ރިޕޯޓު: ރިސްކް އެލަވަންސް ލިބޭހާ ދުވަހަކު، ހެލްތް އެމެރޖެންސީ އުވާލާނެތަ؟

23 މާޗް 2021 - 9:43

ދުނިޔޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު ރާއްޖެއިން އެންމެ ކަންބޮޑުވި އެއް ކަމަކީ ރާއްޖެ އަށް އެ ބަލި އަންނަ އިރު ތައްޔާރުނުވެވިދާނެތީއެވެ. މާޗްމަހާ ހަމައަށް އައި އިރު ވެސް ވަސީލަތްތަކުގެ ގޮތުން ރާއްޖެ އޮތީ އެފަދަ ކަމަކަށް ކުރިމަތިލެވޭ ހާލަތެއްގައި ނޫން ކަމަށް ސިއްހީ މާހިރުން ވެސް ތިބީ ގަބޫލުކޮށްގެންނެވެ. އެކަމަށް ބޭނުންވާ ވެންޓިލޭޓަރު ފަދަ މުހިން ވަސީލަތްތައް ނެތްތަނުގައި މުޅި ރާއްޖެ އަށް ބަލި ފެތުރިއްޖެ ނަމަ، ތަމްރީން ލިބިފައި ތިބި ސިއްހީ ދާއިރާގެ މީހުން މަދުވުމަކީ ވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް ރާއްޖެ އަށް ބަލި އައިސް ލޮކްޑައުންއަކަށް ދިއުމުން ފެނުނީ ތަފާތު މަންޒަރެކެވެ.

ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ވެސް ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް ނުކުތެވެ. މާލެ ސަރަހައްދު ފުލް ލޮކް ޑައުނަކަށް ދިއުމާ ގުޅިގެން ކާބޯތަކެއްޗާއި މުދާ ފޮރުކޮށްދިނުން ފަދަ ކަންކަން އެންމެ ފުރިހަމަކޮށް ނޫން ކަމުގައި ވިޔަސް، ފޯރުކޮށްދެވުނީ ހިލޭ ސާބަހަށް އަގެއް ނެތި މައިދާނަށް ނުކުތް ގިނަ ބައެއްގެ ސަބަބުންނެވެ. އެ ފަރާތްތަކުގެ އަގު ފައިސާ އިން އަދާކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތައް އެކި ފަންތިތަކަށް ބަހާލައި ސަރުކާރުން އެލަވަންސެއް ތައާރަފްކުރިއެވެ. އެ ދަނޑިވަޅަށް ބަލާއިރު ގިނަ ބަޔަކު ގަބޫލުކުރީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. ކޮވިޑް ރާއްޖެ އަށް އައިތާ 1 އަހަރު ވީއިރު ވަރުބަލިކަމެއް ނެތި އަދިވެސް އެތައް ބަޔަކު ފްރޮންޓްލައިންގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފްރޮންޓްލައިން އެލަވަސްގެ ގޮތުގައި މިހާތަނަށް 128 މިލިއަނަށް ވުރެ ގިނަ ރުފިޔާ 11،290 މީހަކަށް ދޫކޮށްފައި ވެއެވެ.

advertisement

ފްރޮންޓްލައިން އެލަވަންސް މިހާރު ދެމުން އަންނަނީ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ މީހުންނަށާއި ފެސިލިޓީތަކުގައި ފްރޮންޓްލައިން ހަރަކާތްތެރިވާ މީހުންނާއި ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ މީހުންނަށެވެ. މި އެލަވަސް ފުރަތަމަ ދޭން ފެށި އިރު ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ބައްޔަށް ހުށަހެޅޭ ފަދަ މާހައުލުގައި މަސައްކަތްކުރާ މީހުންނާއި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނާއި ސިފައިންނާއި އެ ނޫން ވެސް އެތައް ބަޔަކަށް މި އެލަވަންސް ދިނެވެ. އެއީ އެހާލަތަށް ބަލާއިރު އެންމެ ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުވެ ދައުލަތަށް އާމްދަނީ ލިބޭ މަގުތައް ބަންދުވެ، ދެކޮޅު ޖައްސަން އުނދަގޫ ހާލަތަކަށް ގައުމު ވެއްޓިފައިވާ މިދަނޑިވަޅުގައި މި އެ އެލަވަންސާ މެދު ބައެއް ފަރާތްތަކުގެ ހިޔާލު ވަނީ ތަފާތުވެފައެވެ.

އެއްބަޔަކު ދެކޭ ގޮތުގައި ކޮވިޑްގެ ހާލަތު ރާއްޖޭގައި މިހާރު އޮތް ގޮތަށް ބަލާއިރު ވަކި އެލަވަންސެއް ދިނުމަކީ އެހާ ހަމަޖެހޭ ކަމެއް ނޫނެވެ. ހާއްސަކޮށް ދައުލަތުގެ އެކި މުއްސަސާތަކުގައި އޮނިގަނޑުގައި މިހާރު ވެސް ރިސްކް އެލަވަންސާއި އިތުރުގަޑީގެ އެލަވަންސާއި އެ ނޫން ވެސް އެލަވަންސްތައް ހަމަޖެހިފައިވާ އިރު ފްރޮންޓްލައިންގައި މަސައްކަތްކުރާތީ ކަމަށް ބުނެ ވަކި އެލަވަންސެއް ދިނުމަކީ އިންސާފުން ބޭރުން ކުރެވޭ ކަމެކެވެ. ގައުމު އޮތީ އެފަދަ “ހާއްސަ އެލަވަންސްތައް” ދެވޭ ހާލަތެއްގައެއް ނޫނެވެ. އަދި ކޮވިޑްގެ ކަންކަމުގައި މިހާރު ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކީ ރަސްމީ ވަޒީފާގެ ގޮތުން ވެސް އެފަދަ ކަންކަމާ ކުރިމަތިލާންޖެހޭ ނުވަތަ ވަޒީފާގެ ބަޔާނުގައި ވެސް އެ ދާއިރާތަކުގައި ހަރަކާތްތެރިވާންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ފުލުހުންނާއި ސިފައިން ފަދަ އާންމުންގެ ހިދުމަތުގައި ކުރިން ވެސް ދެމި ތިބި ފަރާތްތަކެވެ. އެހެންކަމުން ވަކި ބައްޔަކާ ކުރިމަތިލާންޖެހުމުން އެލަވަންސެއް ދިނުމަކީ ހަމަޖެހޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ނުދެކެއެވެ.

“ވަކި ބައްޔަކަށް ފަރުވާ ދީ ނުވަތަ އެކަމާ ގުޅުން ހުރި މަސައްކަތްކުރާތީ ވަކި އެލަވަންސެއް ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫން. ކޮވިޑް އަށް އެލަވަންސް ދޭ ނަމަ އެހެން ބަލިތައް ފެތުރޭ އިރު އެ ބަލިތަކަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ މީހުންނަށް ވެސް އެލަވަންސް ދޭންޖެހޭނެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެލަވަންސް ދޭނެ ގޮތެއް ގާނޫނީ ހަމައަކުން ކަނޑައެޅިފައި އޮންނަންޖެހޭނެ. އަދި އެ އެލަވަނަސް ދެވެންޖެހޭނީ ހަމައެކަނި ކޮވިޑް ވީމާ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނަށް އެކަންޏެއް ނޫން. އެ އެލަވަންސް ދެވެންޖެހޭނެ އެހެން ބަލިތަކަށް ފަރުވާ ދިނުމުގަ އާއި ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށް ވެސް،” ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސަރުކާރުގެ މުވައްޒަފަކު ބުންޏެވެ.

އަމިއްލަ ހޮސްޕޮޓަލެއްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ ކޮވިޑް ފެތުރުން ހުއްޓެނީ ހަމައެކަނި ދައުލަތުގެ ވަޒީފާތަކުގައި މަސައްކަތްކުރާ ބައެއްގެ ސަބަބުން ނޫން ކަމަށާއި އަމިއްލަ ހޮސްޕިޓަލްތަކާއި ކްރިލިނިކްތަކާއި ސިއްހީ އެކި ހިދުމަތް ދޭ ތަންތަނުގައި ވެސް ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ.

“ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސަރުކާރު މުވައްޒަފެކޭ އަމިއްލަ ތަނެއްގައި މަސައްކަތްކުރާ މީހެކޭ ތަފާތުވެގެން ނުވާނެ. ކުރަނީ އެއް މަސައްކަތް ކަމަށް ވާ ނަމަ މިނެކިރެންޖެހޭނީ އެއް ވަރަކަށް،” އޭނާ ބުންޏެވެ.

ރިސޯޓެއްގައި މަސައްކަތްކުރާ މީހަކު ބުނީ މާލޭގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވުރެ މި ވަގަތު ރިސޯޓްތަކާޢި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮތް ރިސްކް މާ ބޮޑު ކަމަށެވެ.

“މާލޭގައި ފިނި ކޮޓަރީގައި އިންނަ ޑޮކްޓަރު ވެސް ދަރުބާރު ގެއަށް ވަދެލާތީ މުސާރައިގެ އިތުރުން މަހަކު އެބަ ނަގާ ފަނަރަ ވަރަކަށް ހާސް ރުފިޔާ. އެކަމަކު ބަލި ހިފައިގެން ބޭރުން އަންނަ ފަތުރުވެރިޔާ އަށް ހިދުމަތް ދޭ، ރިސްކް ނަގާ މީހާ އަށް އެކައްޗެއް ވެސް ނެތް ދައުލަތުގެ ބަޖެޓަކު. ހަމަޖެހޭ ކަމެއް ނޫން އެއީ. ދެންޏާ އެންމެންނަށް ދީ. އެހެން ނޫނީ އެކަކަށް ވެސް ދޭނެ ކަމެއް ނެތް،” އޭނާ ބުންޏެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ކޮވިޑްގެ ހާލަތް މި ގޮތުގައި އޮތުމަކީ ބަޔަކަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. އެ ގޮތުން އެލަވަންސްގެ ގޮތުގައި ބޮޑު އަދަދެއް ލިބުމާއި އެ ނޫން ވެސް ސިއްހީ ދާއިރާ އިން ފައިދާ ލިބޭ އެތައް ބަޔަކަށް ކޮވިޑް ވެފައި ވަނީ ރަން ބިސް އަޅާ ކުކުޅަކަށެވެ. އެ ގޮތުން ޕީސީއާރު ޓެސްޓްތައް ހަދައިގެން ބޮޑު އާމްދަނީ އެއް ލިބޭނެ މަގު ފަހިވެފައިވުމާއި ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމާޒު އެތެރެކުރާ ފަރާތްތަކާއި ކޮވިޑާ ގުޅުން ހުރި އެހެން ބައެއް ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދޭ އެތައް ބަޔަކަށް މިއީ ބޮޑު ވިޔަފާރިއަކަށް ވުމުން މި ހާލަތުގެ ފައިދާ ނަގާ ބަޔަކު ވެސް އެބަ ތިއްބެވެ.

ސިއްހީ ހާއްސަ ހާލަތުގައި އަދި ބިރުވެރިކަމެއްގެ ތެރޭގައި ފްރޮންޓްލައިނަށް ނުކުމެ ހިދުމަތް ދިން ފަރާތްތަކުގެ އަގު ފައިސާ އިން އަދާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ފައިސާ އިން އެކަން މިނެކިރާ ނަމަ އިންސާރުވެރިކަމާ އެކު އެކަން ކުރުން މުހިންމެވެ. ބޯޑަރު ހުޅުވި ރިސޯޓްތަކާއި ފަތުވެރިވެރިންނަށް ހިދުމަތްދޭ ތަންތަނާއި ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތައް މިހާރު ވަނީ ހުޅުވާލެވިފައެވެ. ސްކޫލްތަކުގެ ކިޔެވުން ވެސް ފެށި، ދިރިއުޅުން ވަނީ ގާތްގަނޑަކަށް އާންމު ހާލަތަކަށް އައިސްފައެވެ. ދިރިއުޅުމުގެ ގިނަ ކަންކަން މިހާރު “ނޯރމަލް” ހާލަތަކަށް އައިސްފައިވާ އިރު އެލަވަންސް ދިނުން ވެސް އާންމު ހާލަތަކަށް ބަދަލުވާންޖެހެއެވެ. ހާލަތުގެ ފައިދާ ވަކި ބަޔަކަށް ލިބޭނެ ނުވަތަ ނެގޭނެ ގޮތަށް ނިޒާމު ބައްޓަންކުރުމަކީ މި ވަގުތަށް ބަލާއިރު ދައުލަތަށް އުފުލޭނެ ބުރައެއް ނޫނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0