މަޝްރޫއުތައް ކުންފުނިތަކާ ހަވާލު ކުރަން ވަކި ލިމިޓެއް ކަނޑައެޅި މައްސަލަ ހައިކޯޓުގައި ނުބެލޭނެކަމަށް ނިންމައިފި

23 މާޗް 2021 - 15:46

ދައުލަތުގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލު ކުރަން ވަކި ލިމިޓެއް ކަނޑައަޅައި ފިނޭންސް މިނިސްޓްރީއިން މިދިޔަ އަހަރު ނެރުނު އުސޫލު ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލު ކުރާއިރު އެ ކުންފުންޏަކަށް އޭރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ޖުމްލަ އަގު އަދި އަދަދަށް ބެލޭނެ އެވެ. އެ އުސޫލުގައިވާ ގޮތުން، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ކުންފުނީގެ ގްރޭޑަށް ބަލައި، އެ ކުންފުންޏަކަށް ވަކި ވަރަކަށް ވުރެ އަގުގެ ގޮތުން ގިނައިން މަޝްރޫއުތައް ހަވާލުކޮށްފައިވާނަމަ އެއަށްވުރެ އިތުރަކަށް އެ ކުންފުންޏަކަށް މަސައްކަތެއް ހަވާލެއް ނުކުރެވޭނެ އެވެ.

advertisement

އެޑްވޮކަސީ ޗޭމްބާސް އެލްއެލްޕީ ލޯ ފާމުން ވަނީ އެ އިއުލާނު ގާނޫނުއަސާސީއާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފު ކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މިކަމާއި ގުޅިގެން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލުގެ އަސްލީ އިހްތިސާސް ލިބިގެންވަނީ، ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާއި ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއް ނުވަތަ ގަވައިދެއްގެ ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ.

އެޑްވޮކެސީ ޗޭމްބާސްއިން ހުށަހެޅި އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ހައިކޯޓަށް އަސްލީ އިހްތިސާސް ލިބިފައިވާ ކަމަށް ބަޔާންކުރާ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލައަކީ ހައިކޯޓުގެ ގަވައިދުގެ ދަށުންވެސް ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ ދުސްތޫރީ މައްސަލައެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ.

އެހެންކަމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ އެ މައްސަލައަކީ ހައިކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ ތަރަހައިގެ ތެރެއިން ބެލޭނެ މައްސަލައަކަށް ނުވާތީ އެ މައްސަލަ ހައިކޯޓުގައި ކުރިއަށްނުގެންދެވޭނެ ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0