އެއް އަހަރުތެރޭ 3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކުރި – ފިނޭންސް މިނިސްޓަރ

22 އެޕްރީލް 2021 - 14:05

ކޮވިޑާ ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކޮށްފައިވާ ކަމަށާއި އަންނަ އަހަރު އެ ގޮތަށް ފައިސާ އޯވާޑްރޯ ކުރަން ނުވިސްނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށެވެ. މި ވަގުތު 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު އަންނާނީ ސެޓްލްވެ ބަދަލުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

advertisement

މިނިސްޓަރ އަމީރު ވިދާޅުވީ އިގްތިސާދަށް ހެޔޮ ބަދަލުތައް ފެންނަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ މި އަހަރު ނިމޭ އިރު އޯވަޑްރޯ ސުމެއްގައި ހުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ މާނައަކީ އޯވަޑްރޯ ކުރި ވަރު އަނބުރާ ދައްކާ ސެޓްލް ކުރެވިފައި ހުރުމެވެ.

އޯވާޑްރޯ ފެސިލިޓީ ފަހުން ބޮންޑަކަށް ބަދަލުވެދާނެތޯ މެންބަރަކު އެއްސެވުމުން މިނިސްޓަރު ވިދާޅުވީ، ނޯމަލް ހާލަތަށް ދާ އިރު އޯވާޑްރޯ އަށް ފައިސާ ނުދެއްކި ސެކިއުރިޓައިޒް ނުވަތަ ބޮންޑަކަށް ބަދަލު ކުރަން ޕަބްލިކް އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ވެސް ދައުލަތަށް ވަންނަ ފައިސާ އިން ޕަބްލިކް އެކައުންޓް ސެޓުލްވުމެވެ. މިނިސްޓަރު ވިދާޅުވީ، އުންމީދު ކުރައްވަނީ އާމްދަނީ ލިބޭ ވަރަކުން ފައިސާ ދެއްކުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ މި އަހަރު އޯވާޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކުރަން ބޭނުންވަނީ ކޮވިޑްގެ ހާލަތުން މުޅިން އަރައި ނުގަނެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލަށް ޕަބްލިކް އެކައުންޓް ބެލެންސް “ޒީރޯ” ކުރުމަކީ އަމާޒް ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0