އަމުރަށް ނުކިޔަމަންތެރިވި ގައިދީއަކާއިމެދު ފުލުހުން އަމަލުކޮށްފައިވަނީ ޤަވައިދުގެ ތެރެއިންތޯ ބަލަނީ
17 އެޕްރީލް 2021 - 11:41
ޓެރަރިޒްމްގެ ތުޙުމަތުގައި ދޫނިދޫގައި ހުރި މީހަކު ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ މާރާމާރި ހިންގުމާއި ގުޅިގެން، ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށް އޭނާ ހުއްޓުވި މައްސަލައިގައި އަމަލުކޮށްފައިވަނީ ފުލުހުންގެ ޤަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންތޯ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާ ގޮތާއި މެދު އާއިލާއިން ޝަކުވާ ހުށަހަޅާފައިވަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަޙްސަން މުޙައްމަދު، ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާއި އޭޕްރީލް 11 ވަނަ ދުވަހުގެ 20:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނުކަމަށެވެ. އަޙްސަން މުޙައްމަދު ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައި ހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަޙްސަން މުޙައްމަދަށް އެންގިކަމަށެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަޙްސަން މުޙައްމަދު ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައްވެސް ދިންކަމަށް ފުލުހުން ވިދާޅުވެއެވެ.
ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން މުޙައްމަދު އިންކާރުކޮށް، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި، މާރާމާރީ ހިންގުމުން، ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވެއެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި އޭނާ ގޮޅިއަށް ވައްދާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯއާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައި އެކަން ބަލަމުންދާކަމަށެވެ. އަދި މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.