ހިޔާ ފްލެޓްގެ ފަންނީ ކެޓަގަރީން ފްލެޓް ދޫކޮށްލާ މީހުންނަށް އެހެން ފްލެޓްތަކަށް ހުށައެޅުމުގެ ފުރުސަތު
6 އެޕްރީލް 2021 - 12:07
ހުޅުމާލޭގެ ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގައި ހިމެނޭ މީހުން އެ ފްލެޓް ދޫކޮށްލާ ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފަންނީ ކެޓަގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި ޓީޗަރުންނާއި އަދި ނަރުހުންނެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަލަށް ދޫކުރާ މި ފްލެޓްތަކަކީ، ފަންނީ މީހުންނަށް ލިބޭ އާމްދަނީއާ އެއް ހަމައެއްގައި ލިބޭނެ ބޯހިޔާވަހިކަމެއް ކަމަށެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ތިން ކޮޓަރީގެ މި ފްލެޓްތައް ވާނީ އަގާއި ތަނުގެ ފެންވަރު އެއްވަރެއްގައި ހުންނަ ތަނަކަށެވެ.
ހިޔާ ފްލެޓް ދޫކޮށްލައިގެން، އާ ފްލެޓް ހޯދަން ބޭނުންވާ މީހުން، މާދަމާ އިން ފެށިގެން މި މަހުގެ 19ގެ ނިޔަލަށް ހައުސިން މިނިސްޓްރީ އަށް އެކަން އެންގުމަށް އެތަނުން އެދެ އެވެ. އީމެއިލް ކުރާނީ secretariat@planning.gov.mv އަށެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންގެ އިތުރުން ސިވިލް ސާވިސްގެ ފަންނީ މީހުންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
މިދިޔަ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓުގެ މަޝްރޫގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ވެސް ހާއްސަ ކެޓަގަރީއެއް ވަނީ ހިމަނާފައެވެ.