މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށައް ވޯޓުލާން ދެވޭނެ އިންތިޒާމް ހަމަޖައްސަނީ

4 އެޕްރީލް 2021 - 14:36

ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެނެސް، އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކަށް، ވޯޓުލާ ދުވަހު ދަތުރުކުރެވޭގޮތް ހަދަން މަޝްވަރާކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ކޯވިޑް19 ގެ ކޭސްތައް މީގެކުރިން ފެތުރެމުންދިޔައީ މާލެ ސަރަހައްދުގައިކަމަށްވީނަމަވެސް މިހާރު ގިނަ ކޭސްތައް ފެންނަމުންދަނީ އަތޮޅުތަކުގެ ރަށްރަށުންނެވެ. މީގެ ސަބަބުން ގިނަ ރައްރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާއިރު މިވަގުތުވެސް ބައެއް ރަށްރައް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. އެގޮތުން ޖުމްލަ 17 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.

advertisement

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގައި ވޯޓުލާ މީހުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް، ތަފާތު ކުރުން ނުގެންގުޅޭނެކަމަށެވެ. އެހެން ރަށްތަކުން އަރައިފޭބުން މަނާކޮށްފައިވާ ރަށަކަށް ދަތުރުކޮށް ވޯޓުލެވޭނެ މަގު ބަންދުވުމަކީ މިކަމުގައި އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް އިލެކްޝަނުން ފާހަގަކުރައްވައެވެ. މިކަމަށް ހައްލެއް ގެނައުމަށް ލޮކްޑައުންކުރާ ރަށްތަކަށް ދަތުރުނުކުރެވޭ ގޮތަށް މިހާރު އަޅާފައިވާ ފިޔަވަޅު، ވޯޓުލާ ދުވަހު އުވާލަން، އެޗްޕީއޭއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށްވެސް މިއިންތިޚާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0