ރިޕޯޓު: ދެން އޮތީ މާ ވަރުގަދަ އިންތިހާބެއް!

18 އެޕްރީލް 2021 - 13:08

ކޮވިޑްގެ ހިޔަނީގައި ފޯރިއެއް ނެތި ލޯކަލް ކައުންސިލް އިންތިހާބު ނިމިއްޖެއެވެ. މާލެ ފަދަ ބައެއް އާބާދީ ބޮޑެތި ސަރަހައްދުތަކުން ހޯދި ބޮޑު ކާމިޔާބީއާ އެކު އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ވެސް އޮތީ ހިތްހަމަޖެހިގެންނެވެ. ނަމަވެސް މުޅި ނަތީޖާ އަށް ބަލާއިރު ބޮޑުތަނުން އެމްޑީޕީ ނުވަތަ ސަރުކާރުން ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ. މި މޮޅާ އެކު ޖެހިޖެހިގެން އެމްޑީޕީ މި ވަނީ އާންމު އިންތިހާބުތަކުގެ ތެރެއިން ތިން އިންތިހާބެއް ކާމިޔާބުކޮށްފައެވެ. އެހެން ގޮތަކުން ބުނާ ނަމަ އިދިކޮޅު ތިން ބަލިން ބަލިކޮށްފައެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އަދި މިދިޔަ ހަފުތާގައި ނިމުނު ލޯކަލް ކައުންސިލް އިންތިހާބެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބުގެ ހޫނުގަނޑު ރަނގަޅަށް މަޑުނުވަނީސް އަދި ވަގުތީ ނަތީޖާތައް ވެސް ރަސްމީކޮށް އިއުލާންކޮށް ނުނިމެނީސް އެއަށް ވުރެ މާ ފޯރިގަދަ އިންތިހާބެއްގެ ކެމްޕެއިން މި ވަނީ ފެށިފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އެކި ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިހާރު ވަނީ އެކަން ފާޅުކުރަން ފަށާފައެވެ. ނުވަތަ ކެމްޕެއިން ފަށާފައެވެ. އޮންނާނެ ދުވަހެއް އަދި އެކަން ކުރިއަށް ދާނެ ގޮތެއް އެމްޑީޕީން މިހާތަނަށް އިއުލާނުކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި ކައިރި މުސްތަގުބަލެއްގައި އެކަން ކުރާނެއެވެ. ޕާޓީގެ އެތެރޭގެ އެންމެ ބޮޑު ހަރަކާތުގެ ފޯރި ފިސާރި ގަދަވާނެ ކަމަށް ބެލެވެއެވެ.

advertisement

ޑިމޮކްރެޓިކް ހަރަކާތްތައް ރާއްޖޭގައި އެންމެ ފުޅާކޮށް އަދި އެންމެ ކާމިޔާބުކޮށް ހިންގާ ބަޔަކީ އެމްޑީޕީއެވެ. ކޮންމެ އިންތިހާބަކަށް ވެސް އެޕާޓީން ވަރަށް ފުރިހަމަ އަށް ތައްޔާރުވެއެވެ. އަދި ރަސްމީ އިންތިހާބުތަކަށް ނުކުންނަނީ ވެސް އެހެން ޕާޓީތަކާ ހިލާފަށް ފޯރިގަދަ ޕްރައިމަރީތައް ބާއްވައިގެންނެވެ. އާންމު އިންތިހާބުތަކުގެ ކެމްޕެއިންތަކެކޭ އެއްގޮތަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ ކެމްޕެއިން ވެސް ވަކި ފޯރިކުޑައެއް ނޫނެވެ. އަނެއްކޮޅުން އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ޕާޓީގެ އެތެރޭގެ އިންތިހާބު އިހުނަށް ވުރެ ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. ސަބަބުތައް ގިނައެވެ.

މި ފަހަރުގެ އިންތިހާބަކީ ހަމައެކަނި ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުން ހޮވުމުގެ އިންތިހާބެއް ނޫނެވެ. އަޑީގައި އެއަށް ވުރެ މާ މާނަ ފުން އަދި މާ ވަރުގަދަ ކަންތައްތަކެއް ފޮރުވިފައިވެއެވެ. ސިޔާސީ ދާއިރާގެ މުފައްކިރުން ދެކޭ ގޮތުގައި މިފަހަރު އެމްޑީޕީގެ އިންތިހާބު ވެގެންދާނީ މަތީ ފަޑީގެ ބާރުތަކާ މެދު ވެސް ގޮތެއް ނިމޭނެ އިންތިހާބަކަށެވެ. އަދި ބަރުލަމާނީ އާއި ރިޔާސީ ނިޒާމާ މެދު އުފައްދާފައިވާ ސުވާލަށް ވެސް ޖަވާބެއް ލިބުމަށް މަގުކޮށައިދޭނެ އިންތިހާބަކަށެވެ. މިއީ ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުން ކަނޑައެޅުމަށް ބާއްވާ އިންތިހާބެއް ނަމަވެސް ހަގީގަތުގައި އިންތިހާބު ބޭއްވެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ރައީސް ނަޝީދު ނުވަތަ ޖުމްލަ ގޮތެއްގައި އެމްޑީޕީން ފެށުނީއްސުރެ އަންނަނީ ސިޔާސީ ޕާޓީ ނުވަތަ ޕާޓީތައް ވެރިކަން ކުރާ ނިޒާމު ކަމަށްވާ ބަރުލަމާނީ އަށް ވަކާލާތުކުރަމުންނެވެ. އެ ގޮތުން 2007 ވަނަ އަހަރު އޮތް ނިޒާމު ކަނޑައެޅުމަށް ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީން ކެމްޕެއިން ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ކެމްޕެއިން ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. އޭރުގެ ވެރިކަމުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް މައުމޫނާ މުޅިން އެއްބަސް ނޫން ކަމަށް ވެއެވެ. އޭގެ ތެރޭގައި ވަރަށް މުހިންމު ބޭފުޅުން ވެސް ބަރުލަމާނީ ނިޒާމަށް ކެމްޕެއިން ކުރެއްވި ކަމަށް ވެއެވެ.

ނަތީޖާއަކަށްވީ އާ ގާނޫނު އަސާސީ އެކުލަވައިލެވުނު އިރު ބަރުލަމާނީ ގިނަ ސިފަތަކެއް އޭގައި ހިމެނި ނިޒާމު މަސްހުނިވުމެވެ. ނަމަވެސް ބޮޑު ތަފާތަކުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ ފަހަރު ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ނިޒާމުގެ ބަހުސް އަލުން ފެއްޓެވީ ރައީސް ނަޝީދެވެ. އެމަނިކުފާނު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެ ކެމްޕެއިން އެބަ ކުރައްވައެވެ. އެމަނިކުފާނަށް ވެގެންވާ ނަމަ ދައުރުގެ މެދުތެރެއިން ނިޒާމު ފުރޮޅާލެއްވުމަށް ފަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީހެވެ. އަނެއްކޮޅުން ދެން ރައީސް ކަމަށް ވާދަނުކުރައްވާނެކަން ރައީސް ނަޝީދު އިއުލާންކުރައްވާފައިވުމުން ރިޔާސީ ނިޒާމުގެ ތެރެއިން ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދެއްވަން އެއްބަސްވެވަޑައިގެންނަވާނެ ކަމަކަށް ނުބެލެވެއެވެ.

ކުޑައިރުގެ ރަހުމަތްތެރިކަން ކިތަންމެ ވަރުގަދަ ނަމަވެސް ވެރިކަމާ ހަމައިން ދެ ބޭފުޅުން މިފަހަރު އެއްގަލަކަށް އަރުއްވާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ކުރިއާ ހިލާފަށް މި ފަހަރު ރައީސް ނަޝީދަށް ހުރި ގޮންޖެހުންތައް ބޮޑެވެ. ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ކުރައްވާ ކެމްޕެއިނާ ދެކޮޅަށް އެމްޑީޕީގެ އެތެރެއިން ވެސް ދެކޮޅު އެތައް ބަޔަކު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެކަން މަޖިލީހުގެ ޖަލްސާގެ ތެރެއިން ބައެއް މެންބަރުން ފާޅުގައި ހާމަކުރައްވާފައި ވެސް ވެއެވެ.

އާންމުކޮށް ފެންނަ ފެނުމަށް ޕާޓީގެ ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދުގެ ހައިބަތު ކިތަންމެ ބޮޑު ކަމަށް ދެއްކިޔަސް ޕާޓީގެ އެތެރޭގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހަށް ކަމަށް ބެލެވޭ ކިތަންމެ ހެއްކެއް ފެންނަން އެބަ އޮތެވެ. ހާއްސަކޮށް މަޖިލީހުގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ގިނަ މެންބަރުން ތިއްބެވީ ރައީސް ސޯލިހުގެ ފަޅީގައެވެ. އެހެންކަމުން ގައުމީ މަޖިލިސް ވެސް ބުރަވަނީ އެ ފަޅިއަށެވެ.

އެމްޑީޕީގެ އެތެރޭގެ ކަންކަން ނިންމުމުގައި އެންމެ މުހިންމު ގުނަވަނީ ގައުމީ މަޖިލީހެވެ. ހިޔާލު ތަފާތުވުންތައް ކިތަންމެ ބޮޑަސް ގައުމީ މަޖިލީހުގެ ނިންމުންތަކަށް ގިނަ މެންބަރުން ތަބާވެއެވެ. އެކި ދިމަދިމާ އިން ދެކަފި ވިސްނުންތައް ހުރި ނަމަވެސް ގައުމީ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ހިތާ ދެކޮޅަށް ވެސް ގިނަ މެންބަރުން ކެމްޕެއިންތަކުގައި ފޯރިއާ އެކު ނުކުމެ އުޅެއެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ މެޖޯރިޓީ ވިސްނުން ވަކި ގޮތަކަށް ބައްޓަންވެގެން ދިއުމަކީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވާނެ ގޮތެއް ވެސް ކަނޑައެޅިގެންދާނެ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކުރިއަށް އޮތް އިންތިހާބަކީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ނަގާނެ ބަޔަކު ކަނޑައަޅާނެ އިންތިހާބެވެ. އެތެރޭގެ ބައިބައިވުންތަކެއް ނެތް ކަމަށް ކިތަންމެ ވަރަކަށް ދައްކަން އެމްޑީޕީން މަސައްކަތްކުރި ނަމަވެސް ދެ ފެކްޝަނެއް އެބައޮތެވެ. މި ފަހަރު ދާއިރާތަކުގެ ވެރިން ކަނޑައެޅުމަށް ބާއްވާ އިންތިހާބު ވެގެންދާނީ މި ދެ ފެކްޝަންގެ އިންތިހާބަކަށެވެ. ބަރުލަމާނީ ނިޒާމަށް ރައީސް ނަޝީދު ކުރައްވާ ކެމްޕެއިނަށް ވާނެ ގޮތެއް މި އިންތިހާބުން ނިންމާނެއެވެ. އެހެންކަމުން މަގާމުތަކަށް ވާދަކުރާ ފަރާތްތަކުން އެކަން ހާމަކުރަނީ ވެސް އެ ވިސްނުން ބަހައްޓައިގެން ކަމަށް ބެލެވެއެވެ. ކޮންމެ މަގާމަކަށް ވެސް ދެ ފަރާތުން މީހުން ނެރޭނެ ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ތާއީދުކުރައްވާ ފަރާތްތަކާއި ރައީސް ސޯލިހްގެ ތާއީދު ލިބިގެން ވާދަކުރަ ފަރާތްތަކެވެ. ޕާޓީގެ ކުރިމަގަށް ކުރާ ދަތުރުގައި ދެން އޮތީ ފޯރިގަދަ ދުވަސްވަރެކެވެ. ނިމިދިޔަ ލޯކަލް އިންތިހާބަށް ވުރެ މާ ފޯރިގަދަ އިންތިހާބެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0