ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓުން ދޫކުރީ 3 ފަޅުރަށެއް
27 އެޕްރީލް 2021 - 13:16
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބެލުމުގެ ދަށުން އެގްރޯނެޓަށް ދޫކުރި ތިން ފަޅު ރަށުން ދަނޑުވެރިންނަށް ބިންދޫކުރަން އެ ކުންފުނިން ނިންމައިފިއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުންދާ ފަރާތްތަކާއެކު ކޮންޓްރެކްޓްތައް ޤާއިމްކޮށް އެފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.
އެގްރޯނެޓަށް ސަރުކާރުން ދޫކުރި 3 ފަޅުރަށަކީ ހއ. މުލިދޫ، ލ. ގާދޫ އަދި ގދ. ގަމެވެ. އެގްރޯނެޓުން ވިދާޅުވީ، އެ ކުންފުނީގެ ފުރަތަމަ އަހަރުގެ މަސައްކަތުގައި ފާހަގަވިކަމަކީ ދަނޑުވެރިންނަށް ބިމުގެ ދަތިކަން ދިމާވެފައިވާކަމަށެވެ. އެގްރޯނެޓަށް ލިބުނު 3 ރަށުގައި ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ފެށުމާއިއެކު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރެވިގެންދާނެކަމަށެވެ. މީގެ ސަބަބުން ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމަށް ފުރުސަތުހުޅުވިގެންދާނެކަމަށެވެ.
ރަށާއި ކައިރީގައި އޮންނަ ފަޅު ރަށްތަކުގައި މިހާރުވެސް ބައެއް ދަނޑުވެރިން އަންނަނީ ދަނޑުވެރިކަން ކުރަމުންނެވެ. އެހެންނަމަވެސް މިފަދަ ދަނޑުވެރިންނަށް ދިމާވާ އެތައް ދަތިތަކެއް ހުރެއެވެ. މިގޮތުން އެފަދަ ރަށްރަށުގައި ފެނާއި ކަރަންޓާއި އަސާސީ ބައެއް ހިދުމަތްތައް ލިބޭނެ ގޮތެއް ނެތުމުން އެކަމަށް ދަނޑުވެރިން ކުރަންޖެހޭ ހަރަދުތައް އެތައް ތަނެއް އިތުރުވެ ކުރާ މަސައްކަތުން ނަފާ ނުލިބޭތީ އެކަމުގެ ޝަކުވާތައްވެސް ދަނޑުވެރިން ކުރަމުން އާދައެވެ. އެގްރޯނެޓަށް ލިބުނު ފަޅުރަށްތައް ދަނޑުވެރިކަމަށް ދޫކުރާނީ ބޭނުންވާ މުހިއްމު ވަސީލަތްތައް ޤާއިމުކޮށްދިނުމާއި އެކުގައިކަމަށް އެ ކުންފުނިން ބުނެއެވެ. މިގޮތުން މިރަށްތަކުގައި އެކުންފުނީގެ ފަރާތުން އެކަމަޑޭޝަން، ކަރަންޓާއި ފެން، ސްޓޯރޭޖް ފަދަ އަސާސީ ޙިދުމަތްތައް ޤާއިމު ކޮށްދޭނެއެވެ.
އެގްރޯނެޓުން ވިދާޅުވީ މީގެ ކުރީން ދަނޑުވެރިން ހައްދާ ތަކެތި ގަތުމާއި މާކެޓު ކުރުމުގައި ވަރަށް ބޮޑަށް ބިދޭސީންގެ ހަރަކާތްތެރިވަމުން ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދަނޑުވެރިން ހައްދާ ބާވަތްތަކުގެ އަގު ކޮންޓްރޯލް ނުކުރެވި ދަނޑުވެރިންނަށް ފައިދާއެއް ނުލިބޭ ކަން އެކުންފުނިން ފާހަގަ ކުރެއެވެ.
އެގްރޯނެޓްގެ މައިގަނޑު އެއް ބޭނުމަކީ ރާއްޖެއަށް ތަރުކާރީއާއި މޭވާ އިމްޕޯޓްކުރާ މިންވަރު މަދުކުރުމެވެ. އަދި ރާއްޖެއަށް އެތެރެކުރާ މި ބާވަތްތަކުގެ ބޮޑު ބައެއް ދަނީ ރިސޯޓްތަކަށް ކަމަށްވުމުން ރިސޯޓްތަކަށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ސަޕްލައިކުރުމަށް ކުރަންޖެހޭ މަސައްކަތް އެކުންފުނިން މިހާރު ވަނީ ފަށާފައެވެ.
އެކުންފުނީގެ ކޮންޓްރެކްޓް ފާމިން މަޝްރޫޢު ފެށުމާއި އެކު، އެކުންފުންޏާއި އެކު މަސައްކަތް ކުރުމަށް މިހާތަނަށް 1500 ދަނޑުވެރިން ވަނީ ތައްޔާރުވެފައެވެ. އަދި މީގެ ތެރެއިން 787 ފަރާތްތަކާއި އެކު އެއްބަސްވުންތައް އެކުލަވާލުމާއި ހަމައަށް ދެވިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ.