޑްރޯން އާއި މަނަވަރާއި ޓޭންކަރުތައް ވެސް ހޯދަންވީއެވެ. ނަމަވެސް ގައުމު މިވަގުތު އޮތީ އެފަދަ ބޮޑެތި ހަރަދުތައް ކުރަން ހެޔޮވާ ވަރުގެ ހާލަތެއްގައިތޯ އެވެ؟

ރިއެކްޝަންސް
0
1
0
0
0
0
0